12 ރަށެއްގެ ބައި-އިލެކްޝަން: އަށް ރަށުގެ އިންތިޚާބު ކާމިޔާބު ކުރީ ސަރުކާރުން

މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ތެރެއިން -- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

މިއަދު ބޭއްވި ބައި-އިލެކްޝަންތަކުން ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކުރި ހޯދައިފިއެވެ.

މިއަދުގެ ވޯޓުލުން ކުރިއަށް ދިޔައީ ދެ ރަށެއްގެ ކައުންސިލް މެންބަރުން ހޮވުމަށާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށެވެ. އެއީ:

  • ހދ. މަކުނުދޫ ކައުންސިލް މެންބަރު
  • ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި
  • ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ބ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ދ. ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ލ. ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ތ. ބުރުނި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ

މި ދާއިރާތަކުގެ ތެރެއިން ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ދެ މެންބަރަކު ވަނީ ހޮވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ "ސަން"އަށް ވިދާޅުވީ، މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ތެރެއިން އަށް ދާއިރާގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ޕީއެންސީން ކަމަށެވެ. އަދި ދެ ދާއިރާއެއް އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކާމިޔާބުކޮށްފައިވާއިރު، ދެ ދާއިރާއެއްގެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓުން ކަމަށެވެ.

ކައުންސިލްތަކުގެ ގޮނޑިތަކުގެ ތެރެއިން ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ޕީއެންސީން ކާމިިޔާބުކޮށްފައިވާއިރު، ހދ.މަކުނުދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓެވެ.

މިއަދުގެ އިންތިޚާބުގައި އެންމެ ގިނަ މީހުން ވޯޓުލާފައިވަނީ ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައެވެ. އެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ.

މި އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ ނެރޭނެކަމަށް އީސީން ވަނީ ބުނެފައެވެ.

ކައުންސިލްތަކުގެ ބައި-އިލެކްޝަން ބޭއްވޭނީ އަހަރަކު ދެ ފަހަރު ކަމަށް ގާނޫނަށް އިސްލާހު ގެނައުމަށްފަހު، އެ އިސްލާހުގެ ދަށުން، މިއަދު ބޭއްވި ބައި-އިލެކްޝަންތަކަކީ މި އަހަރުގެ ފުރަތަމަ ބައި-އިލެކްޝަންތަކެވެ.

comment ކޮމެންޓް