15:12
ރައީސުލްޖުމްހޫރިއްޔާ އާއި ބައެއް ސިޔާސީ ލީޑަރުން އަވަހާރަކޮށްލުމަށް ބަޔަކު ރާވަމުންދާކަމުގެ ރިޕޯޓުތަކެއް ފެންމަތިވެފައިވީ ނަމަވެސް، އެ ބޭފުޅުންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އަދި ނިންމާފައިނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ، އުދުވާނީ ހަމަލާއެއްގެ ނުވަތަ އެފަދަ ކަމަކާ ގުޅޭ ކޮންމެ އިންޒާރަކީ ވަރަށް ސީރިއަސްކޮށް ނަގަންޖެހޭ އިންޒާރުތަކެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އާއްމުކޮށްފައިވާ އުދުވާނީ ހަމަލާއެއްގެ މައުލޫމާތު ހިމެނޭ ސިޓީއަކީ އަސްލު އެއްޗެއްތޯ ނުވަތަ ކަންބޮޑުވުން އިތުރުކުރުމަށް ބަޔަކު މީހުން އުފެއްދި އެއްޗެއްތޯ ސަލާމަތީ ބާރުތަކުން ކަނޑައަޅަންވާނެ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ. އަދި މިކަމުގައި ސިފައިންނާއި ފުލުހުންގެ ގާބިލުކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ މުއައްސަސާތަކުގެ މައްޗަށް ސަރުކާރުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައި އޭނާ ވިދާޅުވި އެވެ.
ސަލާމަތީ ބާރުތަކުން ގެންދަނީ މިކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއެކު ހިއްސާކުރައްވަމުން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ. އެހެން ނަމަވެސް، އަދި އެމަނިކުފާނާއި ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ލީޑަރުންގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ސަލާމަތީ ބާރުތަކުން އަންގަވާފައިނުވާތީ، އެބޭފުޅުންގެ ސެކިއުރިޓީގެ ކަންތައް އޮންނާނީ ހަމަ ކުރިންވެސް އޮތް ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ސަލާމަތީ ބާރުތަކުން ތިބޭނީ ހިނގާފާނެ ކަމަކަށް ސަމާލުވެ، އެލާޓުގައި ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
ޒުހެއިރު އިތުރަށް ވިދާޅުވީ، އުދުވާނީ ހަމަލާއަކާ ސީދާ ގުޅުމެއް ނެތް ނަމަވެސް، ކަންބޮޑުވާންޖެހޭ އެތައް ކަމެއް މި ދަނޑިވަޅުގައި ހިނގާފައިވާ ކަމަށެވެ. އެގޮތުން ކަނޑިތަކެއް ރާއްޖެ އެތެރެކުރުމާއި، މީހުން ގަޔަށް ކަރަންޓު ދޭ ބަޑިއެއް ފެނުމުގެ އިތުރަށް ވަޒަނެއް ފޮނުވާލެވޭހާ ބާރުގަދަ ކުޅޭކުޅޭ ބަޑިތަކެއް މިފަހުން ފެނިފައިވުން ކަންބޮޑުވާންޖެހޭ ކަންތައްތަކުގެ ތެރޭގައި ޒުހެއިރު ފާހަގަކުރެއްވި އެވެ.
ރައީސް ނަޝީދާއި، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ އިތުރުން ބައެއް ސިޔާސީ ލީޑަރުން އަވަހާރަކޮށް، އުދުވާނީ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަން މީޑިއާއަށް ހާމަކޮށްފައިވަނީ އިދިކޮޅު ޑީއާރުޕީގެ ފަރާތުންނެވެ. އެގޮތުން އުދުވާނީ ހަމަލާއަކާ ގުޅޭ މައުލޫމާތު ހިމެނޭ ސިޓީއެއް ޑީއާރްޕީގެ މެމްބަރު ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފަށް މީހަކު ފޮނުވާފައިވާ ކަމަށް ޑީއާރްޕީން ބުނެ އެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ވަނީ ސަލާމަތީ ބާރުތަކާ ހިއްސާކޮށްފަ އެވެ.
އެހެން ނަމަވެސް، އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އުދުވާނީ ހަމަލާއާ ބެހޭ ސިޓީ ސިފައިންނަށް ލިބިފައިނުވާ ކަމަށާއި މި މައްސަލަ ބަލަން ފެށީ އަނގަބަހުން ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ފުލުހުން ވަނީ މިކަމާ ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ބުނަން އިއުތިރާޒްކޮށްފަ އެވެ.