ފްލޯޓިން ސޯލާ މަޝްރޫއު 2027 އަށް ނިމޭނެ: ރައީސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފްލޯޓިން ސޯލާ ޕެނަލްއެއް ގިލި ލަންކަންފުށީގައި

ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއު 2027 ވަނަ އަހަރު ނިންމާލައި، ބޭނުންކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ, 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިގެ ޓާގެޓަށް ވާސިލުވާން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، އިރުގެ އަލިން 15 މެގަވޮޓުގެ ކަރަންޓު އުފައްދާ ނިޒާމު ނިމިދިޔަ އަހަރުގައި އިތުރުކުރެވިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި، ހަމައެއާ އެކު އިރުގެ އަލިން 100 މެގަވޮޓު އުފައްދާފައި ނެޝެނަލް ގްރިޑަށް ފޯރުކޮށްދިނުމަށްޓަކާ މާލެ އަތޮޅުން ފަޅެއްގައި ފްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް ސްޕެޝަލް އިކޮނިމިކް ޒޯން ޑިވޮލޮޕްމެންޓް ޕާމިޓް އިޝޫކުރުމަށް މިހާރު ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު މެދުތެރޭގައި ފަށައި 2027 ވަނަ އަހަރުގެ ތެރޭގައި ނިންމައި އޭގެ ނަފާ ލިބެން ފަށާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫއަށް ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ.

އެ މަނިކުފާނު ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރާނެ ނިޒާމުތަކެއް މި އަހަރު ގާއިމުކުރައްވާނެ ކަމަށެވެ. އެ މަސައްކަތުގެ ދަށުން މިދިޔަ އަހަރު ވެސް 17 ރަށެއްގައި ޒަމާނީ ފެންވަރުގެ މަރުކަޒުތައް ހަދާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެސްއީޒެޑް ގާނޫނުގެ ދަށުން ދިން ފުރަތަމަ ހުއްދަ، މި ސަރުކާރުން ދީފައިވަނީ ކަރަންޓު ފޯރުކޮށްދިނުމަށް މާލޭ ސަރަހައްދުގައި ފްލޯޓިން ސޯލާ ނިޒާމެއް ގާއިމުކުރުމަށް ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕް އަށެވެ. އެ ކުންފުނިން އެ ޕްރޮޖެކްޓު ހިންގަނީ ސަންގްރޯ ޕަވާ ސްޕްލައި ކޯ ލިމިޓެޑާ ގުޅިގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް