ޣައްޒާގެ ބިމަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް: ރައީސް

ރައީސް މުއިއްޒު، ރިޔާސީ ބަޔާން އިއްވަވަނީ: އެ މަނިކުފާނު ވިދާޅުވީ،

ޣައްޒާގެ ބިމަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް ކަމަށާއި އެ ބިމަށް އެއްވެސް މީހަކަށް އަތް ނުފޯރުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ ކަމަކަށް ރާއްޖޭން ދުވަހަކު ވެސް ތާއިދުނުކުރާނެ ކަމަށެވެ.

އެގޮތުން، ރާއްޖޭން އަބަދު ވެސް މަސައްކަތް ކުރާނީ ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަށް ކަމަށާއި އެކަން ކާމިޔާބު ކުރުމަށް އެގައުމުން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދިވެހި ސަރުކާރުން އަބަދު ވެސް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަލަސްތީނު ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި، އދ.އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން އިސްރާއިލުން އުފުލަން ޖެހޭ ޒިންމާތަކާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަށް އެދި، މިދިޔަ ޑިސެމްބަރު 19ގައި އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރު ރާއްޖޭން ކޯ ސްޕޮންސާ ކޮށްފައިވާކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

https://sun.mv/202238

"ޣައްޒާގެ ބިމަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއް. ޣައްޒާއިން ފަލަސްތީނު ރައްޔިތުން ބޭލުމަށް ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖޭން ދުވަހަކު ވެސް ތާއިދުނުކުރާނެ. އަޅުގަނޑުމެން އަބަދު ވެސް ވާކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ، އިރުމަތީ ޖެރޫސުލަމްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ގަބޫލުކޮށް، ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަށް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިންގަމުން އައި ގަތުލްއާންމު މިހާރު އޮތީ މެދުކަނޑާލާފައެވެ. މާރިޗު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހަމާސާ އެކު ހަދައިފައިވާ އެއްބަސްވުމެއްގެ ދަށުން އިސްރާއީލުގެ 33 އަސީރުން ދޫކޮށްލަން އެއްބަސްވެފައިވާއިރު، ފަލަސްތީނުގެ 2،000 މީހުން މިނިވަންކުރަން އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.

އޭގެތެރެއިން، މިދިޔަ ހޮނިހިރު ދުވަހު ވަނީ އިސްރާއީލުގެ ޖަލުތަކުގައިތިބި ފަލަސްތީނުގެ 183 ގައިދީން މިނިވަން ކުރުމަށް ނިންމައިފައެވެ. އިންގްލިޝް އަރަބިޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއްބަސްވުމުގެ ދަށުން އިސްރާއީލުން ގިނައިން މިނިވަންކޮށްފައި ވަނީ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް