އެ ހިތުގެ ނުކިޔަމަންތެރިކަމުގެ ކުރިމަތީގައި އޭނާ ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.
މައުވާ އޭނާއާ ވާހަކަ ދައްކަން ބޭނުންނުވިއެއްކަމަކު އެ ސޫރަ ފެނިލުމުން އެކަނިވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ލިބެއެވެ.
އަފްނާން ދިޔުމުން މައުވާ އަނެއްކާވެސް ރާމިޒާއަށް ގޮވައިލިއެވެ. ރާމިޒާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުންނާ ވާހަކަ ދެއްކި ގޮތުން މަންމައަށް ހުރިހާކަމެއް އެނގިއްޖެކަން، މައުވާއަށް ވެސް ޔަޤީންކުރެވުނެވެ. އެއާއެކު އެކަން ރާމިޒާއަށް އެނގުނު ގޮތަކާ ބެހޭގޮތުން އޭނާ ޝައުޤުވެރިވިއެވެ. މިދިޔަ ހަފްތާއާ ޖެހެންދެން އެ ހަޤީޤަތް ރާމިޒާއަށް ނޭނގޭކަން މައުވާއަށް ޔަޤީންވަނީ އެކަމާ ބެހޭގޮތުން އޭނާ ޒާޔާ އާ ސުވާލު ކުރި ދުވަހެއްގައި އެމީހުން އެކަކުވެސް އެ ކަންތައް ރާމިޒާ މެންނަށް ނުކިޔައި ދޭކަމުގައި ބުނެފައި ވާތީއެވެ.
"މަންމައަށް ހުރިހާކަމެއް އެނގިއްޖެ ދޯ؟" މައުވާ ސުވާލުކޮށްލުމުން ރާމިޒާ ބޯ ޖަހައިލިއެވެ.
"އާ. ދަރިފުޅާ. މީގެ ފަހުން އޭނާއަކަށް ނުކެރޭނެ ދަރިފުޅާ ކައިރިވާކަށް." ރާމިޒާގެ އަޑުގައިވި ސާބިތުކަމުން އޭނަ ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއްވެސް މައުވާއަކަށް ނޭނގުނެވެ. ސަބަބަކީ އޭނާގެ ހިތުގައި އަދިވެސް އަފްނާންއާ މެދު ލޯބި ވާތީއެވެ. އެހުރިހާކަމަކަށްފަހުވެސް އަފްނާންއަށްޓަކައި އެހިތުގައި ވި ލޯބި ފުހެއެއް ނުލެވުނެވެ.
"މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދިނީ ޒާތަ؟" މައުވާ ދެވަނަ ސުވާލެއް ކޮށްލިއެވެ.
"ނޫން. ޔޫޝައު." ރާމިޒާ ބުނެލިއެވެ. އެއާއެކު މައުވާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ސީލިންގަށް ބަލަހައްޓައިގެން އިރުގަނޑަކު ވިސްނަން އޭނާއަށް އޮވެވުނެވެ.
އޭގެ ފަހުންވެސް އެތަކެއް ފަހަރަކު އަފްނާން މައުވާއާ ބައްދަލުކުރަން ދިޔައެވެ. އެހެންނަމަވެސް، އެންމެ ފަހަރަކުވެސް އޭނާއަށް މައުވާއާ ވާހަކަ ދައްކާލާކަށް ފުރުސަތެއް ނުލިބެއެވެ. ކޮންމެ ފަހަރަކުވެސް ކަންތައް ދިމާވާގޮތުން އޭނާ ދާއިރު، ރާމިޒާ އެތަނުގައި ހުރެއެވެ. ހިތުގައިވި މާޔޫސްކަމާއެކު ވެސް ގޮތް ދޫކުރަން ބޭނުންނުވެ ހުރެ އޭނާ މައުވާގެ ގާތަށް ދަނީ އެއީވެސް އޭނާއަށް ހައްޤު ސަޒާކަމުގައި ޤަބޫލުކުރެވޭތީއެވެ. މައުވާގެ ނުރުހުމުގެ ސަބަބުން އޭނާގެ ހިތަށް އެ ވާ ތަދަކީ މިވީ ދެއަހަރު ތެރޭގައި މައުވާ ތަޙައްމަލްކުރި ވޭނާ ކެކުޅުންތަކާ ނުބައްދަލު އެއްޗެއްކަމުގައި އޭނާއަށް ޤަބޫލުކުރެވޭތީއެވެ.
ކޮޓަރީގައި ހުރި ސޯފާގައި އިށީނދެލައިގެން އަފްނާން އިންއިރު، އޭނާގެ އަތުގައި މައުވާއަށް އޭނާ ދިން އަލިމަހުގެ އަނގޮޓި އޮތެވެ. އެއަށް ބަލަހައްޓައިގެން އިނުމަށްފަހު އޭނާ ތެދުވެގެން ގޮސް ކޮޓަރިން ނުކުތެވެ. ގެއިން ނުކުތްއިރު ބޯކޮށް ވާރޭ ވެހެއެވެ. ސައިކަލުގެ މަޑި ހުޅުވާލާފައި އޭގައި އޮތް ކޯޓު ނަގަމުން އުޑުމައްޗަށް ނަޒަރު ހުއްޓާލިއެވެ. ވެހެމުންދިޔަ ބޯ ވާރޭ ހުއްޓާނެ އިރެއް ނޭނގެއެވެ. ސައިކަލަށް އަރާ ދުއްވައިލުމާއެކު ދޮރުވާނަކަށް ހުރި މީހާ ގޭޓު ހުޅުވާލަދިނެވެ. ގޭޓުން ނުުކުތުމަށްފަހު އަފްނާންގެ މިސްރާބުހުރީ ހޮސްޕިޓަލަށް ދިޔުމަށެވެ.
އެތައް ދުވަހަކަށްފަހު، ނަސީބު އަފްނާންގެ އަތުގައި ހިފީ އެރެއެވެ. މައުވާގެ ކައިރީގައި ރާމިޒާއެއް ނެތެވެ. މައުވާއަށް އޮތީ ނިދިފައެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް މައުވާގެ އެއްފަރާތުގައި އަފްނާން މަޑުކޮށްލިއެވެ. މައުސޫމްކަމުން ފުރިގެންވީ އެ މޫނަށް ބަލައިލުމާއެކު، އޭނާގެ ތުންފަތް މައްޗަށް ހިތި ހިނިތުންވުމެއްގެ އަސަރުވެރިވިއެވެ. އެ މޫނުމަތިން އަދިވެސް ފެންނަނީ ވަރުބަލި އަސަރުތަކެކެވެ. ގޮނޑީގައި އަފްނާން އިށީނދެލީ ހިތް ފުރޭންދެން މައުވާގެ މޫނަށް ބަލާލުމުގެ ބޭނުމުގައެވެ. ކުއްލިއަކަށް ކަމެއް ހަނދާންވާން ފަދައަކުން އޭނާ، ޖީބަށް އަތް ކޮށްޕާލާފައި އަނގޮޓި ނެގިއެވެ. އިރުކޮޅަކު އެއަށް ބަލަން އިނުމަށްފަހު، މައުވާގެ ވާ އަތުގައި އަނގޮޓި އަޅުވާލުމުގެ ނިޔަތުގައި އެ އަތުގައި ހިފައްޓާލިއެވެ. އެހާ ދުވަސްފަހުން އެފަދަ ގޮތަކަށް މައުވާގެ އަތް ތިލައިގައި ބީހިލެވުމުން ކުރެވުނު އިޙްސާސް ބުނެދޭކަށް އޭނާއަކަށް ނޭނގުނެވެ.
މައުވާގެ އިނގިލީގައި އަނގޮޓި އަޅުވައިލަދީފައި ހިތް ދެމި ނުލެ ވި އުޅެނިކޮށް މައުވާ ހޭލައިިފިއެވެ.
"ތީ ކޮންކަމެއް؟" އަފްނާން ފެނުމާއެކު މައުވާއަށް ބުނެވުނެެވެ. އަފްނާންގެ އަތުތެރެއިން އަތް ދަމައިގަތުމާއެކު، އެ އަތުގައި އަޅުވާފައި އޮތް އަނގޮޓިވެސް މައުވާގެ ލޮލުގައި އަޅައިގަނެއްޖެއެވެ.
އެއީ އޭނާ އަފްނާންއަށް ރައްދުކޮށްދޭން ޒާޔާއާ ހަވާލުކުރި އަނގޮޓިއެވެ.
"މީ ކޯންޗެއް؟" ނުރުހުންތެރިކަން އަޑަށް ގެންނަން މަސައްކަތްކުރަމުން އިނގިއްޔަށް ކުޑަކޮށް ދޫ އެ އަނގޮޓި މައުވާ ނެގިއެވެ. އޭނާ އަފްނާންއަށް އެ ދިއްކޮށްލުމުން އަފްނާން އިރުކޮޅަކު އެއަށް ބަލަހައްޓައިގެން އިނުމަށްފަހު އޭގައި ހިފިއެވެ.
"މައު..." އަފްނާން މައުވާގެ އަތުގައި ހިފައްޓަން މަސައްކަތްކުރި ނަމަވެސް މައުވާ އެ އަތް ފޮޅުވާލިއެވެ.
"ޑޯންޓް ޔޫ ޑެއަރ ޓަޗް މީ؟" ދެލޮލަށް ކަރުނަތައް ޖަމާވެފައިވާ ހާލުވެސް އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން، މައުވާ މަސައްކަތްކުރިއެވެ. އަފްނާންގެ ދެލޮލުން އެ ފެންނަ ކުށްވެރި އިޙްސާސްގެ އަސަރުތަކަކީ މީގެ ކުރިން އޭނާއަށް ފެނުނު އަސަރުތަކެއް ނޫނެވެ. އެހެންނަމަވެސް، އޭނާ އަފްނާންއަށް އަލުން އިތުބާރުކުރާނީ ކިހިނަކުން ހެއްޔެވެ؟ އިތުބާރަކީ ގެއްލިއްޖެނަމަ އަނބުރާ ހޯދަން ފަސޭހަ ކަމެއެއް ނޫނެވެ. ތެޅިފައިވާ ތައްޓެއްގެ މިސާލުގައި ގެއްލޭ އިތުބާރު މީހުން ސިފަކުރަނީ ވެސް އެހެންވެގެންނެވެ.
"އަހަންނަށް އެނގޭ ތިހުރީ އަހަރެން ދެކެ ހިތްހަމަ ނުޖެހިފަކަން. ރުޅި އައިސް ބޭނުން އެއްޗެއް އަހަންނާ ދިމާލަށް ކިޔުމުގެ ހައްޤުވެސް މައުއަށް އެބައޮތް. އެކަން އަހަރެން ޤަބޫލުވެސް ކުރަން. އެކަމަކު އަހަރެން ދައްކާ ވާހަކަ އަޑު އަހާލެވިދާނެއެއްނު." އަފްނާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
"ދެން ދައްކަން އޮތީ ވަކި ކޮން ވާހަކައެއް؟ ޔޫ ޑިޑިންޓް ލީވް އެނީތިންގ ބިޓްވީން އަސް." މައުވާ އަފްނާންއާ ނަޒަރު ވަކިކޮށްލިއެވެ. ގިނައިރު އެ ދެލޮލަށް ބަލަހައްޓައިގެން ހުންނަން އޭނާއަށް އުނދަގޫވިއެވެ.
"މިހާރު މިއައީ ހުރިހާކަމެއް ރަނގަޅުކުރާށޭ. ޖަސްޓް ގިވަ މީ ވަން ޗާންސް. އައިލް މޭކް އިޓް އަޕް ޓު ޔޫ." މައުވާގެ ވާހަކަތައް އަޑު އަހާފައި އަފްނާން ބުނެލިއެވެ.
"އަހަންނަށް ދެނެެއް އަފްނާންއަކަށް އިތުބާރެއް ނުކުރެވޭނެ. ޔޫ ޕްލޭޑް ވިތް މައި ފީލިންގްސް. އެހާ ދަށު ދަރަޖައަށް އަފްނާން ވެއްޓި ދާނެކަމަށް އަހަރެން ހީވެސް ނުކުރަން. ވައި ޑިޑް ޔޫ ޑޫ އިޓް؟ ލޯބި ނުވާއިރު ކީއްވެ ލޯބިވެޔޭ ބުނީ؟ އެކަން ޔަޤީންކޮށްދޭން އަހަރެންގެ މައިންބަފައިންނާ ބައްދަލުކުރީ؟ އެންމެންގެ ކުރިމަތީގައި އަހަރެން ބޭޒާރުކޮށްލިއިރު ހަމަ އެކައްޗެއްވެސް ހިތަކަށް ނާރާތަ؟" މައުވާ އަފްނާންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އެ ހުރިހާ ސުވާލުތަކަކަށް ދޭނެ ޖަވާބެއް ނޭނގި، އަފްނާންއަށް ހިމޭންކަން ޚިޔާރުކުރެވުނު އިރު އަނެއްކާ މައުވާ ވަހަކަ ދައްކަން ފަށައިފިއެވެ. އޭނާ ހީވަނީ ހިތުގެ ހުރިހާ ޝަކުވާއެއް އަފްނާންގެ ކުރިމަތީގައި ބަންޑުން ކޮށްލަން ބޭނުންވެފައިވީ ހެންނެވެ.
"އެރޭ އެންމެން އަހަންނަށް ކުރި މަލާމާތް އަދި އަހަރެންގެ ހަނދާނަކުން ނުފޮހެވޭ. އަފްނާންގެ އެ ރަޙުމު ކުޑަ ބަސްތައްވެސް. އަހަރެން ހީކުރީ އަހަންނަށްޓަކާ އަފްނާން ބަދަލުވީކަމަށް. އެކަމަކު ވީ އެހެންނެއް ވެސް ނޫން. ޔޫ ޓޫކް ރިވެންޖް ފްރޮމް މީ." މައުވާ ބުނެލިއެވެ.
"އަހަންނަށް އޭރު ނުވިސްނުނީ އެކަމުގައި ވެސް ގޯހީ އަހަރެންކަން." އަފްނާން ވާހަކަ ދެއްކިއެވެ.
ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު ދެމީހުންނަށް ވެސް މާޒީގެ ހަނދާންތައް އާވާން ފެށިއެވެ. އެ ހުރިހާކަމެއް އެގޮތަށް ހިނގަންޖެހުނު އަސްލު ސަބަބު ދެމީހުންގެ ކުރިމަތީގައި ކުރެހި ތަސްވީރުވާން ފެށިއެވެ.
* * * * *
މައުވާ ޔުނިވާރސިޓީއަށް ޖޮއިން ކުރި ހިސާބުން ފަށައިގެން އަފްނާންގެ ނަޒަރު ހުއްޓުނީ މައުވާއަށެވެ. ހުރިހާ އަންހެން ކުދިންގެ ތެރެއިންވެސް އޭނާއަށް ޝައުޤުވެރިކަމެއް ނުދެނީ ހަމަ އެކަނި މައުވާކަމުން، އަފްނާންގެ ހިތުގައި މައުވާއާ މެދު ޝައުޤުވެރިކަމެއް އުފެދިފައިވެއެވެ. ވާހަކަ ދެއްކުމުން އަނގައިން ބުންޏެއްކަމަކު، އެހެން އަންހެން ކުދިން ފަދައިން އޭނާގެ ސަމާލުކަން ހޯދާކަށްވެސް މައުވާ ނޫޅެއެވެ. ޔުނިވާސިޓީގައި ހުރި އެންމެ ކާމިޔާބު ޒުވާނާގެ ލަގަބު ލިބިފައިވާ އަފްނާން ހުންނަނީ އެކަމާ ކުޑަކޮށް ހައިރާންވެފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ބޭނުން ކޮންމެ އަންހެން ކުއްޖަކު ހުންނަނީ އައިސް އޭނާގެ މުށުތެރެގަ ވިއްޔާއެވެ. މައުވާ އޭނާއަށް ސަމާލުކަން ނުދީ، އަފްނާން އޭނާއާއެކު "ޑޭޓަކަށް" ދާން ހުށައެޅި ހުށައެޅުން ޤަބޫލުނުކުރުމުން ގާތް ރަޙްމަތްތެރިންގެ މަލަމާތާއި އޭނާ ކުރިމަތިލާން ޖެހުނެވެ. ކޮންމެ ގޮތަކުން ވެސް މައުވާ ހާސިލްކުރަން އަފްނާން އަޒުމު ކަނޑައެޅި ހިސާބަކީ އެއީއެވެ.
އޭނާގެ އެތަކެއް ހުށައެޅުމެއްވެސް މައުވާ ޤަބޫލެއް ނުކުރިއެވެ. އެންމެފަހުން އަފްނާންގެ ކުދި ކުދި ގޯނާތަކާ މައުވާ ކުރިމަތިލާން ޖެހުނެވެ. ކްލާސް ގަޑީގައި ވެސް އުނދަގޫ ކުރުމާއި ކެންޕަސް ތެރެއިން މައުވާ ހުއްޓުވާ ލޯބިވާކަމަށް ދައުވާ ކުރަން ފެށިއެވެ. ނިމިގެން ގެއަށް ދާއިރު ފަހަތުން ދާން ވެސް ފެށިއެވެ. ކޮންމެ ގޮތަކުން ވެސް އަފްނާން ހުރީ މައުވާ ހާސިލްކުރަން ނިންމައިގެންނެވެ. އެ އުނދަގޫތައް ބޮޑުވެ އަފްނާންއާ ވަކިން ވަހަކަ ދައްކާ އެކަންތައް ހުއްޓުވަން ވެސް އެތަކެއް ފަހަރަކު މައުވާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އަފްނަން ބުނަމުން ދިޔައީ މައުވާ އޭނާއަށް އާބަސް ނުދެނީސް ނުހުއްޓާނެކަމުގައެވެ. އެންމެފަހުން އޭނާއަށް މައުވާ ކަމުދާކަމަށް ދައުވާ ކުރަން ފެށިއެވެ. އަފްނާންގެ އުޅުން ހުންނަ ގޮތުން މައުވާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ފޫހިކަމެއް އުފެދިފައިވެއެވެ.
"ޕްލީޒް އަފްނާން. އަހަންނަށް އުނދަގޫ ނުކޮށްބަލަ." ކެންޕަސް ތެރޭގައި މައުވާގެ ފަހަތުން ހިނގަމުން ދިޔަ އަފްނާންގެ އަތުގައި ފިނިފެންމަލެއް އޮތެވެ. އޭނަ މައުވާ ހުއްޓުވިއެވެ. ޔުނިވާސިޓީ ތެރެއިން ވެސް ފެންނަނީ މަދު ކުއްޖެކެވެ. އެ ދުވަހު އޮތް ސެމިނަރއަކަށް ގިނަ ކުދިން ގޮސްފައިވުމުން ކެންޕަސްގެ އެހިސާބުގައި މާ ގިނަ ކުދިންތަކެއްވެސް އޭރު ނެތެވެ. އަތުގައި އޮތް ފިނިފެންމާ މައުވާއަށް ދިއްކޮަށްލަމުން އަފްނާން ވާހަކަ ދެއްކިއެވެ.
"އޯކޭ. އަހަރެން ދެކެ ލައިކް ނުވިޔަސް އެޓްލީސްޓް އެންމެ ފަހަރަކު ޑޭޓަކަށް ދާން ހިނގާބަ. ޕްލީޒް. އޭރުންވެސް ވިސްނުން ބަދަލު ވެދާނެއެއްނު." އަފްނާން ބުނެލިއެވެ.
"ސޮރީ އަފްނާން. އަހަރެން މީ ތިކަހަލަ އަންހެން ކުއްޖެއް ނޫން." މައުވާ ބުނެލިއެވެ. އަފްނާން މައުވާގެ އަތަށް އެ ފިނިފެންމާ ލައިދޭން އުޅުމުން، މައުވާ އޭގައި ނުހިފާ އަނބުރާ އަފްނާންއަށް އެ ރައްދުކޮށްލިއެވެ.
"ޕްލީޒް. އަހަރެންގެ ފަހަތުން ނާދެބަލަ. އައެމް ނޮޓް އިންޓަރެސްޓެޑްއޭ." އެހެން ބުނެލާފައި މައުވާ އަފްނާންއާ ފަސްދީ ހިނގަައިގަތެވެ. ވަށައިގެން ބަލަަލުމަށްފަހު، އަފްނާން ފިނިފެންމާ އެއްލަލާފައި، އެއަށް ފައިން އެރުމަށްފަހު އައިކޮޅަށް ހިނގަައިގަތެވެ. އޭރު އެ ދެމީހުންނަަށް ވެސް ނޭނގުނުކަމަކީ އިތުރު މީހެއްގެ ފޯނުގައި އެ މަންޒަރު ރިކޯޑު ކުރިކަމެވެ.
އެ ވީޑިއޯ ވައިރަލްވީ ޖެހިގެން އައި ދުވަހު ޔުނިވާސިޓީއަށް ދިޔަފަހުންނެވެ. އެންމެ ފުރަތަމަ އެ ވީޑިއޯ ދައުރުކުރީ އަފްނާންއާ މައުވާ ނެތް ވައިބަރ ގްރޫޕުތަކުގައި ނަމަވެސް، އެންމެ ފަހުން އަފްނާންއާ މައުވާއަށް ޓެގު ކޮށްފައިވެސް، އެ ވީޑިއޯ ވައިބަރ އަދި ޓެލެގްރާމްގެ ގްރޫޕު ތަކުގައި ދައުރުކުރަން ފެށިއެވެ. އެ ހުރިހާ ރުޅިއެއް އަފްނާން އައީ މައުވާ ދެކެެވެ. އެހާ ބޮޑު ބޭޒާރެއް އޭނާ ވާން ޖެހުނީ މައުވާގެ ސަބަބުންކަމުގައި އަފްނާންއަށް ޤަބޫލުކުރެވުނެވެ. އެތަކެއް މަލާމާތަކާއި ފުރައްސާރައާއި އަފްނާން ކުރިމަތިލާން ޖެހުނެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކު އަފްނާންގެ ހުށައެޅުން ޤަބޫލުނުކުރުން ވެގެން ދިޔައީ ޔުނިވާސިޓީގެ އެންމެ ހޫނު ހަބަރަށެވެ. ދެ ކުއްޖަކު އެއްތަން ވިއްޔާ އަބަދުވެސް ދައްކަނީ އެވާހަކައެވެ. އެ ހަފްތާގަައި އަފްނާން ޔުނިވާސިޓީއަށް ނުދިޔައީވެސް އެކަމުގެ އުނދަގޫ ބޮޑުކަމުންނެވެ.
*****
އަފްނާން ހުރީ ގޭގެ ޓެރެސްގައެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ހުރިއިރު، އޭނާގެ ދެބުމަ ވަނީ ގޮށް ޖެހިފައެވެ. އަލިފާންކަހަލަ ރުޅިއެއް އައިސްފައިވާ އަފްނާން ރެއިލިންގެ ދަގަނޑުގައި ގޮށް މުއްކަވާފައި ޖެހިއެވެ.
"މައުވާ... ޔޫވިލް ރިގްރެޓް ދިސް... އައި ޕްރޮމިސް ޔޫވިލް." ދަތްކުނޑި ވިކާލަމުން އަފްނާން އަމިއްލަ ނަފްސަށް ވައުދުވީ، އޭނާ ވީ ބަދުނާމުގެ ބަދަލު މައުވާއަށް ދިނުމަށެވެ. ދެން ކަންތައް ކުރާނެ ގޮތެއް ސިކުނޑީގައި ރާވަން ހުއްޓާ ހުއްޓާ ފޯނު ރިންގުވިއެވެ. ގުޅީ ޒާޔާއެވެ. އަފްނާން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
"ކިހިނެއްވީ؟" ޒާޔާ ދެކެ ރުޅި ނައެއްކަމަކު އަފްނާންގެ އަޑު ނުކުތީ ހަރުކަށިކޮށެވެ.
"އަފޫ. ކީއްވެ ކްލާހަށް ނާންނަނީ؟ ތިހެން ހަދަންޏާ އެޓެންޑެންސް ހަމައެއް ނުވާނެއެއްނު. އޭރަށް އެގްޒާމްގަ ވެސް ބައިވެރިއެއް ނުވެވޭނެ." އަފްނާންއަށް ވިސްނައިދޭން ޒާޔާ މަސައްކަތްކުރިއެވެ.
"އެ މައުވާ ދޭތަ؟" ޒާޔާ ދެއްކި ވާހަކަތަކަށް ސަމާލުކަން ނުދީ އަފްނާން ސުވާލުކޮށްލިއެވެ.
"ހޫމް..." ޒާޔާ ބުނެލިއެވެ.
"މާދަން އަހަރެންވެސް ދާނަން." އެހެން ބުނެލާފައި އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އަފްނާން ފޯނު ކަނޑާލިއެވެ. އެއަށްފަހު، ދުރަށް ނަޒަރު ހުއްޓާލިއެވެ.
ޖެހިގެން އައި ދުވަހު ޔުނިވާސިޓީއަށް ދިޔަ ނަމަވެސް އަފްނާން އިނީ ނެގި މަޑުވެފައެވެ. ކްލާހުގައި ވަކިން އޭނާ އިނީ އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ބްރޭކް ގަޑީގައި ކްލާސް ކުއްޖަކު އަފްނާންއާ ދިމާލަށް މަލާމާތްކޮށްފައި އެ ވާހަކަ ފެށުމުން، ރުޅި ގަދަވި އަފްނާން އެންމެ ފަހުން އެ ޒުވާނާގެ ތުންފަތް މަތި ފަޅައިލިއެވެ. އޭނާ މައިތިރި ކުރެވުނީ ވެސް ޔޫޝައު އާ ޒާޔައާއި ޝަހުމްއާ ތިން މީހުނަށެވެ. އެ ހުރިހާ މަންޒަރެއް ބަލަން އިން މައުވާއަށް ވެސް ބުނެދޭން ނޭނގޭ އުނދަގުލެއް ވިއެވެ.
*****
އޭގެފަހުން އަފްނާންއަށް ބޮޑެތި ބަދަލުތަކެއް އައެވެ. އަފްނާން މަައުވާގެ ކިބައިން މާފަށް އެދެން ނިންމިއެވެ.
އެއީވެސް އާދައިގެ ދުވަހެކެވެ. ކްލާސް ނިންމާފައި ނުކުތް ގަޑީގައި މައުވާގެ ޑެސްކުމަތީގައި ގަނޑުކޮޅެއް އަފްނާން ބޭއްވިއެވެ. މައުވާ އެ ގަނޑުކޮޅު ނަގާ ކިޔައިލިއެވެ.
"ސޮރީ..." އަފްނާން ލިޔެފައި އޮތީ ހަމަ އެކަނި އެހެންނެވެ. އެ ގަނޑުކޮޅަށް ބަލަހައްޓައިގެން އިނުމަށްފަހު، އެއްލާލުމުގެ ބަދަލުގައި މައުވާ އެ ލީ ދަބަހަށެވެ.
އެ ދުވަހުގެ ފަހުން އެކަން އާދައަކަށް ވިއެވެ. އެތަކެއް ފަހަރަކު އަފްނާން އެގޮތަށް މާފަށް އެދުނެވެ. ކުރިން ކުރި ގޮތަށް އުނދަގޫ ނުކުރި ނަމަވެސް އޭނާ މައުވާއާ ގަޔާވަކަމަށާއި މަައުވާއާ މެދު ފުން އިޙްސާސްތަކެއް އެހިތުގައި އުފެދެން ފެށި ވާހަކަ އަފްނާން ބުނަން ފެށިއެވެ. ކޮންމެ ދުވަހަކު އޭނާ މައުވާއަށް މެސެޖު ފޮނުވައެވެ. މައުވާ ޖަވާބު ނުދިނެއްކަމަކު، ހެނދުނާ ރޭގަނޑުގެ ސަލަމް ފޮނުވުމަކީ އާދައަކަށް ހަދައިފިއެވެ. އަފްނާންގެ ބަދަލުވަމުން އައި މިޒާޖު ޒާޔާގެ އިތުރުން ޔޫޝައުއަށްވެސް ފާހަގަ ކުރެވުނެވެ. އަފްނާން ހަމަ ހަޤީގަތުގައިވެސް މައުވާ ދެކެ ލޯބިވަނީ އޭ އެ ދެމީހުން ހީކުރިއެވެ.
ދުވަސްވަމުން ދިޔަ ވަރަކަށް އެ ހާދިސާގެ މަތިން އެންމެން ހަނދާން ނެތެމުން ދިޔައެވެ. މަދުމަދުން އެ ވާހަކަ ދެކެވުނު ނަމަވެސް، މިހާރު އެކަމަކުން ގިނަ ކުދިންނަކަށް ފަރަޤެއް ނުވެއެވެ. އަފްނާން މައުވާއާ ހެދި އުޅޭވަރު ގާތް ދެތިން ރަޙްމަތްތެރިއަކަށް ނޫނީ އެންމެންނަށް އޭނާ ސިއްރުވެސް ކުރިއެވެ. އެންމެފަހުން އަފްނާން ކިތަންމެ ވަރަކަށް އުޅުނަސް މައުވާ އޭނާއާ ހެދި ނޫޅޭނެ ކަމަށް ބުނެ ޒާޔާމެން ދިމާވެސް ކުރަން ފެށިއެވެ.
އަފްނާން އޭނާގެ ވިސްނުން ބަދަލުކޮށްލުމަށްފަހު، މައުވާއަށް ވާގޮތެއް ބަލާލަން ހަފްތާއެއްހާ ދުވަހު މެސެޖު ނުކޮށް މަޑުކޮށްލިއެވެ. އަދި މައުވާ ދަންނަކަމަށް ވެސް އޭނަ ނުހެދިއެވެ. އެކަމުން މައުވާއަށް ވެސް އަސަރުކުރަމުން ދިޔަކަން އެނގުނު އަފްނާން އަލުން މެސެޖުކޮށްލުމާއެކު، މައުވާ އޭނާއަށް ފުރަތަމަ ފަހަރަށް ޖަވާބު ދިނެވެ.
އެންމެފަހުން މައުވާ ވެސް އަފްނާންގެ ހުށައެޅުން ޤަބޫލުކުރީއެވެ. މައުވާއާ ދެމީހުން އެއްކޮށް ފެންނަން ފެށުމުން އެ ދެމީހުން ލޯބީގެ ގޮތުން ގުޅުނީކަން އެންމެންނަށްވެސް އެނގުނެވެ. އެކަމާ ސުވާލުކުރުމުން ވެސް އެކަމަކަށް އަފްނާން ދެކޮޅެއް ނުހަދައެވެ. އޭނާ އެއިން އެއްވެސް ކަމެއް ސިއްރެއް ނުކުރެއެވެ. އެކަމަކު އޭރު އެއީ އަފްނާންގެ ރޭވުމެއްކަމެއް މައުވާއަކަށް ނޭނގެއެވެ.
(ނުނިމޭ)