ރާއްޖޭގައި މަރުވާ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައި

ރާއްޖޭގައި މަރުވާ މީހުންގެ 17 އިންސަތައް މީހުން މަރުވަނީ ކެންސަރު ބަލީގަ: އެޗްޕީއޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގެ 2020 ވަނަ އަހަރު ތަފާސްހިސާބުތަކުގެ މައްޗަށް އަންދާޒާކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން 2019 ވަނަ އަހަރުން ފެށިގެން މައުލޫމާތު އަދާހަމަކޮށް ޑިޖިޓަލްކޮށް ބަލަހައްޓަމުންދާ ކެންސަރު ބަލިމީހުންގެ މައުލޫމާތުގައި ރާއްޖޭގައި ކެންސަރުގެ ބާއްވަތްތަކުގައި ތެރޭގައި އުރަމަތީގެ ނުވަތަ ބްރެސްޓް ކެންސަރާއި ފުއްޕާމޭގެ ކެންސަރު، ލޭގެ ކެންސަރު، ތައިރޮއިޑް، ލިވާ އަދި ޕްރޮސްޓޭޓް ކެންސަރު އިތުރުކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

މި އަހަރުގެ ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޔުނައިޓެޑް ބައި ޔުނީކް"އެވެ.

ކެންސަރު ބަލިޖެހުމަށް މަގުފަހިވާ ހިރާސްތައް:

  • ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން
  • ކެއިންބުއިމުގެ ނުރަނގަޅު އާދަތައް
  • ދުފުން
  • އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން
  • ބަރުދަން ހުންނަންވާ ވަރަށްވުރެ އިތުރުވުން
  • ބަނގުރާ ބުއިން
  • އަލްޓްރާވައިލެޓް ރޭޑިއޭޝަނަށް ހުށަހެޅުން

ކެންސަރު ބަލީގެ ނުރައްކަލުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން:

  • ހެޕަޓައިޓިސް ބީއާއި ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ވެކްސިން ޖެހުން
  • ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ދުންފަތުގެ ދުމުން ރައްކާތެރިވުން
  • ދުފުމާ ދުރުހެލިވުން
  • އަލްޓްރާވައިލެޓް ރޭޑިއޭޝަނުން ރައްކާތެރިވުން
  • ދަރިފުޅަށް ގާތުން ކިރު ދިނުން
  • ރައްކަތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން
  • ކެއުމުގައި މޭވާއާއި ތަރުކާރީ ވީހާ ވެސް ގިނައިން ބޭނުންކުރުން
  • ގަވާއިދުން ކަސްރަތުކޮށް ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން
  • ގަވާއިދުން ކެންސަރު ބައްޔަށް ސްކްރީން ކުރުން

އެޗްޕީއޭއިން ބުނީ، މި ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެނީ މި ބައްޔާ މެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ބަލިޖެހުމުން ފަރުވާ ހޯދާނެ ގޮތާ މެދު މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށެވެ.

ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް މީހުން މަރުވާ އެއް ސަބަބެވެ. ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވާއިރު މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ބަލިޖެހޭ މީހުން ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

comment ކޮމެންޓް