އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދިޔަ މާކަސް ރަޝްފަޑް އެސްޓަން ވިލާއަށް ލޯން އެއްބަސްވުމެއްގެ ދަށުން ސޮއިކޮށްފިއެވެ.
އުމުރުން 27 އަހަރުގެ ރަޝްފަޑް ވިލާއަށް ސޮއިކޮށްފައި ވަނީ މިފަހުގެ ސީޒަންގެ ނިޔަލަށެވެ. އަދި މިއެއްބަސްވުމުގެ ދަށުން ވިލާއިން ބޭނުންނަމަ 40 މިލިއަން ޕައުންޑްގެ އަގަކަށް ރަޝްފަޑް ގަތުމުގެ ފުރުސަތު ވެސް މިއެއްބަސްވުމުގެ ދަށުން ހުޅުވާލާފައިވެއެވެ. މިއެއްބަސްވުމުގައި ވާގޮތުން ރަޝްފަޑްއަށް ޔުނައިޓެޑުން ދެމުންދިޔަ މުސާރައިގެ 75 އިންސައްތަ ކަވަރު ކުރާނެއެވެ. އަދި މީގެ ބަދަލުގައި ވިލާއިން ޔުނައިޓެޑަށް ލޯން އެއްބަސްވުމުގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެއެވެ.
ވިލާއަށް ސޮއި ކުރުމަށްފަހު ރަޝްފަޑް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ޕޯސްޓުކުރި ލިޔުމެއްގައި ވަނީ މި އެއްބަސްވުން ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސް އޭނާ ވިލާއަށް ބަަދަލުވުމުގެ ފުރުސަތު ލިބިގެންދިޔައީތީ ޔުނައިޓެޑާއި ވިލާއަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ހާމަކުރިގޮތުގައި ދެތިން ކުލަބަކުން އޭނާގެ ހިދުމަތް ހޯދުމަށް ހުށަހެޅި ކަމަށާއި ނަމަވެސް ވިލާގެ ހުށަހެޅުމަކީ އެއްބަސްވާން މާބޮޑަށް ވިސްނަންޖެހުނު އެއްބަސްވުމެއް ނޫންކަމަށެވެ. އަދި ވިލާއިން މިސީޒަންގައި ދައްކަމުންދާ ކުޅުމަކީ އޭނާ ވަރަށް ގަޔާވާ ފަދަ ކުޅުމެއް ކަމަށާއި އަދި މި ޓީމުގެ ކޯޗަކީ ވަރަށް ގިނަ އުންމީދު ތަކަކާއި އެކު މަސައްކަތް ކުރަމުންދާ ކޯޗެއް ކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.
އަދި އޭނާ ބޭނުންވަނީ އަލުން ފުޓްބޯޅަ ކުޅެން ކަމަށާއި އަދި މިފުރުސަތު ލިބުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށް ވެސް ލިޔެފައި ވެއެވެ. ރަޝްފަޑް ވަނީ ސީޒަންގެ ބާކީ އޮތް ބައިގައި ޔނައިޓެޑަށް ކާމިޔާބީއަށް އެދޭކަމުގައި ވެސް ހާމަކޮށްފައެވެ.
ވިލާއިން ވަނީ ރަޝްފަޑްގެ އިތުރުން ފްރެންޗް ލީގު އާންގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިންއަށް ކުޅެމުންދާ ސްޕެއިންގެ މާކޯ އަސެންސިއޯ ވެސް ލޯން އެއްބަސްވުމެއްގެ ދަށުން އެޓީމަށް ގެންގޮސްފައެވެ. މީގެއިތުރުން ސްޕެނިޝް ލަލީގާގެ ލެވެންޓޭއަށް ކުޅެމުންދާ ޑިފެންޑާ އަންޑްރޭސް ގާސިއާ އާއި ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑަށ ކުޅެމުންދާ ނެދަލަންޑްސްގެ ފޯވަޑް ޑޮންޔެލް މާލެން ވެސް ވަނީ މިފަހަރުގެ ޓްރާންސްފާ މާކެޓްގައި އެޓީމަށް ގެންގޮސްފައެވެ.