މެޗުގެ ފަހު މިނެޓުގައި ފެލަސްއިން ޖެހި ލަނޑާއެކު ޔުނައިޓެޑް ބަލިވެއްޖެ

މެޗުގެ ފަހު މިނެޓުގައި ފެލަސްއިން ޖެހި ލަނޑާއެކު ޔުނައިޓެޑް ބަލިވެއްޖެ --

އިންގްސްލިޝް ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ޕެލަސްއިން ކާމިޔާބު ކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗު ޕެލަސް އިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ޔުނައިޓެޑްއެވެ.

ނަމަވެސް މިމެޗުގައި ޕެލަސް އިން ވެސް ވަނީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށް ލިބޭ ފުރުސަތުގައި ހަމަލާ އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ވެސް ލިބިގެންދިޔައެވެ. މިމެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 64ވަނަ މިނެޓުގައި ޕެލަސްގެ ފަރާތުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީ ޖޯން ފިލީޕޭ މަޓޭޓާއެވެ. މިލަނޑާއެކު ޕެލަސްއިން ކޮންމެވެސް ވަރަކަށް ހަމަޖެހިލާ ޑިފެންސަށް ބޮޑަށް އިސްކަން ދިން އިރު ޔުނައިޓެޑުން ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އިތުރު ކުރިއެވެ.

ނަމަވެސް އެޓީމަށް ޕެލަސްގެ ޑިފެންސް ފޫއަޅުވާލުމުގައި ޔުނައިޓެޑަށް ކުރިއެއް ނުލިބުނެވެ. އަދި މިކަމުގެ ފައިދާ ނަގާ ޕެލަސް އިން މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް އުފެއްދި ކައުންޓާ އެޓޭކެއްގައި މަޓޭޓާ ވަނީ ޕެލަސްގެ ލީޑު ފުޅާކޮށްދީފައެވެ.

މިކާމިޔާބީ އާއެކު ޕެލަސް މިވަނީ އެޓީމު އެންމެ ފަހުން ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބު ކޮށްފައެވެ. އަދި މިކާމިޔާބީ އާއެކު ޕެލަސް މިހާރުވަނީ 30 ޕޮއިންޓާއެކު ޔުނައިޓެޑް ފަހަތަށް ޖައްސާލާ ތާވަލްގެ 12 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މި ނާކާމިޔާބީ އަކީ މިސީޒަންގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބަލިވި ހަވަނަ މެޗެވެ. އަދި މިއާއެކު އެޓީމު މިހާރު އުޅެނީ 29 ޕޮއިންޓާއެކު ތާވަލްގެ 13ވަނައިގައެވެ.

މިމުބާރާތުގައި ޓޮޓްނަމް ހޮޓްސްޕާ އާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ރަށުން ބޭރުގައި ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ ސްޕާސްއެވެ. މިމެޗުގައި ސްޕާސް އިން ކާމިޔާބު ކުރި ފުރަތަމަ ލަނޑަކީ ބްރެންޓްފަޑްގެ ވިޓާލީ ޖެނެޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޕެޕޭ މަޓާ ސާއެވެ.

މިކާމިޔާބީއާއެކު ސްޕާސް އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ. އަދި ބްރެންޓްފަޑް އުޅެނީ 31 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު