އަފްސަމް އާއިއެކު އައިސް ގެއަށް ވަން ޔަލްވީގެ ހައިރާންކަން އިތުރުވީ، ބޭރުގައި ރަޔާންގެ ބޫޓު އިންތަން ފެނުމުންނެވެ. އޮފީހުގެ ރަސްމީ ވަގުތުތަކުގައި ރަޔާން ގެއަށް އަންނަނީ ވަރަށް މުހިއްމު ކަމެއް ދިމާވެއްޖެނަމައެވެ. ބްރޭކްގަޑީގައިވެސް ގިނަ ދުވަސްދުވަހު ގެއަކަށް ނުދެއެވެ. ހަމަޖެހިލުމަށް މަސައްކަތްކުރަމުން ޔަލްވީ ހިނގައިގަތީ ކޮޓަރި އާއި ދިމާއަށެވެ.

********

ކޮޓަރީގެ ދޮރު ހުޅުވާލުމަށް ތަޅުގައި ހިފާލި ވަގުތު ޔަލްވީ ދިޔައީ ސިއްސައިގެންނެވެ. އެތެރެއިންވެސް މީހަކު ދޮރު ހުޅުވައިލީ ޔަލްވީއާއި އެއްކޮށެވެ. އެމީހަކު ދޮރު ހުޅުވީ ވަރަށް ބާރަށެވެ. ޔަލްވީ ތެޅިގަތް ވަގުތު ހަދާލެވުނު ގޮތަކުން، އެތެރެއިން ނުކުތް މީހެއްގެ ގައިގައި ލައިގަތެވެ.

"ތޫ؟.."

ޔަލްވީގެ ދެލޯ ބޮޑުވެގެން ދިޔައީ ކުރިމަތީގައި ހުރި ތޫބާ ފެނުމުންނެވެ. އެއަށްވުރެ ބޮޑު ހައިރާންކަމެއް ލިބުނީ ތޫބާގެ ފަހަތުގައި އިސްޖެހިފައި ހުރި ރަޔާން ފެނުމުންނެވެ. ރަޔާން ހީވަނީ ކުށެއް ކޮށްގެން ހުރި މީހެއް ހެންނެވެ. ޔަލްވީއަށް އެއްފަހަރު ތޫބާއަށް، އަނެއްފަހަރު ރަޔާނަށް ބަލައިލެވުނެވެ.

ތޫބާ ހުރީ ފެންކަޅިވެފައެވެ. ޔަލްވީ ފެނުމާއިއެކު ރޮއެގަނެފައި، ޔަލްވީގެ ގައިގައި ބައްދާލިއެވެ.

"ކިހިނެއްވެގެން މިއުޅެނީ؟" ޝައްކުގެ ނަޒަރަކުން ތޫބާއަށް ބަލަންހުރެ، އަފްސަމް ސުވާލުކުރިއެވެ.

"ޔާލް! ރަޔާން. ރަޔާ..ން... އަހަންނަށް..." ރޮމުން ގިސްލަމުން ތޫބާ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ.

ތޫބާ ބުނަން އުޅެނީ ކީކޭކަން ޔަލްވީއަށް އެނގޭކަށް ގިނައިރެއް ނުނެގިއެވެ. ޔަލްވީ ވަގުތުން ތޫބާ ދުރުކޮށްލިއެވެ. އިސްޖެހިފައި ހުރި ރަޔާނަށް ބަލައިލިއެވެ.

"ވީގޮތެއްވެސް އެނގޭނީ ބުނީމައެއްނު.. ރޯން ހުއްޓަސް ނޭނގޭނެ.." އަފްސަމްއަށް ތޫބާގެ ނިޔަތް އެނގޭ ކަހަލައެވެ.

ރަޔާނަކީ ތޫބާ އެބުނާ ފެންވަރަށް ވެއްޓޭނެ މީހެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ އަފްސަމެވެ. އަފްސަމް ބޭނުންވީ ތޫބާގެ އަނގައިން ވީގޮތް ބުނުވާށެވެ. ކަމެއް ސާބިތުކޮށްދެވޭނީ އޭގެ ފަހުގައިކަމަށް ވީތީއެވެ.

"ރަޔާން ގަދަ..ކަމުން އަހަރެންގެ...." ތޫބާގެ ޖުމްލަ އާއިއެކު ޔަލްވީއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

ޔަލްވީގެ ލޮލުގައި ގިނަވެފައިހުރި ކަރުނަތައް ކޯތާފަތްމައްޗަށް ފައިބަން ހިނދުކޮޅެއްވެސް ނުނެގިއެވެ.

ކަރުނަވީ ދެލޮލުން އޭނާ ރަޔާނަށް ބަލައިލިއެވެ. އޭރު ރަޔާންވެސް ހުރީ ޔަލްވީއަށް ބަލަހައްޓައިގެންނެވެ. ރަޔާން ހީކުރިގޮތާއި ހިލާފަށް ޔަލްވީގެ ދެލޮލުން ނަފުރަތެއް ނުފެނުނެވެ. ބަދަލުގައި އެ ދެލޮލުން ރަޔާނަށް ފެނުނީ ރިހުމާއި، ރަޔާންދެކެވާ ތެދުވެރި ލޯތްބެވެ.

"ސޮރީ!" ޔަލްވީ އިސްޖަހައިލިއެވެ. އޭނާ މާފަށް އެދުނީ ތޫބާގެ ކިބައިން ހެއްޔެވެ؟ އެންމެންވެސް ހީކުރީ އެހެންނެވެ. ލިބުނު ކާމިޔާބީގައި ތޫބާ ހިނިތުންވެލީ ވިހަ ގޮތަކަށެވެ. އެމަންޒަރު އަފްސަމަށް ރީތިކޮށް ފެނުނެވެ.

"ހުސްދޮގު އެ ހަދަނީ... ގަބޫލުނުކުރޭ!" އަފްސަމްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

އެއްވެސް މީހަކު އަނގައިން ނުބުނެ ކުޑަވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. ދޭތެރެއަކުން އިވޭ ތޫބާގެ މަޑު ގިސްލުމުގެ އަޑާއި، ޔަލްވީ ނޭފަތް ދަމާލާ އަޑު ނޫން އިތުރު އަޑެއް ނީވެއެވެ.

"ޔާލް.... ރަޔާނަކީ ތިހީކުރާ ކަހަލަ ރަނގަޅު މީހެއް ނޫން.... އޭނަ..." ތޫބާ މަސައްކަތްކުރީ ރަޔާން ކުށްވެރިކޮށް ޔަލްވީގެ ކުރިމަތީގައި ރަޔާންގެ އަގު ވައްޓާލާށެވެ. ތޫބާއަށް ރަޔާން ނުލިބޭނަމަ، ޔަލްވީއަށްވެސް ރަޔާނާއި އެކުގައި އުޅެވިގެން ނުވާނެއެވެ. އެކަމަކު، ތޫބާގެ ޖުމުލަ މެދުކެނޑުނީ ޔަލްވީގެ އަތުގެ ހޫނު ހަމަލާއެއް އޭނާގެ ކޯތާފަތް މައްޗަށް އެރުމުންނެވެ.

"ސްޓޮޕް!.." ތޫބާ ކޮއްޕައިލަމުން، ޔަލްވީ ހަޅޭއްލަވައިގަތެވެ.

ނުވިސްނާ ހުރުމުން، ތޫބާ ގޮސް ޖެހުނީ ދޮރުކަނީގައެވެ. ރުޅި އައިސްފައި ހުރިވަރުން ޔަލްވީ ހީވަނީ ދެންމެ ދެންމެ ތޫބާގެ ގަޔަށް އަތް އިސްކޮށްފާނެހެންނެވެ. ދެމީހުންގެ ދެމެދަށް ވަންނަން އަފްސަމްއަށް މަޖުބޫރުވީ، ޔަލްވީގެ އަތުން ގޯހެއް ހެދިދާނެހެން ހީވުމުންނެވެ. ތޫބާގެ ކަންތައް މާ މައްޗަށް ދިޔުމުން، ރަޔާންގެ ކުރިމަތީގައި ގޯސްކަމެއް ނުކުރަން ޔަލްވީ ކުރި ހިތްވަރު ނާކާމިޔާބުވީއެވެ.

"ޔާލް؟" ތޫބާ ހައިރާންވެފައި ޔަލްވީގެ މޫނަށް ބަލައިލިއެވެ.

ޔަލްވީ ޖެހިލެއް ބާރުކަމުން ތޫބާގެ މުޅި މޫނުން ދިލަނަގަމުން ދިޔައެވެ. ދެލޮލުން ކަރުނަ ހިލުނެވެ.

"އަހަރެންގެ ފިރިމީހާގެ ބޮލުގަ އިތުރު އެންމެ އިލްޒާމެއްވެސް އަޅުވައިގެން ނުވާނެ!" ޔަލްވީ އިންޒާރު ދިނެވެ. "ތޫބާ ހީކުރީ އަހަރެންގެ ފިރިމީހާއޭ ކިޔައިގެން ތި ދައްކާ ވާހަކަ އަހަރެން ގަބޫލުކުރާނެކަމަށްތަ؟ އެއީ ތިބުނާ ކަހަލަ ކަމެއް ކުރާނެ މީހެއް ނޫން.. އަހަރެން އޭނައަށް އިތުބާރުކުރަން.."

ރަޔާނަށް ލިބުނީ ކުއްލި ސިހުމެކެވެ. ޔަލްވީ އިތުބާރުކުރާ ކަން އެނގުމުން، ރަޔާންގެ ދެލޯ ފެންކަޅިވީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ރަޔާން ހީކުރީ ތޫބާގެ ބަސް ގަބޫލުކޮށް، ޔަލްވީ އޭނާ ދޫކޮށްފައި ދާނެ ކަމަށެވެ. އެކަމަކު، ކަންތައްވީ މުޅީން އިދިކޮޅަށެވެ.

"އަހަރެން މާފަށް މިއެދުނީ ތޫބާގެ ކިބައިންނެއް ނޫނޭ.. ރެންގެ ކިބައިން.. ރެންގެ ކޮން ކުށެއް އޮވެގެންތަ އެންމެން ރެންގެ ބޮލުގަ...." ޔަލްވީއަށް ރޮވުނެވެ.

ރަޔާންގެ ކުށެއްނެތި ޔަލްވީވެސް ވަނީ ރަޔާންގެ ބޮލުގައި އެފަދަ އިލްޒާމެއް އަޅުވާފައެވެ. އެދުވަހުވެސް ރަޔާން އިސްޖެހިފައި ހުރީ އެފަދަ ގޮތަކަށެވެ. އެދުވަހު ރަޔާން ވާނެ ދެރައާއި، ކަންބޮޑުވާނެވަރު މިއަދު ޔަލްވީއަށް އިހުސާސްކުރެވެއެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވުނުވަރުން، ރަޔާނާއި ދިމާއަށް ބަލައިލާނެ ހިތްވަރުވެސް ޔަލްވީއަކަށް ނުލިބުނެވެ. މާޒީގައި ޔަލްވީ ވަނީ ތޫބާގެ ދަރަޖައަށް ވެއްޓިފައެވެ. އެކަމަކު، އެ ހުރިހާ ކަމަކަށް މާފުކޮށް ރަޔާން ވަނީ ޔަލްވީއާއިއެކު ހަޔާތުގެ އައު ބާބެއް ފަށާފައެވެ. ވީއިރު، މިއަދު ރަޔާންގެ ބޮލުގައި މީހަކު އެފަދަ އިލްޒާމެއް އެޅުވުމުން، ޔަލްވީއަށް ބަލަން ހުރެވޭނީ ކިހިނެއް ހެއްޔެވެ؟

އަފްސަމް ލޮލުގެ އިޝާރާތުން ރަޔާނަށް ޔަލްވީ ދެއްކިއެވެ. އަފްސަމް ބުނި އެއްޗެއް ވިސްނުނު ފަދައިން ރަޔާން ޔަލްވީގެ ކައިރިއަށް ދިޔައެވެ. ކަރުނަ ފޮހެލަދިނެވެ. ރަޔާންގެ އެ އަމަލުން ޔަލްވީއަށް ހިތްވަރު ލިބުނެވެ.

"މާފަށް އެދޭ!" ތޫބާއާއި ދިމާއަށް ބަލައިލަމުން ޔަލްވީ އަމުރުކުރިއެވެ.

"އަދިވެސް އަހަރެންތަ މާފަށް އެދެންޖެހެނީ؟ ކަލޭމެން މާފަށް އެދެންޖެހޭނީ" މާފަށް އެދުމަކީ ތޫބާ ދުވަހަކުވެސް ކުރާނެކަމެއް ނޫނެވެ.

"މާފަށް އެދެން ބޭނުން ނޫނިއްޔާ، މިވަގުތުން ފެށިގެން ތޫބާ ތީ އަހަރެންގެ ފްރެންޑެއް ނޫން..." ޔަލްވީ ފަހުގެ ނިންމުން އިއްވިއެވެ.

"ފިރެހެނުންނަށް ތިހާ އިތުބާރު ކުރާ އެއްޗެއް ނޫން.... މާދަމާ ނޫންކަމެއް ނޭނގެ އެހެން އަންހެނެއްގެ އަތުތެރޭގަ އޮއްވާ ފެންނާނީ...." ތޫބާ ހިތްހަމަނުޖެހުނެވެ. އޭނާ ދެންވެސް މަސައްކަތްކުރީ ޔަލްވީގެ ދިރިއުޅުން ހަލާކުކޮށްލާށެވެ.

ރަޔާން އާއި ޔަލްވީގެ ގާތްކަން ފެނި ތޫބާގެ ހިތުގައި އޮތް ހަސަދައިގެ ހުޅުގަނޑު ފަޅައިގެންދިޔައެވެ. ރަޔާން ޔަލްވީދެކެ އެވަރަށް ލޯބިވާންޖެހޭ ސަބަބެއް ނުވިސްނުނެވެ. ރަޔާން ލޯބިވަނީ ޔަލްވީގެ ސޫރަދެކެ ކަމުގައިވާނަމަ އެމޫނަށް ދުވަހަކު ނުބަލާވަރު ކުރަން ތޫބާ ބޭނުންވިއެވެ.

"ނުކުމޭ މިގެއިން! އަހަރެންގެ އެކުވެރިއެއް ނޫން ތީކީ...." ޔަލްވީ އަމުރުކުރިއެވެ.

އިސްލާހުވުމަށް ތޫބާއަށް ދިން ފުރުސަތުގެ ބޭނުން ނުހިފުމުން އިތުރަށް އެކުވެރިކަން ދަމަހައްޓަން ޔަލްވީ ބޭނުންނުވީއެވެ.

"ކުށްކުރީ ރަޔާން...." ޔަލްވީ އެކުވެރިކަން ކަނޑާލައި، ގެއިން ނެރެލުމުންވެސް ތޫބާއަށް ދޫ ހިމޭނެއް ނުކުރެވުނެވެ.

"ކުށްކުރީ އަހަރެން...." ޔަލްވީގެ އަޑު ކުރެހުނެވެ. ކިތަންމެ ރުޅި އައިސް، ތޫބާ އާއި ވާހަކަ ދައްކަން ފެށިނަމަވެސް ކުރިމަތިލާންޖެހުނު ހަގީގަތެއްގެ ސަބަބުން ޔަލްވީގެ ހިތުގައި މަޑު ރިހުމެއް އުފެދުނެވެ.

"ތޫބާ ތިހުރި މަގާމުގައި އަހަރެން ހުރި ދުވަހެއް އައި... އެދުވަހު އަހަރެންވެސް ކަންތައްކުރީ މިހާރު ތޫބާ ކަންތައްކުރަން ތި މަސައްކަތްކުރާ ގޮތަށް..... ކުށެއް ނެތް އިންސާނަކަށް ނުހައްޤުން އަދަބުދިނީ އަހަރެން.... އެންމެންގެ ކުރިމަތީ އޮޅުވާލީ އަހަރެން.... ގަދަރާއި އިއްޒަތަކީ ކިހާ މާތް އެއްޗެއްކަން އެދުވަހު ނުވިސްނުނީ އަހަންނަށް...." ރަޔާންގެ ދިފާއުގައި އަމިއްލަ ނަފުސު ގުރުބާން ކުރަންޖެހުނަސް، ޔަލްވީ ހުރީ އެކަން ކުރަން ތައްޔާރަށެވެ.

ޔަލްވީ ހުއްޓުވަން ރަޔާން މަސައްކަތް ކުރިއެވެ. އެހެން މީހުންގެ ކުރިމަތީގައި ޔަލްވީ ބޭޒާރުވާކަށް ރަޔާން ބޭނުމެއް ނުވެއެވެ. ޔަލްވީ އަކީ މިހާރު ރަޔާންގެ ހިތުގެ އެއްބައެވެ. މާޒީގައި ހިނގާފައިވާ ކަމެއްގެ ވާހަކަ ދައްކައިގެން މިއަދު ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

"އަހަރެން ބަލާނަން އަބަދު ތިހެން އުޅެވޭތޯ..." ގެއިން ނުކުންނަން ދަމުން ތޫބާ ބުނެލިއެވެ.

ތޫބާ ނުކުތް ތަން ފެނުމުން އަފްސަމަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

"ކުޑަކުދިން ބޮޑެތިވެއްޖެ! މިހާރު ތީ ރިއަލް ލަވްބާޑްސް.. ނޮޓް އެންގްރީބާޑް.." ޔަލްވީއަށް އިޝާރާތްކުރަމުން އަފްސަމް ދިމާކޮށްލިއެވެ.

އަފްސަމް ހޭން ފެށުމުން، ޔަލްވީ ލޯ އަޅައިލިއެވެ. އިންޒާރެއް ދޭފަދައިން ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. މާހައުލުގައިވި ނުތަވަސްކަން ނެތިކޮށްލަން އަފްސަމް ކުޅަދާނައެވެ. އަފްސަމް ހުއްޓާނުލައި ދިމާކުރަން ފެށުމުން، ޔަލްވީ އަފްސަމް އާއި ދިމާއަށް ދިޔައެވެ. އެއާއިއެކު ޔަލްވީގެ އަތުގައި ނުޖެހެން އަފްސަމް ދުއްވައިގަތެވެ. އަފްސަމް ދުވެފައި ގޮސް ކޮޓަރިއަށްވަދެ ތަޅުލިއެވެ. ޔަލްވީ ދެތިން ފަހަރު ދޮރުގައި ޓަކިޖެހިއެވެ. ނުކުންނާށޭ ކިޔާ ގޮވިއެވެ. ނަމަވެސް ދޮރު ނުހުޅުވުމުން އެނބުރި ދިޔުމަށް ހިނގައިގަތެވެ. ފަސްއެނބުރުނު ވަގުތު ދާދި ކައިރިން ރަޔާން ފެނި ޔަލްވީ ދިޔައީ ސިއްސައިގެންނެވެ.

ޔަލްވީއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ރަޔާން އޭނާގެ އަތްދަނޑި މައްޗަށް ޔަލްވީ އުފުލާލިއެވެ. ލޯބިން ސަމާސާކޮށްލިއެވެ. ޔަލްވީއަށް ހެވުނެވެ. ރަޔާން ސަމާސާ ކުރުމުން، އެއަތުގެ ތެރެއިން ވީއްލިގަންނަން މަސައްކަތްކުރިއެވެ. ނަމަވެސް ރަޔާން އޭނާގެ އަތުގެ ތެރޭގައި ޔަލްވީ އިތުރަށް ގައިދުކޮށްލީއެވެ.

"އަހަރެން ބޭނުން ހުރިހާ ޖަވާބެއް ލިބިއްޖެ! އަޑުއަހަން ބޭނުންވި ހުރިހާ ވާހަކައެއް އިވިއްޖެ!" ކޮޓަރިއަށް ވަދެ، ޔަލްވީ ތިރީގައި ބަހައްޓާލަމުން ރަޔާން ބުނެލިއެވެ.

ޔަލްވީ ވަގުތުން ރަޔާންގެ މޭގެ ތެރޭގައި ބޮނޑިވެލިއެވެ.

"ރެން..... އައިމް ސޯ ސޮރީ...." ޔަލްވީ މަޑުމަޑުން ބުނެލިއެވެ.

"ތިހާ ލޯބިން ބުނީމަ، މާފުކުރާހިތެއްވެސް ނުވޭ!" ރަޔާން ސަމާސާކުރިއެވެ.

"އަހަރެން މިއަދު ދެރަވޭ އެގޮތަށް ކަންތައްކުރެވުނީމަ.... އަމިއްލަ ހިތަށް ދުވަހަކު މައާފުނުކުރެވޭނެ ކަންނޭނގެ.... އަހަރެން ކަހަލަ މީހަކާ ރެން...." ޔަލްވީގެ ޖުމްލަ މެދުކަނޑާލަންޖެހުނީ ރަޔާން ކޮށްލި ކަމަކުންނެވެ.

ޔަލްވީއަށްވެސް ރަޔާންގެ އެ އަމަލުގައި ބައިވެރިވެވުނެވެ. ކުޑަވަގުތުކޮޅެއް ފާއިތުވެދިޔުމަށްފަހު ރަޔާން ޔަލްވީ އާއި ދުރަށްޖެހިލިއެވެ.

"ދެން އެވާހަކަ ނުދައްކާ.... ޔާލް ދުވަހަކުވެސް އަހަރެން ކައިރީ މާފަށް އެދޭކަށް ނުޖެހޭނެ..... އޭރު ދެރަވިޔަސް، މިހާރު އަހަރެން މާ އުފާވޭ.. އޭރު އެހެން ވެގެންވެސް، މިކަހަލަ ލޯބި ކުއްޖެއް ލިބުނީމަ... އެހެންނޫނަސް، ޔާލް އެދުވަހު އެގޮތަށް ކަންތައް ނުކުރިނަމަ، އަހަރެމެންނަށް މިހާ އުފާވެރި ދިރިއުޅުމެއް ލިބުނީސްތަ؟..... އެކަމަކު، ދެރަވަނީ މިދުވަސް ދެކެން މަންމަ ދުނިޔޭގަ ނެތީމަ...." ކިތަންމެ ބޮޑު އުފާވެރިކަމެއް ލިބުނަސް، ރަޔާން ރަޒީނާގެ މަތިން ހަނދާނެއް ނުނެތެއެވެ.

"ރެންގެ މަންމަ ހުރިނަމައޭ ހިތަށް އަރާ" ޔަލްވީ އިސްޖަހައިލިއެވެ.

"މަންމަ ހުރިނަމަ، ލޯބިން މިކުއްޖާ އުރާލީސް..." ރަޔާން ޔަލްވީ ހިއްލާލައި، ވަށައިގެން އެނބުރިލުމަށްފަހު، ތިރީގައި ބެހެއްޓިއެވެ. ކޮޓަރިތެރޭގައި އެއް އަޑަކަށް ހަރުލާފައި ހުރީ، ޔަލްވީގެ ހުނުމުގެ އަޑެވެ.

"ޔާލް އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް ލައިކްވި... އެކަމަކު، އޭރަކު ނޭނގެ މީ މިހާ ލޯބި ކުއްޖެއް ކަމެއް...." ލާނެތްކަން އަޑަށް ގެންނަމުން ރަޔާން ޔަލްވީ އާއި އިތުރަށް ގާތްވެލިއެވެ.

"އޮފީސް..." ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ޔަލްވީ ތެޅިގަތެވެ. ރަޔާން އޮފީހުގައި ހުރެފައި އައި ކަން ދެ މީހުންގެ ހަނދާނުގައިވެސް ނެތެވެ.

"އޮފީސް ކެންސަލް.... ވައިފް ޓައިމް..." ކަރުގައި އަޅާފައި އޮތް ޓައީ ނަގަމުން ރަޔާން ބުނެލިއެވެ.

********

"ދަރިފުޅާ ލިމްޔާ...." ލިމްޔާގެ ކޮޓަރި ދޮރުގައި ޓަކިޖަހަމުން އަމީރާ ގޮވިއެވެ.

ހެނދުނު ސައިބޮއެގެން ކޮޓަރިއަށް ވަތްގޮތަށް ލިމްޔާގެ ހަބަރެއް ނުވާތީ އަމީރާ ހުރީ ހާސްވެފައެވެ. އަމީރާ ހީކުރީ ގޭގައި ބަޔަކު ކުއްޔަށް ތިބުމުން، ލިމްޔާ ބޭރަށް ނުނުކުންނަނީ ކަމަށެވެ. ތަހުގީގު ކުރިއަށްގެންދިޔުމަށް އަފްސަމް ގެނައި ޓީމުގައި ހިމެނޭ ރިވާނާއި ލުޔޫމް ތިބީ ލިމްޔާގެ ކޮޓަރިއާއި ޖެހިގެން ހުރި ދެ ކޮޓަރީގައެވެ. ލިމްޔާއަކީ މީހުންނާއި ގުޅޭ، އެކުވެރި ކުއްޖެކެވެ.

އަމީރާ އެތައް އިރަކު ޓަކިޖެހި އިރުވެސް ލިމްޔާ ދޮރު ނުހުޅުވުމުން އަމީރާގެ ހާސްކަން އިތުރުވިއެވެ. ކޮޓަރި ތަޅުލާފައި ހުރުމުން ސުވާލު އުފެދުނެވެ. ދުވާލުގެ ވަގުތުތަކުގައި ލިމްޔާއަކީ ކޮޓަރި ތަޅުލާފައި ބަހައްޓާ ކުއްޖެއް ނޫނެވެ. އަމީރާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ނުބައި ވަސްވާސްތަކުން ހިތް ކިލަނބުވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު