15:05
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް ކަމަށް، މަރްޔަމް އަޒްރާ ހަމަޖެއްސެވުމަށާއި، ނައިބު ރައީސް ކަމަށް ޖީހާން މަހްމޫދު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަކަށް ފޮނުއްވައި، ޓޫރިޒަމްގެ ގާނޫނަށް އިސްލާހް ގެނައުމުގެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދަން ފަށައިފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނަށް އިތުރު ދެ މެންބަރުންގެ ނަން މަޖިލީހުން ފާސްކުރަންޖެހޭތީ އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ، ހަ ނަންފުޅު ވެސް ދިރާސާކުރުމަށް މިއަދުގެ ޖަލްސާގައި ވަނީ ކޮމިޓީއަކަށް ފޮނުވައިފަ އެވެ. ކޮމިޝަންގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް ބޭފުޅުން ހަމަޖެއްސުމަށް ފޮނުވާފައިވާ މައްސަލައާ ގުޅިގެން، ޑީއާރުޕީގެ މެންބަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވާނީ، އެ ކޮމިޝަންގެ ރައީސާއެކު ފަސް މެންބަރުން ކަމަށް ގާނޫނުގައި ބުނެފައިވާއިރު، ކޮމިޝަނަށް އައްޔަން ކުރަންޖެހޭ ފަސް މެންބަރުންގެ ނަން ފާސްނުވަނީސް ކޮމިޝަންގެ ރައީސާއި، ނާއިބު ރައީސްގެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރެވިގެން ނުވާނެ ކަމަށެވެ. އަދި އެއީ ގާނޫނާ ހިލާފްކަމެއް ކަމަށާއި، އެމަގާމުތަކަށް ބޭފުޅުން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވަންޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީސް އެކުގައި ކޮމިޓީއަކަށް ގޮސްގެން ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޓޫރިޒަމްގެ ގާނުނަށް އިސްލާހް ގެނައުމުގެ ބިލުގެ ކޮމިޓީ މަރުހަލާގައި، ޓޫރިޒަމާ ގުޅުން ހުރި އެއްވެސް މެންބަރަކު މި ބިލަށް ހުށަހެޅުނު އިސްލާހްތަކަށް ވޯޓު ދީގެން ނުވާނެ ކަމަށް ގިނަ މެންބަރުންތަކެއް ވަނީ ގޮވައިލައްވައިފަ އެވެ. އެ މެންބަރުން ވިދާޅުވީ، އެ މެންބަރެއްގެ ޒާތީ ނުވަތަ ވާލި މަސްލަހަތު ހިމެނޭ އެއްވެސް ކަމެއްގައި، އެއްވެސް މެންބަރަކަށް ވޯޓުގައި ބައިވެރިނުވެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބުނާއިރު، އެފަދަ ކިތަންމެ މެންބަރުންތަކެއް ޖަލްސާގައި ތިއްބަވައިގެން މި ބިލުގެ އިސްލާހްތަކަށް ވޯޓަށް އައްސަވައިގެން ނުވާނެ ކަމަށާއި، އެފަދަ މެންބަރުން ޖަލްސާއިން ބޭރުކުރުމަށް ވެސް ބައެއް މެންބަރުން މަޖިލީހުގެ ރައީސަށް ގޮވައިލައްވަމުން ގެންދެވި އެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، ވޯޓުގައި ބައިވެރިވެވަޑައިނުގެން ބޭރަށް ވަޑައިގަތުމަށް އެއްވެސް މެންބަރަކަށް ނުދަންނަވާނެ ކަމަށާއި، އެއީ އެ މެންބަރެއްގެ އަމިއްލަ ކަމެއް ކަމަށެވެ. އަދި ވޯޓު ދިނުމަކީ ހުރިހާ މެންބަރުންނަށް ލިބިގެންވާ ހައްގެއް ކަމަށް ގަވާއިދުގައި ބުނާއިރު އެ މައްސަލަ މެންނަރުން ނަންގަވަމުން އެ ގެންދަވަނީ ޒާތީ މަސްލަހަތު އޮވެގެން ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ. މި މައްސައިގައި މަޖިލީހުގެ ތަޅުން ވަނީ ހޫނުވެފަ އެވެ.
މި ބިލަށް ވަރަށް ގިނަ އިސްލާހްތަކެއް މެންބަރުން ވަނީ ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ރިސޯޓްތައް ކުއްޔަށް ދިނުމުގެ މުއްދަތު ސާޅީސް އަހަރަށާއި، ތިރީސް ފަސް އަހަރަށް އިތުރު ކުރުންހިމެނެ އެވެ. ނަމަވެސް އެ މުއްދަތު ފަންސާސް އަހަރުގެ ގޮތުގައި ކަނޑައަޅާފައިވާތީ އެކަމަށް ތާއީދު ކުރައްވައި ވެސް ބައެއް މެންބަރުން ވާހަކަ ދެއްކެވި އެވެ.