"ޓެލް މީ. އައެމް ލިސެނިންނގް" ޝައުފާ އެެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން އަޒްލަފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ލަސްލަހުން އިސް އުފުލާލުމާއެކު، ޝައުފާ ބުނެލި ވާހަކައާއެކު އަޒްލަފްއަށް އޭނާގެ އެއްބުމަ އަރުވާލެވުނެވެ.

"ވަޓް ޑިޑް ޔޫ ސޭ؟"

"އަޑު ނީވިގެންތަ ހަމަ ތި ސުވާލުކުރަނީ؟" ޝައުފާއަށް ކޮންމެވެސް ވަރެއްގެ ލަދުވެތިކަމެއް އިޙްސާސްވިއެވެ.

"އަހަންނަށް އިތުރު ޗާންސެއް ދީބަ. އައި ޕްރޮމިސް އާއިންއަށް ވަރަށް ރަނގަޅަށް ބަލާނަންކަން. " ޝައުފާ ބުނެލިއެވެ. ހަޤީގަތުގައި އެއީ އޭނާ ބުނަން ބޭނުންވި ވާހަކައެއްވެސް ނޫނެވެ. އެހެންނަމަވެސް، އެ ވާހަކަ ބުނުމުގެ ކުރިން އިތުރު ގޮތެއް އޮތްތޯ އޭނާ ބަަލާލަން ބޭނުންވީއެވެ. ކޯޓަށް ގޮސްގެންވެސް އާއިން އޭނާއަށް ނުލިބޭނެކަން މިހާރު ޝައުފާއަށް ޔަޤީންވެއެވެ. އާއިންއަށް ފެނުނު މަންޒަރު ކިޔައިދީފިނަމަ، އެކަން ޖެންޑަރ މިނިސްޓްރީއާ ހިސާބަށް ގޮސް އެންެމެ ފަހުން އޭނާއަށް އާއިން ލިބެން އޮތް ގޮތް އެކީ ބަންދުވެސް ވާނެއެވެ.

"އަހަރެން ކިތަށް ފުރުސަތު ދިނިން. އެއިން ކޮންމެ ފަހަރަކު ޝައުފާ އިސްކުރީ އަމިއްލަ އެދުން. އައި ކާންޓް ގިވް ޔޫ އެނަދަރ ޗާންސް އެގެއިން. އައެމް ސޮރީ ފޯރ ދެޓް." އަޒްލަފް ބުނެލިއެވެ. ޝައުފާގެ މާޔޫސްކަން ހިތަށް ކޮންމެވެސް ވަރަކަށް ތަދުކުރުވިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އެއީ އޭނާގެ ކުރީގެ އަނބިމީހާއެވެ. އަދި އާއިންގެ މަންމައެވެ. ކުރީގައި ޝައުފާއާ ދޭތެރޭ ހިތުގައި އޮތް ލޯބި މަޑުމަޑުން ފަނޑުވާން ފެށި ނަމަވެސް އަދިވެސް އަޒްލަފްގެ ހިތުގައި ކޮންމެވެސް ކަހަލަ އިޙްސާސްތަކެއް ވެއެވެ.

"ޕްލީޒް އަޒްލަފް… އަހަރެން އާއިންއަށް ދެރަގޮތެއް ނުހަދާނަމޭ…ޝައުފާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ނޫން… އަހަރެން ސުވާލެއްކޮށްލަންތަ؟ ކީއްވެގެން އެވަރުން އާއިން ގެންދަން ތިއުޅެނީ؟ އެއެއް ބުނެދީބަަލަ. މިތަނުގަ ހުއްޓަސް ޝައުފާއަށް އާއިންއާ ބައްދަލުކުރެވެއެއް ނޫންތަ އެބަ؟" އަޒްލަފްގެ ސުވާލާއެކު ޝައުފާ އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް ހިމޭންވިއެވެ.

"އަހަރެން ބުނަންތަ ކީއްވެގެންކަން ޝައުފާ ތިއުޅެނީ މިހާރު؟ އާއިން ގެންދިޔައިމަ އަހަރެން އެތަނަށް ޚަރަދުކުރާނެކަން އެނގޭތީ. އަބަދު އާއިންއޭ ކިޔާފަ ކޮންމެވެސް ބަހަނާއެއް ދައްކާފަ ފައިސާގެ ވާހަކަ ބުނީމަ އެއްވެސް ޝަކުވާއެއްނެތި އަހަރެން ފައިސާ ދޭނެ. އެއީއެއްނު ޝައުފާ ބޭނުންވެގެން ތިއުޅޭ ކަމަކީ." އަޒްލަފް ޖެހިލުމެއްނެތި ފުރަތަމަ ފަހަރަށް ޝައުފާއާ ދިމާލަށް އޭނާގެ ހިތުގެ އުދާސްތައް ހާމަކޮށްލައިފިއެވެ. އެއާއެކު ބަސް ހުއްޓިފައި ޝައުފާއަށް ހުރެވުނެވެ.

"އިތުރު މަހަކަށް ތަނަށް ދައްކާފަ އޮންނާނީ. އާއިން އަހަރެންގެ ކައިރީގައި ހުންނަންޏާ އަހަންނަކަށް ހިޔެއް ނުވޭ އެ ޚަރަދު އަހަންނަށް ދެން ކުރެވޭނެހެނެއް." އަޒްލަފްގެ ޖުމްލަތަކުން ޝައުފާއަށް ޝޮކަކަށްފަހު، ޝޮކެއް ލިބެމުން ދިޔައެވެ. އެންމެފަހުން އޭނާ އެގެއިން ނުކުމެގެން ދިޔައީ މާޔޫސްވެފައި ހުރެއެވެ. އެއްމަސް ދުވަހުގެތެރޭގައި ކޮންމެވެސް ގޮތެއް ހޯދަން އެބަޖެހެއެވެ. އެހެން ނޫނީ އޭނާ ދެން ޖެހޭނީ ރަށަށް ދިރިއުޅުން ބަދަލުކުރާށެވެ.

ޝައުފާ ދިޔުމުން އަޒްލަފް ފުންނޭވާއެއް ދޫކޮށްލާފައި ކާކޮޓަރިއަށް ގޮސް ވަތްއިރު، ރިސާމާ އާއިންއަށް އައިސްކްރީމް ދޭންވެގެން އުޅެއެވެ. އަޒްލަފް އައުމުން ތުންފަތުގައި އައިސްކްރީމް ހާކައިގެން އިން އާއިން ހީނގަތުމުން އޭނާއަށް ވެސް ބޭއިޚްތިޔާރުގައި ހީނގަނެވިއްޖެއެވެ. ޝައުފާގެ ކައިރީގައި އާއިން ނުބެހެއްޓިޔަސް އާއިން އުފަލުގައި ގެންގުޅެވޭނެކަން އެހިނދު އަޒްލަފްގެ ހިތަށްވެސް ފަހުމްވެގެން ދިޔައެވެ.

އެދުވަހު އަޒްލަފް ޑިއުޓީއަށް ދިޔައީ ހަވީރެވެ. އޮން ކޯލް ޑިއުޓީކަމުން ރައުންޑްސް ހަދާ ނިންމާލާފައި ކޮފީ އެއް ބޯލުމުގެ ނިޔަތުގައި ލައުންޖަށް ދިޔުމަށް ޑިޕާރޓްމެންޓާ ދިމާލަށް ހިނގައިގަތް ވަގުތު އެ ދިމާލަށް އައި، ލުޔޫނާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އަޒްލަފް ފެނުމުން ލުޔޫނާ ވެސް އަތުން ހަނާ އަޅާލިއެވެ.

"އަޒްލަފް. ޑިއުޓީގަ ދޯ." އަޒްލަފްއާ އަރާހަމަކޮށްލާފައި ލުޔޫނާ ސުވާލުކޮށްލުމުން އޭނާ މަޑުކޮށްލިއެވެ.

"އާނ.. " އަޒްލަފް ކުރު ޖަވާބެއް ދިނެވެ.

"ބިޒީތަ؟" ލުޔޫނާ ދެވަނަ ސުވާލެއްވެސް އަޒްލަފްއާ އަމާޒުކޮށްލިއެވެ.

"ނޫން. މިހާރު ބިޒީއެއް ނޫން. ރައުންޑްސް ނިންމާލާފަ ކޮފީއެއް ބޯލަން ލައުންޖަށް މިދަނީ. ހިނގާ ކޮފީއެއް ބޯލަން. ތަނަކަށް ދަނީތަ؟" އަޒްލަފް ބުނެލިއެވެ.

"ކެންޓީނަށް ކަމަށް މިދަނީ..... އަޒްލަފްއާ އެކީ ދެވިދާނެ. ހިނގާ ދާން." ލުޔޫނާ ހިނިތުންވެލުމުން ރައްދުގައި އަޒްލަފްވެސް ހީނލާފައި ލުޔޫނާއާއެކު ނާރުގެ ޑިޕާރޓްމެންޓާ ދިމާލަށް މިސްރާބުޖެހިއެވެ.

ލިފްޓުން މައްޗަށް ގޮސް ލައުންޖާ ހިސާބަށް އާދެވުމުން އަޒްލަފް ދޮރު ހުޅުވާލަމުން ލުޔޫނާ ވަންނަން ތަންދެއްކިއެވެ.

"ތެންކިއު. ޔޫ ވާރ އޯލްވޭޒް އަ ޖެންޓަލްމެން. އެ ސިފައަށް އެއްވެސް ބަދަލެއް ނާދެ އަދިވެސް." ލުޔޫނާ ހީނލިއެވެ. އޭނާ ވަށައިގެން ބަލައިލިއެވެ. އެވަގުތު އެތަނުގައި އިތުރު މީހަކު ވެސް ނެތެވެ.

"ހޭވް އަ ސީޓް. ކޮފީ މި ގެނެސްދެނީ." ލުޔޫނާގެ ވާހަކައިން ލުއިކޮށް ހީނާލާފައި ސޯފާ ދައްކާލާފައި އަޒްލަފް ކޮފީ މެޝިން ކައިރިއަށް ހުއްޓި ކޮފީ ތައްޔާރުކުރަން އުޅުނު ވަގުތު ޝައުޤުވެރިކަމާއެކު ލުޔޫނާ އަޒްލަފްއަށް ބަލަހައްޓައިގެން އިނެވެ. އަޒްލަފްއާ ޝައުފާއާ ދެމީހުން ވަރިވީ ކީއްވެގެންކަން އެނގުމުގެ ޝައުޤުވެރިކަން އޭނާގެ ހިތުގައި އުފެދިގެން އައެވެ. އަޒްލަފް އަކީ ކޮންކަހަލަ މީހެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ވީއިރު އެ ގުޅުން އަޒްލަފްގެ ސަބަބުން ނިމެން މެދުވެރިވެދާނެބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ދޭތެރެއަކުން ހޮސްޕިޓަލު ތެރެއިން ދިމާވެ ވާހަކަ ދެކެވުނެއްކަމަކު، އެ ސުވާލުކުރުމަކީ އަޒްލަފްއަށް ނުތަނަވަސްކަމެއް ގެނުވާނެކަމެއްހެން ހީވެ މީގެ ކުރިން ލުޔޫނާ އެ މައުޟޫއަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެން ނޫނަސް އެފަދަ ވާހަކައެއް ދެއްކޭ ފަދަ ގޮތަކަށް އެ ދެމީހުން ދިމައެއްވެސް ނުވެއެވެ.

އަޒްލަފްގެ ފިރިހެންވަންތަކަން އޭނާގެ ކޮންމެ ހަރަކާތަކުން ވެސް ފާހަގަވެއެވެ. އަތްދިގު ޑޮކްޓާރސް ކޯޓުގައި ހުރިއިރު އެ ޝަޚުސިއްޔަތުގެ ފުރިހަަމަކަން ހާމަވަމުން ދިޔައެވެ. އެ ކޮފީ ޖޯޑު ހިފައިގެން ގޮސް އޭނާ އެއް ޖޯޑު ލުޔޫނާއަށް ދިއްކޮށްލުމުން އޭގައި ހިފަލުން ލުޔޫނާ ޝުކުރު އަދާކުރިއެވެ.

""ކޮބާ އާއިން؟ ރަނގަަޅުތަ؟" ހިމޭންވެފައި އިރުކޮޅަކު ތިބެފައި އެ ހިމޭންކަން ފޫދުއްވާލީ ލުޔޫނާއެވެ.

"އާނ. ރަނގަޅު." އަޒްލަފް ކޮފީ ޖޯޑުން އެތިފޮދެއް ބޮއިލިއެވެ.

"ދެން އިތުރަށް ކިޔަވަން ދާކަށް ނުވިސްނަންތަ؟" އަޒްލަފް ސުވާލުކޮށްލިއެވެ.

"ސުޕަސްޕެލައިޒް ވާން ކިޔަވަން ފަށަން އުޅެނިކޮށް ހަޒްބެންޑް ނިޔާވީ. އޭގެ ފަހުން ކުއްލިއަކަށް ފޫހިވީ……އަސްލު… އައި ތިންކް އައި ނީޑް ސަމްޓައިމް ކަންނޭނގެ އަދި. އެހެންވެ ކަންނޭނގޭ އެ ޚިޔާލު އެހާ ފަސޭހައިން ދޫކޮށްލެވުނީ." ލުޔޫނާ ބުނެލިއެވެ. އޭނާ ކޮފީ ޖޯޑަށް ބަލަހައްޓައިގެން އިސްޖަހާލައިގެން އިރުކޮޅަކު އިނެވެ.

"އައި މިސް ހިމް." ލުޔޫނާގެ ދުލުން އެ ބަސްތައް ބޭރުވީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. ވިވިއަންއާއެކު އުޅުނު އުފާވެރި ދުވަސްތައް މަތިން އޭނާ ހަނދާންވިއެވެ. އޭނާ ކުރަން ބޭނުންވި ކޮންމެ ކަމެއްގައި ވިވިއަން އޭނާއަށް އެއްބާރުލުން ދިނެވެ. މިއަދު ވިވިއަން ނެތުމުގެ ފަޅުކަން ކިތަންމެ ހާވެސް ބޮޑަށް ލުޔޫނާއަށް އިޙްސާސްވެއެވެ.

"އާރ ޔޫ އޯކޭ؟" ލުޔޫނާގެ އަޑު މަޑުވެގެން ދިޔަގޮތް ފާހަގަވުމާއެކު އަޒްލަފްއަށް ސުވާލުކޮށްލެވުނެވެ. ފުންނޭވާއެއް ދޫކޮށްލާފައި ހިނިތުންވެލަމުން އޭނާ އަޒްލަފްއަށް ބަލައިލި ނަމަވެސް، އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ އިންތިހާ ދަރަޖައިގެ ވޭންކަން އަޒްލަފްއަށް ވެސް ފަހުމްވިއެވެ.

"އައި އޭމް. ކިޔަވަން ފަށަންވިޔަސް ހިތަށް އަރަނީ އައި ނީޑް ސަމްވަން ބައި މައި ސައިޑް އޭ. ކުރިން ކުރި ކޮންމެ ކަމެއްގައި ވިވިއަން ހުރެފަ، ވިވިއަންގެ އެހީތެރިކަމަށް އާދަވެފަ ހުއްޓަ، އެހެންވީމަ، އަނެއްކާ ކިޔެވުމުގެ ސްޓްރެސްވެސް ހެންޑަލް ނުކުރެވިދާނެއޭ ހީވަނި." ލުޔޫނާ ހާމަކޮށްލިއެވެ.

"އަދި އިރާދުކުރެއްވިއްޔާ ރަނގަޅުވާނެ." އަޒްލަފް ހިތްވަރު ދިނެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟" ލުޔޫނާ ވެސް ބޯޖަހާލަމުން ފުރުސަތުގެ ބޭނުން ހިފާ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުކޮށްލަން ނިންމިއެވެ.

"ހޫމް." އަޒްލަފް ކޮފީ ތަށި ތުމުގައި ޖެހިއެވެ.

"މީ… އައި ނޯ ދިސް އިޒް ސަމްތިންގ ޕާރސަނަލްކަންވެސް. އެކަމަކުވެސް… އައި…" ލުޔޫނާ ޖެހިލުންވިކަން އަޒްލަފްއަށް އެނގުނެވެ. އޭނާ ކުރިއަށް ގެންދާށޭ ބުނެ ބުމަ އަރުވާލަމުން ބޯ ޖަހައިލީ ލުޔޫނާ ކުރާނެ ސުވާލެއް އެނގޭ ފަދައަކުންނެވެ. އެ ދައްކަން އުޅެނީ ޝައުފާގެ ވާހަކަކަން އަޒްލަފްވެސް އެނގުނެވެ.

"ނޯ . ލީވް އިޓް.." ދެފަރާތަށް ބޯ ހޫރާލި ލުޔޫނާ ބުނެލީ އެއީ ރަނގަޅުގޮތެއް ނޫނޭ ވިސްނުމުންނެވެ.

"ޝައުފާގެ ވާހަކަ ދޯ އަހަން ތިއުޅެނީ އަސްލު." އަޒްލަފް ސުވާލުކޮށްލުމުން ލުޔޫނާ ބޯ ޖަހައިލިއެވެ.

"ވައި ޑިޑް ޔޫ ގާއިޒް…" މިފަހަރުވެސް ލުޔޫނާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އެ ކަންތައް އެނގުމުގެ ޝައުޤުވެރިކަމުގެ ސަބަބުން ސުވާލުކޮށްލެވުނު ނަމަވެސް، މިހާރު އޭނާއަށް ކުށްވެރި އިޙްސާސްއެއްވެސް ކުރުވަން ފަށައިފިއެވެ.

އެއާއެކު އަޒްލަފް ފުންނޭވާއެއް ދޫކޮށްލިއެވެ. އެ ވާހަކަ ދެއްކުމަކީ ފަސޭހަކަމެއް ނޫންނަމަވެސް، ލުޔޫނާއަށް ކޮންމެވެސް މިންވަރަކަށް ކިޔައިދޭން އޭނާގެ އަމިއްލަ ޒަމީރު ގޮވަން ފެށިއެވެ. ޝައުފާ އަކީ އޭނާގެ ދަރިފުޅުގެ މަންމައަށް ވީތީ އޭނާގެ ގޯސް ވާހަކަ ދެއްކުމަކީ މީގެ ކުރިން ދުވަހަކުވެސް އަޒްލަފް ކުރިކަމެއް ނޫނެވެ. އެހެންނަމަވެސް ކީއްވެކަމެއް ނޭނގެއެވެ. ލުޔޫނާގެ ކައިރީގައި ހިތުގެ އުދާސްތައް ކޮންމެވެސް ވަރަކަށް ހާމަކޮށްލަން ހިތް އެދި ގޮވަން ފެށިއެވެ. އަމިއްލަ ދިރިއުޅުން ފެށިފަހުން ދިމާނުވިއެއްކަމަކު، ލުޔޫނާ އަކީ އެންބީބީއެސް ދުވަސްވަރު އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާއެވެ.

"ޝީ ޗީޓެސް އޮން މީ. " ޝައުފާ ވަރިކުރުމުގެ ކުރިންވެސް އަދި ފަހުންވެސް، އެހެން މީހެއްގެ ކައިރީގައި އެ ގޮތަށް އެ ލަފުޒުތައް މި ނޫނީ އަޒްލަފް ބޭނުންކޮށްފައެއް ނުވެއެވެ. "ނޮޓް ވަންސް… ނޮޓް ޓުވައިސް…" އެހެން ބުނެލިއިރު އަޒްލަފްއަށް ފުންނޭވާއަކާއެކު ދެލޯވެސް މަރާލެވިއްޖެއެވެ. އެ ދުވަސްތައް އަދިވެސް ދެންމެ ވީ ކަމެއްހެން އޭނާގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. އޭނާގެ ވަފާތެރިކަމުގެ ބަދަލު ޝައުފާ ދިން ގޮތަކީ އެއީއެވެ. އޭނާގެ ލޯބީގެ ބަދަލުގައި ދިން ހަދިޔާ އަކީ އެއީއެވެ.

"އައެމް ސޮރީ…" އަޒްލަފް އިސްޖަހާލިތަން ފެނިފައި، އިތުރަށް އަމިއްލަ ނަފްސު ކުށްވެރިކުރުން ނޫންކަމެއް ލުޔޫނާއަކަށް ނުކުރެވުނެވެ. މާފަށް އެދުމުން އަޒްލަފް އެއްޗެއް ނުބުނުމުން ދެވަނަ ފަހަރަށްވެސް، އޭނާ މާފަށް އެދުނެވެ.

"އިޓްސް އޯކޭ… އައި އެމް ފައިން ނައު." އަޒްލަފް އެހެން ބުންޏެއްކަމަކު އެކަމުން އޭނާއަށް އައި ބަދަލުތައް ލުޔޫނާއަށް ރަނގަޅަށް ފާހަގަކުރެވުނެވެ. އަޒްލަފް ފަދަ މީހަކާ އެކު އުޅެމުން ޝައުފާ އެހެން މީހަކާ ގުޅުން ބާއްވާނީ ހާދަ ގޮތެއް ނެތީމައޭ ލުޔޫނާގެ ހިތަށް އެރިއެވެ.

"ކޮފީ ވަރަށް މީރު އިނގޭ." ތަނުގައިވި ނުތަނަވަސްކަން ދުއްވާލަމުން ލުޔޫނާ އެހެން ބުނެލީ މައުޟޫ ބަދަލުކޮށްލުމުގެ ގޮތުންނެވެ. އެ ދެމީހުން އެކި އެކި ވާހަކަތަކުގައި އެތަކެއް އިރަކު އެތަނުގައި ތިއްބެވެ. އެވަގުތު ކޮޅަށް ނިމުން އައީ، އައި ފޯނު ކޯލެއްގެ ސަބަބުން ލުޔޫނާ ދާން ޖެހުމުންނެވެެ.

"ތެންކިއު ފޯރ ދި ކޮފީ." ލައުންޖުން ނުކުންނަމުން އަޒްލަފްއަށް ބަލައިލާފައި، ލުޔޫނާ ބުނެލިއެވެ. އޭނާ ގޮސް ނުކުތުމުންވެސް ދޮރާ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު އަޒްލަފްއަށް އިނދެވުނެވެ. އޭރު އޭނާގެ ތުންފަތްމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ.

****

ރޭގަނޑުގެ ވަގުތެވެ. އަފްނާން ގެއިން ނުކުތީ މައުވާގެ ގާތަށް ދިޔުމުގެ ނިޔަތުގައެވެ. މައުވާ އޭނާގެ ސޫރަ ދެކެން ބޭނުން ނުވާކަން އެނގިހުރެވެސް އަފްނާން މައުވާގެ ގާތަށް ދިޔުމަށް ނިންމީ ހިތުގައިވި ބޭޤަރާރުކަމެއްގެ ސަބަބުންނެވެ. މައުވާ ނުފެންނަ ހިސާބުގައި ހުރުމަކީ މިހާރު އޭނާއަށް އުނދަގޫކަމަކަށް ވަނީ ވެފައެވެ. އާދައިގެ ވަރެއްގައި ދުވެލި ބަހައްޓައިގެން އޭނާ ގޮސް ހޮސްޕިޓަލު ކައިރީގައި ސައިކަލު ޕާކުކޮށްލިއެވެ. އެއަށްފަހު ގޮސް އެތެރެއަސް ވަދެލިއެވެ. ލިފްޓަށް އަރައިގެން ގޮސް މައުވާއަށް ވާރޑަށް ވަނުމަށްފަހު މައުވާ އޮންނަ ކޮޓަރީގެ ދޮރު ކައިރީގައި އޭނާ މަޑުކޮށްލިއެވެ. ވަންނަން ވީތޯ ނުވަނަ އެތަނުން ދާންވީތޯ އޭނާގެ ސިކުނޑީގެ ތެރޭގައި ހައިޖާނުގަނޑެއް އުފެދުނެވެ. މަޑުކޮށްލައިގެން ހުރެވުނީ އެހެންވެގެންނެވެ. އެހެން ހުރެފައި އެންމެފަހުން ހިތްވަރުކޮށްފައި އޭނާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެެވެ. އޭރު މައުވާ އޮތީ ހޭލައެވެ. ކޮޓަރިރޭގައި ރާމިޒާވެސް ހުއްޓެވެ. އަފްނާން ފެނުމާއެކު ރާމިޒާގެ މޫނުމައްޗަށް ރުޅިވެރި އަސަރުތައް ވެރިވެ އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

އެތެރެއަށް ވަތް އަފްނާން ފެނުމާއެކު މައުވާއަށް އިރުކޮޅަކު އަފްނާންއަށް ބަލަހައްޓައިގެން އޮވެވުނެވެ. ކުރިއަށް ވުރެ ފިރިހެންވަންތަކަމަށް ދައްކައެވެ. ލާފައިވާ އަތްކުރު ޓީޝާޓުގެ ސަބަބުން އެ ބާރުގަދަ މުލައްދަނޑި އޮތީ ހާމައެވެ. އިސްތަށިގަނޑުގައި މުށިކުލައެއް ޖައްސާލާފައިވާއިރު، ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅީގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަމަށް ވަނީ އިތުރު ދިރުމެއް ގެނެސްދީފައެވެ. ފުރަތަމަ ފަހަރަށް އަފްނާން ފެނުމުން ފާހަގަނުކުރެވޭ އެތަކެއް ކަމެއް މައުވާއަށް ފާހަގަކުރެވުނެވެ.

"ކީއްކުރަން ތިއައީ؟ ހަމަ މިހާރު މިތަނުން ދޭ!" އަފްނާން ފެނުމުން މިފަހަރު ރާމިޒާގެ ރުޅިގަނޑު ކޮންޓްރޯލެއް ނުވިއެވެ. އޭނާގެ ސިކުނޑީގައި ގުގުމަން ފެށީ، ޔޫޝައުގެ ޖުމްލަތަކެވެ. މައުވާ ހޭލާ އޮތްކަމާއި، ޙާލަތުގެ ނާޒުކުކަންވެސް ކުޑަ ވަގުތުކޮޅަކަށް އޭނާ ހަނދާންނެތުނެވެ. ރާމިޒާގެ ރުޅިވެރި އަޑު ކޮޓަރިތެރޭގައި ގުގުމާލުމާއެކު އަފްނާންގެ އިތުރުން މައުވާއަށް ވެސް ސިހުން ލިބިގެން ދިޔައެވެ. މީގެ ކުރިން ވެސް ރާމިޒާ އޭނާ އެތަނަށް އައުމުން ހިތްހަމަ ނުޖެހޭކަން އަފްނާންއަށް އެނގުނު ނަމަވެސް، އެހާ ބޮޑަށް ރާމިޒާ ރުޅިއައިސްފާނެކަމަށް އޭނާއަށް ހީކުރެވިފައެއް ނުވެއެވެ.

"އަދިވެސް ކުރެވުނު ވަރު ކުޑައީތަ؟ ކިހާވަރަކަށް މަގޭ ދަރިފުޅުގެ ދިރިއުޅުމާ ކުޅެވުނީމަތަ ހިތްހަމަޖެހޭނީ. އަފްނާން މިތަނަށް އައިސްގެން މައުވާއަށް ލިބޭނެ އެއްވެސް ހިތްހަމަޖެހުމެއް އަދި އުފަލެއްވެސް ނޯންނާނެ." ރާމިޒާގެ އަޑު ހިނދެއް ހިނދަކަށް ބާރުވަމުން ދިޔައެވެ.

"މައު.. ޕްލީޒް ލިސެން ޓު މީ. އެންމެ ފަހަރަކު. މަންމަ ކައިރީގައި ބުނެބަ…. ޕްލީޒް…" އަފްނާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

"އަފްނާން ޕްލީޒް ގޯ." މައުވާ ބުނެލިއެވެ. އޭރު އޭނާގެ ދެލޯވެސް ތެމިއްޖެއެވެ. އަފްނާންއާ ވާހަކަ ދައްކާނެ ހިތްވަރެއް އޭނާގެ ނެތެވެ.

މައުވާވެސް އެބުނީނު ދާށޭ. ކީއްވެތަ އެގޮތަށް ކަންތައްކުރީ؟ މައުވާ އަފްނާންއަށް ކޮންކަމެއް ކޮންގެންތަ އެންމެންގެ ތެރޭގައި…" އެހިސާބަށް ބުނެފައި ރާމިޒާ މަޑުޖެހިލިއެވެ. އޭނާ މައުވާއަށް ބަލައިލިއެވެ. އެ ހަނދާންތައް އަލުން އަނެއްކާ އާވެގެން މައުވާއަށް އިތުރު ތަކުލީފެއް ލިބޭކަށް އޭނާ ބޭނުމެއް ނޫނެވެ. ރާމިޒާގެ ވާހަކަތަކުން އެންމެ ފުރަތަމަ މި ކޮޓަރިތެރެއިން ރާމިޒާއާ ދެ އަހަރުފަހުން ދިމާވި އިރު ނޭނގޭ އެތަކެއް ކަމެއް މިހާރު އެގިއްޖެކަމާއި، އަދި އެ ހުރިހާކަމެއްގެ ތަފްސީލް އެނގިއްޖެކަން އަފްނާންއަށް އެނގުނެވެ. އަދި އެ ހުރިހާކަމެއް ރާމިޒާއަށް ކިޔައިދިނީ ޔޫޝައު ނޫނީ، ޒާޔާކަމާ މެދު އޭނާއަށްޝައްކުވީ އެ ދެމީހުންގެ އިތުރުން މަދު ބަޔަކަށް ނޫނީ މައުވާ އެ ޙާލުގައި އޮތްކަން ނޭނގޭތީއެވެ.

"އަފްނާން ފެންނަ ކޮންމެ ފަހަރަކު އެ ހުރިހާކަމެއް މަތިން މައުވާ ހަނދާންވާނެ. އެހެންވީމަ މިތަނުން ދޭ…" މައުވާގެ ކަރުނަވީ ދެލޯ ފެނުމުން ރާމިޒާގެ އަޑުވެސް މަޑުވެ އޭނާވެސް ޖަޒުބާތީ ވެއްޖެއެވެ.

"މަންމާ… " މައުވާއަށް ގޮވާލެވުނެވެ. އޭނާ އެދުނީ ރާމިޒާ އޭނާގެ ގާތަށް އައުމަށެވެ. ރާމިޒާ ގޮސް މައުވާގެ ގާތުގައި މަޑުކޮށްލާ އެ ކަރުނަތައް ފުހެދިނެވެ.

"މިތަނަށް ދެން އައިސްގެން ނުވާނެ. " ރާމިޒާ ދެވަނަ ފަހަރަށް އިންޒާރުގެ ބެލުމަކާއެކު ބުނެލިއެވެ. އެއާއެކު އަފްނާން އެތަނުން ނުކުތީ މައުވާއާ މެދު ވިސްނާލާފައިނަމަވެސް، މައުވާ ނުފެނި ގިނަ ދުވަހު ކެތްނުކުރެވޭނެކަން އަފްނާންއަށް އެނގުނެވެ. އޭނާގެ ހިތުގައި މައުވާއާ ދޭތެރޭ ވާ ލޯބި އޭނާ އަދިވެސް މައުވާގެ ގާތަށް ގެންނާނެކަން އަފްނާންއަށް ވެސް ޔަޤީންކުރެވުނެވެ. ސަބަބަކީ މިހާރު އޭނާގެ ހިތަކީ އަމިއްލަ ބާރު ފޯރުވޭ އެއްޗެއް ނޫނެވެ. އެ ހިތުގެ ނުކިޔަމަންތެރިކަމުގެ ކުރިމަތީގައި އޭނާ ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު