ޓްރަމްޕާއި އެންވިޑިއާގެ ސީއީއޯ ބައްދަލުކޮށް ޑީޕްސީކްއާ ބެހޭގޮތުން މަޝްވަރާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާން ވައިޓް ހައުސްގައި ބައްދަލުކޮށް، ޗައިނާގެ ޑީޕްސީކް ކުންފުނީގެ އޭއައި މޮޑެލްގެ ފެންވަރާއި އޭއައި ޗިޕް އެކްސްޕޯޓްކުރުން ހަރުކަށިކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފިކަމަށް މަޢުލޫމާތު ލިބިފައިވާ ފަރާތަކުން ބުނެފިއެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގެ ތަފްސީލު ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، ހުއާންގްއާއި ޓްރަމްޕް ބައްދަލު ކުރެއްވި ކަމަށް އެހެން ނޫސްތަކުން ވެސް ވަނީ ރިޕޯޓްކޮށްފައެވެ.

"ކުރިއަށް އޮތްތާނގައި ވާނެ ގޮތެއް އަހަރެންނަކަށް ނޭނގެ. އަހަރެމެން ބައްދަލުކުރިން. އެއީ ރަނގަޅު ބައްދަލުވުމެއް،" ޓްރަމްޕް ވިދާޅުވި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ހުކުރު ދުވަހުގެ މެންދުރުފަހު މި ބައްދަލުވުން ބާއްވާފައި މިވަނީ، މި އަހަރުގެ ފަހުކޮޅު އެމެރިކާ ސަރުކާރުން އޭއައި ޗިޕް އެކްސްޕޯޓްކުރުމުގެ ގަވާއިދުތައް އިތުރަށް ހަރުކަށިކުރަން ނިންމާފައިވަނިކޮށެވެ.

މިއީ އެޑްވާންސްޑް ކޮމްޕިއުޓިން ޕަވާ އެމެރިކާއާއި އެ ގައުމުގެ އެލައިންސްތަކުގައި ހިފެހެއްޓުމަށާއި، ޗައިނާއަށް މިކަމުގެ އެކްސެސް ހުއްޓުވުމަށް އިތުރު ގޮތްތަކެއް ހޯދުމަށް ކުރާ މަސައްކަތެކެވެ.

"ރައީސް ޓްރަމްޕާ ބައްދަލުކޮށް ސެމިކޮންޑަކްޓަރުތަކާއި އޭއައި ޕޮލިސީއާ ބެހޭގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ލިބުނުކަމަށް ޓަކައި އަޅުގަނޑުމެން އުފާކުރަން، ޖެންސެންއާއި ރައީސް، އެމެރިކާގެ ޓެކްނޮލޮޖީއާއި އޭއައި ދާއިރާގެ ލީޑަރޝިޕް ވަރުގަދަކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރެއްވި." އެންވިޑިއާގެ ތަރުޖަމާނެއް ބުނެފައިވެއެވެ.

އެންމެ އެޑްވާންސްޑް އޭއައި ޗިޕްތައް އުފައްދާ، ސެންޓާ ކްލާރާގައި ހުންނަ މި ކުންފުނީގެ ސީއީއޯއާއި ރައީސް ޓްރަމްޕްގެ ބައްދަލުވުން ރޭވިފައިވަނީ ޑީޕްސީކްގެ އޭއައި މޮޑެލް ޓެކް ދުނިޔެ ހައިރާންކުރުމުގެ ކުރިންކަމަށް މި މަޢުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

މީގެއިތުރުން، ޗައިނާގެ މި ކުންފުނި ކުރިއަރައި ދިއުމުން "އެމެރިކާގެ ކުންފުނިތަކުން ކުޑަ އަގެއްގައި (އޭއައި) އޯލްޓަނޭޓިވްއެއް އުފެއްދުމަށް ގިނަ ފައިސާ ޚަރަދުކުރާކަށް ނުޖެހޭނެ" ކަމަށް ރައީސް ދެކެވަޑައިގަންނަވާކަމަށްވެސް މި ފަރާތުން ބުނެފައިވެއެވެ.

އެމެރިކާގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނިކަމަށްވާ އެންވިޑިއާއަކީ، އޭއައި ޗިޕްތައް އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ކުންފުންޏެކެވެ. އެމެރިކާގެ ސަރުކާރުން ޗައިނާއަށް އެޑްވާންސްޑް ޓެކްނޮލޮޖީ އެކްސްޕޯޓްކުރުން ހުއްޓުވުމަށް މަސައްކަތްކުރަމުންދާއިރު، އެންވިޑިއާގެ ޗިޕްތައް ޗައިނާއަށް ވިއްކުމާމެދު ސުވާލު އުފެދިފައިވެއެވެ.

އަނެއްކޮޅުން، ޗައިނާގެ ޑީޕްސީކް ކުންފުނިން ތަޢާރަފުކުރި އައު އޭއައި މޮޑެލްގެ ފެންވަރު މަތިވުމާ ގުޅިގެން، އެމެރިކާގެ ޓެކްނޮލޮޖީ ދާއިރާގައި ކަންބޮޑުވުން އުފެދިފައިވެއެވެ.

މި ހާލަތުގައި، ރައީސް ޓްރަމްޕާއި އެންވިޑިއާގެ ސީއީއޯ ބައްދަލުކުރުމަކީ، އެމެރިކާގެ އޭއައި ޓެކްނޮލޮޖީގެ މުސްތަޤުބަލަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމުގައި ބެލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު