"އަހަރެން އެދުވަހު ބުނީމެއްނު މީހެއްގެ ވާހަކަ" އޮފީހަށް ދިޔަގޮތަށް އަފްސަމް ވަނީ ރަޔާންގެ ކެބިންއަށެވެ. "އަހަންނަށް އެނގިއްޖެ ހުރިހާ ކަމެއްގެ ފަހަތުގަ ހުރީ ކާކު ކަން"

********

ރަޔާން އިނީ ފޯނެއްގައެވެ. އަފްސަމް ފަހު ޖުމުލަ ބުނުމުގެ ކުރިން ރަޔާން އަތުގެ އިޝާރާތުން އަޑުމަޑުކުރުމަށް އެދުނެވެ.

"މިނިސްޓްރީއިން އެގުޅީ" ފޯނު ބޭއްވިއިރު، ރަޔާންގެ މޫނުން ފެންނަމުން ދިޔައީ ހާސްކަމެވެ.

"ޕްރޮޖެކްޓްގެ މަސައްކަތް ލަސްވީދޯ؟" އަފްސަމްއަށް ވީގޮތް އެނގުނެވެ.

"މިއަދު އެބަޖެހޭ ކޮންމެހެންވެސް އެ ޕްރޮޖެކްޓްގެ ޑީޓެއިލްސް ނިންމާލަން... ނަވީންއާ ހަވާލުކޮށްގެން އުޅޭތާ ކޮން ދުވަހެއް... މިހާރު މާބޮޑަށްވެސް ލަސްވެއްޖެ! އަފްސަމް އެކަމާ ހަވާލުވާންވީނު.." ރަޔާން އެދުނެވެ.

"ނަވީން މިހާރު އޮފީހުގެ އެއްކަމެއްވެސް ނުކުރޭ!.." އަފްސަމް ޗޮކެއް ކަނޑައިލިއެވެ. "އޭނަ ހުންނަނީ ވަރަށް ފާޑަކަށް... މަންޖެ ކެޓީހެން ހީވަނީ"

"ތިއެއް ނޫނޭ، ކީކޭ ދެންމެ ބުނީ؟" އެއްޗެއް ހަނދާންވާ ފަދައިން ރަޔާން ބުނެލިއެވެ.

"އާނ، އޭރު ބުނީ ޔަލްވީއަށް އެޓޭކްކުރި މީހާ އެނގިއްޖެއޭ" ރަޔާން ކުއްލިއަކަށް މައުޟޫޢު ބަދަލުކޮށްލުމުން އަފްސަމްއަށް ޖެހުނީ ކުރިން ދެއްކި ވާހަކައަށް ވިސްނާލާށެވެ. "އެއީ ޔަލްވީގެ އެކްސް.. ޝިފާންއެއް ކިޔަނީ... ހުރިހާ ކަމެއްގެ ފަހަތުގަ ހުރި މީހަކީ އެއީ..."

"ކިހިނެއް އޭނަ ކަން އެނގުނީ؟" ރަޔާންގެ މޫނުން ފެނުނީ ހައިރާންކަމެވެ.

"އެދުވަހު ބުނީމެއްނު ގެއަށް ވަދެގެން އުޅެނިކޮށް މީހަކު ފެނުނު ވާހަކަ... އެއީ އެ ޝިފާން.. ރަނގަޅަށް ވިސްނާލީމަވެސް އޭނަގެ މޯޓިވްއަކީ ކޮބައިކަން އެބަ އެނގެއެއެއްނު" އަފްސަމް ތަފްސީލް ދިނެވެ.

"އެކަމަކު، އެއީ މާލޭގަ އުޅޭ މީހެއްނު" ރަޔާނަށް ގަބޫލުކުރަން ދަތިވިއެވެ.

"އޭނަ މިރަށުގަ އުޅޭތާ ދުވަސްކޮޅެއް ވެއްޖެ!" ރަޔާންގެ ޖުމުލަ ފުރިހަމަނުވަނީސް އަފްސަމް ބުނެލިއެވެ. "މިއަދު އޭނަ އުޅުނުގޮތުންވެސް އަހަންނަށް ޝައްކުވެއްޖެ.. ހަމަ އަހަރެން ފެންނައިރަށް ގޮއްސި.. ރަނގަޅު ނިޔަތެއްގަ އައިއްޔާ ދާންވީ ކީއްވެ؟ އަނެއްކާ އެ ގެނައި އަންހެންމަންޖެ އުޅުނު ޔަލްވީއާ ޒުވާބު ފަށާލައިގެން"

"އޭނ؟" ރަޔާންގެ ޝައުގުވެރިކަން އަފްސަމް އެންމެ ފަހުން ބުނި ވާހަކައަށް ހުއްޓުނެވެ. "ކޮންކަމަކާ ޒުވާބު ކުރީ؟"

"ޒުވާބު ކުރާނީ ޖެލަސްވީމައެއްނު" އަފްސަމް ސަމާސާކޮށްލިއެވެ. "ލޯބިވާ ފިރިމީހާގެ ކޮޓަރިއަކަށް ނުވަދެވޭނެޔޯ ހުއްދަ ނުހޯދައެއް... ލޯބިވާ ފިރިމީހާއަށް ބަލާގޮތެއް ކަމަކުނުދެޔޯ"

"ޔަލްވީތަ އެހެން ބުނީ؟" ރަޔާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"އާނ ދެން އެހެން ކާކު؟" އަފްސަމް ހީގަތެވެ. "ޔަލްވީ ހާދަ ބަދަލުވެއްޖެއޭ... އޭނަ މިހާރު ރަޔައްޓެދެކެ ވަރަށް ލޯބިވޭ.. ލޯބިވެވުނީމަ އެކަހަލަ ބަދަލުތައް ފެންނާނީ.. އައި އޭމް ހެޕީ ފޯރ ޔޫ"

އަފްސަމް ދިޔުމުންވެސް ރަޔާނަށް އިނދެވުނީ ހިނިއައިސްފައެވެ. ޔަލްވީ ރަޔާންދެކެ ލޯބިވާކަން އެނގުނު ނަމަވެސް އެވަރަށް ލޯބި ވެދާނެކަމަށް ރަޔާން އޭގެ ކުރިން ހިތަށްވެސް ނާރައެވެ. ޔަލްވީއަކީ އެކުވެރިންނަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެކެވެ. އެކަމަކު، އެ އެކުވެރިންނަށްވުރެ ބޮޑަށް ރަޔާނަށް އިސްކަންދީފާނެކަމަށް އޭނާ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ.

ބްރޭކް ގަޑި ޖެހުމާއިއެކު، ރަޔާން އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. އަފްސަމް ދެއްކި ވާހަތަކަށްފަހު، ޔަލްވީ ދެކިލާހިތުން ރަޔާންގެ ހިތް ވަނީ ބޭގަރާރުވެފައެވެ. މިއަދު ޔަލްވީގެ ކުރިމަތީގައި އޭނާ ލޯބިވާވަރު ހާމަކުރަން ރަޔާން ބޭނުންވިއެވެ. ކައިވެނިކޮށްގެން އެހާ ދުވަސްވީއިރުވެސް، އެކަކު އަނެކަކުދެކެ ލޯބިވާ ވާހަކަ އެހާ ފާޅުކަން ބޮޑުގޮތެއްގައި ދުލުން ބުނެވިފައިނުވާތީ، އެ ދުރުކަން ނެތިކުރަން ރަޔާންގެ ހިތް އެދުނެވެ.

ރަޔާން ގޮސް ކޮޓަރިއަށް ވަތްއިރު، ޔަލްވީ އޮތީ އެނދުގައެވެ. މުޅި ގައިގައި ބެޓްޝީޓް އަޅައިގެން އޮތްގޮތުން އޭނާއަށް ހިނިތުންވެލެވުނެވެ. ރަޔާން މަޑުމަޑުން ޔަލްވީގެ ކައިރީގައި އިށީނެވެ. އެވަގުތު ޔަލްވީ ކުޑަކޮށް ތެޅިލިއެވެ.

"އައި ލަވް ޔޫ" ރަޔާންގެ އަޑުގައި މަސްތީގޮތެއް ހުއްޓެވެ.

ރަޔާން ބެޓްޝީޓާއިއެކީ ޔަލްވީގެ ގައިގައި ބައްދާލިއެވެ. ގުޑި ނުލެވޭވަރަށް ހިފަހައްޓާލިއެވެ. އެއާއިއެކު، ލުއި ހިނިތުންވުމެއްގެ އަޑު އިވިގެންދިޔައެވެ.

********

އަފްސަމް އޮފީހުން ނުކުތީ ރަޔާނަށްވުރެ ފަހުންނެވެ. ރަޔާން ބުނި މަސައްކަތް ނިންމާފައި ހިންދެމިލިއިރު، ތަންކޮޅެއް ލަސްވީއެވެ. ވެފައި ހުރި ވަރުބައްޔާއިއެކު އަފްސަމް ސައިކަލަށް އެރިއެވެ. އެވަގުތު ރަށުގެ ބޮޑުމަގުންލާފައި ދުވެފައި ދިޔަ އަންހެންކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އެކުއްޖާގެ ފަން އިސްތަށިގަނޑު ވަޔާއި ވިހުރެމުންދިޔަގޮތުން އަފްސަމްއަށް އެއީ ކާކުކަން އެނގޭކަށް ގިނައިރެއް ނުނެގިއެވެ.

"ޔަލްވީ؟" އަފްސަމްގެ މޫނުން ފެނުނީ ހައިރާންކަމެވެ.

އަފްސަމް ވަރަށް ބާރަށް ސައިކަލު ދުއްވާފައި ޔަލްވީގެ ފަހަތުން ދިޔައެވެ. ޔަލްވީ ދުވެފައި ގޮސް ވަނީ ގަބުރުސްތާނުގެ ތެރެއަށެވެ. އަފްސަމް ސައިކަލު ޕާކުކޮށްފައި ޔަލްވީގެ ފަހަތުން ގަބުރުސްތާނުގެ ތެރެއަށް ވަނެވެ. އޭރު އޭނާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ޔަލްވީ ކުރަން އުޅެނީ ކީއް ހެއްޔެވެ؟ ވަކި ހިސާބަކުން ޔަލްވީގެ ރުއިމުގެ އަޑު އިވެން ފެށިއެވެ.

"ޔަ...ޔަލްވީ" އަފްސަމްގެ އަޑު ނުކުތީ ކިރިޔާއެވެ.

ގަބުރުސްތާނު އޮތީ ޖަންގައްޔެއް ހެންނެވެ. ބޮޑެތި ގަސްފަޅައި، ވިނަގަނޑު ބޮލެވެ. ކޮށާފައިވާ ހަނިމަގު ވަނީ ދެފަރާތުގައި ހެދިފައިވާ ވިނަގަސްތަކުން ބެދިފައެވެ. އެތެރެއަށް ވަދެގެންދިޔަ އަފްސަމް ދެއަތުން ވިނަގަސްތައް އެއްފަރާތްކޮށް، މަގުން ޖާގަހެދިއެވެ.

"ޔަލް..ވީ" އަފްސަމް ކުރިއަށްވުރެ ބާރަށް ގޮވާލިއެވެ.

ރަޔާންގެ މަންމަގެ މަހާނައިގެ ކައިރިއަށް ދެވުމާއިއެކު، ޔަލްވީއަށް ކުޑަކަކޫ މައްޗަށް ތިރިވެވުނެވެ. މާފަށް އެދި ރޮއެ އާދޭސްކުރެވުނެވެ. މީހަކު ހިތުގައި ޖެހޭ ކަހަލަ އެއްޗެއް ދެން ދުވަހަކުވެސް ނުބުނަން އޭނާ ވައުދު ވިއެވެ. އޭރު ޔަލްވީގެ އަޑުވެސް ވަނީ ކުރެހިފައެވެ. ކަރުނަ ހުސްވިޔަސް އޭނާގެ ފަރުވާލެއް ނެތެވެ. އެދުވަހު ޔަލްވީގެ ވިހަގަދަ ބަސްތަކުގެ ސަބަބުން އެމަންމަގެ ހިތުގައި ޖެހޭނެވަރު މިއަދު ޔަލްވީއަށް އިހުސާސްކުރެވިއްޖެއެވެ. ދެރައީ، މިއަދު އެ މަންމަ ވަނީ މާފު ދެވޭވަރަށްވުރެ ދުރުގައިކަމަށް ވީތީއެވެ. ދުލުން ބުނެފި ބަހަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫނެވެ. ވަގުތު ފާއިތުވުމުން ދެން އެވަގުތެއް އަނބުރާ ނުލިބޭނެއެވެ.

ޔަލްވީގެ ހަރަކާތްތަކަށް ބަލަން އަފްސަމަށް އިރުކޮޅަކު ހުރެވުނެވެ. އަފްސަމްގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. މިއަދު ރަޒީނާ ދުނިޔޭގައި ހުރިނަމަ، ޔަލްވީގެ އުޅުމަށް އައި ބަދަލުން އެންމެ އުފާކުރާނެ މީހަކީ އެއީއެވެ. އަފްސަމް މަޑުމަޑުން ހިނގާލާފައި ގޮސް ޔަލްވީގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ.

"އަހަ..ންނަކީ ކުށް..ވެރި..އެއް..... ކުށް..ވެރި..އެއް....." ޔަލްވީއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ރޮވޭވަރުން އަޑު ނުކުންނަނީ ކިރިޔާއެވެ.

"ތިހެން ނުބުނޭ..... އިންސާނުންނަށް ކުށްވެސް ކުރެވޭނީ.... ކުށެއް ކުރެވުމުން އެކަން ވިސްނި، ތަޢުބާވެ، ދެވަނަ ފަހަރަށް އެކަމެއް ތަކުރާރު ނުކުރީމަ އެނިމުނީ..... ހިނގާ މިތަނުން ނުކުންނަން.... މިތަނަށް އައިސް ތިގޮތަށް ރޮއެ ހެދީމަ ކަމަކު ނުދާނެ...." އަފްސަމް މަސައްކަތްކުރީ ޔަލްވީ އެތަނުން ނެރޭށެވެ.

"ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން!.... ތައުބާވެސް ވާނަން!" ކުރިއަށް ހިނގައިގަނެފައި، ޔަލްވީ އަނެއްކާވެސް ރޯން ފެށިއެވެ. "އަހަރެން ދެން ކިހިނެއް ރެންގެ ކުރިމައްޗަށް އަރާނީ؟ އަހަރެންގެ މަންމަމެންނަށްވެސް...."

އަފްސަމް އެތައް އެއްޗެއް ކިޔައިގެން ގެއަށް ދިޔުމަށް ޔަލްވީ އެއްބަސްވިއެވެ. ގިނައިރު ރުއިމުގެ ސަބަބުން ޔަލްވީގެ ދެލޯވެސް ވަނީ ދުޅަވެފައެވެ. ޔަލްވީ ހަމައަކަށް އެޅުނު ނަމަވެސް އެހިތް އެކީ ވަނީ ފާރުވެފައެވެ. ދުވަހަކު ނުފިލާނޭ ލައްގަނޑެއް ހިތުގައި ލައްވާލިއެވެ. މައިންބަފައިން ދުނިޔޭގައި ތިބުމުގެ ނަސީބަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ނަސީބެވެ. ގިނަ މީހުންނަށް އެ ނިއުމަތުގެ އަގު ވަޒަންކުރެވޭނީ އަތުން ބީވެގެން ދިޔުމުންނެވެ. ނަފީސާގެ މަތިން ހަނދާންވެ، ޔަލްވީގެ ހިތުގައި ދިލަ ރިހުމެއް އުފެދުނެވެ. މަންމަމެންގެ ހާލު ބަލާލާ ހިތުން ކެތްމަދުވާން ފެށިއެވެ. ވެދިޔަ ކަންތަކުގައި ނަފީސާގެ ކުށެއްނެތި، ޔަލްވީ ކަންތައް ކުރީ އިހާނެތިކޮށެވެ. ކަންތައް ކުރެވިފައިވާގޮތުން، މިއަދު އެ މަންމައާއި ކުރިމަތިލާންވެސް ޔަލްވީއަކަށް ފަސޭހައެއް ނޫނެވެ.

********

ސިހިފައި ރަޔާންއަށް ދުރަށްޖެހިލެވުނީ އިވުނީ ޔަލްވީގެ އަޑު ނޫންކަން އެނގުމުންނެވެ. ތުރުލަމުންދިޔަ އަތުން ބެޓްޝީޓް ދަމައިގަތުމާއިއެކު ފެނުނު މަންޒަރުން ރަޔާންއަށް ދެފިޔަވަޅު ފަހަތަށް އަޅާލެވުނެވެ.

"ތޫބާ؟....." ރަޔާންއަށް ލިބުނީ ކުއްލި ސިހުމެކެވެ.

"އަހަރެން ހީކުރީ އަހަރެންގެ ނަންވެސް ހަނދާން ނުހުންނާނެކަމަށް" ތޫބާ ތުއިގޮތަކަށް ބުނެލިއެވެ.

ރަޔާންގެ ސިހުން ފިލައިގެން ނުދިޔައެވެ. ޔަލްވީއާއިއެކު ކޮޓަރީގައި އުޅެނިކޮށް، ޓަކި ނުޖަހައި އެތެރެއަށް ވަން ނަމަވެސް، ތޫބާއަކީ ރަޔާނާއި އެފަދަގޮތަކަށް ކުރިމަތިލާ ފެންވަރަށް ވެއްޓޭހާ ގޮތެއްފޮތެއް ނެތް އަންހެން ކުއްޖެއް ކަމަށް އޭނާ ހީވެސް ނުކުރެއެވެ.

"ޔަލްވީ!" ރަޔާން ހީކުރީ ޔަލްވީ އުޅުނީ ފާހާނާގައި ކަމަށެވެ.

"ޔަލްވީ ނެތް ގެއަކު... އޭނަ ގޮއްސި" ތޫބާ ބުނެލިއެވެ.

ރަޔާންގެ ދެބުމަ ގޮށްޖެހުނެވެ. އޭނާގެ މުޅި ދުވަސް ހަރާބުވިއެވެ. ރަޔާންގެ އެނދުން ޔަލްވީއަށް ހުސްކުރެވިފައިވާ ޖާގައިގައި އެހެން އަންހެނަކަށް އޮވެވިގެން ނުވާނެއެވެ.

"ތިކުރަނީ ވަރަށް ހަޑިމުޑުދާރު ކަމެއް" ރުޅި މަޑުކުރަން އުޅުނު ނަމަވެސް ރަޔާނަކަށް އެކަމެއް ނުވިއެވެ.

"މީކީ މައްސަލައެއް ނޫނޭ" ތޫބާ ތެދުވިއެވެ.

"ގެޓް އައުޓް!" ރުޅި އައިސްގެން ރަޔާނަށް މާނޭވާ ލެވެން ފެށިއެވެ.

"ތިހާ ސްމާޓް، ރީތި މީހެއް އަހަރެން ދުވަހަކުވެސް ނުދެކެން... އެކަމަކު ތިގޮތަށް ރުޅި އައިސް ހުންނައިރު ރެން އަކާ އެއްވެސް ވަރަކަށް ނުގުޅޭ...." ރަޔާންއާއި ގާތްވެލަމުން ތޫބާ ބުނެލިއެވެ.

ރަޔާން ވަގުތުން ދުރަށްޖެހުނެވެ. އެތަނުން ދާން ހިނގައިގަތެވެ. ތޫބާ ދުވެފައި ގޮސް ދޮރުމަތީގައި ހުއްޓުނެވެ. ރަޔާންއަށް ނުނުކުމެވޭނެހެން ދޮރުގެ ދެފަރާތުން ދެއަތް ހުރަސްކޮށްލިއެވެ. ތޫބާއަށް ޔަގީންވީ، ކޮޓަރިން ނުކުންނަން ކިތަންމެ ބޭނުންވިޔަސް، ދޮރުމަތިން ދުރުކުރުމަށް ރަޔާން އެނާގެ ގައިގައި އަތްނުލާނެކަމެވެ.

"ތަން ދައްކާ!....." ދެދަތްޕިލަ ޖައްސައި ބާރުކޮށްލައިގެން ހުރެ ރަޔާން އަމުރު ކުރިއެވެ.

ބޭރަށް ނުކުތުމަށް ކިތަންމެ ބޭނުންވި ނަމަވެސް ތޫބާގެ ގައިގައި އިނގިލި ކުރި ޖައްސާލަންވެސް ރަޔާން ބޭނުމެއް ނުވެއެވެ. ރީތި ގޮތުގައި ވާހަކަ ދައްކައިގެން ތޫބާ އަޑު ނާހާނެކަންވެސް ރަޔާނަށް އެނގުނެވެ.

"ކީއްކުރަންތަ ދަނީ؟.... ޔަލްވީއަށްވުރެ އަހަރެން ހުތުރީތަ؟... މިކަހަލަ ފުރުޞަތެއް ރެންއަކަށް ދެން ނުލިބޭނެ...." ތޫބާ ކުޑަކޮށް ކުރިއަށް ޖެހިލިއެވެ.

ތޫބާ އޭނާ ލައިގެން ހުރި ކަރުބޮޑު ހެދުން އިތުރަށް ތިރިކޮށްލިއެވެ. އެއާއިއެކު މޭމަތިން ބޮޑުބައެއް ހާމަވެގެން ދިޔައެވެ. ރަޔާންއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ.

"ދޮރު ހުޅުވާ!" ރަޔާންގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ.

ކުޑަވަގުތުކޮޅެއް ފާއިތުވެދިޔަ އިރުވެސް ތޫބާ ހުރިތަނުން ގުޑާލަންވެސް ހިޔާލު ނުކުރިއެވެ. ރަޔާންގެ ރުޅި އާއި ނަފުރަތު ފިޔަވައި އިތުރު އެއްޗެއް ނުލިބޭނެކަން އެނގުނު ނަމަވެސް މެއެވެ.

ރަޔާންގެ ބޯ ހާސްވެ، މުޅި މީހާ ދާހިއްލާ ފޯވިއެވެ. ފަންކާ ކިތަންމެ ބާރަށް އެނބުރުނަސް، އެއިން އެއްވެސް ފިނިކަމެއް ނުލިބުނެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ރަޔާން ކުޑަދޮރާއި ދިމާއަށް ދުއްވައިގަތެވެ.

"ވެއިޓް!" ރަޔާން ކުރަން އުޅޭކަންތައް ރޭކާލުމާއިއެކު ރަޔާންގެ ފަހަތުން ތޫބާވެސް ދުއްވައިގަތެވެ.

ފަހަތުން ގޮސް ތޫބާއަށް ހިފުނީ، ރަޔާން ލައިގެން ހުރި ގަމީހުގައެވެ. ވަގުތުން ގަމީހުގައި ހިފައި ދަމައިގަތެވެ. ރަޔާން ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. އެހެންކަމުން ދާދި ފަސޭހައިން ތޫބާ އާއި ދިމާއަށް އޭނާ ވެއްޓެން ދިޔައެވެ.

އަފްސަމް އާއިއެކު އައިސް ގެއަށް ވަން ޔަލްވީގެ ހައިރާންކަން އިތުރުވީ، ބޭރުގައި ރަޔާންގެ ބޫޓު އިންތަން ފެނުމުންނެވެ. އޮފީހުގެ ރަސްމީ ވަގުތުތަކުގައި ރަޔާން ގެއަށް އަންނަނީ ވަރަށް މުހިއްމު ކަމެއް ދިމާވެއްޖެނަމައެވެ. ބްރޭކްގަޑީގައިވެސް ގިނަ ދުވަސްދުވަހު ގެއަކަށް ނުދެއެވެ. ހަމަޖެހިލުމަށް މަސައްކަތްކުރަމުން ޔަލްވީ ހިނގައިގަތީ ކޮޓަރި އާއި ދިމާއަށެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމަށް ތަޅުގައި ހިފާލި ވަގުތު ޔަލްވީ ދިޔައީ ސިއްސައިގެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު