ސީއާރްވީއެސްއައިޑީ މެނޭޖްމަންޓް ނިޒާމު އަލުން ޑިޒައިންކުރަން ހަވާލުކޮށްފި

ރާޢްޖޭގެ ސީއާރްވީއެސް އައިޑީ އަލުން ޑިޒައިން ކުރުމަށް ހަވާލުކޮށްފި ---

ރާއްޖޭގެ ސިވިލް ރަޖިސްޓްރޭޝަން، ވައިޓަލްސް ސްޓެޓިސްޓިކްސް އަދި އައިޑެންޓިފިކޭޝަން މެނޭޖްމަންޓް ނިޒާމު އަލުން ޑިޒައިންކުރުމަށް ކޮންޓްރޯލް ޑޭޓާ (ތައިލެންޑް) ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑރ. މުޙައްމަދު ކިނާނަތެވެ. އަދި, ކޮންޓްރޯލް ޑޭޓާ (ތައިލެންޑް) ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނާޓް ލިއުޗަރެއޮންއެވެ.

މިނިސްޓްރީން ބުނީ، މި އެއްބަސްވުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީ ފޯރުކޮށްދެވޭނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއަރު)ގެ ފައުންޑޭޝަނަލް އައިޑެންޓިޓީ ސިސްޓަމް ހަރުދަނާކުރުމަށް ކަމަށާއި މި މަސައްކަތް ކުރިއަށް ގެންދަނީ ޑީމެޑް ޕްރޮޖެކްޓްގެ ދެވަނަ ކޮމްޕޯނަންޓްގެ ދަށުން ކަމަށެވެ.

މި ނިޒާމު ޤާއިމްކުރެވުމުން، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީން ބަލަހައްޓާ އީފާސް ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ހިންގުމާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީ އަދި ކައުންސިލްތަކުން ކުރަމުންގެންދާ އާބާދީ ބެލެހެއްޓުމުގެ މަސައްކަތްތަކާއި، ސިއްޚަތާ ބެހޭ ވުޒާރާ އަދި މޯލްޑިވްސް ސްޓެޓިސްޓިކަލް ބިއުރޯއަށް ބޭނުންވާ ތަފާސްހިސާބުތައް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން، ސައްޚަކަމާއި، ރައްކާތެރިކަމާއި ރިއަލްޓައިމްކޮށް އެކަށީންގެވާ ގޮތެއްގައި ލިބުމަށް މަގުފަހިވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަސައްކަތް ނިމުމާ އެކު، ޑީއެންއާރްއަށް ބޭނުންވާ ސޮފްޓްވެއާ އަދި ހާޑްވެއާ ހޯދުމުގެ މަސައްކަތް ޑީމެޑް ޕްރޮޖެކްޓުން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ކޮންޓްރޯލް ޑޭޓާ (ތައިލޭންޑް) ލިމިޓެޑް (ސީޑީޓީ)އަކީ ޑޭޓާ ބެކަޕް ސެންޓަރެއްގެ ގޮތުގައި މަސައްކަތް ފެށި އަދި ފަހުން އެމެރިކާގެ ކޮންޓްރޯލް ޑޭޓާ ކޯޕަރޭޝަންގެ ގޮތްޕެއްގެ ގޮތުގައި ތައިލޭންޑްގެ ސަރުކާރުގެ އިދާރާތަކަށާއި، ދައުލަތުގެ ވިޔަފާރިތަކަށާއި އަދި އަމިއްލަ ކުންފުނިތަކަށް ކޮމްޕިއުޓަރު މެއިންފްރޭމްތައް ފޯރުކޮށްދޭން ފެށި ކުންފުންޏެކެވެ.

ސީޑީޓީއަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ބަޔޮމެޓްރިކްއަށް ޚާއްޞަވެފައިވާ ޓެކްނޮލޮޖީ ޙައްލުތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. ޤައުމީ އައިޑީ ސިސްޓަމްތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން، ސީޑީޓީން ވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޑިޖިޓަލް އައިޑެންޓިޓީ ވެރިފިކޭޝަން ޕްލެޓްފޯމްތައް ތަރައްޤީކޮށްފައެވެ.

މީގެ ތެރޭގައި ތައިލެންޑްގެ ރައްޔިތުންނަށް އޮންލައިން މުޢާމަލާތްތަކުގައި އަދި ސަރުކާރުގެ ޚިދުމަތްތަކަށް ރައްކާތެރިކަމާ އެކު އެ މީހެއްގެ އައިޑެންޓިޓީ ކަށަވަރުކޮށްދިނުމަށް އެހީތެރިވެދޭ ތައި ޑިޖިޓަލް އައިޑެންޓިޓީ (ތައި އައިޑީ) މޮބައިލް އެޕްލިކޭޝަން ހިމެނެއެވެ.

މީގެ އިތުރުން، ސީޑީޓީން އަންނަނީ 1983 ވަނަ އަހަރުން ފެށިގެން ތައިލެންޑްގެ، އުފަންވުމާއި މަރުވުން އަދި އެހެނިހެން ވައިޓަލްސް ރިކޯޑުތައް ބަލަހައްޓާ ޑިޖިޓަލް ނިޒާމު ޤާއިމުކޮށް ބެލެހެއްޓުމުގެ މުހިންމު ދައުރެއް އަދާކުރެއެވެ. އަދި، 1990 ވަނަ އަހަރު މި ނިޒާމަށް ވަނީ ވޮޝިންޓަންގެ "ކޮމްޕިއުޓާ ވޯލްޑް ސްމިތްސޯނިއަން އެވޯޑް ފޯ އިމްޕްލިމެންޓިން ކޮމްޕިއުޓާ ޓެކްނޯލޮޖީ ޓު ޕްރޮޑިއުސް ބެނިފިޝަލް ޗޭންޖަސް ފޯ ސޮސައިޓީ" އެވޯޑް ލިބިފައެވެ.

comment ކޮމެންޓް