ޑައިމޯފިން ހިފައިގެން ރާއްޖެ އައުމުން 11 އަހަރަށް ޖަލަށްލައި 50،000 ރ. އިން ޖޫރިމަނާ ކޮށްފި

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުބާއީން ރާއްޖެ އައިއިރު، ފޮރުވައިގެން ޑައިމޯފިން ގެނައި ދިވެއްސަކު 11 އަހަރާއި ނުވަ މަހަށް ޖަލަށްލައި، 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ހުކުމް އިއްވީ، ލ. ގަން، މަތިމަރަދޫ، ބުރަޒީލް، މުހައްމަދު އަޝްފާގުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާކުރި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، މިދިޔަ އަހަރުގެ މެއިމަހުގެ 25ވަނަ ދުވަހު ދުބާއީން ރާއްޖެ އައިއިރު، ފޮރުވައިގެން ޑައިމޯފިން ގެނައުމެވެ.

އަޝްފާގު އެ ދުވަހު ރާއްޖެ އައިއިރު، އޭނާއަކީ އިތުރަށް ބަލައިފާސްކުރުމަށް ފާހަގަކޮށް، އެލާޓު ނެރެފައި އޮތް ފަސިންޖަރެކެވެ. ރާއްޖެ އައުމާއެކު، ކަސްޓަމްސް އޮފިސަރުން އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، ފަލަމަސްގަނޑުގައި އަޅާފައިވާ ދެ ގާޑުގެ ދަށުގައި 208 ގްރާމުގެ ޑައިމޯފިން ޑަކް ޓޭޕާއެކު އޮޅައިފައި ހުރި ކަމަށް މައްސަލައިގެ ދައުވާ ހުށަހަޅާ ފޯމާ ހަވާލައިދީ ހުކުމުގައި ވެއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަނީ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ކުށުގެ ދައުވާއެވެެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެ ކުރުމަކީ ނުވަތަ ރާއްޖެއިން ބޭރުކުރުމަކީ ކުށެކެވެ.

އެ ފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައި ވަނީ އުމުރަށް ޖަލަށްލުމާއެކު، 100،000 ރުފިޔާއިން ފެށިގެން 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މި މައްސަލައިގައި އަޝްފާގުވަނީ ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އެއްބަސްވުން ހަދައިފައެވެ. އެ އެއްބަސްވުމުގެ ދަށުން ދައުލަތުން އެދިފައިވަނީ އަޝްފާގުގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބުން އަށް މަހާއި ހަތަރު ދުވަސް އުނިކޮށްދިނުމަށެވެ.

އިއުތިރާފުގެ އެއްބަސްވުމަށް ރިއާޔަތްކޮށް ކޯޓުން އަޝްފާގުގެ މައްޗަށް ހުކުމްކުރީ، 12 އަހަރާއި ހަ މަސްދުވަހަށް ޖަލަށްލުމާއެކު، 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އެހެން ނަމަވެސް އޭނާ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު ޖަލު އަބަދުން އުނި ކުރުމަށްފަހު ޖަލުގައި ހޭދަކުރަންޖެހެނީ 11 އަހަރާ ނުވަ މަހާއި 26 ދުވަހެވެ. ޖޫރިމަނާގެ ފައިސާ ދައްކަން ހުކުމްގައި ދީފައި އޮތީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ. މިދިޔަ އަހަރު މަސްތުވާތަކެތީގެ 1،673 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް