ޔޫޓިއުބުން ރަޝިޔާގެ މީޑިއާ ޗެނަލްތަކުގެ އެކައުންޓްތައް ބްލޮކްކުރުމާ ގުޅިގެން، ގޫގްލްއާ ދެކޮޅަށް އެ ގައުމުގެ ޓީވީ ޗެނަލްތަކުން ކުރާ ދައުވާއަށް، ކޯޓުން ރެކޯޑް އަދަދެއްގެ ޖޫރިމަނާއެއް ކޮށްފިއެވެ.
ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޔޫޓިއުބުން ބްލޮކްކޮށްފައިވާ ޗެނަލްތައް އަލުން ބޭނުންކުރެވޭ ގޮތް ހެދުމަށް އަންގައިފައެވެ. މިކަން ނުކޮށްފިނަމަ ކޮންމެ ހަފުތާއަކު ދެގުނަވަމުންދާ ގޮތަށް ޖޫރިމަނާ ކުރެވޭނެކަމަށްވެސް ކޯޓުން ބުނެފައިވެއެވެ. މިހާރު ދައުވާކޮށްފައިވާ އަދަދަކީ 18 ޑެސިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެކެވެ. މިއީ މުޅި ދުނިޔޭގެ ޖީޑީޕީއަށްވުރެވެސް ބޮޑު އަދަދެކެވެ.
މި މައްސަލައިގައި ބޮޑެތި މީޑިއާ ޗެނަލްތަކާއި ކުދި ޗެނަލްތައްވެސް ހިމެނެއެވެ. ރަޝިޔާގެ މީޑިއާ ޗެނަލްތަކުގެ ޔޫޓިއުބް އެކައުންޓްތައް ބްލޮކްކޮށްފައިވަނީ ޔުކްރެއިންއާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ހަނގުރާމައާ ގުޅިގެންނެވެ.
ގޫގްލްއިން މިފިޔަވަޅު އަޅާފައިވަނީ ރަޝިޔާއާ ދެކޮޅަށް ގިނަ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅުވައެވެ.
ރަޝިޔާގެ ޗެނަލްތަކުގެ ތެރޭގައި ހިމެނޭ އާރްޓީ، ޗެނަލް ވަން އަދި އެން.ޓީ.ވީ ފަދަ ޗެނެލްތައް ހިމެނެއެވެ.
ސަރުކާރުގެ ބޮޑެތި މީޑިއާތަކުން ބުނާގޮތުގައި މިއީ އެ ޗެނަލްތަކުގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އަޅާފައިވާ ހުރަހެކެވެ. އެހެންނަމަވެސް ބައިނަލްއަގުވާމީ މީޑިއާ ޖަމްއިއްޔާތަކުން ބުނާގޮތުގައި އެ ޗެނަލްތަކަކީ ހަނގުރާމައާ ގުޅޭ ދޮގު މައުލޫމާތު ފަތުރާ ޕްރޮޕެގަންޑާ ޗެނަލްތަކެކެވެ.
މި މައްސަލަ ބަލަމުންދާ މޮސްކޯ ކޯޓުން މިހާތަނަށް ކޮށްފައިވާ ޖޫރިމަނާތަކުގެ އަދަދު 'ދުނިޔޭގެ އިޤްތިޞާދީ ހަގީގަތާ ނުގުޅޭ' ކަމަށް ބައެއް ގާނޫނީ މާހިރުން ފާހަގަކުރެއެވެ. ނަމަވެސް ރަޝިޔާގެ ކޯޓުތަކުން މިފަދަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަކީ މީގެ ކުރިންވެސް ކޮށްފައިވާ ކަމެކެވެ.
ދުނިޔޭގެ އެންމެ ބޮޑު ސާޗް އިންޖީނާއި އޮންލައިން ވީޑިއޯ ޕްލެޓްފޯމް އޮޕަރޭޓްކުރާ ގޫގްލްއިން މިހާތަނަށް މިކަމާމެދު ރަސްމީ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.