އެޑިޓާސް ޓޯކް: އަބްދުއްރަޙީމް ދެން ވަކި ހައްދަވާނީ ކިހިނެއް؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް މަގާމުން ވަކިކުރުމާ އެކު، މެލޭޝިއާގައި ހުންނެވި އަބްދުއްރަޙީމް ވަނީ ވަގުތުން ދަތުރު ކުރުކޮށްލައްވައި، އެނބުރި މާލެ ވަޑައިގެންފައެވެ. އެ މަނިކުފާނު ފްލައިޓުން ފާބައިވަޑައިގެން ގޮތަށް އެރުއްވީ ކާރަށެވެ. އެއާޕޯޓުގައި އިންތިޒާރުގައި ތިއްބެވި ނޫސްވެރިންނާ ފިއްލަވައިގެން ވަޑައިގަތީ ގެކޮޅަށެވެ.

ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކުރުމާ އެކު އަބްދުއްރަޙީމް ވަނީ ދަރިކަލުންގެ ދިފާއުގައި ވާހަކަދައްކަވާފައެވެ.

ފައިސަލް މަގާމުގެ ޒިންމާ އަދާކުރެއްވީ އިޚުލާސްތެރިކަމާ އެކު ކަމަށާއި ދަރިކަލުންނާ މެދު އަބަދު ވެސް ފަޚުރުވެރިލައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ހަފުތާގެ 'ސަން އެޑިޓާސް ޓޯކް' ޕޮޑްކާސްޓްގައި އަލިއަޅުވައިލީ މި މައުޟޫއަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނުގެ ރޯލް މޮޑެލްގެ ގޮތުގައި ސިފަކުރެއްވި އަބްދުއްރަޙީމަކީ ސިޔާސީ ގޮތުން އެ މަނިކުފާނު ފަޚުރުވެރިވާ ބޭފުޅާ ކަމަށް ވިދާޅުވިއެވެ. އެހާ ގާތް ދެ ބޭފުޅުންގެ ގުޅުން މިހާރު ވަނީ ގޯސްވެފައެވެ.

ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން މެނޭޖިން އެޑިޓަރު އަހުމަދު ސާއިލް އަލީ ވިދާޅުވީ، ސިޔާސީ ގޮތުން ހަގީގަތުގައި އަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅަކީ އެންމެ ޒިންމާދާރު ވާހަކަފުޅެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގައި ތިއްބަވާނީ ރައީސް އައްޔަންކުރައްވާ ބޭފުޅުން ކަމަށެވެ. އެ މަގާމުތަކަށް ގެންނަވާ ބަދަލެއްގެ ގޮތުން އުސޫލެއްގެ ގޮތުން މަޖިލީހުގެ ރައީސް ހިތްހަމަނުޖެހުން ފާޅުކުރަން ނުޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެއް ބާރުގެ ވެރިއަކަށް ހުންނަވައިގެން ދަރިކަލުންގެ ދިފާއުގައި ވާހަކަދެއްކެވުމަކީ އެންމެ ޒިންމާދާރު ގޮތް ނޫން ކަމަށެވެ.

ސާއިލް ގަބޫލުކުރައްވާ ގޮތުގައި އަބްދުއްރަޙީމް ސަރުކާރު ދޫކުރައްވައި ނުކުންނެވި ނަމަވެސް އެ މަނިކުފާނުގެ ފަހަތުން ވަޑައިގަންނަވާނެ ބޭފުޅަކު ނުހުންނާނެއެވެ. އަދި، ގާނޫނުއަސާސީއަށް ގެނައި އިސްލާހާ އެކު، އެ މަނިކުފާނަށް އެ ފުރުސަތު އޮތްތޯ ވެސް ސުވާލު އުފެދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މައުޟޫއަށް ވާހަކަދައްކަވަމުން ޑެޕިއުޓީ މެނޭޖިން އެޑިޓަރު އަހުމަދު އިނާހް ވިދާޅުވީ، ސިޔާސީ މާޒީއަށް ބަލާއިރު ސަރުކާރުން ވަކިވެގަނެގެން ނުކުންނަވާ ބޭފުޅުންނަށް މާ ބޮޑު ކާމިޔާބުތަކެއް ލިބިފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އަބްދުއްރަޙީމަށް ސަރުކާރާ ފެއަށް ޖެހިވަޑައިގަންނަވަން ނިންމަވައިފި ނަމަ އެ މަނިކުފާނަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބޭނެ ކަމަށެވެ. އެ މަނިކުފާނުގެ ފަހަތްޕުޅުން ނޫސްވެރިން ވެސް ދުވާނެ ކަމަށާއި އެ މަނިކުފާނު ވިދާޅުވާ ވާހަކަފުޅުތައް ނޫސްތަކުގެ ފަލަ ސުރުޚީގައި ވެސް އޮންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެކަމަކު، އޭގެ މާނައަކީ ސިޔާސީ ތާއީދު ބޮޑުވުން ނޫންކަން އޭނާ ވިދާޅުވިއެވެ.

އިނާހް ވިދާޅުވީ، ސިޔާސީ ގޮތުން އަބްދުއްރަޙީމާ ޖެހިވަޑައިގެން މައްސަލައެއް ސީދާ ސީދާލަށް ނޭނގުނު ނަމަވެސް އަބަދު ވެސް ވެރިކަމުގެ ކޮއިލުތެރޭގައި ޖެހެނީ އެއް މައްސަލަތަކެއް ކަމަށެވެ.

މި ޕޮޑްކާސްޓްގައި މި ނޫން ވެސް މައުޟޫއާ ގުޅޭ ގިނަ ވާހަކަތަކެއް ދެއްކިއެވެ. މުޅި ޕޮޑްކާސްޓް އައްސަވާލައްވާށެވެ.

comment ކޮމެންޓް