"އެރޭ…. އެރޭ މައުވާއާ އަފްނާންއާ ދެމެދު ވީ ކިހިނެއް؟" ރާމިޒާގެ ސުވާލާއެކު ޒާޔާ ނުތަނަވަސްވިއެވެ. "ދައްތަ ބޭނުން ހުރިހާކަމެއް އެނގެން."

ރާމިޒާއްތާ… …." ވާހަކަތައް ކިޔައިދޭނެ ގޮތެއް ޒާޔާއަކަށް ނޭނގުނެވެ. އޭނާ އެ ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހިލުންވެސް ވިއެވެ.

"އަފްނާން އާއި މައު އާ ދިމާވެއްޖެ. މައު ބޭނުމެއް ނުވޭ އަފްނާންގެ ސޫރަވެސް ދެކޭކަށް. ދައްތައަށް އެނގޭ މައު އަފްނާން ދެކެ ވަރަށް ލޯބިވިކަން. އަދި މިހާރުވެސް ލޯބިވާކަން އެނގޭ…. އަފްނާންއަށްޓަކައި އެހިތުގައިވާ ޝަކުވާތައް އަދިވެސް ދައްތައަށް ފެނޭ. " ރާމިޒާ ރޭގެ ވާހަކަތައް ޒާޔާއަށް ކިޔައިދިނެވެ.

"އެހެންވީމަ، އާދޭސްކޮށްފަ މި ބުނަނީ....... މިހާރު ދައްތަ ބޭނުން ހުރިހާ އެއްޗެއް އެނގެން. މައުވާ އަފްނާންގެ ސޫރަވެސް ދެކެން ބޭނުންނުވާ ސަބަބު އެނގެން ބޭނުން." ރާމިޒާ ބުނަމުން ދިޔައެވެ. ރާމިޒާގެ ދެލޮލުން މިހާރު ފެނިގެންދަނީ އެ ހުރިހާކަމެއް އެނގެން އޭނާ ބޭޤަރާރުވެފައިވާ ވަރެވެ. ލޯބިވާ ދަރިފުޅުގެ އެ ޙާލުގެ ޒިންމާ އަފްނާން ނަގަން ޖެހޭނަމަ ދުވަހަކު އޭނާ އަފްނާންއަކަށް މާފެއް ނުކުރާނެއެވެ.

ރާމިޒާގެ ދެލޮލުން ފެނުނު ކަރުނައިގެ އަސަރާ އެކު ޒާޔާއަށް ރާމިޒާގެ އަތުގައި ހިފާ ލެވުނެވެ. ސިކުނޑިއަށް ގޮތް ނޭނގޭ ހުސްކަމެއް ވެރިވިހެން ޒާޔާއަށް ހީވިއެވެ.

"އެރޭ… މައު އެކްސިޑެންޓުވި ރޭ ބުނީމެއްނު، އަފްނާން މައުވާ ދޫކޮށްލީއޭ… އެރޭ ގެއަށް އައި މަގުމަތީގައޭ އެކްސިޑެންޓުވީ…" މީގެ ކުރިންވެސް އޭނާ ރާމިޒާއަށް ދޭ ޖަވާބު ޒާޔާ ދިނެވެ. ޒާޔާއާ އިތުރަށް ސުވާލުކޮށް ހުރިހާކަމެއްގެ ތަފްސީލް ހޯދަން ރާމިޒާ ބޭނުންވިނަމަވެސް، ޑޮކްޓަރު އައުމުން އެ ފުރުސަތު އޭނާއަށް ގެއްލުނީއެވެ. ޒާޔާވެސް އެތަނުން ދިޔައީ މިރޭ ކޮލެޖަށް ގޮސް ޔޫޝައުއާ އެހުރިހާކަމެއް ހިއްސާކުރުމުގެ ބޭނުމުގައެވެ.

އެރޭ ކުޑަކަމެއް ދިމާވެގެން ޒާޔާއަށް ކޮލެޖަށް ދެވުނީ ތަންކޮޅެއް ލަހުންނެވެ. އޭނާ ކްލާހަށް ވަތްއިރު ލެޗްޗަރވެސް ފަށައިފިއެވެ. ގޮސް ޔޫޝައުގެ އެއްފަރާތުގައި އިށީނުމާއެކު ވަށައިގެން ބަލައިލިއެވެ. އަފްނާންއެއް ކޮލެޖަކަށް ނާދެއެވެ. އެއީ ކީއްވެގެންކަންވެސް ޒާޔާއަްށް އެނގުނެވެ. ޔޫޝައު ބުމަ އަރުވާލުމުން ފަހުން ކަމަށް ބުނެ ޒާޔާވެސް ނަގައިދެމުން ދިޔަ ފިލާވަޅަށް ސަމާލުކަން ދިނެވެ. އޭނާ އެ ހުރިހާ ވާހަަކައެއް ޔޫޝައުއާ ހިއްސާކުރީ، ކްލާސް ނިންމާފައެވެ.

"ކޮންމެވެސް ދުވަހަކުން ހުރިހާކަމެއްވެސް މައު މަންމައަށް އެނގެން ޖެހޭނެ. އޭރު އަހަރެންވެސް އެހާ ވަރުން އެ ވާހަކަތައް ކިޔައިނުދިނީ ވަގުތާ ޙާލަތުގެ ނާޒުކުކަމުން. އިތުރަށް އެ ހުރިހާކަމެއް އެނގުމުން އެމީހުންނަށް ލިބުނީހީ އިތުރު ހިތްދަތިކަމެއް." މީގެ ކުރިން އެވާހަކަ ޔޫޝައު ހާމަނުކުރި ސަބަބަކީ އެއީއެވެ. އޭގެ އިތުރުން އޭގެ ފަހުން ރާމިޒާ ވެސް އެކަންތައް އެނގުމުގެ މާ ބޮޑު ޝައުޤުވެރިކަމެއް އޭރު ފާޅުނުކުރީތީއެވެ. އެހެންނަމަވެސް، މިއަދު އެ ހުރިހާކަމެއް އެނގެން ބޭނުންނަމަ އެ ހައްޤު ރާމިޒާއަށް އޮތްކަމުގައި އޭނާއަށް ޤަބޫލުކުރެވެއެވެ. ހުރިހާކަމެއް އަބަދަކު ސިއްރެއްވެސް ނުކުރެވޭނެއެވެ. ކޮންމެ ސިއްރަކީވެސް ކޮންމެވެސް ދުވަހަކުން ހަޤީޤަތް ކަޝްވުވެގެން ދާނެ އެއްޗެކެވެ.

ޒާޔާއަށް އަނެއްކާވެސް ފޯނު ކޯލެއް އައީ އެވަގުތެވެ. އޭނާ ގެއަށް ދާންޖެހިއްޖެކަމަށް ބުނެ ދިޔުމުން، ޔޫޝައު ދިޔައީ ހޮސްޕިޓަލަށެވެ. ދެ ވިސްނުމެއްގައި ހުރި ފަދައަކުން އޭނާ ގޮސް މައުވާ އޮންނަ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެލިއެވެ. އޭރު މައުވާއަށް އޮތީ ނިދިފައެވެ. ރާމިޒާ މައުވާގެ އަތުގައި ފިރުމާލަ ފިރުމާލާ އިންނަމަވެސް އޭނާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ވަރުބަލިކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. އެ މޫނުމައްޗަށް ބަލާލުމުން ހީވަނީ ނުނިދާ ހުރިހެންނެވެ. އެތެރެއަށް ވަތް ޔޫޝައު ރާމިޒާގެ ލޮލުގައި އަޅައިގަތުމާއެކު، އޭނާ ވާހަކަ ދެއްކިއެވެ.

"މައުއަށް ހަމަ ދެންމެ އެ ނިދުނީ." އޭނާ ހިިނިތުންވެލިއެވެ.

"އެހެން ވިއްޔާ ބާއްވާ." ޔޫޝައު މައުވާގެ މައުސޫމްކަމުން ފުރިގެންވީ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ވިސްނުމަކަށް ގެއްލިފައި ހުރުމުން ރާމިޒާ އޭނާއާ ވާހަކަ ދެއްކިކަންވެސް ރޭކާނުލިއެވެ.

"ޔޫޝައު… ޔޫޝައު… ކިހިނެއްވީ؟" ޔޫޝައުއަށް އަޑު ނީވުމުން އޭނާގެ ސަމާލުކަން ހޯދާލުމުގެ ނިޔަތުގައި ތަންކޮޅެއް ބާރަށް ރާމިޒާ ގޮވައިލިއެވެ.

"އަ. އާނ…" ޚިޔާލުތަކަށް ގެއްލިފައި ހުރި ޔޫޝައުއަށް ހަމަހޭވެރިކަން ވީ ދެނެވެ.

"ކިހިނެއްވީ؟ ކަމެއް ދިމާވީތަ؟" ޔޫޝައުގެ މޫނުމަތީގެ އަސަރުތައް ދިރާސާ ކުރަމުން ރާމިޒާ ސުވާލުކޮށްލިއެވެ.

"މީ… އަަހަރެން ބޭނުން މައު މަންމައާ ވާހަކައެއް ދައްކާލަން." ޔޫޝައު ބުނެލިއެވެ. އޭރު އެ އަޑުގައިވަނީ ސީރިއަސް އަސަރުތަކެކެވެ. ބުނަން އުޅޭ ވާހަކައިގެ ބޮޑުކަން ރާމިޒާއަށް ވެސް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. އޭނާ ޔޫޝައުއަށް ބަލަން އިނުމަށްފަހު، މައުވާއަށް އަވަސް ނަޒަރެއް ދިނެވެ. އެވަގުތު ކޮޓަރީގައި ހުރެގެން ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތަކަށް ނުވާނެތީ ޔޫޝައު ގޮވައިގެން ރާމިޒާ ބޭރަށް ނުކުންނަން ނިންމީ މައުވާ ހޭލަފާނެތީއެވެ. ނިދާފައި އޮށްވާ ކުޑަކޮށްވެސް އުނދަގޫވެ އޭނާ ހޭލާކަށް ރާމިޒާ ބޭނުމެއް ނޫނެވެ. ރޫމުން ނުކުމެގެން ގޮސް ވެއިޓިން އޭރިޔާގައި ބިއްލޫރި ޖަހާފައި ވަކިން ހުރި ތަނުގެ ދޮރު ހުޅުވާލާފައި ރާމިޒާ އެތެރެއަށް ވަނުމުން ޔޫޝައުވެސް ވަނެވެ.

"ކިހިނެއްވީ ޔޫޝައު؟" ރާމިޒާ ޔޫޝައުއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ.

"ޒާޔާ ބުނި އެރޭ ވީ ހުރިހާކަމެއް އެނގެން ބޭނުންވެގެން މައު މަންމަ އުޅޭ ވާހަކަ." ޔޫޝައު އޭނާގެ މައުޟޫއަށް ވާހަކަ ފެށުމުގެ ގޮތުން ސުރުހީ އަޅައިލިއެވެ. އެއާއެކު ރާމިޒާއަށް އޭނާގެ ދެ ބުމަ ކުޑަކޮށް އަރުވާލެވުނެވެ.

"އާ. އެރޭ މައުވާއާ އަފްނާންއާ ދެމެދު ވީ ހުރިހާކަމެއްގެ ތަފްސީލް އެނގެން ބޭނުން." ރާމިޒާ އަވަސް އަވަހަށް ބުނެލިއެވެ. ޔޫޝައު ރާމިޒާއަށް ބަލާލާފައި އެދުނީ އެތަނުގައި ހުރި ގޮނޑީގައި އިށީނދެލުމަށެވެ. ރާމިޒާ އިށީނުމުން އޭނާވެސް އެތަނުން ގޮނޑިއެއްގައި އިށީނދެލިއެވެ. އެއަށްފަހު އެރޭގެ ހާދިސާ، ރާމިޒާއަށް ތަފްސީލުކޮށް ކިޔައިދޭން ފެށިއެވެ.

ޔޫޝައުގެ ވާހަކަތައް އަޑު އަހަމުން ދިޔަ ރާމިޒާ، ގެ މޫނުމައްޗަށް ތަފާތު އަސަރުތައް އަރާ ފައިބަމުން ދިޔައެވެ. އެއްބައި ފަހަރު ނުރުހުމާއި ރުޅިވެރިކަމެވެ. އަނެއްބައިފަހަރު ހިތާމަޔާއި ހިތްދަތިކަމެވެ. އަފްނާން މައުވާ އާ ދިމާލަށް ބުނެފައިވާ ޖުމްލަތައް އެނގުމުން އޭނާގެ ހިތް ހީވީ ގެނބިގެން ދިޔަހެންނެވެ. މައުވާ އަފްނާންއާ ބައްދަލުކުރަން ބޭނުންނުވާ ސަބަބުވެސް އޭނާއަށް އެނގި ސާފުވީ ދެނެވެ. އެ ދަރިފުޅު ވީ ބޭޒާރާއި ތަޙައްމަލްކުރި ހިތާމަތައް އެނގުމާއެކު، ރާމިޒާގެ ދެލޮލުންވެސް ކަރުނަ ފާއްދާލިއެވެ. އެއާއެކު އަފްނާންއާ މެދު އެހިތުގައި ރުޅިވެރިކަމުގެ ކުރި ފަޅާ ހެދެން ފެށިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އިންތިހާ ލޯބިވާ ދަރިފުޅާ ދޭތެރޭ އަފްނާން ކަންތައްކޮށްފައި އެވަނީ ރަހުމުގެ ކުޑަވެސް މިންވަރެއް ހިތުގައި ވާނަމަ އެއް އިންސާނަކު އަނެއް އިންސާނަކަށް ކަންތައް ނުކުރާނެހާ އިހާނެތިކޮށެވެ. ވީއިރު އޭނާ އަފްނާންއަށް މާފުކުރާނީވެސް ކިހިނަކުން ހެއްޔެވެ؟ މާފަށް އެދުނެއްކަަމަކު އެހުރިހާކަމެއް ހަނދާން ނައްތާލާނީ ކިހިނަކުން ހެއްޔެވެ؟

ދެލޮލުން އައި ކަރުނަތައް ފުހެލުމާއެކު ރާމިޒާ، ހަމަޖެހެން މަސައްކަތްކުރިއެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލުމާއެކު، އެތެރެ ހަށީގައި އުފެދުނު ތޫފާން މައިތިރިކުރަން އޭނާ މަސައްކަތްކުރިއެވެ. މީހާ ހަމައަކަށް އެޅުމުން ޔޫޝައުއަށް ޝުކުރު އަދާކޮށްފައި ރާމިޒާ ގޮނޑިން ތެދުވެލިއެވެ.

ޔޫޝައު ދިޔުމުން ރާމިޒާ ވެސް ގޮސް ވަނީ މައުވާ އޮތް ކޮޓަރިއަށެވެ. ނިދިފައި އޮތް މައުވާގެ މޫނަށް ބަލަހައްޓައިގެން އިރުގަނޑަކު އޭނާއަށް ހުރެވުނެވެ. ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވާން ފެށުމުން ދެލޯ ފުހެމުން ގޮސް ރާމިޒާ ވަނީ ފާޚާނާ އަށެވެ.

*****

ހެންވޭރުކޮޅުގައި ހުރި ކެފޭއެއްގެ ތެރޭގައި އަފްނާންއާއި ޝަހުމް ތިބިއިރު، އާވި އަރަމުން ދިޔަ ދެ ކޮފީތަށި މޭޒުމަތީގައި ހުއްޓެވެ. އަފްނާންގެ މޫނުމަތީގައި ވަނީ މަޑުމޮޅިކަމުގެ އަސަރުތަކެވެ.

އަފްނާން އެއްޗެއް ނުބުނެ ގިނަ އިރު ވާން ފެށުމުން ޝަހުމް ވާހަކަ ދެއްކިއެވެ. ދެންމެ އަފްނާން އޭނާއާ ހިއްސާކުރި ވާހަކަތަކުން ޚުދު ޝަހުމްވެސް އިނީ ހައިރާންވެފައެވެ. އެ ކަން އޭނާގެ އަޑުން އެކަނިވެސް ދޭހަވެއެވެ.

"ޔޫ މީން އެރޭ މައުވާއަށް އެހެންވީފަހުން ދެއަހަރުވީއިރުވެސް މައުވާ އޮތީ ކޯމާއެއްގައޭ؟ އެންޑް އޭނަ ހޭ އެރީ އިހަކަށް ދުވަހަކު؟ " ޝަހުމް ޔަޤީންކުރަން ބޭނުންވާ ފަދައަކުން ސުވާލުކޮށްލުމުން އަފްނާން ބޯ ޖަހާލަމުން ކޮފީތަށިން އެތިފޮދެއް ބޯލިއެވެ.

"އަނެއްކާ ސުއިސައިޑް އެޓެމްޕްޓެއްތަ؟" ޝަހުމްގެ ސިކުނޑިއަށްވެސް އައީ ހަމަ އަފްނާންގެ ސިކުނޑިއަށް ވެސް ވެރިވެފައިވާ ސުވާލުތަކެވެ.

"ތިޔޭ އަހަންނަށްވެސް ނޭނގިގެން މިއުޅޭކަމަކީ." އަފްނާން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އޯ ގޯޑް....... ފަހުން އަހަރެންވެސް ކުޑަކޮށް ސަކަރާތްވި އިނގޭ އަސްލު. އޭނަ ކޮލެޖަށް ނައިމަ އަހަރެންވެސް ކުޑަކޮށް ގިލްޓީވި. މިހާރު އަދި މާ ބޮޑަށް އެކަން އެބަ އިޙްސާސްވޭ........ " އެހެން ބުނެލާފައި އެ ހާދިސާއާ މެދު ޝަހުމް ވިސްނާލިއެވެ. "އައި ތިންކް އައި ސްޓިލް ހޭވަ ދި ވީޑިއޯ ވިތް މީ."

"ކޮން؟ ޕާރޓީގެ؟" އަފްނާން ސުވާލުކޮށްލިއެވެ.

"އާ. އަފްނާން ބޭރަށް ދިޔަފަހުން މުޅި ކޮލެޖުގަ އެ ވައިރަލްވި. އެ ދުވަހު ހާދަ ބައިވަރު މީހުން ވީޑިއޯ ކުރިއޭ." ޝަހުމް އޮޅުން ފިލުވައި ދިނެވެ.

"ސެންޑް މީ." އަފްނާން ބުނެލިއެވެ.

"އާރ ޔޫ ޝުއަރ؟" ޝަހުމް ސުވާލުކޮށްލިއެވެ. އަފްނާން ހޫމް އެކޭ ބުނެ ބޯ ޖަހައިލިއެވެ.

"ފޯނު ހާވާލަން ޖެހޭނީ. ފަހުން ފޮނުވާލާނަން." ޝަހުމް އެހެން ބުނެލުމުން އަފްނާން އަނެއްކާވެސް ބޯ ޖަހައިލިއެވެ.

އެ ދެމީހުން އެފަދަ ވާހަކަތަކެއްގައި އެތަކެއް އިރެއް ވަންދެން ތިބެފައި، ގެއަށް ދާންވެގެން ނުކުތީ ވެސް އެގާރަ ގަޑި ބަޔަށް ވުރެ ބޮޑު ވީފަހުންނެވެ.

އަފްނާން ގޮސް ގެއަށް ވަތްއިރު، އެކަކުވެސް ފެންނާކަށް ނެތެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލީ ނިދާލުމުގެ ނިޔަތުގައި ނަމަވެސް، ވިސްނުންތަކުން ފުނިޖެހިފައިވާ ސިކުނޑިއަށް ލުއި ނުލިބި ނިދެގޮތެއް ނުވިއެވެ. އެންމެފަހުން ޓެރެސްއަށް އެރުމަށްފަހު ރެއިލިންގަައި އަތް އަޅުވާލާ ދުރަށް ނަޒަރު ހުއްޓާލިއެވެ. އިރުކޮޅަކު އެހެން ހުއްޓާ ޖީބުގައި އޮތް ފޯނަށް ފުލުފުލުގައި ދެތިން މެސެޖު އައެވެ. ނަގާ ބަލާލުމާއެކު ވައިބާރއިން އައި އެ މެސެޖު ހުޅުވާލިއެވެ. ޝަހުމް ފޮނުވާފައި އޮތް ވީޑިއޯ ޕްލޭ ކޮށްލުމާއެކު ގޮސް އެތަނުގައި ހުރި ގޮނޑީގައި އަފްނާން އިށީނދެލިއެވެ. އެ ބަލަމުން ދިޔަ ވަރަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުން ނޫން ކަމެއް ނުކުރެވުނެވެ. މައުވާގެ ކަރުނަވީ ދެލޮލާ އެ ގިސްލުމުގެ އަޑު އިވުމާއެކު ހިތުގެ ތެޅުން ވެސް މަޑުޖެހިލިއެވެ. ތޫނު ތަދެއްގެ އިޙްސާސްއެއް ކުރެވި މޭތެރޭގައި އޮތް ހިތަށް އެކަމުން އިތުރު ވޭނަކާ ކެކުޅުމެެއް ލިބިއްޖެއެވެ. ވަކި ހިސާބަކުން ވީޑިއޯ ނިއްވާލެވުނީ އިތުރަށް އެ އަށް ބަލަން ކެތްނުކުރެވުމުންނެވެ. އެވަގުތު މައުވާ ގަންނާނެ ލަދާއި އެހިތަށް ކުރާނެ އަސަރު މިހާރު އެބަ އޭނާއަށް ވަޒަން ކޮށްލެވެއެވެ.

"އައެމް ސޮރީ މައު… އަހަންނަށް ކުރެވުނީ ކުށެއް. އައި ޝުޑުންޓް ހޭވް ޑަން އިޓް." އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލުމާއެކު އަފްނާންއަށް ބުނެވުނެވެ. އިރުކޮޅަކު އެހެން އިނދެފައި ނިތުގައި ގޮށްމުށްކަވާފައި މަޑުމަޑުން ޖަހަން ފެށިއެވެ. ހީވަނީ އޭނާގެ ސިކުނޑީގެ ހާސްކަމުގެ ސަބަބުން މޮޔަވެފައިވާހެންނެވެ. ވޭޕްނަގާ އެ ދަމައިލުމާއެކު ދުންތައް ބުރުވާލުމުންވެސް ސިކުނޑިއަށް ލުޔެއް ނުލިބުނެވެ. ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ނަމަވެސް އެކަމަށް ފަރުވާލެއް އަފްނާންގެ ނެތެވެ. އެންމެ ފުރަތަމަ ވޭޕް ބޭނުންކުރަން ފެށީވެސް މައުވާގެ ހަނދާންތަކާ ދުރުވުމަށެވެ. އޭގެ ފަހުން އެކަން އާދައަކަށްވި ނަމަވެސް، އަފްނާން އެކަންތައް ކުރަނީ އާއިލާއަށް ސިއްރުންނެވެ. ބައްޕަމެންނަށް އެނގިއްޖެނަމަ އެކަމާ ވަރަށް ނުރުހޭނެކަން އޭނާއަށް އެނގުނެވެ.

އެހެން އިންދާ، އަޒްލަފް ވެސް ފޯނެއްގައި ހުރެ މައްޗަށް އަރައިފިއެވެ. އޭރު އެތަނުގައި އަފްނާން އިންކަމެއް އޭރު އޭނާއަކަށް ނޭނގުނެވެ.

"އަހަރެން މިހާރު ޝައުފާގެ ތި އިންޒާރުތަކަކަށް ބިރެއް ނުގަނޭ. މީގެ ފަހުން އާއިން ހުންނާނީ މަގޭ ގާތުގަޔޭ މި ބުނީނު. އާއިން ދެކެ ލޯބިވަންޏާ އާއިންއަށް މަންމައެއްގެ ލޯބި ދެވޭނީ ވަކި ޝައުފާ ކައިރީގަ ބަހައްޓައިގެނެއް ނޫން. މިހުރިހާ ދުވަހު އެގޮތަށް ކަންތައްކުރީމަ އެކަމުން އާއިންއަށް ލިބުނު ފައިދާއެއް އެބައޮތްތަ؟ މިގެއަށް ޝައުފާ ބޭނުން ވަގުތަކު އާއިންއާ ބައްދަލުކުރަން އާދެވޭނެ. އެކަމެއް އަހަންނެއް ނުހުއްޓުވާނަން. ތީ އާއިންގެ މަންމައަށް ވީތީ އެ އިޙްތިރާމުވެސް އަހަރެން ޝައުފާއަށް ދޭނަން. އެކަމަކު ދެނެއް ޝައުފާ ބޭނުންހާ ގޮތަކަށް ހުރިހާކަމެއް ނުކުރެވޭނެ. އަޑު އިވިއްޖެ؟" އަޒްލަފް ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ.

"ކޯޓަށް ގޮސްގެން ނޫން ގޮތަކަށް ދެނެއް އާއިންއެއް ނުގެންދެވޭނެ. އެކަމަކު ވިސްނާތި ކޯޓަށް ދިޔަޔަސް ޝައުފާއާ ދެކޮޅަށް ދެއްކޭނެ ބައިވަރު ހެކި އަހަރެންގެ އަތުގެ އެބަ ހުރި." އެހެން ބުނެލިތަނާ އެއްފަރާތުގައި ހުރި ގޮނޑީގައި އިން އަފްނާން އަޒްލަފްގެ ލޮލުގައި އަޅައިގަތުމާއެކު، އޭނާގެ އަޑު ވަގުތުން މަޑުވިއެވެ. ފަހުން ގުޅާނަންކަމުގައި ބުނެ އޭނާ ފޯނު ކަނޑާލިއެވެ.

"ކިހިނެއްވީ؟ އާއިން ގެންދަންވީތަ؟" އަޒްލަފްއަށް ބަލާލަމުން އަފްނާން ހަމަޖެހިލަމުން ސުވާލުކޮށްލިއެވެ.

"ހޫމް…" އަޒްލަފް ބޯ ޖަހާލިނަމަވެސް، އިތުރު އެއްޗެއް ނުބުނެއެވެ.

"ދަނީތަ؟" އަފްނާން ދާން ހިނގައިގަތުމުން އަޒްލަފް ސުވާލުކޮށްލިއެވެ.

"އާނ. ނިދާލަންވެގެން މިދަނީ. މާދަން ހެނދުނު ކޮލެޖަށްވެސް ދާންޖެހޭ." އަފްނާން އެހެން ބުނެލާފައި ތިރިއަށް ދާން މިސްރާބުޖެހިއެވެ. އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ.

ވިސްނުމާ ފިކުރުތަކުގެ ސަބަބުން ރޭގަނޑުގެ އަރާމުކަން ހާސިލު ނުކުރެވުނު ނަމަވެސް ޖެހިގެން އައި ދުވަހު ކޮލެޖަށް އަފްނާން ދިޔައެވެ. ކްލާހުގައިވެސް އޭނާ އިނީ ނެގިމަޑުވެފައެވެ. ޒާޔާއާއި ވާހަކަ ދައްކަން ބޭނުންވިނަމަވެސް، އެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ކޮންމެ ފަހަރަކު ހަނދާނަށް އަންނަނީ މައުވާ އޭނާގެ ސޫރަވެސް ދުށުމަށް ބޭނުމެއް ނޫނޭ ބުނެފައި މޫނު އަނބުރާލި ގޮތެވެ. އެ ވީޑިއޯއާއި އޭނާއަށް މައުވާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތެވެ. ކޮލެޖު ނިންމާފައިި ގެއަށް އަފްނާން ދިޔައިރު، ޝައުފާ އެގޭގައި ހުއްޓެވެ. އޭރު އާއިންއާއި އަޒްލަފްވެސް ބޮޑުކޮޓަރީގައި ތިއްބެވެ. ރިސާމާއާއި ނަޖީބު ފެންނާކަށް ނެތެވެ. އޭނާ ވެސް އަޒްލަފްމެންނަށް، ފުރުސަތު ދީފައި ދިޔައި މައްޗަށެވެ.

"އާދެބަ މަންމި ކައިރިއަށް. ނާންނާނަންތަ އާއިން… ދަރިފުޅު." ޝައުފާ އާއިން އުރާލަން އުޅުނު ނަމަވެސް އަޒްލަފްގެ ގައިގައި ބައްދާލައިގެން އޮތް އާއިން ނޫނެކޭ ބުނެ އެކަމަށް ދެކޮޅު ހެދިއެވެ.

"މަންމި ގެއަށް ކޮއްކޮ ދިޔައިއްޔާ… ހަމްދާންބެ އަނެއްކާވެސް އަތުވެދާނެ." އާއިން އޭނާގެ ތުއްތު އަޑުން ބުނެލިއެވެ. އާއިން އެހެން ބުނުމުން ޝައުފާ ކުޑަކޮށް ދެރަވާގޮތްވިއެވެ. އެއީ އޭނާގެ އިހުމާލުގެ ސަބަބުން އާއިންއަށް އައި ބަދަލެއްކަން ޚުދު އޭނާއަށްވެސް އެނގެއެވެ. ޝައުފާގެ އެތަކެއް އާދޭސްތަކަކަށްފަހުވެސް، އާއިން އޭނާގެ ކައިރިއަށް ދިޔައި ހިނދުކޮޅަކަށެވެ.

"އެގެއަކަށް ކޮއްކޮއެއް ނުދާނަން. މަންމި މިގެއަށް… އަންނަންވީނު." އާއިންގެ ޅަ ސިކުނޑިއަށް ވިސްނުނު ގޮތަށް އޭނާ ވާހަކަ ދެއްކުމުން އަޒްލަފްއާއި ޝައުފާއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އަޒްލަފް ވާހަކަ އޮޅުވާލަމުން އާއިންގެ ބޮލުގެ އިސްތަށިގަނޑު ހާވާލުމުން އާއިންގެ ތުއްތު ހުނުމުގެ އަޑު ބޮޑުކޮޓަރީގެ ތެރޭގައި ގުގުމާލިއެވެ. ރިސާމާ ނުކުތީވެސް އެދެމީހުން އެތަނުގައި ތިއްބައެވެ.

"މާމާ… " އާއިންއަށް ރިސާމާ ފެނުމާއެކު ދުވެފައި ގޮސް ރިސާމާގެ ގައިގައި އޮޅުލައިގަތެވެ. ރިސާމާވެސް އަޒްލަފްމެންނަށް ބަލައިލާފައި އާއިން ގޮވައިގެން ކާކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.

އެ މަންޒަރު ބަލަން ހުރުމަށްފަހު އަޒްލަފް ޝައުފާއަށް ބަލައިލިއެވެ.

"ކިހިނެއްވީ؟" ޝައުފާ ހުރި ގޮތުން އޭނާ ކޮންމެވެސް ވާހަަކައެއް ބުނަން ބޭނުންވެގެން އުޅޭކަން އަޒްލަފްއަށް އެނގުނެވެ. އޭނާ ސުވާލުކޮށްލީ އެހެންވެގެންނެވެ.

"ކީކޭ؟" ޝައުފާއަށް ބުނެވުނެވެ.

"އަހަންނަށް އެނގޭ ޝައުފާ ކޮންމެވެސް އެއްޗެއް ބުނަން ބޭނުންވެފަ ހުރިކަން. ބުނެބަލަ. އަހަރެން މިހުރީ އަޑު އަހަން." އަޒްލަފް އެހެން ބުނެލާފައި އޭނާ ލާފައި ހުރި ފަޓުލޫނުގެ ޖީބަށް އަތް ޖަހާލިއެވެ. ޝައުފާއަށް އިސްޖަހާލެވުނީ ކީއްވެގެންކަމެއް ނޭނގުނެވެ. މީގެކުރިން އަޒްލަފްގެ ފަރާތުން ނުފެންނަ ގޮތަކަށް އޭނާއާ ދޭތެރޭ އަަމަލުތައް ބަހައްޓާތީ ކަމުގައިވެސް ވެދާނެއެވެ. ނޫނީ އަޒްލަފްގެ އެ ޝަހުސިއްޔަތުގެ ފުރިހަމަކަމުން އަޒްލަފްއަށް ބަލަހައްޓައިގެން ހުންނަން ނުކެރުނީކަމަށް ވެސް ވެދާނެއެވެ.

"ޓެލް މީ. އައެމް ލިސެނިންނގް" ޝައުފާ އެެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން އަޒްލަފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ލަސްލަހުން އިސް އުފުލާލުމާއެކު، ޝައުފާ ބުނެލި ވާހަކައާއެކު އަޒްލަފްއަށް އޭނާގެ އެއްބުމަ އަރުވާލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު