ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އިންތިޒާމު ކޮށްގެން ބާއްވާ "އިންޓަނޭޝަލް ކޮންފަރެންސް އޮން ޓެކްނޮލޮޖީ، ހިއުމަނިޓީޒް އެންޑް މެނޭޖްމަންޓް" ފުވައްމުލަކު ސިޓީގައި މިއަދު ފަށައިފިއެވެ.
މި ކޮންފަރެންސަށް މި އަހަރަށް ކަނޑައަޅައިފައިވާ ތީމަކީ "ސަސްޓެއިނަބްލް ފިއުޗާސް: މެނޭޖިން ދަ ހިއުމަން ޑިޖިޓަލް ޝިފްޓް" އެވެ.
މި މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިލްމީ މާހިރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެލޭޝިއަން އެންޓިކޮރަޕްޝަން ކޮމިޝަންގެ ޗީފް ކޮމިޝަނާ ޓަން ސްރީ ޢަޒަމް ބަކީއެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގައި ބޭއްވި ބައިނަލްއަޤްވާމީ ރިސާޗް ކޮންފަރެންސްގެ ތެރެއިން ---ފޮޓޯ/ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖު
ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮލެޖުގެ އެޑްވައިޒަރު ޑރ. އަބްދުﷲ ރަޝީދު އަހްމަދު ވިދާޅުވީ ރާއްޖެއަށް ބޭނުން ހިފޭނެ މުހިއްމު ގިނަ ދާއިރާތަކަކުން ދިރާސާ ކަރުދާސް ބައިވެރިން ހުށަހަޅައިފައިވާ ކަމަށެވެ. މީގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީއާއި، ތިމާވެއްޓާއި އިޤްތިސާދު، ތައުލީމާއި ސިއްހަތު އަދި އެންޓިކޮރަޕްޝަން ފަދަ މުހިއްމު ދާއިރާތައް ހިމެނޭކަމަށް ވިދާޅުވިއެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖަކީ ދިރާސާކުރުމަށް ބާރުއަޅާ ކޮލެޖެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިއަހަރުން ފެށިގެން ކޮންމެ އަހަރުކުވެސް ކޮލެޖުގެ މުވައްޒަފުންގެ ތެރެއިން ދިރާސާކުރުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް ރިސާޗް ގްރާންޓް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މި ކޮންފަރެންސްގެ ޝަރަފުވެރި މެހުމާން ޓަން ސްރީ ޢަޒަމް ބަކީ ވިދާޅުވީ ޤައުމުތަކުގެ ތަރައްޤީއަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ހުރަހަކީ ކޮރަޕްޝަން ކަމަށެވެ.
ޓެކްނޮލޮޖީއަށް އަންނަމުންދާ ތަރައްޤީއާއެކު ކޮރަޕްޝަން ކޮންޓްރޯލްކުރުން ކުރިއަށްވުރެ އުދަނގޫ ވެފައިވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ކޮންފަރެންސާ ބެހޭގޮތުން މައުލޫމާތުދެމުން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ބުނީ، މި ފަހަރުގެ ކޮންފަރެންސްގައި 36 ދިރާސާ ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މީގެ އިތުރުން ކޮންފަރެންސްގެ ތީމާގުޅޭ ގޮތުން ދެ ޕެނަލް ޑިސްކަޝަންއާއި ހަ ކީނޯޓް ސްޕީޗް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކޮލެޖުން މައުލޫމާތު ދީފައިވެއެވެ.
ދިރާސާ ކަރުދާސް ހުށަހެޅުމުގެ އިތުރުން މި ކޮންފަރެންސްގައި ބާއްވާ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓް ސްޕީޗްތައް ދިނުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފާހަގަކޮށްލެވޭ ޢިލްމީ މާހިރުން ބައިވެރިވާނެކަން އެ ކޮލެޖުން ވަނީ ފާހަގަކޮށްފައެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ މިއަހަރުގެ ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން މެލޭޝިއާ އަދި ތައިލެންޑާއި އޭޝިއާގެ ބައެއް އެހެން ޤައުމުތަކުން ވެސް ދިރާސާކަރުދާސް ހުށަހަޅައިފައިވެއެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އިންތިޒާމުގެ ކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގެ ހޯސްޓަކީ ފުވައްމުލަކު ސިޓީ ކައުންސިލެވެ. އަދި ކޯ އޮގަނައިޒަރުންނަކީ މެލޭޝިއާގެ ޔުނިވާސިޓީ ޓެކްނޮލޮޖީ މާރާގެ އެކައުންޓިން ރިސާޗް އިންސްޓިޓިއުޓް އަދި ތައިލެންޑުގެ ރަންސިޓް ޔުނިވާސިޓީ އިންޓަނޭޝަނަލް ކޮލެޖެވެ.
ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖަކީ މާލެ ފިޔަވައި އެހެން ރަށެއްގައި މައިމަރުކަޒު ޤާއިމުކޮށްގެން ރާއްޖޭގައި ހިންގާ ހަމައެކަނި ކޮލެޖެވެ.