ކަމެއް ގިނައިން ކުރުމުން އެކަމެއް އާދައަކަށްވެ އެކަމެއް ހަރުލައެވެ. މީގެކުރީން މީހުން ބުނަމުންދިޔަ ގޮތުގައި އެއްކަމެއް އާންމުކޮށް 21 ވަރަކަށް ދުވަހު ކުރާ ނަމަ އެކަމެއް އާދައެއްގެ ގޮތުގައި ހަރުލައެވެ. ނަމަވެސް ދާދިފަހުން ހެދި ދިރާސާއަކުން އެއަށް ވުރެ ގިނަ ދުވަސް ނަގާކަން ވަނީ ހާމަވެގެން ގޮސްފައެވެ.
އާ ކަމެއް ފަށާ އިރު އެކަމެއް ކަށީގައި ހަރުލަން ދުވަސްތަކެއް ނަގާނެއެވެ. އަދި އެ އާދައަކީ ރަނގަޅު ކަމެއް ނަމަ ފަށައިގަންނަން ވެސް ގިނަ ދުވަސް ނަގައެވެ. މީގެ ކުރީން ރިޕޯޓުތަކުން ބުނާގޮތުގައި ތިން ހަފުތާ އެއްވަރަކަށް، އެއް ކަމެއް، ހުއްޓައި ނުލައި ކުރާ ނަމަ އެކަމެއް އާދައަކަށް ވެގެން ދާނެއެވެ. އަދި އެކަމަކީ ހުއްޓާ ނުލައި ކުރެވޭނެ ކަމެއް ކަމުގައި ވެސް ބުނެއެވެ.
ނަމަވެސް އަލަށް ހެދި ދިރާސާއަކުން ބުނާ ގޮތުގައި އެ މުއްދަތު ހަމަ އެއް ނުޖެހެއެވެ. އެއާ ޚިލާފަށް ކަމެއް އާދައަކަށް ވާން ގާތްގަނޑަކަށް ދެ މަސްވާ ކަމަށް ދިރާސާއިން ބުނެއެވެ.
ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން ދާދިފަހުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި އާންމުކޮށް ކުރެވޭ ކަމެއް އާދައަކަށް ހެދުމަށް އެންމެ މަދުވެގެން ދެ މަސް ބޭނުންވެއެވެ. އަދި ބައެއް ފަހަރަށް އެ މުއްދަތު އެއް އަހަރަށް ވެސް ދެމިގެން ގޮސްފާނެ ކަމަށްވެސް އެ ދިރާސާއިން ބުނެއެވެ.
ޔުނިވާސިޓީއިން ކުރިއަށް ގެންދިޔަ ދިރާސާގައި ފާއިތުވި 20 އަހަރު ތެރޭގެ ތަފާތު އެކި ކަހަލަ މައުލޫމާތުތައް ވަނީ އެއްކޮށްފައެވެ. އޭގެތެރޭގައި އާންމުކޮށް މީހުންގެ ދިރިއުޅުމަށް ގެނައި ބަދަލުތަކާއި އާ އާދަތަކުގެ ރެކޯޑުތައް ވަނީ ބަލާފައެވެ. މި ދިރާސާއަށް 2،600 މީހުންގެ މައުލޫމާތު އެއްކޮށްފައިވެއެވެ.
ގަވާއިދުން ފެން ބުއިމާއި ގަޑިން ގަޑިއަށް ބޭސް ނެގުމުގެ އިތުރުން ކަސްރަތު ކުރުން ފަދަ ކަންތައްތައް އާދައަށް ވުމަށް ގިނަ ދުވަސް ނަގާ ކަމަށް ދިރާސާއިން ބުނެއެވެ.
މި ދިރާސާ ހެދުމުގެ މައިގަނޑު ސަބަބަކީ އާދަތައް ދަމަހައްޓަން މީހުން މޯޓިވޭޓް ކުރުމަށް ކަމަށް ދިރާސާއިން ބުނެއެވެ. އެހެންވީމާ ކަމެއް ކުރުމަށް އާދަ ކުރަން އުނދަގުވާނަމަ އެކަމާ އެހާ އަވަހަށް ހިތްވަރު އެލުވާ ނުލުމަށް ދިރާސާއިން ލަފާ ދެއެވެ. އަދި ގިނަ ދުވަހު އެ ކަމެއް ކުރަމުން ދިޔުމުން އެކަމަށް ލޯބި ޖެހި އާދަވާނެ ކަމަށް ވެސް ދިރާސާއިން ބުނެއެވެ.
އެހެންވީމާ ޖިމަށް ގޮސް އުޅެ އުޅެ ޑީމޯޓިވޭޓްވާނަމަ ހިތްވަރު ކޮށްލައިގެން ދެ މަހެއް ވަރު ޖިމަށް ގޮސްލާށެވެ.
އަދި އެހާ ދުވަހުގެ ތެރޭގައި ގަވާއިދުން ކަސްރަތުން ކުރުން އާދައަކަށް ވުން ވަރަށް އެކަށީގެންވެއެވެ. އެހާ ހިސާބުން ޖިމަށް ދިޔުން އެހާ ޑީމޯޓިވޭޓެއް ނުވާނެއެވެ.