"ޔާލްގެ އެނދުގެ އެއްކޮޅުގަ އަހަންނަށް އޮވެވޭނެތަ؟" ޝިފާން ޔަލްވީއާއި ގާތްވެލިއެވެ. "ތޫ ބުނި މިހާރު އަހަރެން ނުބާއްވާނެޔޯ ޔާލްގެ ކައިރިއަކު، ތެދެއްތަ؟"
ގެއިން ނުކުތް ވަގުތު ރަޔާންގެ ކަންފަތުގައި ޖެހުނު ޖުމުލަތަކާއިއެކު، ފިޔަވަޅުތައް ހުއްޓުނެވެ.
********
"ޝިފާން!" ހިތްހަމަނުޖެހުނުވަރުން ޔަލްވީއަށް ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ.
ޝިފާންގެ އަޑު އެހެން މީހަކަށް އިވިދާނެތީ ޔަލްވީއަށް ހާސްވެގެން ދެކޮޅު ހޯދައި ބަލައިލެވުނެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ހަމަޖެހުމެއް ލިބުނު ނަމަވެސް، ޝިފާންގެ ބަސްމަގު ހުރިގޮތް ޔަލްވީއަކަށް ކަމަކުނުދިޔައެވެ. އެއް އިރެއްގައި ޔަލްވީ ޝިފާންދެކެ ލޯބިވިޔަސް، އެދެމެދުގައި އިތުރު ގުޅުމެއް ހިނގާފައެއް ނުވެއެވެ.
"އަހަންނަކީ މީހެއްގެ އަނތްބެކޭ" ވިސްނައިދޭ ރާގަކަށް ޔަލްވީ ބުނެލިއެވެ.
"ދެން ކޮބާ މައްސަލައަކީ؟ އަހަންނަށް އެނގެޔޭ ތީ ޔާލް ބޭނުންވެގެން ކުރި ކައިވެންޏެއް ނޫންކަން. މިކަހަލަ ތާކު ޔާލް އުޅޭނީ ކިހިނެއް؟ އަހަރެން ބޭނުންވަނީ ޔާލް ތި ކައިވެނިން ސަލާމަތްކުރަން. ހިނގާ އަހަންނާ އެކީ މާލެ ދާން.. މެރީކޮށްގެން ޔޫކޭއަށް ޗޭންޖްވާނީ" ޝިފާން ޔަލްވީގެ އަތުގައި ހިފިއެވެ.
"ޝިފާން ތިއުޅެނީ މޮޔަވެގެންތަ؟" ޔަލްވީ ޝިފާންގެ އަތް ފޮޅުވައިލިއެވެ.
"އަހަރެން އަދިވެސް ޔާލްދެކެ ލޯބިވޭ!" ޔަލްވީ ރުޅިއައުމުން، ޝިފާންއަށް ލިބުނީ ހިތްވަރެވެ.
"އަހަރެން ލޯތްބެއް ނުވޭ!" ޝިފާން ވާހަކަދެއްކި ރާގުގައި ޔަލްވީ ބުނެލިއެވެ. "އެއް އިރެއްގަ އަހަރެމެން ރައްޓެހިވިޔަސް، މިހާރު އަހަރެންގެ ހިތުގަ އެކައްޗެއްވެސް ނެތް... ޝިފާން ތިއައީ އެހެން ބޭނުމެއްގަކަމަށް ވެއްޖެއްޔާ މިގެއިން ދޭ... ހަމަ މިހާރު ދޭ.. އަހަރެން މިއުޅެނީ ވަރަށް އުފަލުގަ.."
"އަހަރެން މިއައީ ޔާލް ގޮވައިގެން ނޫނީ ދާގޮތަކަށް ނޫނޭ" ޝިފާން ދެބުމަ ކައިރިކޮށްލިއެވެ. އަނެއްކާވެސް ޔަލްވީގެ އަތުގައި ހިފައިލަން އުޅުނެވެ. ޔަލްވީ ވަގުތުން ދުރަށްޖެހުނެވެ.
"ކިހިނެއްވެގެން މިއުޅެނީ؟" ގެއަށް އައިސް ވަން އަފްސަމްއަށް ފެނުނު މަންޒަރުން ހަލުވި ފިޔަވަޅުތަކެއްގައި ޔަލްވީގެ ކައިރިއަށް ދިޔައެވެ.
ޝިފާން ފެނުމުން، އަފްސަމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ޝިފާން ހަމަޖެހިލަމުން ދެޖީބަށް އަތް ޖަހައިލިއެވެ. އަފްސަމް ފެނުމުން އޭނާގެ މޫނުން ހާސްކަން ފެނިގެން ދިޔައެވެ. ހަމައެއާއި އެއްވަރަށް ލިބުނު ރަނުގެ ފުރުސަތު ގެއްލުމުން، އޭނާ އަފްސަމްދެކެ ރުޅި އައެވެ.
"ތޫ ކައިރީ ބުނޭ އަހަރެން ގޮއްސިއޭ" އަފްސަމް އައިތަން ފެނުމުން ޝިފާން އަވަސް އަވަހަށް އެގެއިން ނުކުތުމަށް ހިނގައިގަތެވެ.
"ކާކު އެއީ؟" ޝިފާން ދިޔަ ދިމާއަށް އިޝާރާތް ކުރަމުން އަފްސަމް ސުވާލުކުރިއެވެ.
ކޮންމެވެސް ތަނަކުން ޝިފާން ފެނުނު ހަނދާނެއްވުމުން، އަފްސަމް ހުރީ ވިސްނާށެވެ. ރަނގަޅަށް ހަނދާންކޮށްލުމުން ދެމީހުން ބައްދަލުވީ ރަޔާންގެ ގެއިން ކަން އެނގުނެވެ. ރަޔާންގެ ގެއިން އަފްސަމްއަށް ފެނުނު ޒުވާނަކީ ޝިފާނެވެ. އެދުވަހު އަފްސަމް ނަން އެހުމުންވެސް ތަފްސީލެއް ދިނުމެއްނެތި ޝިފާން ނުކުމެގެން ދިޔައީ، މީހެއްގެ ހިތުގައި ޝައްކު ނޫފެދޭނެ ގޮތަކަށް ނޫނެވެ. ހިތަށް އެރި އެއްޗަކުން އަފްސަމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
"އެއީ އެކްސްއެއް" ގެއަށް ވަންނަން ދަމުން ޔަލްވީ ހީލީ ގަދަކަމުންނެވެ. "އެއީ ޕާސްޓް.. އަހަރެންގެ ހިތުގަ މިހާރު އެކައްޗެއްވެސް ނެތް"
ޔަލްވީ ގޭތެރެއަށް ވަތްއިރު ތޫބާ އިނީ ޓީވީ ބަލާށެވެ. ސޯފާއަށް ދެފައި ނަގައިގެން އިންގޮތުން، ޔަލްވީއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެއީ ކުރިން ޔަލްވީވެސް ޓީވީ ބަލަން އިންނަ ގޮތެވެ. ތޫބާ އާއި ދިމާއަށް ބަލާލުމަށްފަހު، ޔަލްވީ ގޮސް ކޮޓަރިއަށް ވަނެވެ. ޔަލްވީގެ އެކުވެރިޔަކަށް ވިޔަސް، ރަޔާން ތޫބާއާއި އެއްވެސް ވަރަކަށް ގަޔާނުވާކަން ޔަލްވީއަށް އެނގެއެވެ. ތޫބާގެ އުޅުން ހުރީ ޔަލްވީވެސް ހިތްހަމަޖެހޭނެފަދަ ގޮތަކަށް ނޫނެވެ. ވީއިރު، ތޫބާ އެގޭގައި މާގިނައިރު މަޑުކުރާކަށް ޔަލްވީގެ ހިތެއް ނުރުހުނެވެ. ރަޔާން އޮފީހަށް ދިޔުމުން ތޫބާއާއި ވާހަކަ ދައްކަން ޔަލްވީ ނިންމިއެވެ.
ރަޔާން ހުރީ ލޯގަނޑުގެ ކުރިމަތީގައެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިގޮތުން ރަޔާން ހުރީ އަދިވެސް ހިތްހަމަނުޖެހިފައިކަން ޔަލްވީއަށް އެނގުނެވެ. ޔަލްވީ ގޮސް ރަޔާންގެ ފުރަގަހުގައި ހުއްޓުނެވެ. އޭރު ޓައީ ހެޔޮވަރުކޮށްލުމަށްފަހު، ރަޔާންވެސް ޔަލްވީ އާއި ދިމާއަށް އެނބުރިލަނީއެވެ.
"ސޮރީ.." ރަޔާންގެ ގައިގައި ބައްދައިލަމުން ޔަލްވީ ބުނެލިއެވެ.
ހިތްހަމަނުޖެހިފައި ހުރި ރަޔާންގެ ރުޅި ފިނިވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ޔަލްވީ އެހާ ލޯބިން މާފަށް އެދުމުން، ރަޔާނަށް ދުރުގައި ހުރެވޭނީ ކިހިނެއް ހެއްޔެވެ؟ ރަޔާން ފުން ނޭވާއެއް ދޫކޮށްލާފައި ޔަލްވީގެ ގައިގައި ދެއަތް ވަށައިލިއެވެ. ދުލުން ލޯބިވާ ވާހަކަ ނުބުނިކަމުގައިވިޔަސް، ރަޔާންގެ ކޮންމެ އަމަލެއް އޭނާ ޔަލްވީދެކެވާ ލޯބި ހާމަކޮށްދެމުން ދެއެވެ. ޔަލްވީއަށް ހިނިތުންވެލެވުނެވެ. ހާސްކަން ފިލައިގެން ދިޔައެވެ. ރަޔާނަކީ ރުޅިމަޑު މީހެކެވެ. އޯގާތެރިއެވެ. ފިރިއެއްގެ ގައިގައި ހުންނަން ޔަލްވީގެ ހިތް ޝަރުތުކުރުވި ހުރިހާ ސިފައެއް ރަޔާނަށް ލިބިފައިވާކަމަށް އޭނާގެ ހިތް ބުންޏެވެ. ޔަލްވީގެ ހިތުގައި ރަޔާނަށް އޮތް ލޯބި އިތުރުވިއެވެ.
"ކޮންކަމަކާ ސޮރީ؟" ޖަވާބު އެނގި ހުރެވެސް، ރަޔާން ސުވާލުކުރިއެވެ.
"ދެންމެ ވީ ކަންތަކަށް" ޔަލްވީ މައުސޫމު ގޮތަކަށް ބުނެލިއެވެ. "ޝިފާން އެއީ..."
ޔަލްވީ އުޅުނީ ޝިފާންގެ ވާހަކަ ބުނާށެވެ. ރަޔާންއާއި ދެމީހުންގެ ގުޅުން ރަނގަޅުވެފައިވަނިކޮށް، ދެމީހުންގެ ދޭތެރޭގައި އެއްވެސް ކަމެއް ގޯސްވާކަށް ޔަލްވީ ބޭނުމެއް ނުވިއެވެ. ރަޔާން ޔަލްވީ ހުއްޓުވީ، އެވާހަކަ އަޑުއަހަން ފަސޭހަ ނުވާތީއެވެ. ޔަލްވީ އެހެން މީހަކާއި ރައްޓެހިވި ވާހަކަ އަޑު އަހަން ރަޔާންގެ ސިކުނޑި އެއްބަހެއް ނުވިއެވެ. މިހާރު ޔަލްވީއަކީ ރަޔާންގެ އަނބިމީހާއެވެ. ރަޔާން ޔަލްވީއަށް އިތުބާރު ކުރެއެވެ. އެނބުރި ޝިފާންގެ ހަޔާތަށް ނުދާނެކަންވެސް އެނގެއެވެ. އެކަމަކު، ރަޔާންގެ ހިތުގެ ކަނެއްގައި ޝިފާންއާއިމެދު ހަސަދަވެރިކަން އުފެދުނީ ޔަލްވީދެކެ އިންތިހާއަށް ލޯބިވާތީއެވެ.
"ޕާސްޓްގެ ވާހަކަ ނުދައްކަމާ" ރަޔާން އެދުނެވެ.
"ޔެސް... އަހަންނަށް އެނގޭ ރެން އަހަންނަށް އިތުބާރު ކުރާނެކަން" ޔަލްވީ ތުއިވެލިއެވެ. ކުރިއަށްވުރެ ބޮޑަށް ރަޔާންގެ މޭގެތެރޭގައި ބޮނޑިވެލިއެވެ.
"ތިއުޅެނީ އޮފީހަށް ދާންވާއިރަށް ގަމީހަށް ރޫ އަރުވާލަންތަ؟" ރަޔާން ސަމާސާކޮށްލަމުން، މަޑުމަޑުން ޔަލްވީ ދުރުކުރިއެވެ. ޔަލްވީގެ ކުޑަކުޑަ މޫނުކޮޅުގައި ދެއަތުން ހިފަހައްޓާލުމަށްފަހު، މަޑުމަޑުން ދެކޯތާފަތަށް ފިތައިލިއެވެ.
"މިއަދު އޮފީހަށް ނުދާންވީނު" ޔަލްވީގެ ދުލުން އެބަސްތައް ބޭރުވީ އިހުތިޔާރުން ބޭރުގައެވެ.
ރަޔާން ޖަހައިލީ ލުއި ހިނިގަނޑެކެވެ. ޔަލްވީގެ ދެކޯތާފަތުގައި ހިފައި، މަޑުމަޑުން ގުޑުވައިލިއެވެ. ޔަލްވީގެ މައުސޫމުކަން ފެނި، ރަޔާންގެ ހިތް އޭގެ މަގާމުން ދޫވެދާނެތީ އޭނާ ޖެހިލުންވިއެވެ. ޔަލްވީ އެދޭ ކޮންމެ އެދުމެއް ފުރިހަމަކޮށްދޭން ރަޔާންގެ ހިތް ބޭނުންވެއެވެ.
"މިއަދު ކޮންމެހެންވެސް ދާންޖެހޭނެ... ދެއަކުން މާދަމާގެ އަށަކަށް އަހަރެންގެ ހުރިހާ ޓައިމްއެއް ވައިފްއަށް.." ރަޔާން ވަރަށް ލޯބިން ބުނެލިއެވެ. ޔަލްވީ ތުއިގޮތަކަށް ތުން ފިއްތައިލިއެވެ. ބޮޑާހާކައިލާކަމަށް ހެދުނެވެ.
"ހިނގާ ސައިބޯން" ޔަލްވީ އެދުނެވެ.
"ދެން ސައިބޯނެހާ ވަގުތެއް ނެތް...." ގަޑިއަށް އިޝާރާތް ކުރަމުން ރަޔާން ބުނެލިއެވެ. "އެކަމަކު ބްރޭކްގަޑީ އަންނާނަން.. ބްރެޑް އެންޑް ބިސްގަނޑު އޯކޭވާނެ.... އެއްޗެއް ކައިގެން ހުންނައްޗޭ!"
ޔަލްވީ ހިތްހަމަޖެއްސުމަށްޓަކައި، ހަމަޖެހޭގޮތް ދައްކާލިނަމަވެސް ހަގީގަތުގައި ރަޔާން ހުރީ ނުތަނަވަސްވެފައެވެ. ތޫބާ ފެނުނީއްސުރެ ރަޔާންގެ ބޮލުގެ ރިހުމަކަށް ބަދަލެއް ނާދެއެވެ. ކޮންމެވެސް ކަމެއް ގޯސްވާން އުޅޭކަމަށް ހިތްބުނަމުން ދިޔައެވެ.
ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުމުން ރަޔާން އާއި ޔަލްވީ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް އެކަކު އަނެކަކާއި ދުރަށްޖެހިލެވުނެވެ. ދޮރުމަތީގައި ހުރީ ތޫބާއެވެ. ޔަލްވީއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
"މި... ކޮފީ ހުންނާނެތަ؟" ޔަލްވީއަށާއި ރަޔާންއަށް ބަލައިލަމުން ތޫބާ އަހައިލިއެވެ.
ރަޔާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ރުޅި އައިސް މުޅި މީހާ ދާހިއްލާ ފޯވާން ފެށިއެވެ. ޓަކިޖަހާލުމެއްނެތި ދެމަފިރިއެއްގެ ކޮޓަރިއަށް ވަނުމުން ތޫބާގެ ގޮތެއް ނެތްކަން ހާމަވެގެން ދިޔައެވެ. އައި ރުޅީގައި އެންމެ ހިނދުކޮޅަކުވެސް އެތަނުގައި މަޑުކުރާކަށް ރަޔާން ބޭނުމެއް ނުވިއެވެ. ބާރުހިނގުމުގައި ގޮސް ކޮޓަރިން ނުކުތް ރަޔާން ފެނި، ޔަލްވީ ހިފަހައްޓައިގެން ހުރި ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
"ވަޓްސް ރޯންގް ވިތް ޔޫ؟ ޓަކިޖަހާކަށްވެސް ނޭނގޭތަ؟" ހިތްހަމަނުޖެހިފައި ޔަލްވީއަށް ބުނެވުނެވެ.
"އޯހް... ސޮރީ، ސޮރީ... ކުރިންވެސް ކޮށްއުޅޭ ކަމެއް ނޫންވީމަ، ހަނދާން ނެތުނީ" ތޫބާ ކޮޓަރިއަށް ވަނެވެ. ވަށައިގެން ބަލައިލިއެވެ. އާދައިގެ ކުޑަ ކޮޓަރިއަކަށްވިޔަސް، ތަރުތީބުވެފައި ހިތްފަސޭހައެވެ. ތޫބާގެ ހިޔާލަށް ގެނައީ، ރަޔާނާއިއެކު އޭނާ އެ ކޮޓަރީގައި އުޅޭނެގޮތެވެ.
ތޫބާ ހިނގައިގަތީ އެނދާއި ދިމާއަށެވެ. އެނދުކޮޅުގައި ބަހައްޓާފައިވާ ކައިވެނީގެ ރަން ލާފައިވާ ކުޑަ ފްރޭމް ނަގަން އުޅުނެވެ. ޔަލްވީ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ތޫބާގެ އަތުގައި ހިފައި ހުއްޓުވިއެވެ.
"ތިހެން ހެދީމަ ރެންގެ ކުރިމަތީގަ ވެއްޓޭނީ އަހަރެންގެ އަގު" ޔަލްވީ ތޫބާއާއި ވާހަކަދެއްކީ އޭގެ ކުރިން ދުވަހަކުވެސް ވާހަކަ ނުދައްކާ ގޮތަކަށެވެ. އެހާވެސް ހިތްހަމަނުޖެހިގެންނެވެ. "މީ އަހަރެންގެ އަމިއްލަ ކޮޓަރިއެއް ނޫނޭ.... މީއަހަރެމެން ދެމަފިރިންގެ ކޮޓަރި.... ކުރީގަ އަހަރެންގެ ކޮޓަރިއަށް ވަނަސް، މިހާރު މިކޮޓަރިއަކަށް ނުވަދެވޭނެ ޓަކިނުޖަހައެއް"
"ދެމަފިރިންނޭ؟" ތޫބާ ހޭންފެށިއެވެ.
"އާނ ދެމަފިރިން.. ތޫބާ ގަބޫލުނުކުރިޔަސް، އެއީ އަހަރެންގެ ހަޒްބެންޑް" ތޫބާ ޔަލްވީގެ އަތް ފޮޅުވައިލަން އުޅުމުން، ޔަލްވީ ކުރިއަށްވުރެ ބާރަށް ތޫބާގެ އަތަށް ފިތައިލިއެވެ.
"އައްދޯތް!... ތަދުވެއްޖޭ!" ތޫބާ ހިތްހަމަނުޖެހުނެވެ.
"އަހަރެން ހިތްހަމައެއް ނުޖެހޭ ތޫ އަހަރެންގެ ހަޒްބެންޑްއަށް ބަލާގޮތެއް... އަހަރެންގެ އެކުވެރިއެއްގެ ގޮތުގަ ހުންނަން ބޭނުމިއްޔާ، ރެންއަށް ރެސްޕެކްޓްކުރޭ!" ޔަލްވީ ތޫބާގެ އަތުގައި ހިފައިގެން ގަދަކަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނެރުނެވެ. "އަދި އެއްކަމެއް... މިގޭގަ ތޫއަކަށް ނުހުރެވޭނެ... ތޫ ބޭނުމިއްޔާ، އެހެން ތަނަކުން ކުލީ ކޮޓަރިއެއް ހޯދަދީފާނަން"
"ޔާލް މިހާރު ހާދަ ފޮނިވެއްޖެއޭދޯ.. ހޭންޑްސަމް ފިރިއެއް ލިބުނަސް ތިވަރު ވާއެއްޗެއް ނޫން އިނގޭ.. ތިހެން އުޅެނިކޮށް ފިރިމީހާ ޖަހައިގަނެފާނަން" ތޫބާ އިންޒާރު ދިނެވެ.
"ތޫ...." ތޫބާގެ މޫނުމަތީގައި ޖެހުމަށް ޔަލްވީ އަތް އުފުލައިލިއެވެ.
ލިބުނު ސިހުމުގައި ތޫބާއަށް ދެލޯ މަރާލެވުނެވެ. ޔަލްވީ އޭނާގެ އަމިއްލަ ނަފުސު ކޮންޓްރޯލް ކުރަމުން އަތް ތިރިކޮށްލިއެވެ. އަދި ތޫބާއަށް ފުރަގަސްދިނެވެ. ކުރެވެން އުޅުނީ ގޯސްކަމެއްކަން ވަގުތު ފާއިތުވުމުގެ ކުރިން ވިސްނުމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް ތޫބާގެ ސަބަބުން ޔަލްވީގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ.
"ވަރަށް ރީތިކޮށް މިބުނަނީ.. އަހަންނަށް ގޯހެއް ނުހެދެނީސް، ތޫ މިގެއިން ދޭ" ރުޅިގަނޑު ހިންދައިލަން މަސައްކަތް ކުރަމުން ޔަލްވީ ބުނެލިއެވެ.
ޔަލްވީ ކަންތައް ކުރިގޮތުން ތޫބާއަށް ހައިރާންކަމެއް ލިބުނެވެ. އޭގެކުރިން އެއްވެސް ހިޔާލެއް ފިކުރެއްނެތި ކޮންމެކަމެއްވެސް ކޮށްލާ ޔަލްވީއަށް އައިސްފައިވާ ބޮޑު ބަދަލު އޭނާއަށް ފާހަގަނުވެއެއް ނުދިޔައެވެ. ތޫބާ ހިތްހަމަނުޖެހުނީ އޭގެ ކުރިން ކޮންމެ ކަމެއް ވަރިހަމަ ޔަލްވީއަށް ރަޔާން މުހިއްމުވެގެން ދިފާއުކުރަން އުޅުނުވަރު ފެނުމުންނެވެ.
"މީގެ ކުރިން ޔާލް އުޅުނީ ތިހެނެއް ނޫން.... އަހަރެމެން އެންމެންވެސް އުޅުނީ ކިހާ ކޫލްކޮށް.... ގަޓުވެގެން..... ޔާލް ކޮންއިރަކުތަ މާ މާތްވެގެން ތިއުޅެނީ؟" ޔަލްވީ ނުކުންނަން އެދުމުންވެސް، ތޫބާ ދާކަށް ނޫޅުނެވެ.
މާޒީ ހަނދާންވުމުން، ޔަލްވީއަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. ކުރީގައި އުޅެވުނު ގޮތް ހަނދާންވެ އިސްޖަހާލެވުނެވެ. ރަޔާނާއިއެކު އޭނާ ހޭދަކުރީ މަދު ދުވަސްކޮޅެކެވެ. އެކަމަކު، ދިރިއުޅުމުގެ ރިވެތި އަހުލާގާއި ސިފަތައް ޔަލްވީގެ ގައިގައި އަށަގަންނަން ފަށައިފިއެވެ. ހެވާއި ނުބައި ވަކިކުރަން ދަސްކޮށްދިނީ ރަޔާންއެވެ. އޭގެ ކުރިން ވިސްނުމެއްނެތި ބުނެވޭ ވިހަ ބަސްތައް ދުލާއި ހަމައަށް ގެނައުމުގެ ކުރިން ވިސްނައިލަން މިއަދު ޔަލްވީއަށް ދަސްވެއްޖެއެވެ. އެކިމީހުންނާއި ދިމާއަށް ހާއްސަކޮށް ރަޔާންގެ މަންމަ އާއި ދިމާއަށް ކިޔުނު އެއްޗެހި ހަނދާންވެ، މިއަދު ޔަލްވީ އެކަމާ ދެރަވެ، ލަދުގަނެއެވެ. އެދުވަސްތައް އަނބުރާ ގެނެވޭނެނަމަ، އޭނާ ފުރަތަމަ ކުރާނީ އެކަންތަކެވެ. އަމިއްލަ މައިންބަފައިންނާއި ދޭތެރޭވެސް ޔަލްވީއަށް ކަންތައް ކުރެވިފައިވަނީ އިހާނެތިކޮށެވެ. މީހެއްގެ އެންމެ ބަހަކުންވެސް އަނެއް މީހާގެ ހިތުގައި ދުވަހަކު ނުފިލާނެވަރުގެ ކޫރުމެއް އެޅިދާނެކަން ޔަލްވީއަށް ކުރިން ގަބޫލުނުކުރެވުނީއެވެ. ނުވިސްނުނީއެވެ. ވިސްނައިދޭނެ މީހަކުވެސް ނެތީއެވެ. ޔަލްވީގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ހެޔޮވިސްނުން ލިބުނީތީ، ހަމްދުކުރާ ހާލު، ރަޔާން ކަހަލަ ފިރިއަކު ލިބުނީތީ، ޝުކުރުވެރިވެވުނެވެ.
ޔަލްވީ މަޑުމަޑުން ހިނގާލާފައި ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު އޮފީހަށް ދާން ތައްޔާރުވެލައިގެން އަފްސަމް އޭނާގެ ކޮޓަރިން ނުކުމެ ހުއްޓެވެ. ތޫބާއާއި ޔަލްވީ ދެއްކި ހުރިހާ ވާހަކައެއް އަފްސަމަށް އަޑު އިވުނެވެ. އަފްސަމް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ތޫބާގެ ފޮށި ބޭރަށް ނެރުނެވެ. އަފްސަމްއާއި ދިމާއަށް ފާޑަކަށް ބަލައިލުމަށްފަހު، ތޫބާ ފޮށި ދަމަމުން، އެގެއިން ނުކުތެވެ.
"އޯކޭތަ؟" ޔަލްވީ ހުރިގޮތް ފެނުމުން، އަފްސަމް އަހައިލިއެވެ.
ޔަލްވީ މަޑުމަޑުން ބޯ ޖަހައިލިއެވެ. އޭނާގެ ސިކުނޑީގައި ވަނީ ރަޔާންގެ މަންމަ އާއި ދިމާއަށް ކިޔުނު އެއްޗެއްސެވެ. ކަންތައް ކުރެވުނު ނިކަމެތި ގޮތެވެ. އެމަންމަގެ ހިތްތިރިކަމާއި ކެތްތެރިކަން މިއަދު ޔަލްވީއަށް އިހުސާސްކުރެވިއްޖެއެވެ. ޔަލްވީގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުންދިޔައެވެ. ނަމަވެސް އެ ކަރުނައިން ހިތި ހަގީގަތް ބަދަލުނުކުރެވޭނެކަން އޭނާއަށް އެނގެއެވެ.
********
"އަހަރެން އެދުވަހު ބުނީމެއްނު މީހެއްގެ ވާހަކަ" އޮފީހަށް ދިޔަގޮތަށް އަފްސަމް ވަނީ ރަޔާންގެ ކެބިންއަށެވެ. "އަހަންނަށް އެނގިއްޖެ ހުރިހާ ކަމެއްގެ ފަހަތުގަ ހުރީ ކާކު ކަން"
(ނުނިމޭ)