ނަޝީދާއެކު ވާހަކަތަކުގައި ބައިވެރިވާކަށް ބޭނުމެއް ނޫން: މައުމޫން

މަޝްވަރާ ކުރެއްވުމަށް ރައީސް މުހަންމަދު ނަޝީދާއެކު އެއް ހާޒިރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

އައްޑު އަތޮޅު ހިތަދޫގައި ޕީޕީއެމުން ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މިދިޔަ ހަފުތާގައި ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ ސަފީރު ޕެޓްރީޝިއާ ބުޓެނިސް އެމަނިކުފާނާ ބައްދަލު ކުރައްވާ ޕާޓީތަކުގެ މަޝްވަރާތަކުގައި އެ މަނިކުފާނާއި ނަޝީދު ބައިވެރިވަ ވަޑައިގެން ދެއްވުމަށް އެދިވަޑައިގަތް ކަމަށެވެ. ނަމަވެސް ނަޝީދާއެކު ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް އެކަމަނާއަށް ދަންނަވާފައިވާނެ ކަމަށެވެ.

އައްޑޫ ސިޓީގެ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވި އެ ޖަލްސާގައި މައުމޫން ދެފަހަރަށް ވާހަކަފުޅު ދެއްކެވި އެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރުގައި ވިދާޅުވީ ނަޝީދާއެކު ވާހަކަ ދައްކަން ބޭނުންފުޅުވެ ވަޑައި ނުގަންނަވަނީ ރާއްޖެ އާއި ބޭރު ދުނިޔޭގައި އެމަނިކުފާނާ ބެހޭ ގޮތުން ނަޝީދު ހަގީގަތާ ހިލާފު ވާހަކަފުޅު ދެއްކެވުމާއި އަދި ނަޝީދުގެ ވެރިކަން ބަދަލުކުރީ އެމަނިކުފާނުގ އަޑީގައި ހުންނަވައިގެން ކަމަށް ވިދާޅުވަމުން ގެންދަވާތީ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ވާހަކަފުޅުތައް ދައްކަވާ ބޭފުޅަކާ އެކު އެއް ހާޒިރަށް ވަޑައިގެން ވާހަކަ ދެއްކެވުމަކީ މަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެވާހަކަ ދެންނެވީ އެމެރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގެ އެއް ފަރާތް ސާފުވެފައި އަނެއް ފަރާތް ސާފުނުވެ އޮތުމުން ކަމަށެވެ.

ޖަލްސާގައި މައުމޫންގެ ދެވަނަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފުލުހުންނާ ސިފައިން ކުރައްވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި ނަޝީދުގެ ސަރުކާރު ބަދަލުވީ ބަޣާވަތަކުން ނޫން ކަމަށެވެ. އަދި އޭރު އެ ދިމާވި ނުރައްކާތެރި ދަނޑިވަޅުގައި ވެސް ފުލުހުންނާއި ސިފައިން މަސައްކަތްކޮށްފައި ވަނީ ގާނޫނުގެ އިމުގެ ތެރޭގައި ކަމަށެވެ.

ނަޝީދާއެކު މަޝްވަރާ ކުރެއްވުމާ ބެހޭ ގޮތުން މައުމޫން ވާހަކަފުޅު ދެއްކެވި އިރު އެމްޑީޕީން ބުނެފައި ވަނީ "ބަޣާވާތު" ގައި ރައީސް މައުމޫން ބައިވެރިވި ކަމަށް އެ ޕާޓީން ބުނާ ވާހަކަ، މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި އަނބުރާ ގެންދަން ތައްޔާރު ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު