ހޯލްތެރޭގައި އިށީނދެގެން ދެފައި ދަމާލައިގެން ފާރުގައި ލެނގިލައިގެން އަފްނާން އިންއިރު، މިހާރު އެތަނުގައި އެކަކުވެސް ނެތެވެ. ވިސްނުމަކަށް ގެއްލިފައި އިންތަނާ އިރުގަނޑެއް ފަހުން އޭނާގެ ފޯނު ރިންގުވިއެވެ.
އެއްފަރާތު ކާޕެޓު މަތީގައި ބާއްވާލެވިފައިވާ ފޯނަށް ބަލައިލުމާއެކު، އެއަށް އަރާފައިވާ ނަން ފެނި އަފްނާންގެ މެއަށް ފިނިވެލިއެވެ. މައުވާގެ މަންމަ އޭނާއަށް އެ ގުޅަނީ ކީކުރަން ހެއްޔެވެ؟ ގެއަށް ގޮސް މައުވާ ހުރިހާ ވާހަކައެއް ކިޔައިދިނީހެއްޔެވެ؟ އޭނާއާ ދިމާލަށް އެއްޗެހި ކިޔަން މައުވާގެ މަންމަ ބޭނުން ވަނީ ހެއްޔެވެ؟ އެނޫނީ އޭނާއަށް ގުޅާނެ ސަބަބަކީ ވެސް ވަކި ކޮބައިހެއްޔެވެ؟ މައުވާއާ ދޭތެރޭ ކަންތައްކުރި ގޮތުން ރާމިޒާ އޭނާއަށް ގުޅަން ޖެހޭނެ އިތުރު ސަބަބެއް ނޯންނާނެކަމުގައި އަފްނާންއަށް ވަނީ ޤަބޫލު ކުރެވިފައެވެ. ރިންގުވެފައި ފޯނު ކެނޑުނުއިރުވެސް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީ އެހެންވެގެންނެވެ. ހިތުގައި ވި ނުތަނަވަސްކަމުގެ ސަބަބުން އަފްނާންއަށް އުނދަގޫވެސް ވިއެވެ. އެހެން އިންދާ ދެވަނަ ފަހަރަށްވެސް ރާމިޒާ އޭނާއަށް ގުޅައިފިއެވެ. މިފަހަރުވެސް އޭނާ ފޯނެއް ނުނެގިއެވެ. ގާތްގަނޑަކަށް ހަ ވަރަކަށް ފަހަރު އޭނާއަށް ރާމިޒާގެ ފޯނު ކޯލު ލިބުނެވެ. އެންމެފަހުން ފޯނު ނިއްވާލަމުން، އަފްނާން އެއްފަރާތުގައި ފޯނު ބާއްވާފައި ހޯލުތެރެއަށް ނަޒަރު ހުއްޓާލިއެވެ.
ހިމޭން އެ މާހައުލުގެ ތެރެއިން މައުވާގެ ގިސްލުމުގެ އަޑު އިވެން ފެށިހެން އަފްނާންއަށް ހީވިއެވެ. އެއާއެކު އޭނާއަށް ކަންފަތުގައި އަތް އަޅާލަން މަޖުބޫރުވިއެވެ. ލޯ މަރާލުމާއެކު މައުވާގެ ކަރުނުން ފުރިގެންވީ ދެލޯ ސިފަވާން ފެށިއެވެ. އެ ދެލޮލުގައިވި ވޭނާ ކެކުޅުންތައް އޭނާއަށް އުނދަގޫކުރަން ފެށިއެވެ. އަމިއްލަ ނަފްސަށް ކުރެވެން ވެށި ކުށްވެރި އިޙްސާސްތަކުން މިންޖުވާނެގޮތެއް އެ ހިނދުކޮޅު އަފްނާންއަކަށް ނުވެސް ވިސްނުނެވެ. ތުންފަތުގައި އަތް ޖައްސާލެވުނީ ދިލަނަގަމުން ދިޔައީތީއެވެ. ލޭ ނައެއްކަމަކު އަނގަމަތި ހުރީ ކުޑަކޮށް ދުޅަވެފައެވެ. އިރުގަނޑަކު އެހެން އިނދެފައި ތެދުވި އަފްނާން ގޮސް ހޯލުން ނުކުތެވެ. ތިރިއަށް ގޮސް އޭނާ ސައިކަލަށް އަރާ ގެއާ ދިމާލަށް ދުއްވާލުމުގެ ބަދަލުގައި މިސްރާބުޖެހީ މުޅި މާލޭގައި ދުއްވުުމަށެވެ.
އެ ނުތަނަވަސްކަމުގައި އިނދެ އޭނާ ދުއްވީ ކިހާ އިރެއް ވަންދެންކަމެއް ވެސް ނޭނގެއެވެ.
ގެއަށް ގޮސް ވަތްއިރު، އެކެއް ޖަހާ ބޮޑު ވެއްޖެއެވެ. ހައިރާންވީ އެހެން ރޭރެއާ ޚިލާފަށް ގޭތެރެ ދިއްލާފައި ހުރުމުންނެވެ. އެތެރެއަށް ވަދެ ރަނގަޅަށް ބަލައިލުމާއެކު، އެތަނުގައި ތިބި ނަޖީބާއި ރިސާމާގެ އިތުރުން، އަޒްލަފްއާއި ޝައުފާ އޭނާގެ ލޮލުގައި އަޅައިގަނެއްޖެއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަފްނާންއަށް ނަގައިގެނެވުނީ އެހާ ހިސާބުންނެވެ. އޭނާ ފެނުމާއެކު ނަޖީބު ވާހަކަ ދެއްކިއެވެ.
"ދަރިފުޅާ! ކޮންތާކު އުޅެފަ ގެއަށް ތިއައީ؟ ބައްޕަ ހާދަ ވަރަަކަށް ގުޅައިފީމޭ. ފޯނުވެސް އޮތީ ނިއްވާލާވަ. އަފޫ ކޮންމެވެސް ކަމަކު ހޮޓެލް ހޯލް ނެގި ވާހަކަ ބުނީމަ މެނޭޖަރު ޔާމީނުއަށްވެސް ގުޅިން. އެންމެން ދިޔަތާ އެތައް އިރެއްވެއްޖެޔޭ ބުނީ." ނަޖީބު ވާހަކަ ދެއްކިއެވެ. އޭރު އެ އަޑުން ހާސްކަމާއި މަޑުމޮޅިކަމެއްގެ އަސަރު ހާމަވަމުން ދިޔައެވެ.
"ފޯނު ނިވިފަ އޮތީ." އަފްނާން ބުނެލިއެވެ.
"ތުންފަތް ކައިރިއަށް ކިހިނެއްވެފަ ތިހުރީ؟" ކައިރިއަށް އައި އަފްނާންގެ ތުންފަތްމަތި ފެޅިފައިވާތަން ފެނުމާއެކު، ނަޖީބު ސުވާލުކޮށްލިއެވެ.
"އެއްޗަކުން ޖެހުނީ." ފަހަރަކު މީހެއްގެ މޫނަށް އަވަސް ނަޒަރެއް ދީފައި އަފްނާން ބުނެލިއެވެ. މޫނުމަތިން ހަމަޖެހުމުގެ އަސަރުތައް ދައްކަން އޭނާ މަސައްކަތްކުރިއެވެ.
"ކިހިނެއްވީތޯ؟ އެންމެން ހާދަ ހާސްވެފަ؟" އަފްނާން ސުވާލުކޮށްލީ އެ އެންމެންގެ މޫނުމަތިން ފެނުނު އަސަރުތަކުގެ ސަބަބުންނެވެ.
"މިތާ އިށީނދެބަލަ...... މިއުޅެނީ މެލޭޝިއާއަށް ދާންޖެހިގެން." ނަޖީބު ބުނެލިއެވެ.
"ކޮން އިރަކު؟ ބައްޕަ އެކަނިތޯ؟" އަފްނާން ހައިރާންވީ އެކަމާ އެންމެން ނުނިދާ ތިބުމުންނެވެ. މީގެ ކުރިން ވެސް ނަޖީބު އެކަނިވެސް އެތަކެއް ފަހަރަކު މެލޭޝިޔާއަށް ދޭ ވިއްޔާއެވެ. އެހެންކަމުން އެފަދަ ކަމަކާ ހެދި އެންމެން އެތަނުގައި ތިބެން ޖެހުނު ސަބަބެއް އަފްނާންއަކަށް ނުވިސްނުނެވެ.
"ނޫނޭ. އެންމެން. އަފޫ ވެސް." ނަޖީބު ބުނެލިއެވެ.
"އަޅުގަނޑުވެސް؟ އޭރުން؟ ކިހިނެއްވީ؟ އެކޮޅަށް އެއްކޮށް ބަދަލުވަނީތަ؟" އެންމެންގެ މޫނުމަތީގައިވި ކުލަވަރުތައް ދިރާސާ ކުރާ ފަދައަކުން އިނުމަށްފަހު، އަފްނާންއަށް އެ ސުވާލު ކޮށްލެވުނެވެ. އޭރު އޭނާގެ ހިތަށް ނުބައި ގޮތެއް ވެއްޖެއެވެ. ލިބެން އުޅެނީ ރަނގަޅު ޚަބަރެއް ނޫންކަން އެ އެންމެންގެ މޫނުމަތިން އޭނާއަށް ދޭހަވެގެން ދިޔައެވެ.
"އެކޮޅަށް އެއްކޮށް ބަދަލުވަނީކީ ނޫން. އެކަމަކު ގޮސްފަ އާދެވޭނެ ދުވަހެއް ނޭނގެ. " ނަޖީބު ބުނެލިއެވެ." ދަރިފުޅުމެންގެ މާމަ ވަރަށް ބޮޑަށް ބަލި. މިހާރު އޮތީ ހޮސްޕިޓަލުގައި އެޑްމިޓްވެސް ކޮށްފަ." ނަޖީބު ބުނެލިއެވެ.
"މާމައަށް ކިހިނެއްވީ؟" އަފްނާންއަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނުއިރު އޭނާވެސް ކަންތައްބޮޑުވެއްޖެއެވެ. މާމަ އެމީހުންނާ ވަކީން އުޅުނެއްކަމަކު އަފްނާން ވެސް އޭނާގެ މާމަ ދެކެ އިންތިހާއަށް ލޯބިވެއެވެ. މާމަގެ ޙާލަތު އެނގުމުން އޭނާ އެހާ ދެރަވީ އެހެންވެގެންނެވެ. ކުޑައިރު ކާފައަށްވުރެ ވެސް ބޮޑަށް އަފްނާންއާ ގާތީ އޭނާގެ މާމައެވެ.
"ވީގޮތެއް އެހާ ރަނގަޅަކަށް އަދި ސާފެއް ނުވޭ." ނަޖީބު ބުނެލިއިރު އޭނާގެ އަޑުންވެސް ފާޅުވަމުން ދިޔައީ ހިތާމައިގެ އަސަރެވެ. މަންމަގެ ގާތަށް ވީ އެންމެ އަވަހަކަށް ދިޔުމަކީ އޭނާ މިހާރުން މިހާރަށް އެންމެ ކުރަން ބޭނުންވާ ކަންތަކެވެ. ފިކުރު ބޮޑުވެފައިވާ ނަޖީބަށް އިސްޖަހާލެވުނެވެ. ކިތަންމެ ހިތްވަރު ކުރިނަމަވެސް، ހިތުގެ އިޙްސާސްތަކުގެ މައްޗަކަށް އޭނާއަކަށް ބާރެއް ނުފޯރުވުނެވެ. މަންމަގެ ބަލި ޙާލަތު އެނގުމަށްފަހު މައިމީހާއަށްޓަކައި އޭނާގެ ހިތްވެސް ދިޔައީ ރޮމުންނެވެ. އެހާ އިރު ހިތްވަރުކުރި ނަޖީބު މާޔޫސްވެގެން ދިޔައެވެ.
"ކޮން އިރަކުން ފުރަނީ؟" އަފްނާން ސުވާލުކޮށްލީ އަޒްލަފްއަށް ބަލާލަމުންނެވެ.
"މާދަމާއަށް މި ބަލަނީ. ތިކެޓް ކަންތައް ހަމަޖައްސަނީ މި. އަފޫގެ ޕާސްޕޯޓްވެސް ބޭނުންވާނެ." އަޒްލަފް ބުނެލިއެވެ. އަފްނާން ބޯ ޖަހާލާފައި ކޮޓަރިއާ ދިމާލަށް ހިނގައިގަތުމުން ޝައުފާވެސް އާއިންއަށް ބަލާލާފައި އެބަ އަންނަމޭ ބުނެ ސޯފާއިން ތެދުވިއެވެ.
ޖެހިގެން އައި ދުވަހު ހަވީރު އަފްނާންގެ އާއިލާ މެލޭޝިޔާައަށް ފުރައިފިއެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރާ ތިރީސް މިނެޓް ހޭދަވި އެ ދަތުރަށްފަހު ކިތަންމެ ވަރުބަލިވެފައި ތިބި ނަމަވެސް، އެއާޕޯޓުުން ނުކުތްގޮތަށް، ފޮށިތައް ގެއަށް ފޮނުވާލާފައި އެންމެންވެސް ދިޔައީ ހޮސްޕިޓަލަށެވެ. ނަޖީބުގެ މަންމަ ނަސީރާއަށް ފަރުވާ ދެމުން ގެންދިޔައީ އެތަނުގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލުގައެވެ.
"ކޮބާ މަންމަ؟ ހިނގާ ރޫމަށް ދާން." ނިޔާފް ފެނުމާއެކު ނަޖީބު ސުވާލުކޮށްލިއެވެ.
"މީ މިހާާރު ރޫމަކު ނޫން. " ނިޔާފް ބުނެލިއވެެ.
"އެއީ؟" ގައިމު ފުރިއިރުވެސް ބުނީމެއްނު ރޫމްގައޭ އޮތީ؟" ނަޖީބު ހައިރާންވިއެވެ.
"ދޮންބެމެން ފްލައިޓަށް އެރި ފަހުން ވަރަށް ޙާލު ދެރަވެގެން އައިސީޔޫއަށް އެ ޝިފްޓްުކުރީ. ދެން މާދަމާ ވަދެވޭނީ. " ނިޔާފް އޮޅުން ފިލުވައިދިނެވެ.
"ކިހިނެއްވީ ކުއްލިއަކަށް އެހާ ޙާލު ދެރަވީ؟" ނަޖީބަށް ސުވާލުކޮށްލެވުނެވެ.
"މިހާރު ނިއުމޯނިޔާއަށް ޝައްކުކުރެވޭކަމަށް ޑޮކްޓަރުން ބުނީ." ނިޔާފްގެ އަޑުވެސް މަޑުވެފައި މޮޅިވެރިކަމެއް ވިއެވެ. ހިތްވަރުދޭ ފަދައަކުން ނަޖީބު، ނިޔާފްގެ ކޮނޑުގައި ޖަހާލިއެވެ.
"ކޮބާ ސާރާ؟" އިރުކޮޅެއްފަހުން، ނަޖީބު ސުވާލުކޮށްލީ ނިޔާފްގެ އަންހެނުން ސާރާ އެތަނުން ނުފެނުމުންނެވެ.
"ގޭގަ. ވަރަށް ނުދާންހުރެފަ މިރޭ އެދިޔައީވެސް. މިހާރު ނުނިދާ އުޅޭތާވެސް ދެ ދުވަސްވެއްޖެ ވިއްޔަ. އެހެން ނޫނަސް ހީކުރީ ގެއަށް ގޮސްފަ ފޮށިތައް ލާފަކަމަށް ދޮންބެމެން އަންނާނީ. އެހެންވެއާ އެކީ ދިޔައީ. " ނިޔާފް ބުނެލިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވިއެވެ. ގުޅީ ސާރާއެވެ. އޭނާ ސާރާގެ ފޯނު ބާއްވާފައި ނަޖީބަށް ބަލާލިއެވެ.
"ފޮށިތައް ގެއަށް ގެންދިޔައިމަ އެ ގުޅީ." ނިޔާފް ބުނެލިއެވެ.
އެންމެންވެސް ތިބޭނީ ވަރަށް ވަރުބަލިވެފައިކަމުން ނިޔާފް އެދުނީ ގެއަށް ގޮސް އަރާމުކޮށްލާފައި އަނެއް ދުވަހު އައުމަށެވެ. އެހެންނަމަވެސް ނަޖީބު އެކަމާ އެއްބަހެއް ނުވިއެވެ. އޭނާ ބޭނުންވީ ނިޔާފް ކައިރީގައި މަޑުކުރަންކަމުން، އެހެން އެންމެން ފޮނުވާލާފައި މަޑުކުރީއެވެ.
އައިސީޔޫގައި އޮންނަތާ ހަފްތާއެއް ފަހުން ނަސީރާ ވާރޑަށް ޝިފްޓުކުރިނަމަވެސް، ނަސީރާގެ ޙާލަތު އަދިވެސް ދެރައެވެ. އެހެންކަމުން އޮބްޒަރވޭޝަންގައި އޭނާ ބޭއްވުމެވެ. މަންމަގެ ގާތުން އެންމެ ވަގުތު ކޮޅަކުވެސް ދުރަށް ދާން ނިޔާފްއާއި، ނަޖީބާ ދެމީހުން ބޭނުމެއް ނުވެެއެވެ. ވީހާވެސް ގިނަވަގުތެއް މަންމަ ކައިރީގައި އެ ދެމީހުން ހޭދަކުރިއެވެ. އެގޮތުގައި އެތަކެއް ދުވަހަކު އޮވެފައި ނަސީރާ ދުނިޔެ ދޫކުރީ، ނަޖީބުމެން މެލޭޝިޔާއަށް އައިތާ ދެ މަސް ދުވަސް ވާން އުޅެނިކޮށެވެ.
ނަސީރާގެ މަރަށްފަހުވެސް ނަޖީބުމެން އިތުރު ދެ ހަފްތާ މެލޭޝިޔާގައި މަޑުކުރިއެވެ. އެހެންނަމަވެސް ކުންފުނީގެ ކަންތައްތައްވެސް އަބަދު މީހަކާ ހަވާލުކޮށްފައި ނުބެހެއްޓޭނެތީ އެންމެފަހުން އެމީހުން މާލެ އަންނަން ނިންމީއެވެ. އޭރު ދިޔަގޮތަށް ރާއްޖެ ދެވޭނެ ދުވަހެއް ނޭނގޭތީ ނަޖީބުމެންގެ އެދުމަށް އަފްނާންވެސް ވަނީ މެލޭޝިޔާގެ ޔުނިވާސިޓީއަކުން ކޯސްފުރިހަމަކުރަން ފަށާފައި ނަމަވެސް، އޭނާ ހުރީ އެކޮޅުގައި މަޑުކުރާގޮތަކަށް ނޫނެވެ. އެހެންނަމަވެސް، އެންމެފަހުން އަފްނާންވެސް އޭނާގެ މައިންބަފައިންގެ ބަސް ޤަބޫލުކުރީ، ޚުދު އޭނާވެސް އަމިއްލަ ހިތުގެ އިޙްސާސްތަކަށް ފިލަންބޭނުންވެފައި ހުރިވަރުންނެވެ. ނޭނގޭ ސަބަބަކާހުރެ މައުވާގެ ކުރިމައްޗަށް އަރަން ޖެހިލުންވާތީ، އޭނާ އެ ނިންމުން ނިންމީ މާ ބޮޑަށް މައުވާގެ މަތިން ހަނދާންވާތީއާވެސް އެކުގައެވެ. މައުވާ ދެކެ ލޯބިވުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އަދި އެގޮތަށް މައުވާ ނުފެންނަ ހިސާބުގައި ހުރުމުން ފަހަރުގައި މައުވާ މަތިން ހަނދާން ނައްތާލަން ފަސޭހަވާނެކަމަށް ޤަބޫލުކުރެވޭތީއާވެސް އެކުގައެވެ. އެހެންނަމަވެސް، އޭރު އަފްނާންއަށް ނޭނގުނު ކަމަކީ ކިތަންމެ ދުވަހެއްވިޔަސް އޭނާއަށް މައުވާ މަތިން ހަނދާން ނައްތާނުލެވޭނެކަމެވެ. އެހާވަރަށް އެ އަންހެން ކުއްޖާ އެވަނީ އޭނާގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރު ފޯރުވާފައިކަމެވެ. އަދި، ކިތަންމެ ވަރަކަށް އެ އިޙްސާސްތަކަށް ފުރަގަސް ދިނެއްކަމަކު ކޮންމެވެސް ދުވަހަކުން އެއީ ނުވާނެކަމެއްކަންވެސް އެހިތަށް ފަހުމްވެގެން ދާނެކަމެވެ.
* * * * *
ހޮސްޕިޓަލުން ނުކުމެ ގޮސް ސައިކަލަށް އެރުމަށްފަހު ހުޅުމާލެ ފޭސް ދެއަކަށް އަރާ ބްރިޖު ކައިރީގައި އަފްނާން މަޑުކޮށްލިއެވެ. ރޭގަނޑުގެ އެވަގުތުގެ ހިމޭންކަން ގެއްލުވާލާފައިވަނީ ވިނަގަނޑުގެ ތެރެއިން ފަނިފަކުސަ ގޮވާ އަޑު ތަނުގައި ގުގުމާލާފައި ހުރުމުންނެވެ. ސައިކަލުން ފައިބާފައި، އެތަނުގައި ހުރި ސިމެންތި ބެންޗެއްގައި އިށީނދެލުމަށްފަހު، މޫދުގެ ލޮނުގަނޑަށް އަފްނާން ނަޒަރު ހުއްޓާލިއެވެ. އެއާއެކު މައުވާއާ އޭނާއާ ދެމީހުން އެންމެ ފުރަތަމަ އެތަނަށް އައި ރޭގެ ހަނދާންތައް ގޯނާކުރަން ފެށިއެވެ. އެރޭ މައުވާގެ ތުންފަތް މަތީގައިވި ހިނިތުންވުން ހަނދާންވުމުން، މިހާރު އެބަ އޭނާގެ ހިތަށް ތަދުވެއެވެ. މައުވާ އޭނާއަށް ހާދަ އިތުބާރެއް ކުރިއެވެ. އޭނާ ދެކެ ހާދަ ލޯތްބެއް ވިއެވެ. އެހެންނަމަވެސް، އޭގެ ބަދަލުގައި އޭނާއަށް މައުވާއަށް ދެވުނީ ކޯންޗެއް ހެއްޔެވެ؟ އަނިޔާއާ ވޭން ނޫން އެއްޗެއް އޭނާއަށް މައުވާއަށް ދެވުނު ހެއްޔެވެ؟ އެންމެންގެ ކުރިމަތީގައި ބޭޒާރުކޮށް، ދޫކޮށްލިއިރު އެ އަންހެން ކުއްޖާގެ ހިތަށް ކުރާނެ އަސަރު ކުޑަކޮށްވެސް ތަސައްވަރެއް އޭނާއަކަށް ނުކޮށްލެވުނެވެ. އެހެން އެއްވެސް އިންސާނަކު އަނެއް އިންސާނަކާ މެދު ކަންތައް ނުކުރާނެހާ ރަހުމުކުޑަކޮށް އޭނާ މައުވާއާ ދޭތެރޭ އަމަލުކުރިއިރު، މައުވާގެ މާފު ހައްޤުވާނެ ހެއްޔެވެ؟ މިއަދު ވެސް މައުވާގެ ނަޒަރުގައި އޭނާއަށްޓަކައި ލޯބިވިއެވެ. އެހެންނަމަވެސް، ކުރިޔާ ޚިލާފަށް ޝަކުވާއާ ވޭނުގެ އަސަރުތައް އެ ލޯބި ވަންހަނާކުރުވައިފިއެވެ. އަފްނާންގެ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވިކަން ވެސް އޭނާއަށް އިޙްސާސްވީ ކަރުނައިގެ ސަބަބުން މަންޒަރު ފުސްވާން ފެށުމުންނެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލާފައި، އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެ ހިތި ހާދިސާގެ ހަނދާންތައް މިއަދު އެހިތުގައި ވަރގަދަ ހައިޖާނުގަނޑެއް އުފަން ކުރުވައިފިއެވެ. ރާއްޖެ ދޫކޮށް އޭނާ ދިޔަނަމަވެސް، މިއަދާ ޖެހެންދެންވެސް އޭނާގެ ހިތުން ހަމަ އެކަނި ނުފިލި އަންހެން ކުއްޖަކީ އެއީއެވެ. މައުވާ މަތިން ހަނދާން ނައްތާލެވިދާނެކަމަށް ހީވި ނަމަވެސް ޑިގްރީ ނިމެންދެން ވެސް މެލޭޝިޔާގައި ހޭދަކުރެވުނު ދެ އަހަރުވެގެން ދިޔައީ އޭނާއަށް އިތުރު ނުތަނަވަސްކަމެއް ދިން ދުވަސްތަކަކަށެވެ. މައުވާގެ ސޫރަ ދުށުގެ ބޭޤަރާރުކަން އޭނާގެ ހިތުގެ ހުރިހާ އިޙްސާސްތަކެއްގެ މައްޗަށް ކުރި ހޯދަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން މާސްޓާރސްވެސް ފުރިހަމަނުކޮށް އައިސް ރާއްޖޭގެ ޔުނިވާރސިޓީއާ އަފްނާން ގުޅުނީއެވެ.
މިއަދު އަފްނާންއަށް ޔަޤީންވާ އެއްކަމެއް ވެއެވެ. އޭނާ އިންތިހާއަށް މައުވާ ދެކެ ލޯބިވާކަމެވެ. މައުވާއަށް އެދެވޭކަމެވެ. މިއަދު އޭނާއަށް އެންމެ މުހިންމީ މައުވާގެ މައާފެވެ. އެހެންނަމަވެސް، ދެރައީ މައުވާ އޭނާގެ ސޫރަވެސް ދެކެން ބޭނުންނުވާތީއެވެ.
ދެލޮލުން އައި ކަރުނަތައް ފުހެލާފައި، އަފްނާން ހަމަޖެހެން މަސައްކަތްކުރިއެވެ.
"ދުވަހަކު ވެސް އަހަންނަށް މައުވާ މަތިން ހަނދާން ނައްތައެއް ނުލެވުނު. އެރޭގެ ހަނދާންތައް އަދިވެސް އަހަންނަށް ގޯނާ ކުރޭ. ރޭގަނޑުގެ ނިދިން އަހަރެން މަޙުރޫމް ކުރޭ. އެކަމާ އަމިއްލަ ނަފްސު ކުށްވެރިކުރެވެނީ ދުވަހަކު މިހިތަށް ހަމަޖެހުން ނުލިބޭ ވަރަށް. ކިތަންމެ ވަރަކަށް ހިތުގެ އިޙްސާސްތަކަށް ފިލަން މަސައްކަތްކުރިނަމަވެސް، އަހަރެންގެ ހިތް ކެނޑިނޭޅި މައުވާއާ މެދު ހިތުގައިވާ އިޙްސާސްތައް އަންގައިދޭން މަސައްކަތްކުރި. އެހުރިހާކަމަކަށް ބީރު ކަންފަތެއް ދެވުނީ އަހަރެންގެ މޮޔަކަމުން…. އުމުރު ދުވަހު މާފަށް އެދެން ޖެހުނަސް އެކަންވެސް އަހަރެން ކުރާނަން. އައި ލަވްޔޫ މައު. ސޯ މަޗް..." ހިތާ ހިތުން ވާހަކަ ދައްކަމުންދިޔަ އަފްނާންގެ ދުލުން ފަހު ޖުމްލަ ބޭރުވީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. މީގެ ކުރިންވެސް އޭނާ މައުވާ ގާތު އެ ލަފުޒު ތަކުރާރުކޮށް ބުނެފައިވެއެވެ. އެހެންނަމަވެސް ކުރިއާ މިހާރާ ހާސްބައި ތަފާތެވެ. މިހާރު އަފްނާންއަށް އެވަނީ އޭނާގެ އިޙްސާސްތައް ފަހުމްވެފައެވެ.
އެތަކެއް އިރަކު އަފްނާންއަށް އެތަނުގައި އިނދެވުނެވެ. މާޒީއާ މެދު ވިސްނާ ފިކުރުކުރުމުގައެވެ. މިރޭ މައުވާގެ ދެލޮލުން އޭނާއަށް އެ ފެނުނު އަސަރުތައް ދޭހަކުރުމުގައެވެ. އަދި އޭނާއަށް ކުރެވުނު ކުށަށް މާދު ހޯދުމަށް ކުރެވިދާނެކަމަކާ މެދު ވިސްނުމުގައެވެ.
*****
އަފްނާން ފެނުމުން މައުވާއަށް އައިި ބަދަލުތައް ގާތުން ދިރާސާކުރި ރާމިޒާގެ ހިތުގައި ރިއްސާލިއެވެ. މައުވާ އަފްނާން ދެކެ ލޯބިވީ މިންވަރު އޭނާއަށް އެނގެއެވެ. އެ ދެމެދުގައި ސީދާ ހިނގީ ކޮންކަމެއްކަން ނޭނގުނު ނަމަވެސް، މައުވާއާ އަފްނާން ވަކިވުމުގައި ވަނީ އަފްނާންގެ އަތެއްކަން ރާމިޒާއަށް އެނގެއެވެ. އަފްނާން ދެކެ ހިތްހަމަނުޖެހެވެނީ އެހެންވެގެންނެވެ. މިރޭގެ ހާދިސާއިން އޭނާގެ ހިތުގައި އަފްނާންއާ މެދު އިތުރަށް ޝަކުވާ އުފެދުން ނޫންކަމެއް ނުވިއެވެެ. މައުވާ އަފްނާންގެ ސޫރަ ދެކެން ބޭނުން ނުވުމާއި، އަފްނާން އެހާވަރަށް މާފަށް އެ އެދެނީ ހަމަ ގައިމުވެސް ކުރެވުުނު ކުށުގެ ބޮޑުކަމުންނެވެ. އެ ހުރިހާކަމެއް ހިނގި ގޮތް އެނގެން ރާމިޒާ އެހާ ބޮޑަށް ބޭނުންވި ވަގުތެއް މި ނޫނީ ނާދެއެވެ. އޭނާ މައުވާ ގާތުން ސުވާލުކުރަން އުޅެފައިވެސް އެއީ ރަނގަޅު ގޮތަކަށް ނުވާނެތީ މަޑުކުރީ ޒާޔާގެ ކައިރިން އެ ހުރިހާކަމެއް އޮޅުން ފިލުވުމުގެ ނިޔަތުގަައެވެ.
ކަންދިމާކުރިގޮތުން ޖެހިގެން އައި ދުވަހުގެ ހަވީރު ޒާޔާ މައުވާގެ ގާތަށް އައެވެ. އޭރު މައުވާ އޮތީ ހޭލައެވެ. އޭނޭ މައުވާއާ އެކު ވަގުތު ކޮޅެއް ހޭދަކޮށްލާފައި ނުކުންނަން ދިޔުމުން ޒާޔާއާއެކު ރާމިޒާ ނުކުތެވެ. ރާމިޒާ އޭނާގާތު ކޮންމެވެސް ވާހަކައެއް ދައްކަން އުޅޭކަން އެނގި ޒާޔާވެސް، މަޑުކޮށްލިއެވެ.
"ޒާޔާ… ދައްތައަށް އެނގޭ ޒާޔާ އަކީ މައުވާއަށް ހެޔޮ އެދޭ މައުވާގެ ވަރަށް ގާތް އެކުވެރިއެއްކަން. އެހެންވީމަ މިވާހަކަ ޒާޔާ ގާތު މި އަހަނީ." ރާމިޒާގެ ވާހަކައިން ބުނަން އެ އުޅޭ އެއްޗެއްގެ ސީރިއަސްކަން އަންދާޒާކޮށްލެވުނު ޒާޔާގެ ހިތް ތެޅިލިއެވެ.
"އެރޭ…. އެރޭ މައުވާއާ އަފްނާންއާ ދެމެދު ވީ ކިހިނެއް؟" ރާމިޒާގެ ސުވާލާއެކު ޒާޔާ ނުތަނަވަސްވިއެވެ. "ދައްތަ ބޭނުން ހުރިހާކަމެއް އެނގެން."
(ނުނިމޭ)