އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން ސިނާ އާއި ޒުވަރެވް ޖާގަހޯދައިފި

އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީވިލާތުގެ ޔަނިކް ސިނާއާއި ދެވަނައަށް މި މުބާރާތުގައި ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ތަށި ދިފާއު ކުރުމަށް މަސައްކަތް ކުރަމުންދާ މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސިނާ ޖާގަހޯދީ ސެމީ ފައިނަލްގައި 21 ވަނައަށް ސީޑު ކުރެވިފަވާ އެމެރިކާގެ ބެން ޝެލްޓަންއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗު ތިން ސެޓުން ކާމިޔާބު ކުރި ނަމަވެސް މި ތިން ސެޓް ވެގެންދިޔައީ އެހާ ފަސޭހަ ތިން ސެޓަކަށް ނޫނެވެ. މިގޮތުން ފުރަތަމަ ސެޓުގައި ޝެލްޓަންވަނީ ސިނާ ހާސްކަމުގެ ތެރޭގައި އެންމެ ފަހު ވަގުތަށް ޖެހެންދެން ބަހައްޓާފައެވެ.

މިގޮތުން ގްރޭން ސްލޭމް މުބާރާތެއްގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަހޯދުމަށް މަސައްކަތް ކުރަމުންދިޔަ ޝޭލްޓަން ވަނީ ފުރަތަމަ ގޭމްގައި ސިނާގެ ސާވް ބްރޭކްކޮށްފައެވެ.

ނަމަވެސް ތިން ގޭމް ފަހުން ސިނާވަނީ ޝެލްޓަން ބްރޭކްކޮށް ހަމަހަމަ ކޮށްފައެވެ. ޝެލްޓަންއިން ދޫނުދި ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ފަހެއް ހަޔަކުން އޭނާ ފުރަތަމަ ސެޓުގެ ލީޑު ނަގާ ސެޓަށް ސާވް ކުރަން ފުރުސަތު ތަނަވަސް ކުރުމެވެ.

ނަމަވެސް ސިނާއިން ވަރަށް މަސައްކަތުންވަނީ މި ސެޓު ޓައި ބްރޭކަކަށް ގެންގޮސްފައެވެ. ޓައި ބްރޭކްގައި ސިނާ ވަނީ ކޮންޓްރޯލް ނަގާ ހަތެއް ދެއަކުން ޓައިބްރޭކް ކާމިޔާބުކޮށް ފުރަތަމަ ސެޓު ކާމިޔާބު ކޮށްފައެވެ.

އަދި ޖެހިގެން އައި ސެޓު ހައެއް ދެއަކުން ސިނާ ކާމިޔާބު ކޮށް ދެ ސެޓުގެ ލީޑެއް އޭނާ ނެގިއެވެ. މިއާއެކު ވެސް ޝެލްޓަންއިން ވަނީ އޭނާއަށް ކުރެވުނު ވަރަކަށް ތިންވަނަ ސެޓު ގެންދިއުމަށް މަސައްކަތް ކޮށްފައެވެ. މިގޮތުން ތިންވަނަ ސެޓުގައި ޝެލްޓަންވަނީ ތިން ބްރޭކް ޕޮއިންޓް ހޯދާފައެވެ. މިއާއެކުވެސް ސިނާވަނީ މިސެޓު ހައެއް ދެއަކުން ކާމިޔާބު ކޮށް ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިނާވަނީ މިމެޗުގައި އޭނާ ވަރަށް ގިނަ ފަހަރު ހާސް ކަމުގެ ތެރެއަށް ދިޔަކަން ފާހަގަކޮށްފައެވެ. އަދި ކޮންމެ ވެސް ވަރަކަށް އަކުނި ވަޔަށް ދެ މިކަމަށް ވެސް އޭނާ ހާމަކުރިއެވެ. ސިނާ ހާމަކުރިގޮތުގައި ތިން ސެޓުގެ މެޗެއް ދެ ގަޑިއިރާއި ބައި ވަންދެން ކުޅެވުމުން އެނގެނީ މިއީ ފަސޭހަ މެޗެއް ނޫންކަމެވެ.

މި މުބާރާތުގެ ފައިނަލްގައި ސިނާ ވާދަކުރާ ޒުވަރޭވް ފައިނަލުން ޖާގަހޯދީ މިމުބާރާތުގައި ވާދަކުރާ އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާ ކަމަށްވާ ހަތްވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް އާއި ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު ނިމުނު ތަނާ ޖޯކޮވިޗްއަށް އަނިޔާވެގެން މެޗު ހުއްޓާލުމުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ފަހަކުން ކާމިޔާބު ކޯށްފައި އޮތީ ޒުވަރޭވްއެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލް ކާލޯސް އަލްކަރާޒް އަތުން ޖޯކޮވިޗް މޮޅުވި މެޗުގައިވެސް އޭނާއަށް އަނިޔާގެ މައްސަލަ ކުރިމަތިވިއެވެ. ބެލެވޭ ގޮތުގައި އެ އަނިޔާ މި މެޗުގައި އިތުރަށް ގޯސްވިއެވެ.

ސިނާ އާއި ޒުވަރޭވް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ އާދިއްތަ ދުވަހެވެ. މި މެޗަށް ނިކުންނައިރު މީގެކުރިން މި ދެ ކުޅުންތެރިންގެ ހަ ކުރިމަތުލުމުގެ ތެރެއިން ހަތަރު ފަހަރު ކުރި ހޯދާފައިވަނީ ޒުވަރޭވެވެ.

އަދި މި މެޗަށް ޒުވަރޭވް ނިކުންނަނީ އޭނާގެ ފުރަތަމަ ގްރޭން ސްލޭމް ކާމިޔާބު ކުރުމުގެ އުންމީދާއެކުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު