ޔަލްވީ ނުކުތްއިރު ބޭރު ދޮރު ހުޅުވާފައި ހުރުމުން ސުވާލު އުފެދުނެވެ. ޔަލްވީ ހީކުރީ އަފްސަމް ބޭރުގައި ހުރީ ކަމަށެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ބޭރަށް ނުކުތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދެފިކުރެއްގައި ހުރެ، ދޮރު ލައްޕާލަން އުޅުނު ވަގުތު ކޮންމެވެސް މީހަކު ދޮރުގައި ހިފެހެއްޓިއެވެ. ލިބުނު ސިހުމުގައި ޔަލްވީއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. އެއާއިއެކު އެމީހަކު އޭނާގެ އަނގަމަތީގައި އަތްއަޅައި ގުޑި ނުލެވޭނެހެން ހައްޔަރުކޮށްލިއެވެ.
********
ޔަލްވީގެ ހަޅޭކުގެ އަޑަށް ފާހާނާއަށް ވަންނަންދިޔަ ރަޔާންގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅިލިއެވެ. ޔަލްވީގެ އަޑުން އެކަނިވެސް ބޮޑު ކަމެއް ވެއްޖެކަން އޭނާއަށް އެނގުނެވެ. ރަޔާން ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު، ހުރެވުނީ ހަމައެކަނި ތުވާލިކޮޅު އައްސާލައިގެން ކަންވެސް އޭނާގެ ހަނދާނުގައި ނެތެވެ.
"ޔަލްވީ...." ކޮޓަރިން ނުކުމެފައި، ރަޔާން ވަރަށް ބާރަށް ޔަލްވީއަށް ގޮވާލިއެވެ.
ގޭގެ މައިދޮރު ހުރީ ހުޅުވާފައެވެ. ޔަލްވީ ފެންނާކަށް ނެތެވެ. ރަޔާންގެ ހާސްކަން އިތުރުވީ ޔަލްވީގެ ޖަވާބެއް ނުލިބި ގިނައިރުވުމުންނެވެ.
ގެއިން ބޭރަށް ނުކުމެވުމާއިއެކު ފެނުނު މަންޒަރުން ރަޔާންގެ ދެބުމަ ގޮށްޖެހުނެވެ. ޔަލްވީގެ އަނގަމަތީގައި އަތްއަޅައި ގުޑިނުލެވޭހެން ހައްޔަރުކޮށްގެން ޒުވާން އަންހެންކުއްޖަކު ހުރިއިރު، ދެއަތުގައި ހިފަހައްޓައިގެން ޒުވާން ފިރިހެނަކު ހުއްޓެވެ. ޔަލްވީ ތެޅިފޮޅެމުންދިޔައީ އެމީހުންގެ އަތްދަށުން މިނިވަންވުމަށެވެ. ރަޔާން ފެނުމުން، ޔަލްވީގެ ހަރަކާތްތައް ހުއްޓުނެވެ. ދެލޯ ބޮޑުކޮށްގެން ރަޔާނަށް ބަލަން ޔަލްވީ ހުރިއިރު، ލޮލުގެ އިޝާރާތުން އެތަނުން ދިޔުމަށް ބުނާ ކަހަލައެވެ.
"ހަމަ މިހާރު ދޫކޮށްލާ!" ރަޔާން އަމުރުކުރިއެވެ.
ރަޔާން ފެނުމުން ތޫބާއަށް ޔަލްވީގެ ގައިން ދޫކޮށްލެވުނެވެ. ހަމައެކަނި ތުވާލިކޮޅުގައި ރަޔާން ހުރިތަން ފެނުމުން ތޫބާގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ރަޔާންގެ ރީތި ސޫރަ ފިޔަވައި އިތުރު ތަނަކަށް އޭނާއަށް ނުވެސް ބެލުނެވެ. ރުޅި އައިސްފައި ހުންނައިރު ރަޔާން ވަކީން ފިރިހެންވަންތައޭ ތޫބާގެ ހިތަށް އެރިއެވެ.
"ދެން ޔާލްގެ އަތުން ދޫކޮށްލަބަލަ ޔޫޔޫ" ޔަލްވީގެ އަތުގައި ހިފައިގެން ހުރި ޝިފާންއަށް ލޮލުން އިޝާރާތްކުރަމުން ތޫބާ ބުނެލިއެވެ.
ރަޔާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޔަލްވީގެ ކައިރީގައި ހުއްޓުނެވެ. އޭރުވެސް ޝިފާން ހުރީ ޔަލްވީގެ ދެ އަތް ހައްޔަރުކޮށްލައިގެންނެވެ. ތޫބާ އެދުނު ނަމަވެސް، އެ އަތުން ދޫކުރާކަށް ޝިފާން ބޭނުމެއް ނުވިއެވެ.
"އެކްސްކިއުޒް" އެއްފަހަރު ޝިފާންގެ އަތަށް، އަނެއްފަހަރު ޝިފާންގެ މޫނަށް ބަލައިލަމުން ރަޔާން ބުނެލިއެވެ.
ރަޔާން ގަދަކަމުން ކަހަލަ ގޮތަކަށް ޝިފާންގެ އަތްދަށުން ޔަލްވީގެ އަތް މިނިވަން ކުރިއެވެ. ޝިފާން ނުރުހުނުވަރު އޭނާގެ މޫނުން ރީތިކޮށް ފެންނަން ހުއްޓެވެ.
"ވަޓް އިޒް ރޯންގް ވިތް ޔޫ ގައިޒް؟" ތޫބާއަށާއި ޝިފާންއަށް ބަލައިލަމުން، ޔަލްވީ ހަޅޭއްލަވައިގަތެވެ. "ކީކޭ ހިތަށްއަރައިގެން ކުރި ކަމެއްތަ؟"
ޔަލްވީ މަޑުމަޑުން ރަޔާންގެ ކުރިމައްޗަށް އެރިއެވެ. ރަޔާން ހަމައެކަނި ތުވާލިކޮޅުގައި ހުރުމުން، އެހެން މީހަކަށް އެ ހަށިގަނޑު ފެންނަން ޔަލްވީ ބޭނުންނުވީއެވެ. ރަޔާނަށް އެކަން އެނގޭނަމަ، އެތަނުގައި ނުހުރީސްކަން ޔަލްވީއަށް އެނގެއެވެ. އަނެއްކޮޅުން ތޫބާ މާވަރަކަށް ރަޔާންއަށް ބަލާތީ، ޔަލްވީ ހުރީ އުނދަގޫވެފައެވެ.
"ކަމްއޯން.. އަހަރުން ކުރިންވެސް އުޅުނީ މިހެންނެއްނު...." ތޫބާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ރަޔާން އާއި ވަކިނުވެއެވެ. ޔަލްވީއާއި ވާހަކަދެއްކި އިރުވެސް އޭނާ ބެލީ ރަޔާނަށެވެ.
ތޫބާގެ ކަތި ބެލުންތަކުން ރަޔާންއަށް އުނދަގޫވިއެވެ. ހުރެވުނުގޮތް އިހުސާސްވެ، ރަޔާން އަވަހަށް ގޭތެރެއަށް ވަނެވެ.
"ތޫމެން ކޮންއިރަކު އައީ؟" ރަޔާން ދިޔުމުން، ޔަލްވީ ސުވާލުކުރިއެވެ.
"ކީއްކުރަން އަހަރެމެން އައި އިރެއް ބަލަނީ؟" ތޫބާ ދެކޮނޑު އަރުވައިލިއެވެ. "ދޯ ޔޫޔޫ؟"
"އަހަރެމެން އައީމަ އިށީންނަންވެސް ނުބުނާނަންތަ؟" ޝިފާން ޔަލްވީއާއި ކައިރިއަށް ޖެހުނެވެ.
"ހިނގާ އިށީންނަން" ޔަލްވީ އިޝާރާތްކުރީ ޖޯލިފައްޗަށެވެ.
"ފިރިސޮރަށް މިހާރު އަހަރެމެންމީ ކޮންބައެއް ކަންވެސް ނޭނގޭ ދޯ؟" ޖޯލީގައި އިށީންގޮތަށް ތޫބާ ފެށީ ރަޔާންގެ ވާހަކައެވެ. "އަހަރެން ހީކުރީ ކައިވެނި ޕާޓީން ދިމާވީމަ، ހަނދާން ހުންނާނެކަމަށް"
"ޔާލް ވަރަށް ޗޭންޖް.. އަހަރެމެން ނޭނގޭހެން ހީވަނީ މިހާރު" ޝިފާން އިށީނީ ޔަލްވީގެ ކައިރީގައެވެ.
"ޔޫޔޫ އަދިވެސް ޔާލްދެކެ ލޯބިވަނީތަ؟" ތޫބާ ހީގަތެވެ.
"ކިހިނެއް އެހާ ފަސޭހައިން ހަނދާންނައްތާލާނީ؟" ތޫބާގެ ވާހަކައަށް ބާރުލިބޭގޮތަށް ޝިފާން ބުނެލިއެވެ.
"އަހަރެން މިއުޅެނީ މީހަކާ އިނދެގެންނޭ... ތިކަހަލަ ވާހަކަ ނުދައްކާ!" ތޫބާގެ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިގޮތުން ޔަލްވީ ހިތްހަމަނުޖެހުނެވެ.
********
"އަފްސަމް... މިގަޑީ؟... މިތާ؟.... ކީއްކުރަން؟..." ލިމްޔާއަށް އެއްފަހަރާ އެތައް ސުވާލެއް ކުރެވުނެވެ.
ލިމްޔާގެ ކޮޓަރި ކުޑަދޮރު ކައިރީގައި އަފްސަމް ހުރީ ހިނިތުންވެލައިގެންނެވެ. އެއް އަތް ފުރަގަހަށް ލައިގެން ހުރިއިރު އަނެއް އަތުން ފޯނު ކަންފަތުގައި ޖަހާލައިގެންނެވެ. އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި ޖީންސެއް ލާފައި ހުރުމުން އަފްސަމްގެ ފިރެހެންވަންތަކަން އިތުރުކޮށްދީފައިވިއެވެ. އޭގެކުރިން އަފްސަމް އާއި ދިމާއަށް ނުބަލާ ވަރަށް ލިމްޔާ އަފްސަމަށް ބެލިއެވެ. އަފްސަމްގެ ބޮލުގެ އިސްތަށިގަނޑުން ފެށިގެން އަރައިގެން ހުރި ބޫޓާއި ހަމައަށްވެސް ހުރިހާކަމެއް ލިމްޔާއަށް ވަރަށް ކަމުދިޔައެވެ.
ލިމްޔާ އަވަސް އަވަހަށް ގޯތިތެރެއަށް ނަޒަރު ހިންގައިލިއެވެ. އެފަދަ ވަގުތެއްގައި އަފްސަމް އައިސްދާނެ ކަމަކަށް ލިމްޔާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. އަމީރާ ނުކުމެގެން، އެ މަންޒަރު ފެނިއްޖެނަމަ، ކަންތައް ގޯސްވާނެވަރު ލިމްޔާއަށް އެނގެއެވެ.
"އަދިވެސް ވާހަކަ ދައްކަންވީ ގުޅައިގެން ހުރެތަ؟" އަފްސަމް ލާނެތް އަޑަކުން ސުވާލުކުރިއެވެ.
"ނޫން..." ލިމްޔާގެ މޫނު ލަދުން ރަތްވިއެވެ.
ލިމްޔާ އަވަސްއަވަހަށް ފޯނު ކަނޑާލިއެވެ. އެހުރިހާއިރު ވީއިރުވެސް އޭނާ ހުރީ އަފްސަމްގެ ރީތިކަމުގެ ޖާދޫގައި ޖެހިފައެވެ. ފޯނު ކަންފަތުގައި ޖެހިގޮތަށް ނަގަންވެސް ހަނދާންނުވެފައެވެ. އަފްސަމް ލާނެތްގޮތަކަށް ހިނިގަނޑެއް ޖަހާލިއެވެ. ލިމްޔާ ފޯނު ކަނޑާލުމުން އަފްސަމް ފޯނު ލީ ޖީބަށެވެ.
"މިގަޑީ ނާންނަންވީތަ؟" އަފްސަމް ބޭނުންވީ ލިމްޔާގެ އާބަސް ހޯދާށެވެ.
"ނޫން...." ލިމްޔާ ދެފަރާތަށް ބޯ ހޫރާލިއެވެ.
ފޯނުން ކިތަންމެ ވަރަކަށް އަފްސަމާއި ވާހަކަ ދެއްކުނު ނަމަވެސް، ކުރިމައްޗަށް އެރުމުން ލިމްޔާގެ ދުލާއި ހަމައަށް އެންމެ ބަހެއްވެސް ނައެވެ.
"ކޮންމެ ގަޑިއަކު އަޔަސް އޯކޭއޭތަ ތިބުނަނީ؟" އަފްސަމް އަހައިލިއެވެ.
އަފްސަމް ފުރަގަހަށް ލައިގެން ހުރި އަތް ކުރިމައްޗަށް ގެނައެވެ. އެ އަތުގައި އޮތީ ސަންފްލާވަރ މާބޮނޑިއެކެވެ. ސަންފްލާވަރ އަކީ ލިމްޔާއަށް އެންމެ ރީތި މަލެވެ. އެވާހަކަ އަފްސަމްގެ ކައިރީ ލިމްޔާ ބުނީ ރޭގައެވެ. އެހާ އަވަހަށް އަފްސަމްގެ ފަރާތުން މާބޮޑިއެއް ލިބޭނެ ކަމަކަށް ލިމްޔާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ.
"މަން...މަ...." ލިމްޔާގެ ލޮލުގައި އަޅައިގަތީ ގޭތެރެއިން ނުކުތް އަމީރާއެވެ.
ހާސްވީވަރުން ލިމްޔާ ތެޅިގަތެވެ. އަފްސަމްއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތުވެސް ނުދީ ކުޑަދޮރު ލައްޕާ، ފޮތިގަނޑު ދަމާލިއެވެ. އޭރު ލިމްޔާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ކުޑައިރުކޮޅެއްފަހުން ބޭރު ބަލާލަން އުޅެފައިވެސް، އަމީރާއަށް ފެނިދާނެތީ ލިމްޔާއަށް ފޮތިގަނޑު ކަހާލާކަށް ނުކެރުނެވެ.
"ތިއައީ ދޯ...." އަފްސަމް ފެނުމުން، އަމީރާ ހިނިތުންވެލިއެވެ. "ދައްތަ ހިއެއްނުކުރަން އެހާ ހެނދުނާ އައިސްދާނެ ކަމަކަށް... ކޮބާ އެމީހުން؟"
"އެބަތިބި ބޭރުގަ. ކަންތައްތައް ހަމަޖެހުނުކަން ޔަގީންކޮށްލަން މިވަނީ" އަފްސަމް ގަދަކަމުން، ހިނިތުންވެލިއެވެ. އޭނާގެ ނަޒަރު ހުއްޓެމުންދިޔައީ ކުޑަދޮރަށެވެ. އަފްސަމް ލިމްޔާގެ ކޮޓަރި ކައިރީގައި ހުރިތަން ފެނުމުން، އަމީރާއަށް ކަމެއް ޝައްކުނުވާނެބާއޭ އޭނާގެ ހިތަށް އެރިއެވެ.
"ކޮޓަރި ހުރީ ހަމަ ތައްޔާރަށް... ހިނގާ ބަލާލަން ދޯ؟" އަމީރާ އެދުނެވެ.
ރަޔާންގެ އެކްސިޑެންޓާއި، ޔަލްވީއަށް ދިން ހަމަލާގެ މައްސަލަ ތަހުގީގު ކުރުމަށް އައި ޓީމު ތިބުމުގެ އިންތިޒާމް އަފްސަމް ހަމަޖެއްސީ ލިމްޔާގެ ގެއިންނެވެ. ޓީމުގެ އިސް ވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ ރިވާންއަކީ އަފްސަމްގެ ގާތް މީހަކަށްވާތީ، ދުރުތަނެއްގައި ބަހައްޓަން އޭނާގެ ހިތް ނުރުހުނީއެވެ.
އަމީރާގެ ފަހަތުން ހިނގައިގަތުމުގެ ކުރިން އަފްސަމް ލިމްޔާގެ ކޮޓަރި ކުޑަދޮރާއި ދިމާއަށް ބަލާލިއެވެ. ވަގުތަކީ ލިމްޔާވެސް ދޮރުފޮތިގަނޑު ކަހާލައި ބޭރު ބަލާލި ވަގުތެވެ. އުއްމީދުކުރި ކަހަލަ ފުރުސަތެއް ލިބުމުން، އަފްސަމް ހިނިތުންވެލިއެވެ. އޭނާ ލިމްޔާއަށް އެއްލޯ މަރާލުމަށްފަހު، ލޮލުގެ އިޝާރާތުން ކުރީގައި ހުރި އަމީރާ ދައްކާލިއެވެ. ލިމްޔާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަމީރާ ވަގު ހިފީއެވެ. ދެން ކަންތައްވާނެގޮތެއް ނޭނގޭތީ، ލިމްޔާއަށް ޖެހުނީ ނޭވާ ހިފަހައްޓާލާށެވެ.
"މިގެ އެހާ ބޮޑެއް ނުވާނެ!" ގޭތެރެއަށް ވަންނަމުން އަމީރާ ބުނެލިއެވެ. "އެ ކޮޓަރި ކުޑައެއް ނުވާނެ އެކަމަކު..."
ލިމްޔާ ހާސްވެގެން ދެކޮޅަށް ހިނގަން ފެށިއެވެ. އަނެއްކާ އަފްސަމް އައީ ދެމީހުންގެ ދޭތެރޭގައި އޮތް ގާތް ގުޅުމުގެ ވާހަކަ ދައްކަން ބާއޭ އޭނާގެ ހިތަށް އެރިއެވެ. އަފްސަމްއަކީ ކެރޭ މީހެކެވެ. ކޮންމެ މީހެއްގެ ކައިރީގައިވެސް ވާހަކައެއް ބުނަން ފަސްޖެހޭނެ މީހެއް ނޫނެވެ. އެއް ތަނެއްގައި މަސައްކަތް ކުރާއިރު، ލިމްޔާއަށް އެވަރު އެނގެއެވެ. ލިމްޔާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިން ނުކުތެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އަފްސަމް ހުއްޓުވަން އޭނާ ބޭނުންވިއެވެ. އަފްސަމްއާއި ދެމެދުގައި އޮތް ގުޅުމުގެ ވާހަކަ އެހާ އަވަހަށް އަމީރާމެންނަށް އެނގޭކަށް ލިމްޔާ ބޭނުމެއް ނުވިއެވެ.
ލިމްޔާ ހީކުރިގޮތާއި ހިލާފަށް އަފްސަމް ގެއަށް ވަނީ ދެއަތުން ދެފޮށި ހިފައިގެންނެވެ. ގޭތެރެއަށް ވަތް އަފްސަމް ފެނި ލިމްޔާއަށް އެދިމާއަށް ދެވުނެވެ. އަދި ލޮލުގެ އިޝާރާތުން ކޮންކަމެއްތޯ ސުވާލުކުރިއެވެ. ލިމްޔާ ވާނުވާ ނޭނގިފައި ހުއްޓާ، ފޮށިތައް ކޮޓަރިއަށް ވެއްދުމަށްފަހު އަފްސަމް އެނބުރި އައެވެ.
"މަންމަ އޯކޭ ކޮށްފިން...." ލިމްޔާގެ ކަންފަތް ދަށުގައި ސިއްރެއް ބުނާހެން އަފްސަމް ބުނެލިއެވެ.
"އޭނ؟...." ލިމްޔާއަށް ތެޅިގަނެވުނެވެ.
"ދެން އުޅޭނީ މިގޭގަ... މިއައީ ފޮށިތައްވެސް ހިފައިގެން" އަފްސަމްގެ ލާނެތްކަން އިތުރުވިއެވެ.
ހާސްވީވަރުން މީހަކު ފެންނަން ހުރިތޯ ލިމްޔާއަށް ހޯދާލެވުނެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ލިމްޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
ލިމްޔާ ކަންބޮޑުވީކަން އެނގުމުން ތަހުގީގަށް އައި ޓީމު ތިބުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އެގެއިން ކަމުގައި އަފްސަމް ބުނެދިނެވެ.
********
"ފިރިއަކަށް ހަތަރު އަނބިންވެސް ހުއްދައޭ" ތޫބާ ބުނެލިއެވެ.
"ތޫ...." ޔަލްވީ ހިތްހަމަނުޖެހުނީ ތޫބާ ބުނި އެއްޗެއް އެނގުމުންނެވެ.
"އެއީ ހަމައެކަނި އަހަރެންގެ ފިރިމީހާ... އިތުރު މީހަކު އެ ހަޔާތަކަށް ނުގެނެވޭނެ" ޔަލްވީގެ އަޑުގައިވީ ޔަގީންކަމެވެ.
"ހާދަ ޔަގީންވީ؟..." ތޫބާ ހީގަތެވެ. "އަހަރެން ޓްރައިކޮށްލަންތަ؟"
"ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟" ޔަލްވީ ކުޑަކޮށް ހިތްހަމަނުޖެހުނެވެ.
ތޫބާގެ އަޑުގައި ހުރި ބޮޑާކަމާއި ކިބުރުވެރިކަން ޔަލްވީއަށް ފުރަތަމަ ފަހަރަށް އިހުސާސްކުރެވުނެވެ. އޭގެކުރިން ތޫބާ އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ޔަލްވީއަށް ވަނީ މަޖާކަމަކަށެވެ. ޙުދު ޔަލްވީވެސް އުޅެމުންދިޔައީ އެފަދަ ގޮތަކަށެވެ. ނަމަވެސް މިއަދު އެއުޅުން ޔަލްވީއަކަށް ކަމަކު ނުދިޔައެވެ.
"މިގޭގަ ނެތްތަ ހުސް ކޮޓަރިއެއް؟" ގޭތެރެއަށް ވަންނަން ހިނގައިގަންނަމުން ތޫބާ ބުނެލިއެވެ.
ޔަލްވީ އެއްޗެއް ބުނުމުގެ ކުރިން، ތޫބާ ފޮށި ހިފައިގެން އެތެއަށް ވަނެވެ. ޔަލްވީއަށް ހަދާނެގޮތް ހުސްވިއެވެ. ގާތްއެކުވެރިއަކަށްވުމުން އެގޭގައި ނުބަހައްޓާނަމޭ ބުނާކަށްވެސް ނުކެރުނެވެ. ތޫބާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ޔަލްވީއަށް ހުރެވުނީ ދެން ކަންތައް ކުރާނެ ގޮތެއް ނޭނގިފައެވެ. ޔަލްވީގެ އެކުވެރިންގެ ސަބަބުން ރަޔާންއަށް އުނދަގުލެއް ވާކަށް ޔަލްވީ ކުޑަކޮށްވެސް ބޭނުމެއް ނުވެއެވެ.
"ޔާލްގެ އެނދުގެ އެއްކޮޅުގަ އަހަންނަށް އޮވެވޭނެތަ؟" ޝިފާން ޔަލްވީއާއި ގާތްވެލިއެވެ. "ތޫ ބުނި މިހާރު އަހަރެން ނުބާއްވާނެޔޯ ޔާލްގެ ކައިރިއަކު، ތެދެއްތަ؟"
ގެއިން ނުކުތް ވަގުތު ރަޔާންގެ ކަންފަތުގައި ޖެހުނު ޖުމުލަތަކާއިއެކު، ފިޔަވަޅުތައް ހުއްޓުނެވެ.
(ނުނިމޭ)