އެންމެ ބޮޑު ގަނޑުފެންގަނޑު ރަށެއްގައި ޖެހުމުގެ ބިރު

އެންމެ ބޮޑު ގަނޑުފެންގަނޑު ނުވަތަ އައިސްބާގް އޭ23 އަކީ ލަންޑަން އަށްވުރެ ދެގުނަ ބޮޑު ގަނޑުފެންގަނޑެއް

މިހާތަނަށް ރެކޯޑު ކުރެވިފައިވާ ދުނިޔޭގެ އެންމެ ބޮޑު ގަނޑުފެންގަނޑު ނުވަތަ އައިސްބާގް އޮޔާ ދަމުން ގޮސް ރަށެއްގައި ޖެހުމުގެ ބިރު އުފެދިއްޖެއެވެ.

ދުނިޔޭގެ މިވަގުތުގެ އެންމެ ބޮޑު ގަނޑުފެންގަނޑު ނުވަތަ އޭ23 އެންޓާޓިކާ ބައްރުން ވަކިވެގެން އޮޔާ ދަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. މީގެ ކުރީން އޭ23 ވަނީ ކަނޑުއަޑީގެ ބައެއްގައި އަޅައިގަނެ ތާށިވެފައެވެ. އެތައް މަހެއް ވަންދެއް އޭ23 ތާށިވެ އޮވެ އެންމެފަހުން މި ގަނޑުފެންގަނޑު މިސްރާބު ޖަހާފައިވަނީ އެޓްލާންޓިކް ކަނޑުން ދެކުނު ޖޯޖިއާގެ ސަރަހައްދަކަށެވެ.

ބްރިޓިޝް އާކްޓިކް ސާވޭގެ އޯޝޭނޯގްރަފާއެއް ކަމަށްވާ އެންޑްރޫ މެއިޖާސް ބުނެފައިވަނީ މި ގަނޑުފެން މިސްރާބު ޖަހާފައިވާ ދިމާލުގެ ގޮތުން ދެކުނު ޖޯޖިއާގެ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ރަށްތަކެއްގައި ޖެހުން އެކަށީގެންވާ ކަމަށެވެ. މި ސަރަހައްދަކީ އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި ހިމެނޭ ސަރަހައްދެކެވެ.

އެންމެ ބޮޑު ގަނޑުފެންގަނޑު ނުވަތަ އައިސްބާގް އޭ23 އަކީ ލަންޑަން އަށްވުރެ ދެގުނަ ބޮޑު ގަނޑުފެންގަނޑެއް

އެންޑްރޫ ބުނެފައިވަނީ މިހާރު އޭ23 މިސްރާބު ހުރީ ސީދާ ރަށްތަކާ ދިމާލަކަށް ނޫން ކަމަށެވެ. ނަމަވެސް އޮއެވަރުގެ ގޮތުން ސީދާ ރަށްތަކަށް މި ގަނޑުފެންގަނޑު އެރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ފާހަގަކުރެއެވެ.

އޭ23 މި ރަށްތަކަށް އަރައިފި ނަމަ މި ރަށްތަކުގައި ދިރިއުޅޭ ތަފާތު ޖަނަވާރުންތަކުގެ ދިރިއުޅުމަށް ނުރައްކާ ވާނެ ކަމަށް އޭނާ ފާހަގަކުރެއެވެ. އަދި އޭގެ އިތުރުން ރަށްތަށް ހިމެނޭ ސަރަހައްދުގެ މަސްވެރިކަމާއި ޝިޕިން ބޯޓުތަކުގެ ދަތުރުތަކަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އޭ23 އަކީ އެންޓާޓިކާގައި އެތައް އަހަރެއް ވަންދެއް ތާށިވެފައިވާ ގަނޑުފެންގަނޑެކެވެ. ނަމަވެސް ކަނޑު އަޑީގެ ބިންގާނޑުގައި އަޅައިގަނެފައި އިނުމުން މި ގަނޑުފެން އެއްވެސް ވަރަކަށް ނުގުޑާ 30 އަކަށް އަހަރު އޮތެވެ. މި ގަނޑުފެންގަނޑަކީ ބޮޑުމިނުގައި 3،672 ސްކުއެއާ ކިލޯމީޓަރު ހުރި ގަނޑުފެންގަނޑެކެވެ. އެއީ އިނގިރޭސިވިލާތުގެ ލަންޑަން އަށްވުރެ ދެގުނަ ބޮޑު ގަނޑުފެންގަނޑެކެވެ.

comment ކޮމެންޓް