ބޮލީވުޑްގެ އެންމެ އުންމީދީ ޒުވާން ފިލްމީ ތަރިންގެ ތެރޭ ހިމެނޭ އަނަނިޔާ ޕާންޑޭއާއި ވެދާންގް ރައިނާ މަގުބޫލު ފިލްމު ޑައިރެކްޓަރު އިމްތިޔާޒްގެ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި އަހަރު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިމްތިޔާޒްގެ މި ފިލްމަށް އަނަނިޔާއާއި ވެދާންގް ވަނީ ޚާއްސަ އޮޑިޝަނެއް ދީފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޑައިރެކްޓަރު އިމްތިޔާޒަކީ އަބަދު ވެސް ވަރަށް 'ޔުނީކް' ވާހަކަ ސްކްރީނަށް ގެނެސްދޭ މީހެއް ކަމުން މި ފަހަރުގެ ފިލްމަކީ ވެސް ވަރަށް ތަފާތު ހިތްގައިމު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމާ ބެހޭ މައުލޫމާތު ރަސްމީކޮށް އެއްވެސް ފަރާތުން ހާމަކޮށްފައިނުވާއިރު އިމްތިޔާޒު ފިލްމަށް ގެންނަން ބޭނުންވަނީ ޒުވާން މުޅިން 'ފްރެޝް' ދެ ތަރިން ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
ފިލްމުފެއާއާ ހަވާލާދީ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން މި ފިލްމަކީ އިމްތިޔާޒުގެ ކެރިއަރުގައި އުފައްދާ ވަރަށް ބޮޑު ޕްރޮޖެކްޓަކަށްވެފައި އަނަނިޔާއާއި ވެދާންގްއަށް ފިލްމު ކަށަވަރުވާނީ ވަރަށް ގިނަ ކަންކަމުން ދެ ތަރިން ފާސްވުމުންނެވެ.
ނެޓްފްލިކްސްއިން ގެނެސްދިން ފިލްމު "ދި އާޗީސް"އިން ފިލްމީ ދާއިރާއަށް ތައާރަފުވި ވެދާންގް އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި އާލިއާ ބަޓްގެ ފިލްމު "ޖިގްރާ"އިންނެވެ. މި ފިލްމުގައި ވެދާންގް ކުޅުނު ރޯލް ފުރިހަމަވެފައި ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ޒުވާން އެކްޓަރަށް ފިލްމުން ލިބުނެވެ.
ފިލްމު "ޖަބް ވީ މެޓް"، "ރޮކް ސްޓާ" އަދި "ލަވް އާޖްކަލް" ފަދަ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު އިމްތިޔާޒު އަލީ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ނެޓްފްލިކްސްގައި ޕްރީމިއާ ކުރި ފިލްމު "އަމަރު ސިންގް ޗަމްކީލާ"އެވެ.
މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިފައިވަނީ ބަތަލާ ޕަރިނީތީ ޗޯޕްޅާ އަދި ލަވަކިޔުންތެރިޔާ ދިލްޖީންތު ދޮސާންޖްއެވެ.