ފްރެންޗް ލީގު އާންގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިންއަށް ކުޅެމުންދާ ފަރަންސޭސިވިލާތުގެ ފޯވަޑް ރަންޑާލް ކޯލޯ މުއާނީ ލޯން އެއްބަސްވުމެއްގެ ދަށުން އިޓާލިއަން ސެރީއާގެ ޔުވެންޓަސްއަށް ސޮއިކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ކޯލޯ މުއާނީ ޔޫވޭއަށް ސޮއި ކޮށްފައި ވަނީ މިސީޒަން ނިމެންދެނެވެ. އުމުރުން 26 އަހަރުގެ ކޯލޯ މުއާނީ ވަނީ މިސީޒަންގައި މިހާތަނަށް ޕީއެސްޖީއަށް 14 މެޗު ކުޅެފައެވެ. ނަމަވެސް އޭނާ އެންމެ ފަހުން ޕިއެސްޖީއަށް ކުޅެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހާއި ހަމައަށެވެ.
ކޯލޯ މުއާނީ ހޯދުމަށް އިންގްލިޝް ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕާ އާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް ޝައުގުވެރިކަން ފާޅުކުރިއެވެ. ކޯލޯ މުއާނީ ޕީއެސްޖީއަށް ސޮއި ކޮށްފައި ވަނީ 76.4 މިލިއަން ޕައުންޑްގެ އަގަކަށް ޖަރުމަނު ބުންޑެސްލީގާގެ އެއިންޓްރެކްޓް ފްރޭންކްފާޓް އިން 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ޔޫވޭއިން ހާމަކުރިގޮތުގައި ކޯލޯ މުއާނީ އަކީ ތިއާގޯ މޯޓާގެ ޓީމަށް އިތުރު ވެގެންދިޔަ މުހިންމު ކުުޅުންތެރިއެކެވެ. އޭނާއަކީ މޮޅު އަދި ތަޖުރިބާ ހުރި ފޯވަޑެއް ކަމަށް ވެސް އެ ކްބަލުން ހާމަކުރެއެވެ.
ކޯލޯ މުއާނީ ބޮޑުވެފައި ވަނީ ފަރަންސޭސި ވެރިރަށް ޕެރިހުގެ ރަށް ބޭރު ހިސާބުގައެވެ. އަދި އޭނާ ފުޓްބޯޅަ ކެރިއާ ފަށާފައިވަނީ ނޯންޓްސްއިންނެވެ. އެއަށް ފަހު އޭނާ ފްރޭންކްފާޓަށް ބަދަލުވެ އޭނާގެ މޮޅު ކުޅުން ދައްކަން ފެށިއެވެ. ނަމަވެސް ބޮޑު އަގުގައި ޕީއެސްޖީއަށް ބަދަލިވެ އޭނާގެ އެކުޅުން ތަކުރާރު ކުރެވެމުންދިޔަ ތަނެއް ނުފެނުނެވެ.
އެހެންކަމުން ކޯޗު ލުއިސް އެންރީކޭ ކައިރީ މާ މަގްބޫލް ކުޅުންތެރިޔަކަށް އޭނާ ނުވިއެވެ. ކޯލޯ މުއާނީ ވަނީ ފަރަންސޭސި ޤައުމީ ޓީމަށް 27 ފަހަރު ކުޅެފައެވެ. އަދި 2022ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގެ އެންމެ ފަހު ވަގުތު ކޮޅު އޭނާއަށް ވަނީ ފަރަންސޭސީން ފައިނަލުން މޮޅު ކޮށްދޭނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ.