އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން ސަބަލެންކާ އާއި ކީސް ޖާގަހޯދައިފި

އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން ސަބަލެންކާ އާއި ކީސް ޖާގަހޯދައިފި

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ބެލަރޫސްގެ އަރީނާ ސަބަލެންކާ އާއި ނަވާރަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ މެޑިސަން ކީސް ޖާގަހޯދައިފިއެެވެ.

މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސަބަލެންކާ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި އެގާރަވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ޕައުލާ ބަޑޯސާއާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. ނަމަވެސް މިމެޗުގެ ފެށުން ރަނގަޅުވީ ސަބަލެންކާގެ ގާތް އެކުވެރިޔާ ބަޑޯސާގެއެވެ.

މިގޮތުން ސަބަލެންކާގެ ފުރަތަމަ ސާވް ބްރޭކްކޮށް ބަޑޯސާ ވަނީ ދެ ގޭމްގެ ލީޑެއް ނަގައިފައެވެ. އަދި ތިންވަނަ ގޭމްވެސް ކާމިޔާބު ކުރުމާ ގާތަށް ބަޑޯސާ ގޮސްފައިވަނިކޮށް ސަބަލެންކާ ވަނީ އޭނާގެ މޮޅު ކުޅުމާއެކު ފަހަތުން އަރާ ހައެއް ހަތަރަކުން ފުރަތަމަ ސެޓު ކާމިޔާބު ކޮށްފައެވެ.

ދެވަނަ ސެޓުގައި ބަޑޯސާއަށް ސަބަލެންކާ ކައިރީ މާރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. މިގޮތުން މިސެޓު ސަބަލެންކާ ވަނީ ހައެއް ދެއަކުން ކާމިޔާބުކޮށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް އިވެންޓްގެ ތަށި ދިފާއު ކުރުމަށް އޭނާ ކުރާ އުންމީދު ދަމަހައްޓާފައެވެ.

އެންމެ ފަހުން އަންހެން އިވެންޓްގައި ޖެހިޖެހިގެން ތިން ފަހަރު މިތަށި ކާމިޔާބު ކޮށްފައިވަނީ 1997 އިން 1999ވަނަ އަހަރާ ދެމެދު މާޓީނާ ހިންގިސްއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ބުނީ މިމުބާރާތުގެ ތާރީހުގެ ތެރެއިން އާ ސޮފްހާއެއް ހުޅުވާލުމުގެ ފުރުސަތު ތަނަވަސް ކުރެވުނީތީ ވަރަށް އުފާ ކުރާ ކަމަށެވެ. އަދި އެކަން ކުރެވުން ވެގެންދާނީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

މިމުބާރާތުގައި ސަބަލެންކާއާ އެންމެ ބޮޑު ވާދައެއްކޮށް ސަބަލެންކާގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް ގެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވިގެންދިޔަ ދެވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝްވާޓެކްގެ ނަސީބު އެހާ ރަނގަޅެއް ނުވިއެވެ. މިމުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި ޝްވާޓެކް ވަނީ ކީސް އަތުން ދެސެޓު އެއް ސެޓުން ބަލިވެފައެވެ.

މިމެޗުގެ ފުރަތަމަ ސެޓު ފަހެއް ހަތަކުން ޝްވާޓެކް ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ސެޓު ހައެއް އެކަކުން ކާމިޔާބު ކޮށް ކީސް ވަނީ މިމެޗު ތިންވަނަ ސެޓަކަށް ގެންގޮސްފައެވެ. އަދި ފަހު ސެޓު ޓައި ބްރޭކަކަށް ގޮސް ދިހައެއް އަށަކުން ކާމިޔާބު ކޮށްފައިވަނީ ކީސްއެވެ. މިސެޓުގައި ފަހެއް ހަޔަކުން ޝްވާޓެކް ލީޑު ނަގާ މެޗަށް ސާވް ވެސް ކުރިއެވެ.

ނަމަވެސް ކީސް ވަނީ ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު މެޗު ކާމިޔާބު ކޮށްފައެވެ. ސަބަލެންކާ އާއި ކީސް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު