ފަލަސްތީނަށް ނަޞްރު ލިބުން ފާހަގަކުރުމަށް "ޣައްޒާގެ ނަޞްރު"ގެ ނަމުގައި ހުކުރު ދުވަހު އެއްވުމެއް

ކުރިން ފަލސްތީނުގެ ހައްގުގައި ބޭއްވި އެއްވުމެއްގެ ތެރެއިން ---- ފޮޓޯ/އައިއޭސީ

ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއިލުން ދިން ލާއިންސާނީ ހަމަލާތަކަށް ފަހު، ލިބުނު ނަޞްރާ ގުޅިގެން އެ ރައްޔިތުންނަށް ހިއްވަރު ދިނުމާއި އެހީތެރިވެދިނުމަށް އަންނަ ހުކުރު ދުވަހު މާލޭގައި އެއްވުމެއް ބާއްވަން އިސްރާ އެސޯސިއޭޝަނުން ނިންމައިފިއެވެ.

މި އެއްވުން އޮންނާނީ އަންނަ ހުކުރު ދުވަހުގެ 16:15ގައި އާޓިފިޝަލް ބީޗުގައެވެ.

އެ އެސޯސިއޭޝަނުން ބުނީ، ޣައްޒާގެ މުސްލިމުންނާއި، ތައުލީމީ މަރުކަޒުތަކަށާއި، ހޮސްޕިޓަލްތަކަށް ދެމުން ދިޔަ ލާއިންސާނީ ހަމަލާތައް ހުއްޓާލަން ޖެހުމަކީ ލިބުނު ނަޞްރެއް ކަމަށެވެ.

އެގޮތުން، ޣައްޒާގެ ރައްޔިތުން ފާހަގަ ކުރާ މި ނަޞްރުގައި ބައިވެރިވުމަކީ މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން ގެނުވާނެ ކަމެއް ކަމަށާއި ޣައްޒާގެ ރައްޔިތުންގެ ހިތްތަކަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީ އަކަށް ވާނެކަމަށް އިސްރާ އެސޯސިއޭޝަނުން ބުންޏެވެ.

ކުރިން ފަލަސްތީނުގެ ހައްގުގައި ބޭއްވި އެއްވުމެއްގެ ތެރެއިން --- ސަން ފޮޓޯ/ މާހިލް އާތިފް

ހަނގުރާމަ ނިމުނު ކަމަށް ވިޔަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމަށާއި އެ ގައުމުގެ މުސްލިމުންނާއެކު ތިބިކަން ހާމަކުރަން އެއްވުންތަކާއި އެހެނިހެން ހަރަކާތްތައް ބޭއްވުމަށް އެގައުމުގެ މިނިވަންކަމަށް މަސައްކަތްކުރާ ބޭފުޅުން ގޮވާލައްވާފައި ވާކަން އިސްރާ އެސޯސިއޭޝަނުން ފާހަގަކުރިއެވެ.

އެކަމަށް އިޖާބަ ދިނުމަކީ ވެސް މި އެއްވުމުގެ އެއް މަގުސަދު ކަމަށް އެ އެސޯސިއޭޝަނުން ބުނެފައި ވެއެވެ. އަދި ރާއްޖޭގެ މަދަނީ ބައެއް ޖަމިއްޔާތަކާއި ޖަމާއަތްތަކުން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް ބުނެފައިވާކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

މި އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިސްރާ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

އިސްރާ އެސޯސިއޭޝަނަކީ ފަލަސްތީނުގެ ހައްގުގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ އެއް ޖަމިއްޔާ ކަމަށްވާއިރު، އެ ޖަމިއްޔާއިން އަންނަނީ ޣައްޒާގެ ރައްޔިތުންންގެ ހައްގުގައި ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

comment ކޮމެންޓް