ސެމީ ފައިނަލުން ސަބަލެންކާ ޖާގަ ހޯދައިފި

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އަދި މި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީފައިނަލުން ސަބަލެންކާ ޖާގަހޯދީ ކްއާޓާ ފައިނަލްގައި 27 ވަނައަށް ސީޑު ކުރެވިފައިވާ އަނަސްޓާޝިއާ ޕަވްލިޔުޗެންކޯވާ އާއި ބައްދަލުކުރި މެޗު ދެސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހައެއް ދެއަކުން ސަބަލެންކާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ދެއެއް ހަޔަކުން ކާމިޔާބު ކޮށް ޕަވްލިޔުޗެންކޯވާއިން ވަނީ ތިންވަނަ ސެޓަކަށް މި މެޗު ގެއްގެސްފައެވެ.

ނަމަވެސް ތިންވަނަ ސެޓު ހައެއް ތިނަކުން ކާމިޔާބުކޮށް ސަބަލެންކާވަނީ އޮސްޓްރޭލިއަން އޯޕަންގެ ތަށި ދިފާއު ކުރުމަށް ކުރަމުންދާ އުންމީދު ދަމަހައްޓާފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ހާމަކުރިގޮތުގައި މިފަދަ ވަރުގަދަ މެޗުތަކަކާ ކުރިމަތިލާން ޖެހުމަކީ ރަނގަޅު ކަމެކެވެ.

އަދި މުބާރާތުގައި ކުރިއަށްދާ ވަރަކަށް މުބާރާތް އުނދަގޫވާނެކަމަށް ގަބޫލް ކުރާކަމަށް ވެސް ސަބަލެންކާ ހާމަކުރިއެވެ. މިއީ 2023 ވަނަ އަހަރުގެ ފައިނަލަށްފަހު އޮސްޓްރޭލިއަން އޯޕަންގައި ސަބަލެންކާ އަތުން ސެޓެއް ގެއްލުނު ފުރަތަމަ ފަހަރެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގައި ސަބަލެންކާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގާތް އެކުވެރިއެއް ކަމަށްވާ އަދި މިމުބާރާތުގައި 11 ވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ޕައުލާ ބަޑޯސާއާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު