"އަހަރެން މިހިރަ މައުވާ ވަސީމް ދެކެ ލޯތްބެއް ނުވަން... މީ އެކަން އަންގައިދޭން އަހަރެން ބޭއްވި ޕާރޓީއެއް." އަފްނާންގެ އެ ޖުމްލައާއެކު މައުވާގެ ހިތުގެ ވިންދުތައްވެސް ހީވީ ހުއްޓުނުހެންނެވެ. އަފްނާންގެ އަތް ތެރެއިން އަތް ދަމައިގަނެވުނީ އެ ތުންފަތް މަތީގައިވި ވިހަ ހިނިތުންވުން ފެނިފައެވެ.
"ކިހިނެއްވީ؟ ކީއްވެ ތި ފެންކަޅިވަނީ؟ އޭނ…" މައުވާއަށް އެއްޗެއް ބުނަން ނޭނގިފައި ހުއްޓާ އޭނާއާ ހަތަރު ކަޅި ހަމަކޮށްލަމުން ދެންވެސް ވާހަކަ ދެއްކީ އަފްނާންއެވެ. މަސައްކަތް މަޑުޖެހިފައިވާ މައުވާގެ ސިކުނޑިއަށް ހުރިހާ ކަމެއް ނަގައިގަނެވެން ވެސް އިރުކޮޅެއް ނެގިއެވެ. ދެލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތަކުގެ ތެރެއިން އަފްނާންގެ މޫނު އޭނާއަށް ފުސްވާން ފެށިއެވެ.
"ކީއްވެ؟" ތުރުތުރު އަޅަމުން ދިޔަ އަޑުން މައުވާއަށް ބުނެވުނީ ހަމައެކަނި އެވަރަށެވެ. އެ އަޑު ނުކުތީވެސް ކިރިޔަކިރިޔާއެވެ. އޭރު އެންމެން ވެސް ތިބީ ހިމޭންވެފައިކަމުން ތަނަށް ފެތުރިފައިވި މަޑުމައިތިރިކަމުގެ ސަބަބުން އެ އަޑު ރީއްޗަށް އަފްނާންއަށް އިވުނެވެ.
"އޯ…ހް… ރޮވެނީތަ؟" ދެންވެސް އަފްނާން މައުވާއަށް މަލާމާތްކޮށްލިއެވެ. އެ އަޑުގައިވި ބޮޑާކަމުގެ އަސަރުތަކާއެކު މައުވާގެ ހިތުގައި އިތުރަށް ރިއްސުން ނޫންކަމެއް ނުވިއެވެ. އޭނާއަށް ކުރެވުނީ ކީއްހެއްޔެވެ؟ އެ އެންމެންގެ ތެރޭގައި ބޭޒާރުކޮށްލުމަށްޓަކައި އޭނާއަށް ކުރެވުނު ކުށަކީ ކޮބައިހެއްޔެވެ؟ އޭނާ ވީ ލޯބީގެ އަގު ދޭން އަފްނާންއަށް އެނގުނު ގޮތަކީ މިއީ ހެއްޔެވެ؟ ކޮންފަދަ ހިތް ނުބައި މީހެއް ހެއްޔެވެ؟ އޭނާއަށްޓަކައި އަފްނާންގެ ހިތުގައި ލޯބީގެ ކުޑަވެސް މިންވަރެއް ހަމަ ނުވަނީ ހެއްޔެވެ؟ މައުވާ ވަށައިގެންވީ މާހައުލަށް ބަލައިލިއެވެ.
"ވައި ޑިޑް ޔޫ ޑޫ ދިސް؟" މައުވާއަށް އަފްނާންއަށް ބަލާލާފައި ސުވާލުކޮށްލެވުނެވެ.
"ނޭނގޭތަ ހަމަ؟" އަފްނާންއަށް އެހެން ބުނެލާފައި މައުވާގެ ކަރުނަވީ ދެލޮލަށް ނަޒަރު ހުއްޓާލެވުނެވެ. އެއާއެކު ހިނދުކޮޅަކަށް އޭނާއަށްވެސް މަޑުޖެހުމެއް އައެވެ. މައުވާގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް އޭނާގެ ހިތުގައި ޖެހިފައިވާ މިންވަރު ރަމްޒުކޮށްދެމުން ދިޔައެވެ. އަފްނާންއާ މެދު އެހިތުގައި އުފެދިފައިވާ ޝަކުވާތައް އެ ކަރުނަތަކުން ހާމަކޮށްދެމުން ދިޔައެވެ. އެ ހިތުގައިވާ ލޯބީގައި ކޮޅުފައިން ޖެހުމުން، މައުވާގެ ހިތް ވަނީ ކުދި ކުދިވެފައިކަން އަފްނާންއަށް ވެސް އެ ހިނދު ފަހުމްވިއެވެ. ހިނދުކޮޅަކަށް މައުވާގެ އެ ކަރުނަތއް ފުހެދީފައި ގެނެސް އޭނާގެ މޭގައި ޖައްސާލަން އެދެވުނު ނަމަވެސް، އަމިއްލަ ހިތުގެ އިޙްސާސްތައް އޭނާ ކޮންޓްރޯލްކޮށްލިއެވެ. އަދި ވަށައިގެންވީ މާހައުލަށް ބަލައިލިއެވެ.
"ކަމޯން. ވައި އާރ ޔޫ ގާއިޒް ސައިލެންޓް…" އެހެން ބުނެލުމުން ތަންކޮޅެއް ފަހަތުގައި ހުރި ޒުވާނަކު އަތް ޖަހަން ފެށިއެވެ. އެއާއެކު ބައެއް ކުދިންވެސް އެ އަމަލުގައި ބައިވެރިވިއެވެ. ދެލޮލުން ކަރުނަތައް އޮހޮރެމުން ދިޔަ މައުވާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ޒާޔާއާއި ޔޫޝައުއަށްވެސް ލިބިފައިވަނީ ޝޮކެކެވެ. ޒާޔާ މައުވާގެ ގާތަށް ގޮސް ހުއްޓިފައި މައުވާއަށް ދެފަހަރަކު ގޮވާލަން ޖެހުނެވެ. އެހާވެސް ބޮޑަށް މައުވާއަށް ހުރީ ޝޮކެއް ލިބިފައެވެ. ކައިރީގައި ހުރި ޝަހުމް އަތްޖަހަން ފެށުމުން ޔޫޝައު ޝަހުމްގެ ކޮއްޕާލާފައި މައުވާގެ ގާތަށް ގޮސް ހުއްޓުނެވެ.
"ޒާ…. އަފޫ… ކީކޭތަ އެ ކިޔަނީ؟" މައުވާއަށް އެ ސުވާލުކޮށްލެވުނުއިރު އޭނާގެ މުޅި ހަށިގަނޑު ރޫރޫ އަޅައެވެ. ގަތްފައިވާ ލަދާއި ވެފައިވާ ދެރައިގެ ސަބަބުން، މައުވާގެ މުޅި ހަށިގަނޑަށްވެސް ދަނީ އެކަމުގެ އަސަރުކުރަމުންނެވެ.
"އަފްނާން. ވަޓް ދި ހެލް… މޮޔަވީތަ؟" ޒާޔާއަށް ވެސް ބާރަށް ބުނެވުނެވެ. މައުވާ ރޮމުން ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު، ޔޫޝައުއަށް އަފްނާންއާ ދިމާލަށް ބަލައިލެވުނުއިރު، އަފްނާން ހުރީ ނުލަފާ ވައްތަރަކަށް ހިނި އައިސްފައެވެ. ޔޫޝައުގެ ދެ ބުމަ ގޮށްޖެހުމާއެކު ރުޅިގަނޑު ކޮންޓްރޯލުން ނެއްޓީ ދެނެވެ. އަތުގައި ހުރި ބާރެއް ލާފައި އަފްނާންގެ މޫނުމައްޗަށް ގޮށްމުށުގެ އެތިފަހަރެއް އޭނާ ވީއްލާލައިފިއެވެ. އެއާއެކު އަފްނާންގެ ތުންފަތް ފަޅައިގެން ގޮސް ލޭތައް އޮހިގެންފިއެވެ. އޭގެ ރައްދުގައި ހަމަލާއެއް ދެވޭވަރަށް ވުރެ ޔޫޝައު ހަލުތްވެވެ. އޭނާ އަފްނާންގެ ގަމީހުގެ ގިރުވާނުގައި ހިފާފައި ވާހަކަ ދެއްކިއިރު، ވަނީ ދަތްކުނޑިވިކިފައެވެ.
"މި ނޫން ގޮތެއް ނުފެނުނީތަ؟" ޔޫޝައު އެތަނުގައި ތިބި އެންމެންނަށް އަވަސް ނަޒަރެއް ދިނުމަށްފަހު އަނެއްކާވެސް އަފްނާންއަށް ބަލައިލިއެވެ.
"މީތަ އަފްނާންގެ ޕްލޭނަކީ؟ މީތަ އަފްނާން ބޭނުންވި ގޮތަކީ؟ ކުޑަކޮށްވެސް މައުވާ ދެކެ ލޯތްބެއް ނުވޭތަ؟" ޔޫޝައު ވާހަކަ ދެއްކީ ވާރަށެވެ.
"ގައިން ދޫކުރޭ…" އަފްނާން ޔޫޝައުގެ އަތް ފޮޅުވާލިއެވެ.
"ދެން އަޑު އަހާ. އަހަރެން މައުވާ ދެކެ ނުވޭ ލޯތްބެއް. އަޑު އިވިއްޖެ. އެންމެނަށް އަޑު އިވިއްޖެ ދޯ.." ތުންފަތުން އަންނަމުން ދިޔަ ލޭތަށް ފުހެމުން އަފްނާން އަނެއްކާވެސް އެތަނުގައި ތިބި ކުދިންތަކަށް ބަލައިލިއެވެ. މިހާރު އެތަނުގައިވެސް ވަނީ ނުތަނަވަސްކަމެވެ. ގިނަ ކުދިން ތިބީ ހިމޭންވެފައި ނަމަވެސް، ބައެއްކުދިން ސިއްރު ސިއްރުން އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔައެވެ.
އަފްނާންގެ ދުލުން އެހާ ފަސޭހައިން އޭނާ ދެކެ ލޯތްބެއް ނުވެޔޭ ދެވަނަ ފަހަރަށް ބުނުމާއެކު ރޯން ހުރި މައުވާއަށް އަފްނާންއަށް ބަލައިލެވުނެވެ. އަފްނާންއަށް ހަމަލާދޭން އުޅުނު ޔޫޝައުއަށް ގޮވާ އޭނާ ހުއްޓުވުމަށްފަހު، އަފްނާންއަށް ފަހު ފަހަރަށް ބަލާލާފައި، ވަށައިގެންވީ މާހައުލަށް ބަލައިލި މައުވާ އެތަނުން ނުކުތުމަށް ދުއްވައިގަތެވެ. ޒާޔާ ވެސް މައުވާގެ ފަހަތުން ދުއްވައިގަތުމުން ޔޫޝައު އަނެއްކާވެސް އަފްނާންއާ ކުރިމަތިލިއެވެ.
"މިހާރު އޭނައަށްވެސް އެނގޭނެ އެންމެންގެ ކުރިމަތީގައި ބޭޒާރުވީމަ ވާ ގޮތް." އަފްނާން ބުނެލިއެވެ. އެ ބުނި އެއްޗެއްގެ މާނަ ޔޫޝައުއަށް ފަހުމްވުމާއެކު އޭނާ ދެފަހާރަށް ބޯ ހޫރާލިއެވެ.
"އަހަރެން ހިޔެއް ނުކުރަން އަފްނާން ތީ ތިކަހަލަ މީހެއްކަމަކަށް؟ ޔޫ އާރ ސޯ ޗީޕް. ލަދު ގަނޭ މިއަދު ތީ އަހަރެންގެ އެކުވެރިއެކޭ ބުނަންވެސް. ޔޫ ޕްލޭޑް ވިތް ހާރ ފީލިންގްސް. ޖަސްޓް ޓު ޓޭކް ރިވެންޖް ފޯރ ދެޓް ޑޭ؟" އެހެން ބުނެލާފައި އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި، ޔޫޝައުވެސް އެތަނުން ނުކުތުމަށް ހިނގައިގަތެވެ. އަދި ޒާޔާގެ ފޯނަށް ގުޅުމަށްޓަކާ އަވަސްވެގަތެވެ.
މައުވާ ފަހަތުން ނުކުތް ޒާޔާ އޭނާގެ އަތުގައި ހިފާ މަޑުކުރުވަން އުޅުނު ނަމަވެސް، ބާރު ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔަ މައުވާ ގޮސް ބޭރު މަގަށް ނުކުމެއްޖެއެވެ. ހުޅުމާލޭ ޓާރމިނަލް ކައިރިން އޭނާ ހިނގަމުން ހިނގަމުން ގޮސް އެންމެފަހުން ދުއްވައިގަތެވެ.
"މައު… ވެއިޓް…" ޒާޔާވެސް މައުވާގެ ފަަހަތުން ދުއްވައިގަތެވެ. އޭނާ ގޮސް މައުވާއާ އަރާ ހަމަކޮށްލިއެވެ. އަދި މައުވާ މަޑުކުރުވި އެވެ.
"މައު… ޕްލީޒް…. ނުރޮއިބަ." ޒާޔާ އެދުނެވެ.
"ޒާ…." މައުވާ އެއްޗެއް ބުނަން އުޅުނު ނަމަވެސް، ދެ ތުންފަތް ތުރުތުރު އަޅާވަމުން ރަނގަޅަކަށް ވާހަކައެއް ނުދެއްކެެއެވެ. މަގުމަތިން ދިޔަ ބައެއް މީހުންގެ ސަމާލުކަންވެސް އެ ދެމީހުންނަށް ހުއްޓެމުން ދިޔައެވެ.
"މީހުން އެބަ ވަރަށް ބަލާ. ހުއްޓާލަބަ…. " ޒާޔާ މައުވާގެ އަތުގައި ހިފައްޓާލިއެވެ.
"އަފޫ ކީއްވެ އެގޮތަށް ކަންތައް ކުރީ؟" މައުވާއަށް އެންމެފަހުން ބުނެވުނެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ނެތް ޙާލު ޒާޔާއަށް މައުވާ ހަމައަކަށް އެޅުވުންވެސް ވީ އުނދަގޫކަމަށެވެ. އެހެންނަމަވެސް، ތިބެވުނީ މަގުމަތީގައި ކަމުންނާ، މީހުންގެ ނަޒަރުތަކުން ސަލާމަތްނުވެވޭނެތީ ޓެކްސީއެއް ނަގައިގެން މައުވާ ގޮވައިގެން ދާން ޒާޔާ ނިންމިއެވެ.
"ހިނގާ ގެއަށް ދާން މައު… " ޒާޔާ އެހެން ބުނެލި ނަމަވެސް، މައުވާ ދެފަރާތަށް ބޯ ހޫރާލިއެވެ.
"ނޫން." މައުވާ ބުނެލިއެވެ.
"އެހަށް އަހަރެންގެ ގެއަށް ދެވޭނެއެއްނު. މައު.... މަގުމަތީގަ މިހެން ނުތިބެވޭނެއެއްނު." ޒާޔާ މައުވާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ އެވަގުތު އޭނާގެ ފޯނު ރިންގުވިއެވެ. ގުޅަނީ ޔޫޝައު ނަމަވެސް، މައުވާ ރޯތީ ފޯނުގެ ރިންގް ކަނޑާލަމުން އޭނާ މައުވާއާ ވާހަކަ ދެއްކިއެވެ. "ޔޫޝައުވެސް ހާސްވެގެން އެ ގުޅަނީ މިހާރު. ހުއްޓާލަބަ. "
މައުވާގެ ނަޒަރު އޭނާގެ ވާއަތުގެ ކަށި އިނގިލީގައި އަޅާފައިވާ އަނގޮޓިއަށް ހުއްޓުމާއެކު އިރުކޮޅަކު އެއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. އަފްނާން އެ އަނގޮޓި އޭނާއަށް ދިން ރޭމަތިން މައުވާ ހަނދާންވާން ފެށިއެވެ. އޭނާ ދެކެ ލޯބިވާކަމަށް ބުނެ ކޮށްފައިވާ ދައުވާތަކާ ވި އަހުދާ ހުވާތަކުގެ ހަމަ އެއްވެސް އަގެއް ނެތީ ހެއްޔެވެ؟ ނޭވާލާން ދަތިވުމާއެކު ފުންނޭވާއެއް ދޫކޮށްލަން މަސައްކަތްކުރަމުން މައުވާ، އޭނާގެ އިނގިލީގައި އޮތް އަނގޮޓި ނެގިއެވެ. އަދި އޭނާ އެ ޒާޔާ އަތަށް ލައިދެމުން އަފްނާންއަށް ރައްދުކޮށްދޭން އެދުނެވެ. ކަރުނަތައް ފުހެލިނަމަވެސް، ހިތުގެ ގިލަންވެރިކަމުގެ ކުރިމަތީގައި ބަލިކަށިވެފައިވާ ޙާލު މައުވާގެ ކަރުނަތަކަށް ހުއްޓުމެއް ނައެވެ. ރޮއިރޮއި އެ ދެލޯ ވަނީ ދުޅަވެފައެވެ. މޫނުމަތި ވަނީ ރަތްވެފައެވެ.
"އަހަރެން ބޭނުމީ އެކަނިވެލަން." އެހެން ބުނެލާފައި މައުވާ އަނެއްކާވެސް ފިޔަވަޅުތައް ބާރުކޮށްލިއެވެ. މައުވާގެ ފަހަތުން ޒާޔާ ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި މަގު ހުރަސްކުރަން ވެގެން މައުވާ ހިނގައިގަތެވެ. ބަލާވެސް ނުލާ ދާން ފެށުމުން ޒާޔާ އޭނާއަށް ގޮވާލަންވެސް ގޮވާލިއެވެ. އެހެންނަމަވެސް އެ އަޑަށް މައުވާ ސަމާލުކަމެއް ނުދިނެވެ. ދެން ފެނުނީ އެއްފަރާތުގައި އޮތް ގޯޅިން ބާރު ސްޕީޑުގައި ނުކުތް ކާރުގައި މައުވާ ޖެހުނު ތަނެވެ. ހަޅޭކުގެ އަޑާއެކު ވިއްސައިގެން ގޮސް މައުވާ ވެއްޓުނީ މާ ދުރަށެވެ. ކާރުގެ ސްޕޯޑް ކޮންޓްރޯލްނުކުރެވި އެ ދިޔަ ގޮތަށް ގޮސް އެތަނުގައި ހުރި ހޮޅިދަނޑިއެއްގައި ކާރުގެ އެއްފަރާތު ލައިޓު ޖެހުނު ނަމަވެސް، ނަސީބަކުން އެތެރޭގައި ތިބި އެކަކަށްވެސް އަނިޔާއެއް ނުވިއެވެ.
"މައު.." ޒާޔާއަށް ވެސް ހަޅޭއްލަވައިގަނެވުނެވެ. އޭނާއަށް މައުވާއާ ދިމާލަށް ދުއްވައިގަނެވުނެވެ. އޭރުވެސް ޔޫޝައު އޭނާއަށް ގުޅަމުން ދިޔައެވެ. މައުވާއާ ހިސާބަށް ދިޔައިރު، އެހިސާބުގަނޑަށް މީހުންވެސް އެއްވާން ފަށައިފިއެވެ. އެތަނުގައި ނަސީބަކުން ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހަކު ވެސް އޭރު ހުއްޓެވެ. އޭނާ މައުވާއަށް ފަރުވާދޭން އަވަސްވެގަތްފައި، ދެން ކަންތައް ކުރަންވީ ގޮތް އެއްވެފައި ތިބި މީހުންނަށް ކިޔައިދިނެވެ. ޒާޔާގެ ފޯނު އަނެއްކާވެސް ރިންގުވީ އެވަގުތެވެ. ގުޅީ ޔޫޝައުކަމަށް ވުމާއެކު، ފޯނު ނެގުމަށްފަހު ޒާޔާ ރޯން ފެށިއެވެ.
"ޒާ… ކިހިނެއްވީ؟" ޒާޔާ ރޯން ފެށުމުން ޔޫޝައުވެސް ހާސްވިއެވެ. ޒާޔާ މައުވާ އެކްސިޑެންޓުވި ވާހަކައާއި އެމީހުން ތިބި ހިސާބު ބުނުމުން ޔޫޝައުވެސް އޭނާ އެބަދަންކަމުގައި ބުނެ، ފޯނު ކަނޑާލިއެވެ.
ޔޫޝައުއަށް އެ ހިސާބަށް އާދެވުނުއިރު، އެންބިއުލާންސް ވެސް ސައިރެން އަޅަމުން އައިސް އެ ހިސާބާ އަރާ ހަމަވަނީއެވެ. އޭރު ފުލުހުންގެ ދެމީހަކުވެސް އެތަނުގައި ތިއްބެވެ. މައުވާ އޮތް ދިމާލުގައި އޮތީ ލޭގެ ކޯރެއް ދެމިފައެވެ. ބޯ ފަޅައިގެން ގޮސްފައިވާއިރު، ގައިގެ އެތަން މިތަން މަށައިގެންގޮސް ލޭތައް އޭރުވެސް އޮހޮރެމުން ދިޔައެވެ.
އެންބިއުލާންސް އައުމާއެކު މައުވާ ސްޓްރެޗާރއަށް ލުމަށްފަހު އެންބިއުލާންސްއަށް އެރުވުމުން ޒާޔާއާއި ޔޫޝައުވެސް އަރާ އިށީނެވެ.
"މައުވާގެ މަންމަމެންނަށް ގުޅަން ވާނެއެއްނު." ޙާލަތުގެ ނާޒުކުކަމާއެކުވެސް، އެއީ މުހިންމުކަމެއްކަން ޔޫޝައުއަށް ވިސްނުނެވެ. އޭނާ ޒާޔާއަށް ބަލާލަމުން އެހެން ބުނެލީ އެއީ ކުރަން ޖެހޭނެކަމެއްކަން އެނގޭތީއެވެ.
"މައުވާގެ މަންމަ ނަންބަރު އެނގޭތަ؟" ޔޫޝައު ޒާޔާއާ ސުވާލުކޮށްލިއެވެ. ޒާޔާ އާއެކޭ ބުނުމަށްފަހު ރޮވެމުން ދިޔަ ޙާލުވެސް ފޯނު ނަގާ، މައުވާގެ މަންމަގެ ނަންބަރު ޔޫޝައުއަށް ދައްކާލިއެވެ. މައުވާ އެކްސިޑެންޓުވި މަންޒަރު އެހާ ގާތުން ފެނި ޒާޔާއަށް ކޮށްފައިވާ އަސަރު ޔޫޝައުއަށް އެނގޭތީ އޭނާ ހިތްވަރުގެ ބަހެއްވެސް ޒާޔާއާ ދިމާލަށް ބުނެލިއެވެ.
"ހިތްވަރުކުރޭ ޒާ. އިރާދުކުރެއްވިއްޔާ މައުއަށް އެއްވެސް ގޮތެއް ނުވާނެ." ޔޫޝައު ޒާޔާގެ އަތުގައި އަތް ޖައްސާލިއެވެ. ޒާޔާ ބޯ ޖަހާލުމުން، އޭނާ ފޯނުގައި މައުވާގެ މަންމަގެ ނަންބަރު ޖަހާލާފައިވެސް މަޑުޖެހިލިއެވެ. އެ ޚަބަރު މައުވާގެ މައިންބަފައިންނަށް ދޭނެ ގޮތަކާ މެދު ޔޫޝައުއަށް ވިސްނާލެވުނެވެ. ބުނާނެ އެއްޗެކާ މެދު ވިސްނަން ހިނދުކޮޅަކު އޭނާއަށް އިނދެވުނެވެ. މައުވާގެ ބައްޕައަކީ ހިތުގެ ބަލި މީހެއްކަންވެސް އޭނާއަށް އެނގެއެވެ. އަނެއްކާ އެ ޚަބަރުގެ ސަބަބުން މައުވާގެ ބައްޕަ ވަސީމްގެ ޙާލު ދެރަވެވެދާނެތީ ވެސް ކަންބޮޑުވިއެވެ. ޖުމްލަތައް ސިކުނޑީގެ ތެރޭގައި ރާވާލަމުން ޑައިލްކޮށްލި ވަގުތަކީ ހޮސްޕިޓަލަށް އައިސް އެންބިއުލާންސް ވަތް ވަގުތެވެ.
އެންބިއުލާންސުން މައުވާ ބޭލުމުން ޒާޔާއާއި ޔޫޝައުއާ ދެމީހުންވެސް ފޭބިއެވެ. އެމީހުންވެސް ސްޓެރެޗަރގެ ފަހަތުން އެމަރޖެންސީއާ ދިމާލަށް އަވަސް ފިޔަވަޅުތަކެއްގައި ދިޔައެވެ.
ރާމިޒާ ފޯނު ނެގުމުން، ޔޫޝައު ތަޢާރަފްވެލުމަށްފަހު، މައުވާގެ އެކްސިޑެންޓުގެ ޚަބަރު ރާމިޒާއަށް ދިނެވެ. އަދި ވަސީމްގެ ގާތުގައި ބުނެދިނުމަށްވެސް އެދުނެވެ. އެ ޚަބަރު ލިބުމާއެކު ރާމިޒާ ކަންބޮޑުވުމާއެކު، ވީ ގޮތް އޮޅުން ފިލުވަން އަވަސްވެގަތްއިރު އޭނާގެ އަޑު ކުރެހިއްޖެއެވެ. ޔޫޝައު ރާމިޒާ ގާތު ހިތްވަރުކުރަން ބުނުމަށްފަހު އެދުނީ އަވަހަށް ހޮސްޕިޓަލަށް އައުމަށެވެ. މައުވާއަށް ވެފައި އޮތްވަރު، ރާމިޒާއަށް ފޯނުން ކިޔައިދޭކަށް އޭނާގެ ޒަމީރު ތަނެއް ނުދިނެވެ.
އެމަރޖެންސީއަށް ވެއްދުމަށްފަހު، މައުވާއަށް އަވަސް ފަރުވާދޭން ޑޮކްޓަރުން އަވަސްވެގަތެވެ. ޒާޔާއާ ޔޫޝައުއާ ދެމީހުން އެމަރޖެންސީބައިގައި ދެކޮޅަށް ހިނގާލަ ހިނގާލާ ތިބިއިރު އެ ދެމީހުންވެސް ތިބީ އިންތިހާއަށް ހާސްވެފައެވެ. ގާތްގަނޑަކަށް ފަނަރަ މިނެޓް ފަހުން، އެ ދިމާލަށް ވަދެގެން އައި، ރާމިޒާއާއި ވަސީމާ ދެމީހުން ޔޫޝައުމެންގެ ލޮލުގައި އަޅައިގަތެވެ. ރާމިޒާއަށްވެސް ޒާޔާ ފެނުމާއެކު ފިޔަވަޅުތައް އަވަސްކޮށްލަމުން އައސް މަޑުކޮށްލިއެވެ. ޔޫޝައު އާ މީގެ ކުރިން ދިމާނުވިއެއްކަމަކު ރާމިޒާއާ ޒާޔާއާ ވަނީ ކޮންމެވެސް ވަރަކަށް ބައްދަލުވެ ވާހަކަ ދެކެވިފައިކަމަށްވާތީ ޒާޔާ ވަކިކުރަން އޭނާއަށް އެނގުނެވެ.
"މައު… މައު ކިހިނެއް؟" ރާމިޒާއަށް ޒާޔާގެ އަތުގައި ހިފައްޓާލަމުން ސުވާލުކޮށްލެވުނެވެ. ޒާޔާވެސް ރާމިޒާގެ އަތަށް ބާރުކޮށްލަމުން މައުވާއަށް ފަރުވާ ދެމުން ދާކަމުގައި ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް، ޑޮކްޓަރުން ނުކުމެ މައުވާގެ އާއިލާގެ މީހަކަށް ގޮވާލައިފިއެވެ. އެ ހިސާބުން ރާމިޒާއާ ވަސީމްއާ ދެމީހުން ކުރިއަށް ޖެހިލިއެވެ. އެ ދެމީހުން ގޮވައިގެން އެތެރެއަށް ވަނުމަށްފަހު ޑޮކްޓަރު މައުވާގެ ޙާލަތު އޮޅުން ފިލުވާލަދީފައި ވަގުތުން އޮޕަރޭޝަނަކަށް ދާންޖެހޭކަމުގައި ބުނެލިއެވެ. ކަމުގެ ސީރިއަސްކަމާއި ލިބުނު އަނިޔާތައްވެސް ތަފްސީލްކޮށް އެނގުނީ ދެނެވެ. އެއާއެކު ރާމިޒާގެ ބަޑިފަޅައިގެން ދިޔައެވެ.
"އަހަރެންގެ ދަރިފުޅު ކޮބާ؟" ރާމިޒާ ބުނެލިއެވެ.
މައުވާއަށް އަވަސް ފަރުވާދެމުން ދިޔަ އެނދާ ދިމާލުގައި ދަމާފައިވާ ފޮތިގަނޑު ކުޑަކޮށް، އެއްފަރާތްކޮށްލާފައި މައުވާއަށް ބަލައިލުމުގެ ހުއްދަ ޑޮކްޓަރު ދިނެވެ. އަޅާފައިވާ ބެޑްޝީޓްވެސް ވަނީ ލެއިން ފޯވެފައެވެ. އޭރުވެސް ޑޮކްޓަރުންނާ ނަރުހުން ދިޔައީ ކެނޑިނޭޅި މައުވާއަށް ފަރުވާ ދެމުންނެވެ. ރޮވެމުން ދިޔަ ރާމިޒާގެ ރުއިން އިތުރަށް ގަދަވުމާއެކު ފޮތިގަނޑުން މައުވާ ފަރުދާކޮށްލުމާއެކު ޑޮކްޓަރު އެދުނީ އޮޕަރޭޝަން ކުރަން ފޯމުގައި ސޮއިކުރަން ދިޔުމަށެވެ.
ކިތަންމެ ހިތްވަރު ކުރިނަމަވެސް، ވަސީމަށް ވެސް ރޮވުނެވެ. ކަރުނަތައް ފުހެލުމަށްފަހު ހަމަޖެހެން މަސައްކަތްކުރިޔަސް، މޭ ފިތޭހެން އޭނާއަށް ހީވާން ފެށިއެވެ. ފުންކޮށް ދެތިން ނޭވާ ލާފައި އޭނާ އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން މަސައްކަތްކުރިއެވެ. ރާމިޒާއަށް އޭނާގެ އެހީތެރިކަން ބޭނުންވާނެކަން އެނގޭތީއާވެސް އެކުގައެވެ.
ފޯމުގައި ސޮއިކުރި ވަސީމެވެ. އެއާއެކު އެމީހުން ވަގުތުން މައުވާ ތިއޭޓަރަށް ގެންދިޔައެވެ. ރާމިޒާމެންނާއެކު ޒާޔާއާއި ޔޫޝައުއާ ދެމީހުންވެސް ދިޔައެވެ. ޒާޔާ އޭނާގެ އަތުގައި އޮތް މައުވާގެ ކްލަޗްއާއި ފޯނު ރާމިޒާއަތަށް ދިނީ މައުވާ ތިއޭޓަރަށް ވެއްދިފަހުންނެވެ. އެކްސިޑުންޓުވި ގަޑީގައި، ފޯނު އޮތީ ކްލެޗް ތެރޭގައިކަމުން ނަސީބަކުން ފޯނަކަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނެތެވެ.
ތިއޭޓަރަށް މައުވާ ވެއްދިތާ އެތައް އިރެއް ވީއިރުވެސް އެތެރެއިން އެއްވެސް ޚަބަރެއް ނުވިއެވެ. އެކަމާ ރާމިޒާއާ ވަސީމް ކަންބޮޑުވެފައިވާއިރު ޒާޔާއާއި ޔޫޝައުއާ ދެމީހުންވެސް ތިބީ ހާސްވެފައެވެ. އެހެން ތިއްބާ ޑޮކްޓަރު ވަސީމްއަށް ގޮވާލުމުން އޭނާ އެތެރެއަށް ވަދެލިއެވެ. ރާމިޒާ އޭނާގެ ގާތުގައި އިން ޒާޒާޔާއަށް ބަލައިލުމާއެކު އޭނާ ރީތިވެގެން ހުރިވަރު ފާހަގަ ކުރެވުނީ ވެސް ދެނެވެ. އެއާއެކު އޭނާ ސުވާލުކޮށްލިއެވެ.
"ޕާރޓީއަށް ދަނިކޮށްތަ މިހެންވީ؟" ރާމިޒާ ސުވާލުކޮށްލިއެވެ.
"ނޫން. އެއަށްފަހު." ވިސްނާނުލާ އިން ޒާޔާއަށް ބުނެވުނެވެ.
"ނިންމާފަ ގެއަށް އަންނަނިކޮށްތަ؟ އަފްނާން ކޮބާ؟" ރާމިޒާގެ ދެވަނަ ސުވާލާއެކު ބުނެވުނު އެތި ރޭކާލި ޒާޔާ ބަލައިލީ ޔޫޝައުއަށެވެ. އެ ދެމީހުންނަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް، ރާމިޒާ އަފްނާންއަށް ގުޅައިފިއެވެ. ވަސީމް ބާއްވައިގެން އުޅުނުއިރު، އަފްނާންގެ ނަންބަރު އޭނާއަށް އޮތީ ނެގިފައެވެ.
*****
ހޯލްތެރޭގައި އިށީނދެގެން ދެފައި ދަމާލައިގެން ފާރުގައި ލެނގިލައިގެން އަފްނާން އިންއިރު، މިހާރު އެތަނުގައި އެކަކުވެސް ނެތެވެ. ވިސްނުމަކަށް ގެއްލިފައި އިންތަނާ އިރުގަނޑެއް ފަހުން އޭނާގެ ފޯނު ރިންގުވިއެވެ.
(ނުނިމޭ)