ސޮނީ ޓެލެވިޒަންއިން ގެނެސްދެމުން އަންނަ އެ ޗެނަލްގެ އެންމެ ދުވަސްވީ އެއް ގޭމް ޝޯ ކަމަށްވާ "ކޯން ބަނޭގާ ކްރޯރްޕަތީ" (ކޭބީސީ)ގެ ސުވާލެއްގައި ދިވެހި ބަސް ހިމަނައިފިއެވެ.
"ކޭބީސީ"ގެ ނަމުން މަޝްހޫރުވެފައިވާ މި ގޭމް ޝޯގެ 16 ވަނަ ސީޒަންގެ 116 ވަނަ އެޕިސޯޑުގައި ބައިވެރިވެ ހޫނު ގޮނޑިން ފުރުސަތު ލިބުނު ބައިވެރިއާއާ ކުރެވުނު ސުވާލުގައި ވަނީ "ތަމަޅަ އަދި ޗައިނީޒް ފިޔަވައި، އެޑްމިރަލް ޒެންގް ހީ 1409 ވަނަ އަހަރުގެ ތާރީޚްގައި ލިޔެފައިވާ ގަލް ޓްރައިލިންގުއަލް ލިޔުމުގައި ލިޔެފައިވަނީ ކޮން ބަހެއްހެއްޔެވެ؟," މިހެންނެވެ.

ރޭގެ އެޕިސޯޑުގައި ދިވެހި ބަސް ހިމެނި ސުވާލު--ފޮޓޯ/ލިޔުންތެރިޔާ
މި ސުވާލުގެ ޖަވާބުތަކުގެ ގޮތުގައި ހަތަރު ގައުމެއްގެ ބަސް ސްކްރީނުން ދައްކައިލިއިރު އެންމެ ފުރަތަމަ ވެސް ދައްކައިލީ ދިވެހިބަހެވެ. މި ސުވާލަކީ 116 ވަނަ އެޕިސޯޑުގެ 13 ވަނަ ބުރުގައި ކުރެވުނު ސުވާލެވެ. ސުވާލުގެ ރަނގަޅު ޖަވާބަކީ ފާރިސީ ބަސް (ސީ)އެވެ.
ރޭ ސޮނީ ޓެލެވިޒަންއިން ދެއްކި މި އެޕިސޯޑު ހާއްސަކުރެވިފައި ވަނީ "ކޯން ބަނޭގާ ކްރޯރްޕަތީ" ޓެލެކާސްޓު ކުރާތާ 25 އަހަރު ފާހަގަ ކުރުމުގެ ރިހިޔޫބީލްއަށެވެ. ރޭގެ ހޮޓް ސީޓް ނުވަތަ ހޫނު ގޮނޑިން ފުރުސަތު ހޯދާފައި ވަނީ އިންޑިއާގެ ޗަންދިގަރަށް ނިސްބަތްވާ އަންޖަލީ ތޯމާރު ނަމަކަށް ކިޔާ ޒުވާނެކެވެ.
ތޭރަވަނަ ބުރުގައި ކުރި އެ ސުވާލުގެ ޖަވާބު ދިމާ ނުކުރެވުމުން އަންޖަލީ ވަނީ 25 ލައްކަ ރުޕީސްއާ އެކު ކޭބީސީ ގޭމް ޝޯގެ ރޭގެ އެޕިސޯޑަށް އަލްވަދާއު ކިޔާފައެވެ.
އިންޑިއާގެ އިތުރުން އޭޝިއާ އަދި ބޭރުގެ ގިނަ ޤައުމުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވޭ ކޭބީސީ ޝޯގެ ސުވާލެއްގައި ދިވެހި ބަހުގެ ނަން ހިމެނިގެން ދިއުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.