މިސީޒަނަށް ފަހު ރެއާލްގައި މަޑު ނުކުރަން އެންޗެލޯޓީ ނިންމައިފި

ރެއާލް މެޑްރިޑްގެ އިޓަލީވިލާތުގެ ތަޖުރިބާކާރު ކޯޗު ކާލޯ އެންޗެލޯޓީ --

ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ އިޓަލީވިލާތުގެ ތަޖުރިބާކާރު ކޯޗު ކާލޯ އެންޗެލޯޓީ މިސީޒަނަށްފަހު އެކްލަބްގައި އިތުރަށް މަޑު ނުކުރަން ނިންމައިފިއެވެ.

ރެއާލްއާއެކު 2026 ވަނަ އަހަރުގެ ނިޔަލަށް އެގްރީމަންޓް ހަދާފައިވާ އެންޗެލޯޓީ ރެއާލްގައި މަޑު ކުރުވަން ކްލަބުން ބޭނުންވި ނަމަވެސް އެކަން ނުކުރަން އޭނާ ވަނީ ނިންމާފައެވެ. އެންޗެލޯޓީގެ މިނިންމުން ހާމަކޮށްފައިވަނީ އޮންޑާ ސޭރޯގެ ރޭޑިއޯސްޓާޑިއޯ ނޯޗޭއިންނެވެ.

މީގެކުރިން 2023 ވަނަ އަހަރުވެސް އެންޗެލޯޓީ ރެއާލް ދޫކޮށް ހިނގައިދާނެކަމުގެ އަޑު ވަރަށް ގަދައަށް ފެތުރުނެވެ. އެފަހަރު ބްރެޒިލްގެ ގައުމީ ޓީމާއި އެންޗެލޯޓީ ހަވާލުވެދާނެ ކަމަށް ހީވިއެވެ. އަދި ބްރެޒިލްގެ ފެޑެރޭޝަނުންވަނީ ގައުމީ ޓީމަށް ދާއިމީ ކޯޗަކު ހޯދުންވެސް ފަސްކޮށްފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު ފެނުނީ ޑިސެމްބަރު މަހު ރެއާލް އާއެކު ހަދާފައިވި އެއްބަސްވުން އާކުރި ތަނެވެ. އަދި އެންޗެލޯޓީ ވަނީ ރެއާލްގައި ގިނަ ކާމިޔާބީތަކެއްވެސް ހާސިލްކޮށްފައެވެ. އަދި ރެއާލްގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އެއް ކޯޗަށް އެންޗެލޯޓީ ވަނީ ވެފައެވެ.

މިދިޔަ ސީޒަންގައި ލަލީގާގެ އިތުރުން ޔުއޭފާ ޗެމްޕިއަންްސް ލީގު ކާމިޔާބުކުރި ރެއާލް މެޑްރިޑް މިސީޒަނަށް ވަރުގަދަ ކުރުމުގެ ގޮތުން ކިލިއަން އެމްބޭޕޭ އެޓީމަށް ގެނައުމާއެކުވެސް މިހާތަނަށް އެޓީމުން މިދިޔަ ސީޒަންގައި ދެއްކި މޮޅު ކުޅުން އެންމެ ރަނގަޅު ގޮތުގައި ދެއްކެމުން ގޮސްފައެއް ނުވެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަ ވެފައިވަނީ އެޓީމުގެ އެންމެ ބޮޑު ވާދަވެރިން ކަމަށްވާ އެފްސީ ބާސެލޯނާ އަތުން ތަފާތު ބޮޑުކޮށް ދެ ފަހަރެއްގެ މަތިން ބަލިވުމެވެ. މީގެ ތެރެއިން މިދިޔަ ސީޒަންގައި ބާސާ ބަލިކޮށް ކާމިޔާބުކުރި ސްޕެނިޝް ސުޕާ ކަޕްގެ ފައިނަލްގައި ބާސާ އަތުން ވަނީ ފަސް ލަނޑު ދެ ލަނޑުން ބަލިވެފައެވެ.

ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މިއަންނަ ސީޒަންގައި ރެއާލްގެ ކޯޗެއްގެ ގޮތުގައި ފެނުން އެންމެ ގާތީ މިވަގުތު ޖަރުމަނު ބުންޑެސްލީގާގެ ބަޔާ ލެވަކޫސެންގެ ކޯޗުކަން ކުރަމުންދާ ސްޕެއިންގެ ޒާވީ އަލަންސޯއެވެ. މިއަންނަ ސީޒަންގައި ރެއާލްގައި މަޑު ނުކުރަން އެންޗެލޯޓީ ނިންމި ނަމަވެސް ފުޓްބޯޅައާ ދުރައްދާން ނުވަތަ ރިޓަޔާ ކުރަން އޭނާ ވިސްނާފައިނުވާކަން ހާމަވެއެވެ. އަދި އެހެން ގައުމެއްގައި އަނެއްކާވެސް ކޯޗިންގެ ދާއިރާއިން ފެންނާނެކަމަށް ވަނީ ބެލެވިފައެވެ. އެންޗެލޯޓީ މިކަން ހާމަކުރިއިރު އެންމެ ފަހުން ލަލީގާގައި ކުޅުނު މެޗާއެކު އެޓީމުން ވަނީ ތާވަލްގެ އެއްވަނައަށްވެސް އަރާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު