އޮސްޓްރޭލިއަން އޯޕަންގެ ކްއާޓާ ފައިނަލުން ސިނާ ޖާގަ ހޯދައިފި

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީވިލާތުގެ ޔަނިކް ސިނާ ޖާގަހޯދައިފިއެވެ.

މި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސިނާ ކުއާޓާ ފައިނަލުން ޖާގަހޯދީ ހަތަރު ވަނަ ބުރުގައި މި މުބާރާތުގައި 13 ވަނައަށް ސީޑު ކުރެވިފައިވާ ޑެންމާކްގެ ހެލްގާ ރޫންއާ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗު ވެގެންދިޔައީ ހޫނު ގަދަވުމުގެ ސަބަބުން ދެ ކުޅުންތެރިންނަށް އުނދަގޫތަކާ ކުރިމަތިވި މެޗަކަށެވެ. މި މެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން ސިނާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ތިނެއް ހަޔަކުން ކާމިޔާބު ކޮށްފައިވަނީ ރޫންއެވެ.

މި މެޗުގެ ތިންވަނަ ސެޓުގައި ސިނާއަށް ހޫނުގެ ސަބަބުން ކުރިމަތިވި އުނދަގޫތަކާ ގުޅިގެން މެޑިކަލް ބްރޭކެއް ނެގިއިރު ރޫންވަނީ އޭނާގެ ކަކުލަށް އަނިޔާވެގެން މެޑިކަލް ބްރޭކެއް ނަގާފައެވެ.

ތިންވަނަ ސެޓު 3-6 އިން ކާމިޔާބު ކޮށްފައިވަނި ސިނާއެވެ. އަދި ހަތަރު ވަނަ ސެޓު ފެށުނުތަނާ ކޯޓުގެ ނެޓު ހަލާކުވެގެން 21 މިނެޓަށް މެޗު މެދު ކަނޑާލަން ވެސް ޖެހުނެވެ. މި ބްރޭކްގެ ފައިދާ އެންމެ ބޮޑަށް ކުރީ ސިނާ އަށެވެ. މިގޮތުން އޭނާވަނީ ހަތަރުވަނަ ސެޓު 2-6 އިން ކާމިޔާބުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިނާ ހާމަކުރި ގޮތުގައި މި މެޗަށް ނިކުތްއިރު ވެސް އޭނާއަށް އުނދަގޫތަކާ ކުރިމަތިވިއެވެ.އަދި އެކަމުގެ ސަބަބުން މި މެޗަށް ވޯމްއަޕް ވެސް ނުކުރެވޭކަމަށް އޭނާ ހާމަކުރިއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ސިނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި މިހާރު ބާކީ ހުރި ހަމައެކަނި އޮސްޓްރޭލިއާ ކުޅުންތެރިޔާ ކަމަށްވާ އަށް ވަނައަށް ސީޑު ކުރެވިފައިވާ އެލެކްސް ޑި މިނޯ އާއެވެ. ޑި މިނޯ މިމުބާރާތުގެ ކްއާޓާ ފައިނަލުން ޖާގަހޯދީ އެމެރިކާގެ އެލެކްސް މިޝޭލްސަން ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު