އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗު ބްރައިޓަންއިން ކާމިޔާބު ކޮށްފިއެވެ.
ޔުނައިޓެދްގެ ދަނޑުގައި ކުޅުނު މި މެޗު ބްރައިޓަން އިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ.
ނަމަވެސް މިއާއެކު ވެސް ބްރައިޓަން އިން ވަނީ ފާހަގަ ކޮށްލެވޭ ކުޅުމެއް މި މެޗުގައި ދައްކާފައެވެ. އަދި މި މެޗުގެ ފެށުން ރަނގަޅުވީވެސް ބްރައިޓަންގެއެވެ. މިގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ބްރައިޓަންއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޔަކޫބާ މިންޓޭއެވެ.
މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ވެސް ބްރައިޓަންގެ ހަމަލާތައް ފެނިގެންދިޔައީ ޔުނައިޓެޑަށް ހިފަހައްޓަން އުނދަގޫ ކަމަކަށެވެ. މިގޮތުން ދެވަނަ ހާފުގައި އެންމެ ފުރަތަމަ ފެނިގެންދިޔައީ ބްރައިޓަންއިން ކާމިޔާބުކުރި ލަނޑެއް އޭގެ ކުރިން ފައުލެއް ހިނގައިފާވުމުން ވީއޭއާރުން ބެލުމަށްފަހު ބަލައި ނުގަތް ތަނެވެ.
ނަމަވެސް މި ހަމަލާ ވެގެންދިޔައީ ޔުނައިޓެޑަށް ލިބިގެންދިޔަ އިންޒާރަކަށެވެ. އަދި މެޗުގެ 60ވަނަ މިނެޓުގައި ބްރައިޓަންއިން އުފެއްދި ހަމަލާއެއްގައި ކައުރޯ މިޓޯމާ ވަނީ އެ ޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.
އަދި މެޗުގެ 76ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކީޕާ އަންޑްރޭ އޮނާނާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ބްރައިޓަންއިން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖިއޮޖީނިއޯ ރުޓާއެވެ.
މި ކާމިޔާބީއާއެކު ބްރައިޓަން މިހާރު އުޅެނީ 34 ޕޮއިންޓާއެކު ތާވަލްގެ ނުވަވަނައިގައެވެ. އަދި ޔުނައިޓެޑް އުޅެނީ 26 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.