އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ކުއާޓާ ފައިނަލުން މި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާއާއި ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުން ސަބަލެންކާ ޖާގަހޯދީ ހަތަރު ވަނަ ބުރުގައި ސާދަވަނައަށް ސީޑު ކުރެވިފައިވާ މީރާ އަންޑްރީވާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ސަބަލެންކާ ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 1-6 އަދި 2-6 އިންނެވެ.
ކުއާޓާ ފައިނަލްގައި ސަބަލެންކާ ބައްދަލުރާނީ ހަތާވީސް ވަނައަށް ސީޑު ކުރެވިފައިވާ އަނަސްޓާޝިއާ ޕަވްލިޔުޗެންކޮވާ އާއެވެ. ޕަވްލިޔުޗެންކޮވާ ކުއާޓާ ފައިނަލުން ޖާގަހޯދީ ހަތަރުވަނަ ބުރުގައި އަށާރަ ވަނައަށް ސީޑު ކުރެވިފައިވާ ކްރޮއޭޝިއާގެ ޑޯނާ ވެކިޗްއާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ފުރަަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް 0-7 އިން ކާމިޔާބު ކުރުމުގެ އިތުރުން ދެވަނަ ސެޓު 0-6 އިން ކާމިޔާބު ކޮށްގެންނެވެ.
މި މުބާރާތުގެ ކްއާޓާ ފައިނަލުން ގައުފް ޖާގަހޯދީ ސްވިޓްޒަަލަންޑްގެ ބެލިންޑާ ބެންޗިޗްއާ ބައްދަލުކުރި މެޗު ދެސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހަތެއް ފަހަކުން ބެންޗިޗް ކާމިޔާބު ކުރި ނަމަވެސް ފަހު ދެސެޓު ގައުފް ވަނީ 2-6 އަދި 1-6 އިން ކާމިޔާބުކޮށް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.
ކުއާޓާ ފައިނަލްގައި ގައުފް ބައްދަލުކުރާނީ ސާބިއާގެ އޮލްގާ ޑަނީލޮވިޗް ސީދާ ދެ ސެޓުން ބަލިކޮށް ކްއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރި އެގާރަވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ޕައުލާ ބަޑޯސާއާއެވެ.