އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ކްއާޓާ ފައިނަލްގައި މި މުބާރާތުގައި ތިންވަނަ އަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒްއާއި ހަތް ވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި މުބާރާތުގެ ކްއާޓާ ފައިނަލުން އަލްކަރާޒް ޖާގަހޯދީ ހަތަރު ވަނަ ބުރުގައި ފަނަރަ ވަނައަށް ސީޑު ކުރެވިފައިވާ އިނގިރޭސިވިލާތުގެ ޖެކް ޑްރެޕާއާ ބައްދަލުކުރި މެޗުގެ ފުރަތަމަ ދެ ސެޓު އަލްކަރާޒް ކާމިޔާބު ކޮށްފައިވަނިކޮށް ޑްރެޕާ އަށް އަނިޔާވެގެން މެޗު ހުއްޓާލަން ޖެހުމުންނެވެ.
މި މެޗު ހުއްޓާލިއިރު އަލްކަރާޒް ވަނީ ހަތެއް ފަހަކުން ފުރަތަމަ ސެތު ކާމިޔާބުކޮށް, ދެވަނަ ސެޓު ހައެއް އެކަކުން ކާމިޔާބު ކޮށްފައެވެ. އަދި މިއާއެކު ޑްރެޕާއަށް އިތުރަށް ކުރިއަށް ގެންދެވޭގޮތް ނުވުމުން މެޗު ހުއްޓާލީއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްގައި އަލްކަރާޒްއާ ބައްދަލުކުރާ ޖޯކޮވިޗް ޖާގަހޯދީ ހަތަރު ވަނަ ބުރުގައި ޗެކް ރިޕަބްލިކްގެ ޔީރީ ލެހެޗްކާއާ ބައްދަލުކުރި މެޗު ސިދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. ޖޯކޮވިޗް މި މެޗުގެ ސެޓުތައް ކާމިޔާބު ކޮށްފައިވަނީ 3-6، 4-6، އަދި ފަހު ސެޓު ޓައި ބްރޭކަކަށްް ގޮސް 4-7 އިންނެވެ.
ކުއާޓާ ފައިނަލްގައި އަލްކަރާޒްއާއި ޖޯކޮވިޗްގެ ކުރިމަތިލުން ވެގެންދާނީ މިފަހަރުގެ ފިރިހެން ސިންގަލްސް އިވެންޓްގައި މިހާތަނަށް ފެނިގެންދާ އެންމެ ފޯރިގަދަ އެއް މެޗަށެވެ.