ނޫނޭޒްގެ ދެ ލަނޑާއެކު ލިވަޕޫލްއިން ބްރެންޓްފަޑް ބަލިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލްގެ އެއްވަނައިގާ އުޅޭ ލިވަޕޫލް އާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ލިވަޕޫލް ކާމިޔާބު ކޮށްފިއެވެ.

ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލް ކާމިޔާބު ކޮށްފައިވަނީ އެންމެ ފަހު ވަގުތު ކާމިޔާބުކުރި ދެ ލަނޑާއެކު 0-2 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލްއިންނެވެ.

ނަމަވެސް ބްރެންޓްފަޑްއިން ވަނީ މި މެޗުގައި ވަރަށް ރަނގަޅަށް ޑިފެންޑް ކުރުމާއެކު ލިބޭ ފުރުސަތު ތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ. މިގޮތުން މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރު ވެގެންދިޔަތަން ފެނިގެންދިޔައެވެ.

މި މެޗުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އިތުރު ވަގުތާހަމައަށް ދިއުމުން 2025 ވަނައަހަރު ލިވަޕޫލަށް މެޗަކުން މޮޅު ނުވެވި ތިންވަނަ މެޗު ނިމިގެން ހިގައިދާނެކަމަށް ހީވެގެންދިޔައެވެ.

ނަމަވެސް މިކަން ބަދަލުވެގެންދިޔައީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ލިވަޕޫލްގެ ބަދަލު ކުޅުންތެރިޔާ ޑާވިން ނޫނޭޒް އެ ޓީމަށް ލީޑު ނަގައިދިނުމާއެކުއެވެ. އަދި މިލަނޑު ޖެހިތާ ދެމިނެޓް ފަހުން ނޫނޭޒްވަނީ ލިވަޕޫލަށް ދެވަނަ ލަނޑެއް ވެސް ކާމިޔާބު ކޮށްދީފައެވެ.

މި ކާމިޔާބީއާއެކު ލިވަޕޫލް އިން މިވަނީ މިހާތަނަށް ކުޅުނު 21 މެޗުން 50 ޕޮއިންޓް ހަމަކޮށްފައެވެ. އަދި ބްރެންޓްފަޑް އުޅެނީ 28 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު