ލޯބިވެވުމުން... 53

ރަޔާން ގުދުވެގެން ޔަލްވީގެ މޫނަށް ބަލަން ފެށުމުން ޔަލްވީ އަވަހަށް ރަޔާންގެ މޭގައި މޫނު ފޮރުވައިލިއެވެ. ނުހޭން ހުއްޓަސް، ރަޔާންގެ އެ އަމަލުން ޔަލްވީއަށް ހެވުނެވެ. ފަހަކަށް އައިސް ޔަލްވީ އަމިއްލައަށް ވެސް އޭނާ ރުޅިމަޑުކަން ފާހަގަވިއެވެ.

"ތިއުޅެނީ އަހަރެންވެސް ރިހަގަނޑަކަށް ހަދާލަން" ރަޔާން ސަމާސާކޮށްލަމުން ޔަލްވީ ދުރުކޮށްލާކަމަށް ހެދުނެވެ.

********

ޔަލްވީ ކުރިއަށްވުރެ ބާރަށް ރަޔާންގެ ގައިގައި ހިފަހައްޓައިލިއެވެ. ކުޑަކޮށް ގަދަހަދާކަމަށް ހެދިފައި ރަޔާން ވެސް ޔަލްވީގެ ހަށިގަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. މަޑުމަޑުން ބުރަކަށީގައި ފިރުމައިލިއެވެ. ދުވަހަކު މަސައްކަތެއް ނުކުރާ ޔަލްވީ މަސައްކަތުގައި ވަގުތު ހޭދަކުރަން ފެށުމުން ވަރުބަލިވާނެވަރު ރަޔާނަށް އިހުސާސް ކުރެވެއެވެ. ރަޔާން ބޭނުންވީ ޔަލްވީއަށް ހިތްވަރުދޭށެވެ.

ޔަލްވީގެ މިޒާޖަށް އަންނަމުންދިޔަ ހެޔޮ ބަދަލުތަކުން ރަޔާންއަށް ގެއްލިފައިވި އުއްމީދު އައުވިއެވެ. ދުލުން ހާމަނުކުރި ކަމުގައިވިޔަސް، ޔަލްވީ ރަޔާންދެކެ ލޯބިވާވަރު އެ އަމަލުތަކުން ހާމަކޮށްދެއެވެ. ޔަލްވީއާއިއެކު އޮތް ގުޅުން ދަމަހައްޓަން އިތުރު ހުރަހެއް ރަޔާނަކަށް ނެތެވެ. މިހާރު ނިމާލުމެންނަށް ޔަލްވީގެ އުޅުން ފެނިއްޖެނަމަ، ގަބޫލުކުރަންވެސް ދަތިވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

"އަހަންނަށް އެނގޭ ޔަލްވީވެސް މަންމައާ ގުޅަން ބޭނުންވާކަން" ޔަލްވީގެ ރުޅި ފިނިވުމުން ރަޔާން އޭނާ ކުރިން ދެއްކި ވާހަކަ ފެށިއެވެ.

"ތިހެން ނުކިޔަފާނަންތަ؟ ހީވަނީ ވަރަށް ދުރު މީހެއްހެން..." ޔަލްވީ އާދޭހުގެ ރާގަކަށް އެދުނެވެ.

"އޯކޭ... ދެން މި ވާހަކަ ނުދައްކާނަން" ރަޔާން ހީކުރީ ޔަލްވީ އެދުނީ ނަފީސާމެންގެ ވާހަކަ ނުދެއްކުމަށް ކަމަށެވެ.

"ޔަލްވީ ނުކިޔަފާނަންހޭ މި ބުނީ" ޔަލްވީ ތަފްސީލް ދިނެވެ.

"އޯކޭ ވައިފީ" ރަޔާން ސަމާސާ ރާގަކަށް ބުނެލިއެވެ. އޭރު އޭނާގެ ތުންފަތުގައިވަނީ ލުއި ހިނިތުންވުމެކެވެ.

"ޔާލް ކިޔާބަ" ޔަލްވީ އެދުނެވެ. "އެއީ ވަރަށް ގާތް މީހުން ކިޔާ ނަމެއް"

ޔަލްވީގެ ޖުމުލަތަކުން ރަޔާންގެ ހިތަށް ކިހާ އުފާވެރިކަން ލިބުނުކަން ޔަލްވީއަށް އެނގޭނެނަމައޭ ރަޔާންގެ ހިތަށް އެރިއެވެ. ހިތް ނަގައި ޔަލްވީއަށް ދެއްކޭނެނަމަ، ރަޔާން އެވަގުތު އެކަންވެސް ކުރީހެވެ.

"މިހާރު ހުންނާނީ ރަނގަޅަށް ރިހަވަސް ދުއްވާލާފަ" ޔަލްވީ ހެމުން ކުއްލިއަކަށް ރަޔާންގެ އަތްދަށުން ވީއްލިގަތެވެ.

ތުވާލި ހިފައިގެން ޔަލްވީ ފާހާނާއަށް ވަންނަން އުޅުމުން ފަހަތުން ރަޔާންވެސް ފާހާނާއާއި ދިމާއަށް ދިޔައެވެ.

"ރިހަވަސް ފިލުވަން އަލުން ފެންވަރަންށޭ ޖެހޭނީ..." ޔަލްވީ ދޮރު ލައްޕަން އުޅުމުން ރަޔާން ދޮރުގައި ހިފެހެއްޓިއެވެ.

ރަޔާނަށްވުރެ ޔަލްވީ ހުށިޔާރެވެ. ރަޔާންގެ އަތުގައި މަޑުމަޑުން ދަތްއެޅުމުން، ރަޔާން ދޮރުން ދޫކޮށްލިއެވެ. ޔަލްވީ ވަގުތުން ދޮރު ލައްޕާ ތަޅުލިއެވެ. ޔަލްވީ ދޮރު ނުހުޅުވާނެކަން އެނގޭއިރުވެސް ރަޔާން ކުޑައިރުކޮޅަކު ދޮރުގައި ޓަކި ޖެހިއެވެ. އެއީ އޭނާ ޔަލްވީއާއި ކުރި ލާނެތް ސަމާސާއެކެވެ. ޔަލްވީ ދޮރު ނުހުޅުވުމުން ރަޔާން ތައްޔާރުވެލައިގެން ނުކުތީ ބޭރަށެވެ. އޭރު ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އަފްސަމް އޮތީ ސޯފާގައެވެ. ފުންވިސްނުމެއްގައި އޮތް އަފްސަމްއަށް ހަމަހޭވެރިކަންވީ ރަޔާން ގޮސް ކައިރީގައި އިށީނުމުންނެވެ.

"މިއަދު ވަރަށް އެހެންކަހަލަ ކަމެއްވެއްޖެ!" ރަޔާންގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ.

"އަހަރެންވެސް ތިވާހަކަ ދައްކާށޭ މިއުޅެނީ" އަފްސަމްއަށް ރަޔާން ބުނީ ކީކޭކަން އެނގުނެވެ.

"އަހަރެން ހިއެއްނުކުރަން އަޒުމާއަށް މިގެއަށް އަންނަން ކެރޭނެކަމަކަށްވެސް" ރަޔާން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ވަރަށް ޑީގްރޭޑް މީހުން ކުރާނެ ކަހަލަ ކަމެއް އޭނަ އެކުރީ" އަފްސަމްގެ މޫނުން ފެނުނީ ނުރުހުމުގެ އަސަރެވެ. "އޭނަގެ ނިޔަތް އަދިވެސް ރަނގަޅެއް ނޫން... އަހަރެން ދެކުނީމޭ އޭނަ ނުކުމެގެން ދަނިކޮށް.. އެއީ އަދިވެސް ހަމަ ކުރީގެ އަޒުމާ... އޭނައަކަށް އެއްވެސް ބަދަލެއް ނާދޭ"

"އަހަރެން މި ހިތަށް އަރަނީ އަޒުމާ ޔަލްވީއަށް..." ރަޔާން އެހިސާބަށް ބުނެފައި ހުއްޓައިލިއެވެ.

"އެވަރަށް ދެން ނުވިސްނާ!..." އަފްސަމް އެދުނެވެ. "ޔަލްވީ ކައިރީ ބުނޭ އޭނަ މިގެއަށް ނުވައްދާށޭ"

"އޭރުން ޔަލްވީ އެކަމާ ސުވާލުކޮށްފިއްޔާ އަހަރެން ކީކޭ ބުނާނީ؟" ރަޔާން ކުރިއަށްވުރެ ހާސްވިއެވެ.

"ތެދަށް ކިޔާދީ! ކިޔައިދީގެން ނެތެއްނު މައްސަލައެއް.. ވީކަމެއް ނުވާ ކަމަކަށް ނުހެދޭނެއެއްނު" އަފްސަމް ބުނީ ރަޔާނަށް ކުރަން ފަސޭހަކަމެއްގެ ވާހަކައެއް ނޫނެވެ.

ޔަލްވީ ފެންވަރައިގެން ނުކުތީ ގޭތެރޭގައި ލާންގެންގުޅޭ ކުރު ސޯޓުކޮޅަކާއި ޓީޝާޓެއް ލައިގެންނެވެ. އަފްސަމް ވަގުތުން އިސްޖަހާލިއެވެ. ރަޔާންގެ މޫނުން ނުތަނަވަސްކަން ފެނުނެވެ. ޔަލްވީގެ ހެދުން އެޅުމުގެ ކަންކަން ހުންނަގޮތް އެއްވެސް ވަރަކަށް ރަޔާނަކަށް ކަމަކުނުދެއެވެ. އެކަން އިސްލާހުކުރެވޭނެގޮތަކާއިމެދު ރަޔާންއަށް ޖެހުނީ ވިސްނާށެވެ. ޔަލްވީއަކީ ސީދަލަށް ކަމެއް ބުނެގެން ކަމެއް އިސްލާހުކުރާނެ ކަހަލަ މިޒާޖެއް ހުންނަ ކުއްޖެއް ނޫނެވެ.

"އަހަންނަށް ހީވަނީ އަހަރެން އަލުން ގެއަށް ބަދަލުވާންވީހެން" ޔަލްވީއަށް އިވޭ ވަރަށް އަފްސަމް ބުނެލިއެވެ. "މިގޭތެރެއިން ސްވިސް ކުދިން ފެންނަވަރުން ދެލޯ ހުޅުވާލެވޭ ވަރެއް ނުވޭ"

ރަޔާންއާއި ހިލާފަށް އަފްސަމްއަކީ އޭނާގެ ހިތުގައި އޮންނަގޮތަށް އެކަމެއްގެ ވާހަކަ ވަގުތުން ބުނެލާ މީހެކެވެ. ޔަލްވީ ކޮޓަރިއަށް ގޮސް އެއްޗެހި ބަދަލުކޮށްގެން ނުކުމެދާނެކަމަށް އަފްސަމް ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. ރަޔާންއަށްވެސް ލިބުނީ ޝޮކެކެވެ. ޔަލްވީ ނުކުތީ ފައިތިލައާއި ހަމައަށް އަރާ ދޫ ހަރުވާޅެއް ލައިގެންނެވެ.

"މީ އަޒޫ ކައްކާފަ ހުރި ރިހައެއް.. މިހާރު އެނގޭނެ މިގޮތަށް ރިހަ ކައްކަން" ޔަލްވީ ފަހުރުވެރިވެލާފައި ބުންޏެވެ.

ރަޔާން ހީލީ ގަދަކަމުންނެވެ. އަފްސަމްއާއި ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއިރު، ދެމީހުންގެ މޫނުންވެސް ފެންނަންހުރީ ނުތަނަވަސްކަމެވެ.

"ކިހިނެއް އަޒުމާއާ ފްރެންޑްވީ؟" އަފްސަމް އަހައިލިއެވެ.

"އެ ކިޔަވަން އުޅުނުއިރު" ޔަލްވީ އިނީ އުފާވެފައެވެ. "ވަރަށް ދުވަސްކޮށްފަ މި ދިމާވީ"

"ޔަލްވީއަށް އެނގޭތަ އަޒުމާއަކީ ކޮންކަހަލަ މީހެއް ކަން؟" އަފްސަމް ބޭނުންވީ ހަގީގަތް ހާމަކުރާށެވެ.

"އޭނ؟" ޔަލްވީއަށް ލިބުނީ ހައިރާންކަމެވެ.

"ކައިވެނިން ބޭރުން އަޒުމާއަށް ދަރިއަކު ލިބުނުކަން އެނގޭތަ؟" އަފްސަމް ދެން ބުނެލި ވާހަކައިން ޔަލްވީ ދެލޯ ބޮޑުކޮށްލިއެވެ. "އެންމެ ކުއްޖެއް ނޫން... ތިން ކުދިން... ދެތިން ދުވަސްފަހުން ކޮންމެ ކުއްޖަކުވެސް މަރުވަނީ... އެއީ އިއްތިފާގެއްތަ؟ ރަށުތެރޭގަ މީހުން ކިޔާ އަޒުމާއަކީ ކޮންމެ ކަހަލަ ކަމެއްވެސް ކުރަން ފަސްނުޖެހޭ އަންހެނެކޭ.. ނަރުހެއްވީމަ ކުރާ ކަމެއް އޮއްބާލާކަށް އުނދަގުލެއް ނުވާނެ!"

"އެކަމަކު، އަޒޫ ތި ވާހަކަތަކެއް ނުބުނޭ" ޔަލްވީގެ މޫނުން ހައިރާންކަން ފިލައިގެން ނުދެއެވެ.

"ނުބުނާއެއްނު... އޭނަ އުޅެނީ ރަޔައްޓެއާ އަޅައިގަނެގެންނޭ... ނުކުރާކަށް މުޑުދާރު ކަމެއް ނެތް... ވަރަށް އެހެން ކަހަލަ ގޮތްގޮތަށް ނަގާފަ ހުރި ފޮޓޯތަކާ އެއްޗެހި ރަޔައްޓެގެ ފޯނަށް ފޮނުވި މީހެއްގެ ވާހަކަ މި ދައްކަނީ... މީހެއްގެ ފިރިއަކަށްވީމަވެސް އެކަމެއް ނުހުއްޓިއެއްނު... ރަޔައްޓެ ހާސިލުވަންދެން ޔަލްވީ ކުރިމަތީގަ މަތި އޮމާންކޮށްގެން އޭނަ އުޅޭނެ.... އޭރުންތާ ގިނަގިނައިން މިގެއަށް އާދެވޭނީ... އާނ! އޭނައަށް އެނގޭވިއްޔަ ރަޔައްޓެއަކީ މީހުންގެ ގޯސް ވާހަކަ އަނެއް މީހާގެ ކައިރީ ދައްކާނެ މީހެއް ނޫންކަން... ރަޔައްޓެ ނުދެއްކިޔަސް، އަހަންނެއް ނުހުންނާނަން ނުދައްކައެއް..." އަރާފައި އިން ފޯރީގައި އަފްސަމް ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނައިލިއެވެ.

ޔަލްވީ ރަޔާނަށް ބަލައިލީ އޭނާގެ ހިތުގެ ސުވާލުތަކަށް ޖަވާބު ލިބުނު ފަދައަކުންނެވެ. އަޒުމާ ފެނުމުން ރަޔާންގެ މޫނުމަތިން ނުތަނަވަސްކަން ފެނުނީ ކީއްވެކަން އެނގުމުން ޔަލްވީއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. އެފަދަ ނުބައި މީހަކު ގެއަށް ވެއްދުނީތީ ޔަލްވީއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ.

********

ފަތިސް ނަމާދުކޮށްލައިގެން އައިސް ލިމްޔާ އިނީ ޤުރުޢާން ކިޔަވާށެވެ. ޤުރުޢާން ކިޔަވާލުމުން ލިމްޔާގެ ހިތަށް ފިނިކަން ލިބުނެވެ. ހިތާމަތަކުން އަރައިގަނެ، ދިރިއުޅުން ނަގައި ކޮޅަށްޖެހުމަށް ލިމްޔާއަށް އެހީވީ ނަމާދާއި ގުރުއާނެވެ.

ޙަތިމު ލައްޕާލުމަށްފަހު ލިމްޔާ ފުރަތަމަވެސް ބަލާލީ އޭނާގެ ފޯނެވެ. ރޭގައި އެތައް އިރަކު އަފްސަމްއަށް ގުޅައިގެން އޮތުމަށްފަހު، ލިމްޔާއަށް ނިދުނީ ވަރަށް ދަންވީ ފަހުންނެވެ. ބޮލަށް ބަރުވެފައި ހުރިނަމަވެސް އިތުރަށް ނިދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އަފްސަމްއާއި ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތައް ހަނދާންވުމުން، ލިމްޔާއަށް ހިނިތުންވެލެވުނެވެ. އެހާއިރު އަފްސަމް އާއި ވާހަކަ ދައްކާލެވުމުން ލިމްޔާ ހިތުގައި އަފްސަމް އާއި މެދު ކުރިން އޮތް ނުތަނަވަސްކަން ވަނީ ފިލައިގެން ގޮސްފައެވެ. އަފްސަމްގެ މަޖާ މިޒާޖާއި ވާހަކަ ދެއްކުމުގައި ހުންނަ ގާތްގޮތުން ލިމްޔާ ފޫހިވާކަށް ނުޖެހެއެވެ.

ލިމްޔާ ފޯނު ނެގީ އަފްސަމްގެ މެސެޖުތަކެއް ލިބިފައި އޮންނާނެ ކަމަކަށް ނޫނެވެ. ބާއްޖަވެރި ދުވަހަކަށް ތަހުނިޔާ ކިޔައި، އަފްސަމް ފޮނުވާފައިވާ މެސެޖުތައް ކިޔާލުމުން، ލިމްޔާއަށް އޭނާގެ ދުވަހުގެ ފެށުން އުޖާލާވެގެން ދިޔަހެން ހީވިއެވެ.

ލިމްޔާވެސް އަފްސަމްއަށް މެސެޖެއް ފޮނުވިއެވެ. އަފްސަމްގެ ޖަވާބެއް ނުލިބުމުން ލިމްޔާ މާޔޫސްވިއެވެ. ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. އެވަގުތު ފޯނު ރިންގްވާން ފެށިއެވެ. އިސްކްރީނުން ފެނިގެންދިޔައީ އަފްސަމްގެ ނަމެވެ. ލިމްޔާ އަފްސަމްގެ ނަންބަރު ފޯނުގައި ރައްކާކޮށްފައިވަނީ "ސީކްރެޓް މެސެޖު" ޖަހާފައެވެ. އެއީ އަފްސަމްއަކީ ކާކުކަން އެނގުމުގެ ކުރިން އޭނާ އެ ނަންބަރަށް ދީފައިވާ ނަމެވެ.

ލިމްޔާ ފޯނު ނަގައި ކަންފަތުގައި ޖައްސާލި ވަގުތު ކުޑަދޮރުގެ ބޭރުން މީހެއްގެ ހިޔަންޏެއް ފެނުނުހެން ހީވިއެވެ. ހެނދުނު ހައެއް ޖެހި ނަމަވެސް، ދުނިޔެމަތި ފުދޭވަރަކަށް އަނދިރިކޮށް އޮތް ދުވަހެކެވެ. ލިމްޔާގެ ކޮޓަރި ކުޑަދޮރާއި ދިމާގައި ހަރުކޮށްފައިވާ ބޮކީގެ އޮރެންޖް އައްޔަށް، ގޭގެ ބޭރުގައި ހައްދާފައިވާ ގަސްތަކުން ހިޔަނި އެޅުމުންވެސް ބައެއް ފަހަރު މީހެއް ސިފަވާހެން ހީވެއެވެ. ލިމްޔާ ހީކުރީ ގަސްތަކުން ކުޑަދޮރަށް ހިޔަންޏެއް އެޅުނީ ކަމަށެވެ. ކުޑަކޮށް ޖެހިލުންވީނަމަވެސް ލިމްޔާ ކުޑަދޮރާއި ދިމާއަށް ހިނގައިގަތީ ޝައްކު ފިލުވައިލާށެވެ.

"ދެންމެ ހީވި ހިޔަންޏެއް ފެނުނުހެން...." ލިމްޔާ ހުރީ ޖެހިލުންވެފައެވެ. އެހެންކަމުން އަފްސަމް ދައްކަމުންދިޔަ ވާހަކައަށް އޭނާއަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ.

ޔަލްވީއަށް ދިމާވި ހާދިސާއަށްފަހު ލިމްޔާވެސް އެކަނި ކޮޓަރީގައި އޮންނަން ބިރުގަނެއެވެ. މީހަކު ފާރަލާހެން އޭނާއަށް ހީވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ސަބަބާއިހުރެ، އޮފީހުން ޗުއްޓީ ނެގިފަހުން ލިމްޔާ އެއްގޮތަކަށްވެސް ގެއިން ބޭރަށް ނުނިކުމެއެވެ. އަމީރާއަށް އިތުރު ތަކުލީފެއް ޖައްސަން ބޭނުންނުވާތީ، ލިމްޔާ އެވާހަކަ ސިއްރުކުރީއެވެ.

"ތިވާނީ ހީވި ގޮތަކަށް.... އަޅެ މިހާރުވެސް ބަލާލަބަލަ!" އަފްސަމް މަޑުމަޑުން ބުނެލިއެވެ.

ކުޑަދޮރު ހުޅުވާލުމާއިއެކު، ޖެހިލި ފިނި ވައިރޯޅިން ލިމްޔާއަށް ލޯމަރާލެވުނެވެ. ވައިގަދަ ދުވަހެއްކަމުން ދޮރުފޮތިގަނޑު ވަޔާއި ވިހުރިގަތެވެ. އެސްފިޔަ ޖަހާލާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ފެނުނު މަންޒަރުން ލިމްޔާ ހުއްޓުން އެރިއެވެ. ގަބޫލުނުކުރެވިފައި އެތައް އިރަކު ބަލަހައްޓައިގެން ހުއްޓެވެ.

********

ސިހިފައި ރަޔާންއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ހުވަފެނުގައި ރަޔާނަށް ޔަލްވީ ފެނުނުއިރު އޮތީ ކަފުންކޮށްފައެވެ. ހުވަފެނެއްކަން އެނގުނު ނަމަވެސް ރަޔާންގެ ހިތް ހަމައަކަށް ނޭޅުނެވެ. ފަތިސްނަމާދުން އައިސް ނިދައިފިނަމަ، ރަޔާނަށް ބިރުވެރި ހުވަފެނެއް ނުފެންނަ ދުވަހެއް މަދެވެ. ރަޔާންއަށް ފުރަތަމަވެސް ހޯދާލެވުނީ ޔަލްވީ ކޮބައިތޯއެވެ. ޔަލްވީ ފެންނަން ނެތުމުން ރަޔާން ހާސްވިއެވެ. ރަޔާންއަށް ނިދުނީ ޔަލްވީއާއި ވާހަކަ ދައްކަން އޮއްވައެވެ. ރަޔާނަށްވުރެ ކުރިން ނިދުނީ ޔަލްވީއަށެވެ. ވީއިރު، ރަޔާންގެ ކައިރީގައި ޔަލްވީ ނެތީ ކީއްވެ ހެއްޔެވެ؟ ރަޔާން ތެދުވަން އުޅުނު ވަގުތު، ފާހާނާގެ ދޮރު ހުޅުވާލާފައި ޔަލްވީ ނުކުތެވެ. ބޮލުގެ އިސްތަށިގަނޑުން ފެން ހިއްކަމުން ނުކުތް ޔަލްވީ ފެނި، ރަޔާންއަށް ހިނިތުންވެލެވުނެވެ. ޔަލްވީގެ ކަންކަމުގައި ކުއްލިކުއްލިއަށް ރަޔާންގެ ހިތް ބިރުގަންނަނީއެވެ. އެއީ މާބޮޑަށް ލޯބިވެވުމުން، ހިތަށް ލިބޭ އަނިޔާ ހެއްޔެވެ؟ އަމިއްލަ މޮޔަކަން ހިތަށް އެރުމުން، ރަޔާނަށް ބޮލުގައި މަޑުމަޑުން ޖަހައިލެވުނެވެ.

"ދަނީތަ؟ އަދި އާދެބަލަ މިތާ އޮންނަން..." ޔަލްވީ ރީތިވެލައިގެން ބޭރަށް ނުކުންނަން ފެށުމުން ރަޔާން ބުނެލިއެވެ.

"ބްރެޑް ހަދަން މިދަނީ" ޔަލްވީ ހަދިޔާކޮށްލީ ރަކި ހިނިތުންވުމެކެވެ.

"ހަދާނެކަމެއް ނެތް" ރަޔާން ބޭނުންވީ ޔަލްވީ އޭނާގެ ކައިރީގައި ބާއްވާށެވެ. "މިއަދު ބަންދު ދުވަހެއްނު.. އޮފީހަށް ދާކަށްވެސް ނުޖެހޭނެ''

އެންމެ ވަގުތުކޮޅަކަށްވެސް ޔަލްވީ އޭނާގެ ކުރިމަތިން ގެއްލޭކަށް ރަޔާން ބޭނުމެއް ނުވިއެވެ.

"އަންނާނަމޭ ވަރަށް އަވަހަށް.. ޓެން މިނެޓްސް ދީ" ޔަލްވީ ބޭރަށް ނުކުތީ ރަޔާން އެއްބަސްނުވާނެކަން އެނގޭތީއެވެ.

ޔަލްވީ ނުކުތްއިރު ބޭރު ދޮރު ހުޅުވާފައި ހުރުމުން ސުވާލު އުފެދުނެވެ. ޔަލްވީ ހީކުރީ އަފްސަމް ބޭރުގައި ހުރީ ކަމަށެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ބޭރަށް ނުކުތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދެފިކުރެއްގައި ހުރެ، ދޮރު ލައްޕާލަން އުޅުނު ވަގުތު ކޮންމެވެސް މީހަކު ދޮރުގައި މީހަކު ހިފެހެއްޓިއެވެ. ލިބުނު ސިހުމުގައި ޔަލްވީއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. އެއާއިއެކު އެމީހަކު އޭނާގެ އަނގަމަތީގައި އަތްއަޅައި ގުޑި ނުލެވޭނެހެން ހައްޔަރުކޮށްލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު