އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އަދި މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ތިންވަނަ ބުރުން ސަބަލެންކާ ޖާގަހޯދީ ދެވަނަ ބުރުގައި ސްޕެއިންގެ ޖެސިކާ ބޮއުޒާސް މަނެއިރޯއާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން ސަބަލެންކާ ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓުގައި ބޮއުޒާސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ ސަބަލެންކާ ހާސް ކޮށްލައިފައެވެ. ނަމަވެސް އެމެޗުގެ ފަހު ވަގުތު ސަބަލެންކާ ވަނީ އޭނާގެ މޮޅު ކުޅުމާއެކު ހަތެއް ފަހަކުން ދެވަނަ ސެޓު ކާމިޔާބު ކޮށްފައެވެ.
މިމުބާރާތުގެ ތިންވަނަ ބުރުގައި ސަބަލެންކާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޑެންމާކްގެ ކްލާރާ ޓައުސަން އާއެވެ. ޓައުސަން ތިންވަނަ ބުރުން ޖާގަހޯދީ ޖަރުމަނުވިލާތުގެ ޓަޓްޔާނާ މާރިއާއާ ބައްދަލުކުރި މެޗު ހައެއް ދެއެއް އަދި ހައެއް ދެއަކުން ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް އާއި ޖޯޑީ އަނާ ބަރާޖް ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށް ގައުފް ވެސް ވަނީ ތިންވަނަ ބުރުން ޖާގަހޯދައިފައެވެ. މިމެޗުގެ ދެސެޓު ގައުފް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް އަދި ހަތެއް ފަހަކުންނެވެ. ތިންވަނަ ބުރުގައި ގައުފް ބައްދަލުކުރުމަށް ހަމަޖެހިފައިވާ 30ވަނައަށް ސީޑު ކުރެވިފައިވާ ކެނެޑާގެ ލޭލާ ފެނާންޑޭޒް ޖާގަހޯދީ ސްޕެއިންގެ ކްރިސްޓީނާ ބުކްސާއާ ބައްދަލުކުރި މެޗު ދެސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.
އެއީ ތިނެއް ހައެއް، ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. އަންހެން ސިންގަސްލްސް އިވެންޓްގައި އެންމެ ހައިރާން ކުރުވި ނަތީޖާ އަކަށް ފެނިގެންދިޔައީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރި ފަސް ވަނައަށް ސީޑު ކުރެވިފައިވާ ޗައިނާގެ ޒިންވެން ޒެންގް ދެވަނަ ބުރުގައި ޖަރުމަނުވިލާތުގެ ލައުރާ ސިއެގެމުންޑްއާ ބައްދަލުކުރި މެޗުން ސިޑާ ދެސެޓުން ބަލިވެ މިފަހަރުގެ މުބާރާތަށް އަލްވަދާކު ކީ ކިއުމެވެ.
މިމެޗު ސިއެގެމުންޑް ކާމިޔާބު ކޮށްފައިވަނީ ހަތެއް ހައެއް އަދި ހައެއް ތިނަކުންނެވެ. މީގެއިތުރުން ހަތްވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއި ބެލްޖިއަމްގެ އެލީސް މާޓެންސް ބައްދަލުކުރި މެޗު ހައެއް ހަތަރެއް އަދި ހައެއް ދެއަކުން ޕެގޫލާ ކާމިޔާބުކޮށް ތިންވަަނަ ބުރުން ޖާގަހޯދިއިރު ޖަޕާންގެ ނައޯމީ އޮސާކާވަނީ 20ވަނައަށް ސީޑު ކުރެވިފައިވާ ކެރޮލީނާ މުޗޯވާއާ ބައްދަލުކުރި މެޗު އެކެއް ހައެއް، ހައެއް އެކެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްފައެވެ.