ޓިކްޓޮކް ބަންދުކުރާތީ ބައިލައްކައަށްވުރެ ގިނަ ޔޫޒަރުން ރެޑްނޯޓަށް ބަދަލުވަނީ

އެމެރިކާއިން ޓިކްޓޮކް ބަންދުކުރަން ގަސްތުކުރާ ކަމުގެ ޚަބަރާ ގުޅިގެން، 500،000 އަށްވުރެ ގިނަ ޓިކްޓޮކް ޔޫޒަރުން ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ރެޑްނޯޓް"އަށް ބަދަލުވެއްޖެއެވެ.

ޗައިނާގައި "ޝިއަވްހޮންގްޝޫ" ގެ ނަމުން މަޝްހޫރު މި އެޕްލިކޭޝަނަކީ އިންސްޓަގްރާމްގެ ޗައިނާގެ ވާޝަންއެއްގެ ގޮތުގައި ބެލެވޭ މަޝްހޫރު، މައިގަނޑު ގޮތެއްގައި ޒުވާން އަންހެނުން ބޭނުންކުރާ ޕްލެޓްފޯމެކެވެ. 2023ވަނަ އަހަރުގެ ނިޔަލަށްމި އެޕްލިކޭޝަންގައި މަހަކު 300 މިލިއަނަށްވުރެ ގިނަ އެކްޓިވް ޔޫސަރުން ވެއެވެ.

2013ވަނަ އަހަރު ޝަންގްހާއީގައި މިރަންޑާ ޗޫ އާއި ޗާލްވިން މާއޯ ވަނީ މި އެޕްލިކޭޝަން ތަޢާރަފުކޮށްފައެވެ.

"ހޮންގްކޮންގް ޝޮޕިން ގައިޑް" ގެ ނަމުގައި ފެށި މި އެޕްލިކޭޝަނުގައި މިހާރު ބޭނުންކުރާ ފަރާތްތަކަށް ލައިވްސްޓްރީމް މެދުވެރިކޮށް ވިޔަފާރިކުރުމާއި، ފޮޓޯ، ވީޑިއޯ އަދި ދިގު ލިޔުންތައް ޕޯސްޓްކުރުމުގެ ޚިދުމަތް ލިބެއެވެ. މީގެ އިތުރުން ޔޫސަރުންނަށް އެކަކު އަނެކަކާ މުޢާމަލާތްކުރެވޭނެ އިންޓަފޭސްއެއް ވެސް މި ޕްލެޓްފޯމުގައި ވެއެވެ.

ޗައިނާގެ ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އަލީބާބާ އާއި ޓެންސެންޓްގެ އިތުރުން ސިންގަޕޫރުގެ ސަރުކާރުގެ އިންވެސްޓާ ޓެމާސެކް އަކީ ރެޑްނޯޓްގެ ޙިއްޞާދާރުންގެ ތެރޭގައި ހިމެނޭ ފަރާތްތަކެވެ.

އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަލާމަތީ ބާރުތަކުގެ އިސްވެރިން ވަނީ ޓިކްޓޮކްގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމުގެ ބިރު ފާޅުކޮށްފައެވެ. މީގެ އިތުރުން މުޖުތަމައުގައި އާއިލާތަކަށާއި ކުޑަކުދިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކެއް ކަނޑައެޅުމަށް ވެސް ގޮވާލަމުންދެއެވެ.

އެމެރިކާގައި ޓިކްޓޮކާ ދެކޮޅަށް އަޑުއުފުލަން ފެށުމާއެކު، ޗައިނާއިން ތައާރަފުކޮށްފައިވާ އެހެން ޕްލެޓްފޯމްތައް މިހާރު ވަނީ އެ މާކެޓަށް ނުކުމެފައެވެ. މީގެ ތެރޭގައި މިހާރު މަޝްހޫރުވަމުން އަންނަ ރެޑްނޯޓްގެ އިތުރުން ވީޗެޓް ފަދަ އެޕްލިކޭޝަންތައް ހިމެނެއެވެ.

ޗައިނާގެ މި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން އުފެދޭނެ ކަމަށް ބެލެވޭ ވާދަވެރި މާހައުލުގައި، އެމެރިކާއިން ވެސް އެފަދަ އެޕްލިކޭޝަންތަކެއް ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާކަމަށް މީޑިއާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ރެޑްނޯޓް ފަދަ އެޕްލިކޭޝަންތަކުގެ ސަބަބުން ޒުވާނުންގެ މެދުގައި ބަދަލުވަމުންދާ ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލާއި، އިންޓަނެޓް މެދުވެރިކޮށް ކުރެވޭ ވިޔަފާރިއަށް ކުރާނެ އަސަރާމެދު ސޯޝަލް މީޑިއާ ދިރާސާކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މަޢުލޫމާތު ދޭ ގޮތުގައި ޓިކްޓޮކް ބަންދުކުރުމަށް ގެނެވޭ ބިލު ސޮއިކުރުމަށް ފަހު ލިބޭ 270 ދުވަހުގެ މުއްދަތުގެ ތެރޭގައި ބައިޓްޑާންސްއިން ޓިކްޓޮކް ވިއްކާލަންޖެހޭނެއެވެ. އެހެންނޫންނަމަ އެމެރިކާގައި އެ އެޕްލިކޭޝަން ބޭނުންކުރުން މަނާވާނެކަމަށް ބެލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު