ގަތަރުގެ ވެބް ސަމިޓަށް ރާއްޖޭގެ ސިނެޓެކްސް ހޮވިއްޖެ

ރާއްޖޭގައި ގާއިމްކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސްޓާޓްއަޕް "ސިނެޓެކްސް" ގެ މެންބަރުން --

ރާއްޖޭގައި ގާއިމްކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް އޭއައި-ސްޓާޓްއަޕް "ސިނެޓެކްސް" ގަތަރުގައި އޮންނަ ވެބް ސަމިޓުގެ އަލްފާ ޕްރޮގްރާމަށް ހޮވިއްޖެއެވެ.

މިއީ މި ޕްރޮގްރާމްގައި ދިވެހިރާއްޖެއިން ތަމްސީލުވާ ފުރަތަމަ ފަހަރެވެ.

ވެބް ސަމިޓު ބޭއްވުމަށް ހަމަޖެހިފައި އޮތީ އަންނަ މަހުގެ 22 އިން 26 އަށް ގަތަރުގެ ވެރިރަށް ދޯހާގައެވެ.

ސިނެޓެކްސްއިން މަސައްކަތް ކުރަނީ އާޓިފިޝަލް އިންޓެލިޖެންސްގައި އެންމެންގެ ބައިވެރިވުން އޮންނަ މުޖުތަމައެއް އުފައްދައި އެ ކަން ކުރިއެރުވުމަށެވެ.

އެ ކުންފުނީގެ އަމާޒަކީ ވަސީލަތްތައް މަދު ހިސާބުތަކަށް ނިސްބަތްވާ ގާތްގަނޑަކަށް 1.2 ބިލިއަން މީހުންނަށް އެ މީހުންގެ ބަހާއި ސަގާފަތާއި ތަރިކަ ރައްކާތެރިކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ސައިނެޓެކްސްގެ ސީއީއޯ، އިސްމާއީލް ކަލީމް ވިދާޅުވީ އަލްފާ ޕްރޮގްރާމަށް ހޮވުމުން، ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާއަށް އައު ފުރުސަތުތަކެއް ހުޅުވިގެން ދިޔައީކަމަށް ގަބޫލުކުރައްވަ ކަމަށެވެ.

"މި ފަދަ ބޮޑު ޝަރަފެއް ލިބުނު ފުރަތަމަ ދިވެހި ސްޓާޓްއަޕްގެ ގޮތުގައި، އަޅުގަނޑުމެންގެ އައު އީޖާދުތައް ދުނިޔޭގައި ދެއްކުމަށާއި، ދިވެހިރާއްޖެއިން އަންނަން ތިބި ޓެކްނޮލޮޖީގެ ވިޔަފާރިވެރިންނަށް މަގު ފަހިކޮށްދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝައުޤުވެރިވަން،" ސައިނެޓެކްސްގެ ސީއީއޯ އިސްމާޢީލް ކަލީމް ވިދާޅުވިއެވެ.

ސައިނެޓެކްސްއިން ހުށަހަޅާ އާޓިފިޝަލް އިންޓެލިޖެންސް ހައްލުތަކުގެ ތެރޭގައި ހިމެނެނީ:

  • އަޑު ލިޔުމަށް ބަދަލު ކުރުމުގައި ސައްހަކަން ހިފެހެއްޓުމަށް ޓަކައި ތަފާތު ބަހުރުވަތަކަށް އެހީތެރިވެދޭ ޒަމާނީ ސްޕީޗް ރެކޮގްނިޝަން މޮޑެލްތައް
  • މަދުން ބޭނުންކުރާ ބަސްތަކުގައި ކޮންޓެންޓް އުފެއްދުމަށް ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް އާލާތްތައް
  • ބަހާއި ސަގާފަތާ ގުޅޭ ސިއްރު މަޢުލޫމާތު ރައްކާތެރިކުރުމަށް ހަރުދަނާ ޑޭޓާ ސޮވްރިންޓީ ފީޗާތައް
  • ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ އާޓިފިޝަލް އިންޓެލިޖެންސް ހައްލުތައް

ވެބް ސަމިޓްގެ އަލްފާ ޕްރޮގްރާމަކީ ގާބިލިއްޔަތު ހުރި، އަލަށް ފަށާ ސްޓާޓްއަޕްތައް ދެނެގަނެ، އެ ތަންތަން ތަރައްގީ ކުރުމަށް ހިންގާ ދުނިޔޭގައި މަޝްހޫރު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ސިނެޓެކްސް ހިވުނީ އިވެލުއޭޝަން މަރުހަލާއަކަށް ފަހުގައެވެ.

ރައީސް އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)، އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ފަދަ މުހިންމު މުއައްސަސާތަކުން ސިނެޓެކްސްގެ ޚިދުމަތްތައް ބޭނުންކުރެއެވެ.

comment ކޮމެންޓް