އަންނަ ބުރާސްފަތި ދުވަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ މިއަހަރުގެ ޅެންވެރިންގެ ދުވަސް، ޅެންވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކުރައްވައިފައިވާ ޢަބްދުﷲ ސާދިގު (ސޯދުބެ)އަށް ޚާއްސަކުރާން ނިންމައިފިއެވެ.
ޅެންވެރީންގެ ދުވަހަކީ ދިވެހި ޅެންވެރިކަމުގެ ޝާޢިރުއްޝަބާބް، އަލްމަރުޙޫމު އިބްރާހީމް ޝިހާބުގެ ހަނދާނުގައި ސަރުކާރުން ރަސްމީކޮށް ފާހަގަކުރާ ދުވަހެކެވެ.
ޅެންވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 15ވަނަ ދުވަހެވެ. މި ދުވަހުގެ މައިގަނޑު މަގުސަދަކީ ދިވެހި ޅެންވެރީންގެ ޚިދުމަތުގެ އަގު ވަޒަންކުރުމާއި ދިވެހި ޅެންވެރިކަމަށް ދިވެހީން ހޭލުންތެރިކުރުވައި ބަހުގެ އަދަބުގެ ލޯބި އާލާކޮށް ދިރުވުމެވެ.
މި އަހަރު ފާހަގަކުރަނީ 37 ވަނަ ޅެންވެރީންގެ ދުވަހެވެ. އެ ގޮތުން މި އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިއާރަކީ "އަހަންނަކީ ދިވެއްސަކީން. ދިވެހި އުޅުމުގެ ވެއްސަކީން''އެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނި ގޮތުގައި އެ ޝިއާރު އިޚުތިޔާރުކޮށްފައިވަނީ، ސޯދުބެ ހައްދަވައިފައިވާ "ދިވެއްސަކީން" ޅެމާ ގުޅުވައިފައެވެ.
އެ ޝިއާރުން ރަމްޒުކޮށްދެނީ ދިވެއްސަކަށް ވީތީ ފަޚުރުވެރިވާ ކަމާއި ދިވެހީންގެ ވެށީގައި ހުރި ރީތި އާދަތައް ކަމަށް އެ އެކެޑަމީން ބުންޏެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ހުޅުމާލޭގައި ހުންނަ ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން އިމާރާތުގައި، އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30ގައެވެ.
މި ޖަލްސާގައި ރާއްޖޭގެ ގިނަ ޅެންވެރީންނާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ފަރާތްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން ޅެންވެރީންގެ ގުންޒަރުގެ ނަމުގައި ބާއްވާ ހަފުލާއެއް މިމަހުގެ 30ގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު މިއީ ގިނަ ޅެންވެރީންގެ ހުނަރުތައް އެއް ތަނަކުން ފެންނާނެ ގޮތަށް ބާއްވާ ހަފުލާއެކެވެ.