އާންމުކޮށް ފެން ބޮޑުވާ 72 ރަށަކަށް ފެން ހިންދާ ޕަންޕާއި ވަސީލަތްތައް ފޯރުކޮށްދީފި

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން، ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ: އާންމުކޮށް ފެން ބޮޑުވާ 72 ރަށަކަށް ފެން ހިންދާ ޕަންޕާއި ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައި -- ސަން ފޮޓޯ؛ އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު މާވީ

މޫސުން ގޯސްވެ، އާންމުކޮށް ފެންބޮޑުވާ 72 ރަށަކަށް ފެން ހިންދުމަށް ބޭނުންކުރާނެ ޕަންޕާއި އެއާ ގުޅޭ ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށް, ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

މިއަދު ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް އަންދާޒާކޮށްފައިވާތީ، އެކަމަށް ތައްޔާރުވުމަށް އިދާރާތައް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، ލިބިދާނެ ގެއްލުމަކުން ރައްކާތެރިވާން ކުރަމުން އަންނަ މައުލޫމާތުތައް ހިއްސާކުރަން އެންޑީއެމްއޭއާއި ފުލުހުންނާއި ޑިފެންސް ފޯސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ، ފެން ބޮޑުވުމުގެ ހާލާތަކަށް ތައްޔާރުވުމަށް އާންމުކޮށް ފެންބޮޑުވާ ރަށްތަކަށް ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ.

ވިއްސާރައިގައި ރަށެއްގައި ފެންބޮޑުވެފައި: އާންމުކޮށް ފެން ބޮޑުވާ 72 ރަށަކަށް ފެން ހިންދާ ޕަންޕާއި ވަސީލަތްތައް އެންޑީއެމްއޭއިން ވަނީ ފޯރުކޮށްދީފައި -- ފޮޓޯ/ އެންޑީއެމްއޭ

އަޅުގަނޑުމެން މިހާރު ވެސް ވާނީ އާންމުކޮށް ފެންބޮޑުވާ 72 ރަށެއްގައި ފެން ހިންދާ ޕަންޕާއި އެއާ ގުޅޭ ވަސީލަތްތައް ފޯރުކޮށްދީފައިވާނެ. މީގެއިތުރުން، ފިކްސްޑް ބޭސްޑް ފެން ހިންދާ ނިޒާމުތައް ވެސް ރަށްރަށުގައި ވެސް ގާއިމުކޮށްފައި ހުންނާނެ

އަތޮޅުތެރޭގައި ފެންބޮޑުވާ ހާލަތްތްތަކުގައި އެންމެ ފުރަތަމަ އެހީތެރިކަން ދެނީ ރަށްރަށުގައި ގާއިމުކޮށްފައިވާ ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމުތަކުން ކަމަށާއި އެ ޓީމުތަކަށް ފެން ނުހިންދޭ ވަރަށް ބޮޑުވެއްޖެ ނަމަ ފުލުހުންނާއި ސިފައިންގެ އިތުރުން އެހެނިހެން އިދާރާތަކުން އެ ޓީމުތަކަށް އެހީތެރިކަން ދޭ ކަމަށް ހިސާން ވިދާޅުވިއެވެ.

އެއީ މީގެކުރިން ވެސް ފެން ބޮޑުވާ ހާދިސާތަކުގައި އަމަލުކުރަމުން އައި ގޮތް ކަން ހިސާން ފާހަގަކުރެއްވިއެވެ،

އެހެންވެ، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ރޭ ވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާކޮށްފައެވެ.

އެގޮތުން:

  • ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުން
  • ފެންބޮޑުވާ ސަރަހައްދު ތަކުގައި ސައިކަލު ފަދަ ތަކެތި ޕާކު ނުކުރުން
  • ފިހާރަ، ރެސްޓޯރަންޓު އަދި ގުދަން ފަދަ އަގުބޮޑެތި މުދާ ރައްކާކޮށްފައިވާ ތަންތަނަށާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅުތައް އެޅުން
  • ފެންބޮޑުވެ ގެއްލުންލިބޭ ހިސާބުގައި ހުންނަ ކާޑުގެ ބާވަތްތަކާއި ހިފާ ގެންގުޅޭ ތަކެތި (ދޮންނަ މެޝިން ފަދަ ތަކެތި) ފެން ނުޖެހޭ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުކުރާ ތަނަަކަށް ބަދަލުކުރުން
  • ވައި ގަދަވާނެ ކަމަށް ސަމާލުވެ ފިޔަވަޅުތައް އެޅުން. ޚާއްސަކޮށް ވައި ގަދަވެ، އެއްލައިލާނެ ފަދަ ތަކެތި ރައްކާތެރިކުރުން
  • މާލޭގައި ފެންބޮޑުވެފައިވާ ހާލަތެއްގައި ބަރު އުޅަނދު ނުދުއްވުން

މީގެއިތުރުން، ކަރަންޓު ސާމާނު ބޭނުންނުކުރާނަމަ ނިއްވާލާފައި ބެހެއްޓުމަށާއި ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާހެން އިންތިޒާމުތައް ދުރާލާ ހަމަޖައްސަން އެންޑީއެމްއޭއިން އެދިފައިވެއެވެ.

އެންޑީއެމްއޭއިން ވަނީ، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މެޓުން އާންމުކުރާ އެންމެ ފަހުގެ މޫސުމާ ބެހޭ މައުލޫމާތު ހޯދުމަށް ބުނެފައެވެ.

comment ކޮމެންޓް