ވިދިވިގެން ހަތަރު އަހަރު އެންމެ ނަމޫނާ ކައުންސިލްގެ އެވޯޑު ހާސިލުކުރެވުނީ ރައްޔިތުންނާ ކައުންސިލްގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ގުޅުން ރަނގަޅުވުމުންނާއި ކައުންސިލްގެ އުސޫލުތައް ހަރުދަނާވުމުން ކަމަށް އއ. ބޮޑުފޮޅުދޫ ކައުންސިލުން މިރޭ ބުނެފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން، ކައުންސިލްތަކުގެ މަސައްކަތްތަކަށް ބަލައި ދޭ ކަންގަތި އެވޯޑުގައި ބޮޑުފޮޅުދޫ ކައުންސިލުން ވަނީ 2020 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު، އެންމެ ހިންގުންތެރި ކައުންސިލްގެ އެވޯޑް ކާމިޔާބުކޮށްފައެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ބޮޑުފޮޅުދޫ ކައުންސިލުންވަނީ، އެހެން ކައުންސިލްތަކާ އެކައުންސިލް ތަފާތުވާ ސަބަބުތައް ވަރަށް ތަފުސީލުކޮށް ކިޔައިދީފައެވެ.
އެ ޕްރޮގްރާމުގައި ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ، އެކައުންސިލުން ގަބޫލުކުރާ ފުރަތަމަ ހަމައަކީ ރައްޔިތަކު ކަމެއް ބޭނުންވެގެން ކައުންސިލްގެ އިދާރާއަށް އައިކަމަށް ވާނަމަ، އެކަމަކީ ގާނޫނާ ޚިލާފު ނުވާ ކަމެއްނަމަ އެކަމެއް ކޮށްދިނުން ކަމަށެވެ.
ކައުންސިލްގެ ކަންކަން އެކި ކައުންސިލަރުންނަށް ބަހާލާފައި އޮންނައިރު، ބައެއް ކައުންސިލަރުން އެސްޖީއާ މަސައްކަތް ހަވާލުކުރާނަމަ މަސައްކަތުގެ ބުރަދަން ވަޒަން ކުރަން އުނދަގޫވުމަކީ ބައެއް ކައުންސިލްތަކުގައި ދިމާވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާ ޚިލާފަށް ބޮޑުފޮޅުދޫ ކައުންސިލްގެ ކައުންސިލަރުން ހުރިހާ ކަމެއް ހިއްސާކުރާނީ ކައުންސިލްގެ ރައީސާ ކަމަށާއި އެސްޖީއަށް އެކަމެއް އަންގަނީ ކައުންސިލްގެ ރައީސް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އެހެންވެ، މަސައްކަތުގެ ބުރަދަން ބެލެހެއްޓޭ ކަމަށާއި ކައުންސިލް ހިނގަމުން ދަނީ އިންތިޒާމީ ހަމައެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ބައެއް ކައުންސިލްތަކުގެ ރައީސާއި އެސްޖީންނާ ދެމެދު ފުށޫއަރާކަން ފާހަގަކުރެވުނަސް ބޮޑުފޮޅުދޫ ކައުންސިލުގައި އެކަން އޮންނަނީ އެހެން ނޫން ކަމަށެވެ.
"އެހެންނަމަވެސް، އަޅުގަނޑުމެންގެ ކައުންސިލްގެ ޚިޔާލު ތަފާތުވުމެއް ނެތް، ކައުންސިލްގެ ދައުރު އެނގިގެން އެސްޖީ ވެސް އަޅުގަނޑުވެސް، ކައުންސިލްގެ މެންބަރުންގެ އަދި ކައުންސިލްގެ ސްޓާފުން ވެސް މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނީ،" ޝުޖާއު އިތުރަށް ތަފުސީލުކޮށްދެއްވިއެވެ.
އެ ކައުންސިލްގެ ކާމިޔާބީގެ އަސްލަކީ ރައްޔިތުންނާއި މުއައްސަސާތަކުގެ އިތުރުން ކައުންސިލްގެ މެދުގައި އޮންނަ ގުޅުމާއި ރޭވިފައިވާ އިންތިޒާމުތައް ރަނގަޅުވުން ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑު ގަބޫލު ކުރާ ހިތް އޮތީ އެހެން ކައުންސިލްތަކާ އަޅުގަނޑުމެންނާ ތަފާތެއް ގޮތަށް އަޅުގަނޑަށް ފާހަގަވަނީ އަޅުގަނޑުމެންގެ އޮތް އެއްބައިވަންތަކަމާއި އެކުވެރިކަން އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައި، އަޅުގަނޑުމެންގެ މުއައްސަސާތަކުގެ މެދުގައި، އަޅުގަނޑުމެންގެ ކުލަބު ޖަމިއްޔާތަކުގެ މެދުގައި އެ އަންޑަސްޓޭންޑިން އޮތުމާއި އަޅުގަނޑުމެން ކައުންސިލުން ޚިދުމަތް ދިނުމަށް ކަނޑައަޅާފައި އޮތް އުސޫލުތަކާއި ކަންކަން ހަރުދަނާއީއޭބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް
އޭގެއިތުރުން، ރައްޔިތުންނަށް ދެވެނީ ރަނގަޅު ޚިދުމަތެއްކަން ޔަގީން ކުރަނީ މަހަކު އެއް ފަހަރު ކައުންސިލަރުން ގެތަކަށް ޒިޔާރަތްކޮށްގެން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ރަށް ހަތަރު ބަޔަކަށް ބެހުމަށް ފަހު، ކޮންމެ ކައުންސިލަރަކަށް އަވަށެއް ހަވާލުކޮށްގެން އެ އަވަށެއްގެ ހުރިހާ ކަންކަން ބަލަހައްޓަނީ އެކައުންސިލަރުކަން އޭނާ ފާހަގަކުރެއްވިއެވެ.
އެކަންކަން ބެލުމަށްފަހު ކައުންސިލަރުން ކައުންސިލްގެ ރައީސާ ބައްދަލުކޮށް، މައުލޫމާތު ހިއްސާކުރާ ކަމަށާއި ރައްޔިތުންނާ މެދު ކައުންސިލްގެ އިދާރީ މުވައްޒަފުން އަމަލު ކުރާ ގޮތްތައް ވެސް އެ ބައްދަލުވުމުގައި ހިއްސާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، ރައްޔިތުންނާ ގުޅުން ހުރި ހުރިހާ ކަމެއް ނިންމަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެންނެވެ.
އެލްޖީއޭއިން ކަންގަތި އެވޯޑް ދޭން ފެށީ 2015ގައެވެ. އެއީ، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކައުންސިލްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.
އެ އެވޯޑް ދިނުމުގައި އެލްޖީއޭއިން ބޭނުންކުރަނީ ލޯކަލް ޕާފޯމަންސް އިންޑެކްސް ކިޔާ މިންގަނޑެކެވެ. އެ އިންޑެކްސްގެ އެހީގައި، ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެދިފައިވާ ރަށު އަދި އަތޮޅު ކައުންސިލްތަކުގެ މަސައްކަތްތައް މިންކޮށް ވަޒަންކުރުމާއި އިންޑެކްސް މެދުވެރިކޮށް، އަހަރަކު އެއްފަހަރު އެ ކައުންސިލްތަކުގެ ޕާފޯމަންސް މޮނިޓާކޮށް، ދަރަޖަ ކުރާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.