ދުނިޔޭގައި ކުޅޭ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ލިވަޕޫލް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ހަތަރު ވަނަ ބުރުން ލިވަޕޫލް ޖާގަހޯދީ ތިންވަނަ ބުރުގައި އެކްރިންޓަން ސްޓޭންލީ އާއި ބައްދަލުކުރި މެޗު ހަތަރު ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗުގައި ލިވަޕޫލްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިމެޗުގެ ކުރީކޮޅު އެކްރިންޓަން އިން ވަރަށް ރަނގަޅަށް ޑިފެންޑް ކޮށް ލިވަޕޫލްގެ ހަމަލާތައް ދިފާއު ކުރަމުންދިޔަ ނަމަވެސް އެޓީމަށް އެކަން ކުރެވޭގޮތްވީ މެޗުގެ 29ވަނަ މިނެޓާއި ހަމައަށެވެ.
މިގޮތުން މެޗުގެ 29ވަނަ މިނެޓުގައި ޑާވިން ނޫނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިއޮގޯ ޖޮޓާ ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. މިމެޗުގައި ލިވަޕޫލްގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދިނީ މިމެޗުގައި އެޓިމުގެ ކެޕްޓަން ކުރަމުންދިޔަ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑްއެވެ.
މިމެޗުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ 76ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޖޭޑަން ޑޭންސްއެވެ. އަދި ފަހު ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނިކުން ފެޑެރީކޯ ކިއޭސާއެވެ. މިއީ އޭނާ ލިވަޕޫލްގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މިމެޗުގައި ކިއޭސާ ފޮނުވާލި ހަމަލާއެއް ވަނީ އެކްރިންޓަންގެ ގޯލްގެ ދަނޑިއަށް ވެސް އަމާޒުވެފައެވެ.
މިކާމިޔާބީއާއެކު ލިވަޕޫލް މިވަނީ އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. މިމުބާރާތުގެ ތިންވަނަ ބުރުގައި ބްރެންޓްފަޑް އާއި ޕްލައިމައުތު އާގީލް ބައްދަލުކުރި މެޗު ރަށުން ބޭރުގައި ކުޅެ ކާމިޔާބު ކޮށްފައިވަނީ ޕްލައިމައުތުއެވެ. މިމެޗުގައި އެޓީމުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 82ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވަނީ މޯގަން ވިޓޭކާއެވެ. ޗެމްޕިއަންޝިޕްގެ އެންމެ ފުލުގައި އޮތް ޓީމު އިންގްލިޝް ޕްރިމިއާ ލީގުގައި މިސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ބްރެންޓްފަޑް އެޓީމުގެ ދަނޑުގައި ބަލިކުރުން ވެފައިވަނީ ގިނަ ބަޔަކަށް ހައިރާން ކަން ލިބިގެން ގޮސްފައިވާ ނަތީޖާ އެއްގެ ގޮތުގައެވެ. މިއާއެކު ޕްލައިމައުު މިވަނީ މިމުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފައެވެ.
މީގެއިތުރުން އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ވުލްވަހެމްޕްޓަން ވޮންޑަރާސް އާއި ބްރިސްޓަލް ސިޓީ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކޮށް ވުލްވްސް ވެސް މިވަނީ މިމުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަހޯދައިފައެވެ. މިމެޗުގައި ވުލްވްސްގެ ދެ ލަނޑު ރަޔަން އައިޓްނޫރީ އާއި ރޮޑްރިގޯ ގޯމޭސް ކާމިޔާބު ކޮށްދިންއިރު ބްރިސްޓަލްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ސްކޮތް ޓްވައިންއެވެ.