"އެންމެން އަހަރެން ހެނެއްނުވާނެ. " އަޒްލަފްގެ އެ ޖުމްލަ ޝައުފާގެ ކަންފަތުގައި ގުގުމަން ފެށިއެވެ.
ފުރަަތަމަ ފަަހަރަށް އަޒްލަފްގެ ސިފަތަކާ މެދު ޝައުފާއަށް ވިސްނާލެވުނެވެ. އޭނާއަކީ އަބަދުވެސް، އަންހެނުންގެ އިޙްސާސްތަކަށް ޤަދަރުކުރަން ދަންނަ ޒުވާނެކެވެ. ދުވަހަކުވެސް ޝައުފާގެ ގަޔަށް އަތް އިސްކޮށްފައެއް ނުވެއެވެ. އަޒްލަފްއާ ދޭތެރޭ އޭނާ ކޮންމެ ގޮތަކަށް ކަންތައްކުރިނަމަވެސް މެއެވެ. އަންހެނަކަށްވީތީ އޭނާއަށް ދޭންޖެހޭ ހުރިހާ ހައްޤެއް އޭގެ އެންމެ ފުރިހަމައަށް އަޒްލަފްވަނީ އޭނާއަށް ދީފައެވެ.
އެ ވިސްނުންތަކުގެ އިތުރުން ޝައުފާގެ ހިތުގައި ގޮތް ނޭނގޭ ބިރުވެރިކަމެއްގެ އަސަރުވެއެވެ. އޭނާގެ އަތުން ހުރިހާ އެއްޗެއް ބީވެގެން ދާ އިޙްސާސްއާއެކު ނުތަނަވަސްކަމެއް މުޅި ހަށީގައި ދައުރުވަމުން ދިޔައެވެ.
އަޒްލަފް ހޮސްޕިޓަލުން ނުކުތްއިރު، ރިސާމާމެން އެންމެން ތިބީ އޭނާގެ އިންތިޒާރުގައެވެ. އަޒްލަފް ފެނުމާއެކު އޭނާއާ އެންމެ ފުރަތަމަ ވާހަކަ ދެއްކީ ރިސާމާއެވެ.
"ހާދަ ލަސްވީ ދަރިފުޅާ!" ރިސާމާ ބުނެލިއެވެ. އަޒްލަފް އިތުރު އެއްޗެއް ނުބުނި ނަމަވެސް، ނަޖީބުގެ ވިސްނުން ތޫނު ސިކުނޑިއަށް ހުރިހާ އެއްޗެއްވެސް ނަގައިގަނެވިއްޖެއެވެ. އަޒްލަފް އެއައީ ޝައުފާއާ ވާހަކަ ދައްކާފަކަން އޭނާއަށް އެނގުނެވެ. އިތުރު އެއްޗެއް ބުނުމުގެ ޚިޔާލު ދޫކޮށްލީ އެއީ އަޒްލަފްއާ ޝައުފާގެ އަމިއްލަ ކަމެއްކަމުގައި ވާތީއެވެ. އެހްންނަމަވެސް، އޭނާ ދެން އާއިން އަލުން ޝައުފާގެ ކައިރިއަށް ފޮނުވިޔަކަ ނުދޭނެއެވެ. އެކަން އަޒްލަފްއަށް އޭނާ އެވަނީ ވަރަށް ސާފުކޮށް އަންގައިދީފައެވެ.
އެންމެން ކާރަށް އެރުމުން، އަފްނާން ވެސް ހިނގައިގަތީ އޭނާގެ ސައިކަލާ ދިމާލަށެވެ. ސައިކަލަށް އަރާ ސްޓާރޓްކޮށްލުމާއެކު ކާރުގެ ފަހަތުން ކަހަލަ ގޮތަކަށް އަފްނާން ވެސް ސައިކަލު ދުއްވަމުން ދިޔައެވެ. "ވުޑްލޭންޑު"ގެ ބޮޑު ގޭޓުން އެތެރެއަށް ކާރު ވަނުމާއެކު ރިސާމާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް އާއިން ބޯ ހިއްލާލައިފިއެވެ. ޑްރައިވަރު އައިސް ދޮރު ހުޅުވާލަ ދިނުމުން ރިސާމާ އާއިން ގޮވައިގެން ފޭބިއެވެ. އަޒްލަފް ފޭބުމުން އާއިން އަޒްލަފްއާ ދިމާލަށް އަތް ދިއްކޮށްލީ އޭނާ އުރާލާށޭ ބުނާފަދައަކުންނެވެ. އަޒްލަފްވެސް އާއިން އުރާލަމުން އެންމެންނާއެކު ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ.
*****
ސޯފާގައި އިށީނދެގެން އިން ރާމިޒާ އެ ދިމާލަށް ބަލައިލީ، ދޮރު ހުޅުވާލާފައި ބަޔަކު އެތެރެއަށް ވަނުމުންނެވެ. ޒާޔާއާއި ޔޫޝައުއާ ދެމީހުން ފެނުމާއެކު ރާމިޒާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ވަނީ މައުވާ ހޭލި ވާހަކަ އެ ދެމީހުންގެ ކައިރީގައިވެސް ބުނެފައެވެ.
"ނިދިފަ ދޯ އޮތީ…" މައުވާއާ ދިމާލަށް ހިނގައިގަންނަމުން، ޒާޔާ ބުނެލިއެވެ.
"އާނ. އަދި ގިނަވަގުތު އޮންނަނީ ނިދިފަ. " ރާމިޒާ ވެސް އެހެން ބުނެލާފައި ސޯފާއިން ތެދުވެލިއެވެ.
"ޔޫޝައު ކިހިނެއް؟" ރާމިޒާ ޔޫޝައުާ ސުވާލުކޮށްލުމުން އޭނާ ރަނގަޅުކަމުގައި ޔޫޝައުވެސް ބުނެލިއެވެ.
އެ ދެމީހުން ފެނުމުން، އަފްނާން އައި ވާހަކަ ބުނަންވީ ބާއޭ ރާމިޒާގެ ހިތަށް އަރަމުން ދިޔައެވެ. އެ ވިސްނުމުގައި އިރުކޮޅަކު ހުރިފަހުން ޒާޔާ އައިސް އޭނާގެ ކައިރިއަށް ހުއްޓުނެވެ.
"ރާމިޒާއްތާ. ކިހިނެއްވީ؟ ކޮންކަމަކާ ތި ވިސްނަނީ؟" ޒާޔާ ސުވާލު ކޮށްލިއެވެ. އެއާއެކު ޔޫޝައުގެ ސަމާލުކަންވެސް އެ ދެމީހުންނަށް ހުއްޓުނެވެ.
އަފްނާން އައި." ޒާޔާއަށް ބަލައިލުމަށްފަހު، ރާމިޒާ ބުނެލުމުން ޒާޔާއަށް ޔޫޝައުއަށް އަވަސް ނަޒަރެއް ދެވުނުއިރު އެ އަޑު އިވި، ޔޫޝައުގެ ދެބުމަ ގާތްވެލިއެވެ.
"ކޮންއިރަކު؟" ޒާޔާއަށް ވުރެ ކުރިން އެ ސުވާލުކޮށްލެވުނީ ޔޫޝައުއަށެވެ.
"ކުރިން ރެއަކު. ދެ ދުވަހެއް ވަރު ވެދާނެ..." ރާމިޒާ ބުނެލިއެވެ. އޭނާ ވީ ގޮތް ޒާޔާއާއި ޔޫޝައުއާ ދެމީހުންނަށް ކިޔައިދިނެވެ. އެ ހުރިހާ އެއްޗެއް އަޑު އަހަން ހުރި ޔޫޝައުގެ އެތެރެ ހަށީގައި ބުނެދޭން ނޭނގޭ ރުޅިވެރިކަމެއް ވިއެވެ.
*****
ނުނިދިފައި އޮތް އަފްނާން އެނދުގެ ދެފަރާތަށް ފޮރޮޅެނީއެވެ. އެ މަޑު އަރާމު ތަންމަތިވެސް އޭނާއަށް ވެފައިވަނީ ހަރުހިލަގަނޑަކަށް ކަހަލައެވެ. ހަށިގަނޑަކަށް އެއްވެސް އަރާމެއް ނުލިބެއެވެ. ސިކުނޑީގައި ފުނިޖެހިފައިވާ ޚިޔާލުތަކުން ނިދިން މަޙުރޫމުކޮށްލާފައިވާއިރު، އަރާމާ ހިތްހަމަޖެހުމަކީ މިހާރު އަފްނާންގެ ދުޝްމަނެއް ފަދައެވެ. އޭނާ މައުވާއާ ވާހަކަ ދައްކަން ބޭނުމެވެ. މައުވާގެ މަޢާފު ބޭނުމެވެ. ކުރެވުނު ކުށަށް މައުވާގެ ކުރިމަތީގައި އިޢުތިރާފުވެ އޭނާގެ ހިތުގައި މައުވާއާ މެދުވާ ލޯބި އަންގައިދޭން ބޭނުމެވެ. އަދި ރާމިޒާގެ ގާތުން މާފަށް އެދެން ބޭނުމެވެ. ގަޑި ބަލައިލިއިރު އެގާރަގަޑިބައި ވެއްޖެއެވެ. ތެދުވެެގެން ގޮސް ފާޚާނާއަށް ވަދެ ފެންވަރާލުމަށްފަހު، އަފްނާން ތައްޔާރުވެލިއެވެ. މަޤްސަދަކަށްވީ ހޮސްޕިޓަލަށް ދިޔުމަށެވެ. ކޮޓަރިން ނުކުމެގެން ތިރިއަށް ދިޔައިރު، އެކަކުވެސް ފެންނާކަށް ނެތެވެ. އަފްނާން ފުންނޭވާއެއް ދޫކޮށްލަމުން ގޮސް ގެއިން ނުކުމެ ސައިކަލަށް އަރާ ދުއްވާލިއެވެ. ވުޑްލޭންޑްގެ ގޯތިތެރެއިން ނުކުތުމާއެކު ސްޕީޑް ބާރުކޮށްލަމުން ހޮސްޕިޓަލާ ދިމާލަށް ދުއްވާލިއެވެ.
ސައިކަލު ޕާކުކޮށްލާފައި ގޮސް ހޮސްޕިޓަލަށް ވަދެގެން މައުވާ އޮތް ރޫމަށް އޭނާ ދިޔައެވެ. ދޮރު ހުޅުވާލާފައި ވަނުމުގެ ކުރިން ފުންނޭވާއެއް ދޫކޮށްލިތަން ފެނުނެވެ. ހީވީ ކޮންމެވެސް ކަަމަކަށް އަމިއްލަ ނަފްސު ތައްޔާރުކޮށްލިހެންނެވެ. އެތެރެއަށް ވަނުމާއެކު މަޑުޖެހެވުނީ ޔޫޝައުއާއި ޒާޔާ ފެނުމުންނެވެ. އޭރު ރާމިޒާވެސް ހުއުްޓެވެ. މައުވާއަށް އޮތީ ނިދިފައެވެ.
"ކީއްކުރަން ތިއައީ؟" އެންމެ ފުރަތަމަ ވާހަކަ ދެއްކީ ޔޫޝައުއެވެ.
"އަހަރެން ބޭނުން މައުވާ މަންމައާ ވާހަކަ ދައްކާލަން. އެކަނި… ދެ މިނެޓް… ޕްލީޒް…" ޖެހިލުންވެ ހުރެވެސް އަފްނާން ބުނެލިއެވެ.
"އަފްނާން…" ޔޫޝައު އެއްޗެއް ބުނަން އުޅުނު ނަމަވެސް އެކަން މަނާކުރީ ރާމިޒާއެވެ.
"ހިނގާ…" މައުވާއަށް ބަލައިލާފައި ރާމިޒާ ބޭރަށް ދާން ހިނގައިގަތެވެ. ޔޫޝައުއާއި، ޒާޔާއަށް ބަލައިލާފައި އަފްނާންވެސް ރާމިޒާގެ ފަހަތުން ނުކުތެވެ. ރާމިޒާ ގޮސް ހުއްޓުނީ، ވެއިޓިން އޭރިޔާގައެވެ. އަފްނާން މަޑުކުރީ ރާމިޒާ އެއްޗެއް ބުނަން ދެނެވެ.
"އަޑު އަހަން މިހުރީ." ރާމިޒާ އެހެން ބުނެލީ ކިތަންމެ މަޑުން ނަމަވެސް، އެ އަޑުން ނުރުހުންތެރިކަން ފާޅުވަމުން ދިޔައެވެ. އަފްނާން އިސްޖަހާލަމުން މާފަށް އެދުމާއެކު ރާމިޒާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ނިމުނީތަ؟" ރާމިޒާ އަހައިލިއެވެ.
"ނޫން." ދެފަރާތަށް ބޯ ހޫރާލަމުން އަފްނާން ބުނެލިއެވެ. " އެނގޭ މައުވާއާ ދޭތެރޭ ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން. އެނގޭ މައުވާގެ ޙަޔާތަށް އިތުރު މީހަކު ދުވަހަކު ނާންނަކަން. އެކަން އޭރު އިޙްސާސްއެއް ނުވި. މިހާރު އެ ހުރިހާކަމަކާ ވަރަށް ދެރަވޭ. އެ ދުވަހު މާފަށް އެދޭނެ ފުރުސަތެއް ނުލިބުނު. އެހެންވެގެން މިއަދު މިއައީ. އެންމެންގެ ކައިރިން މާފަށް އެދެން ބޭނުން. މައުވާއާ މައުވާ މަންމަ ކައިރިންވެސް." އަފްނާން ބުނެލިއެވެ.
"އަފްނާންއަށް މާފުކުރިއެއްކަމަކު މައުވާގެ ދިރިއުޅުން އަނބުރާ ލިބޭނެތަ؟ މި ގެއްލުނު ދެ އަހަރު އަލުން ލިބޭނެތަ؟" ރާމިޒާ އެހާ ފަސޭހައިން އަފްނާންއަށް މާފުކުރަން ބޭނުންނުވާފަދައެވެ. އަފްނާން އެހާވަރުން މާފަށް އެދޭނީ ހަމަ ގައިމުވެސް އަފްނާންއަށް މައުވާއާ ދޭތެރޭ ވަރަށް ގޯސްކޮށް ކަންތައް ކުރެވިފައިވާތީކަން އޭނާއަށް އެނގެއެވެ. އަފްނާންގެ މުނުމަތިން ވެސް ފެންނަނީ އެފަދަ އަސަރުތަކެވެ. ކުރެވުނު ކުށަުގެ ސަބަބުން އެކަކާވެސް ކުރިމަތި ލާން ނުކެރިގެން އުޅޭ ފަދަ އަސަރުތަކެކެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައި އަފްނާން ހުންނަން ފެށުމުން ރާމިޒާ ސުވާލުކޮށްލުމުން ވެސް ދެފަރާތަށް ބޯ ހޫރާލުން ފިޔަވާ އިތުރުކަމެއް އަފްނާންއަކަށް ނުކުރެވުނެވެ. އަފްނާން އެއްޗެއް ނުބުނުމުން ރާމިޒާވެސް އަފްނާން ހުރިތަނުގައި ބަހައްޓާފައި ގޮސް ރޫމަށް ވަދެއްޖެއެވެ. ރާމިޒާގެ ފަހަތުން އަފްނާން ނުވަނުމުން ޔޫޝައުއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޒާޔާ ރޫމުން ނުކުމެލިއިރު އިސްޖަހާލައިގެން ހުރެ އަފްނާން ވާރޑުން ނުކުންނަން ދަނީއެވެ.
*****
މައުވާގެ ޙާލަތު ދިޔައީ ދުވަހެއް ދުވަހެއް ރަނގަޅުވަމުންނެވެ. ލައިފް ސަޕޯޓުން އެކީ ނެގިނަމަވެސް، އިތުރު މައްސަލައެއް ދިމައެއް ނުވިއެވެ. ގިނަވަގުތު ލޯ ހުޅުވާލައިގެން އޮންނަން ފެށި ނަމަވެސް، މައުވާ ވާހަކައެއް ނުދައްކައެވެ. މީހުންނަށް ބަލައިލާ ހަތަރުކަޅި ބައްދަލުކުރިނަމަވެސް، އެއްވެސް އިޙްސާސްއެއް އެ މޫނުމައްޗަކުން ދޭހައެއް ނުވެއެވެ. އެކަމާ ރާމިޒާ ކަންބޮޑުވެ އެވާހަކަ ޑޮކްޓަރުންނާ ހިއްސާކުރުމުން ޑޮކްޓަރުން ބުނީ އެހާ ދުވަހު ކޯމާގައި އޮވެފައި ހޭއެރުމުން، ކުރީގެ ހަނދާންތައް އެކީ އާވާން ވަގުތުކޮޅެއް ނަގާނެކަމުގައެވެ. މައުވާގެ ސިކުނޑީގެ އެމްއާރްއައިއާ އަދި ހެދުނު ހުރިހާ ޓެސްޓްތަކެއްވެސް ރަނގަޅުކަމުގައެވެ. ދުވަސްކޮޅެއް މައުވާއަށް ދިނުމަށް ޑޮކްޓަރުން އެދުނެވެ.
ރާމިޒާ އިނީ މައުވާގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލައިގެންނެވެ. ދެފަހަރަކު އެސްފިޔަތައް ތަޅުވާލާފައި، ލޯ ހުޅުވާލުމާއެކު ރާމިޒާ މައުވާއަށް ގޮވާލިއެވެ. އޭނާ މައުވާގެ އަތުގައި ފިރުމާލާފައި ވާހަކަ ދެއްކުމުން މައުވާ، ފުރަތަމަ ފަހަތަށް އަނގައިން ބުނަން މަސައްކަތްކުރިއެވެ. ރާމިޒާ ގޮވާލުމުން ބޯ ޖަހާވެސް ލިއެވެ.
"މަ…ން…މާ…" އުނދަގުލުން މައުވާއަށް ބުނެވުނުއިރު އެ އަޑު ނުކުތީވެސް މަޑުމަޑުން ކުރެހިފައިވި ފަދަ ގޮތަކަށެވެ.
"އާނ ދަރިފުޅާ… އާނ…މީ މަންމައޭ…" ރާމިޒާއަށް އަވަސް އަވަހަށް ބުނެވުނެވެ.
"ބަ…އް…ޕަ..." މައުވާގެ ދެވަނަ ލަފުޒާއެކު ރާމިޒާއަށް އޭނާގެ ހަރަކާތްތައް މަޑުޖައްސާލެވުނެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައި އޭނާއަށް އިނދެވުނުއިރު ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެއްޖެއެވެ. މައުވާއާ ނަޒަރު ވަކިކޮށްލުމާއެކު، އިސްޖަހަލާވެސް ލެވިއްޖެއެވެ.
"ބައްޕަ؟ ކޮ...ބާ؟." ދެވަނަ ފަހަރަށްވެސް މައުވާ ސުވާލުކޮށްލައިފިއެވެ. އޭނާ ރާމިޒާގެ އަތުގައި މަޑުމަޑުން ހިފާލަން މަސައްކަތްކުރިއެވެ.
"ބައްޕަ މިވަގުތަކު ނެތް." ތެދު ހާމަކުރާނެ ހިތްވަރު ނުލިބި ރާމިޒާއަށް ބުނެވުނީ އެވަރަށެވެ. އޭނާ ކަރުނަތައް ހިންދާލަން މަސައްކަތްކުރިއެވެ. މައުވާއަށް ހަޤީޤަތް ހާމަކުރުމުގެ ހިތްވަރެއްވެސް އޭނާގެ ނެތެވެ. ޑޮކްޓަރުންވެސް ބުނެފައިވަނީ ލިބިދާނެ ބޮޑު ނުތަނަވަސްކަމަކުން މައުވާ ސަލާމަތްކުރުމަށެވެ. މާ ބޮޑަށް ދެރަވާ ޒާތުގެ ވާހަކައެއް އަޑު އިވުމުން ޙާލަތު ގޯސް ވެދާނެކަމުގައެވެ. އަމިއްލަ ހިތުގެ އިޙްސާސްތައް އޮއްބާލަން ރާމިޒާއަށް މަޖުބޫރުވެފައިވަނީ އެހެންވެގެންނެވެ. ދެވަނަ ފަހަރަށް މައުވާ އެފަދަ ޙާލަތަކަށް ވެއްޓޭ މަންޒަރު ބަލާކަށް އޭނާއަކަށް ކެތެއް ނުވާނެއެވެ. ރާމިޒާ މައުވާއަށް ބަލައިލިއިރު، މައުވާގެ ދެލޮލުން ވެސް ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ވެއްޓުނީވެސް އޭނާ ބަލަން އިންދައެވެ. ރާމިޒާ ލޯތްބާއެކު މައުވާގެ ކަރުނަ ފުހެދިނެވެ.
"ނުރޮއި ދަރިފުޅާ!." ރާމިޒާ، ބުނެލިއެވެ. އޭނާ މަސައްކަތްކުރީ މައުވާ ހަމައަކަށް އަޅުވާށެވެ. މައުވާގެ ސުވާލަށް އޭނާ ސީދާ ޖަވާބެއް އޭނާ ނުދެއެވެ.
އެހެން ތިއްބާ ނަރުސް ކުއްޖަކު އައިސް މައުވާއަށް ގުޅާފައި ހުރި އައިވީއަށް އިންޖެކްޝަނެއް ޖަހާލާފައި ދިޔައެވެ. މައުވާއަށް ނިދުނީވެސް، ރާމިޒާ އޭނާގެ އަތުގައި ފިރުމާލަ ފިރުމާލާ އިންދައެވެ.
*****
އަފްނާންއަށް ޖަވާބު ނުލިބެނީ އެންމެ ސުވާލަކަށެވެ. މައުވާއަށް އެ ހާލަތު ދިމާވީ ސަބަބު އެނގެން އޭނާ ބޭނުމެވެ. ހިތުގައި ނުތަނަވަސްކަން ވަނީ މައުވާ އަމިއްލައަށް އަމިއްލަ ނަފަސަށް ގެއްލުން ދިނީ އޭ ހިތަށް އަރާތީއެވެ. އެ ސުވާލު އެތައް ފަހަރަކު އެކި މީހުންނާ އޭނާ ކުރި ނަމަވެސް އެކަކުވެސް އެދެވޭ ޖަވާބެއް އޭނާއަށް ދީފައެއް ނުވެއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަފްނާންގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. މީހާ ގިނަވަގުތު ހިމޭންވެފަައި ހުންނަން ފެށިއެވެ.
ކްލާސް ނިންމާލާފައި އަފްނާން ގޭޓުން ނުކުތްއިރު، ޔޫޝައު އާއި ޒާޔާ އާއި ދެމީހުން ވާހަކަ ދައްކަން ތިބިތަން ފެނި މަޑުޖެހެވުނެވެ. އަފްނާންއަށް ބަލައިލާފައި ޔޫޝައު، ވެސް ސައިކަލަށް އަރާ ދުއްވާލީ އެތަނުން އަވަހަށް ދާން ބޭނުންވެފައި ހުރި ފަދައަކުންނެެވެ. ޒާޔާއަށް ބަލާލާފައި ވެސް އެއްޗެއް ނުބުނެ އަފްނާން ދިޔަގޮތަށް ސައިކަލަށް އަރާ ދުއްވާލުމުން އެ ދިމާލަށް ބަލަހައްޓައިގެން ޒާޔާއަށް ހިނދުކޮޅަކު ހުރެވުނެވެ. މިހާރަކަށް އައިސް އަފްނާން އެކަކާ ވެސް ވާހަކަ ދައްކަން މަސައްކަތްކުރާ ތަނެއް ނުފެނެއެވެ. އަބަދުވެސް ފެންނަނީ ނެގި މަޑުވެފައި ހުންނަތަނެވެ. އަފްނާން އެގޮތަށް ހުންނަތަން ފެނުމުން ޒާޔާ ކުޑަކޮށް ދެރަވާގޮތްވި ނަމަވެސް، މާޒީގެ ސަބަބުން އެ އިޙްސާސްގެ މައްޗަށް ރުޅިވެރިކަން ވަނީ އިސްކުރެވިފައެވެ.
އަނެއްކޮޅުން މިހާރު މައުވާގެ ޙާލަތަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ވެސް ލިބިފައެވެ. ކުރީކޮޅު އަލަށް މީހަކު ފެނުމުން، އެއީ ކާކުކަން ވިސްނާލަން ހިނދުކޮޅެއް ނެގި ނަމަވެސް، އެކަންތައް ވެސް މަޑުމަޑުން ހަމައަކަށް އެޅިއްޖެއެވެ. ހިތަށް އަސަރުކުރަން ފެށީ ދެނެވެ. ރޮވެން ފެށިއެވެ. މާޒީގެ ކޮންމެ ސަފްޙާއެއް ހީވަނީ އޭނާގެ ކުރިމަތިގައި ވަކިވަކިން ނިއުޅެން ފެށިހެންނެވެ. ބޭހުގެ ބާރުގައި ސިކުނޑިއަށް ލުއި ލިބުނު ނަމަވެސް، އެ ކަންތައްތައް ހަނދާންވާ ކޮންމެ ފަހަރަކު ހިތަށް އަސަރުކުރެއެވެ. ހީވަނީ މީހަކު ހިތުގައި ބާރަކަށް ވިކައިގަންނަހެންނެވެ. ހަޔާތުން ދެ އަހަރު ގެއްލުނުކަން އެނގުމުން އެކަމާ ދެރަވެ ރޮވުނު އަދަދެއް ނޭނގުނެވެ. އޭނާގެ ސަބަބުން މަންމަމެން އެންމެންނަށްވެސް ހާދަ ތަކުލީފެއް ލިބިއްޖެއެވެ. މައުވާ ވަސީމްއާ ބެހޭގޮތުން ސުވާލުކުރަން ފެށުމުން ރާމިޒާއަށް ވެސް އެންމެ ފަހުން ހަޤީގަތް ހާމަކުރަން މަޖުބޫރުވުމުން އޭނާ ޑޮކްޓަރުންނާ ވާހަކަ ދެއްކުމަށްފަހު މައުވާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މައުވާ އެރޭ ވަރަށް ރުޔެވެ. އޭނާ ކުށްވެރިކުރީ އަމިއްލަ ނަފްސެވެ. ބައްޕައަކީ ހިތުގެ ބަލި މީހެކެވެ. ބައްޕަ ދުނިޔެ ދޫކުރީ އޭނާގެ ޙާލަތު ބަލަން އެ ހިތަށް ކެތް ނުކުރެވުމުން ހެއްޔެވެ؟ ރާމިޒާ ތަކުރާރުކޮށް ނޫނެކޭ ބުނި ނަމަވެސް މައުވާއަށް ކުށްވެރިކުރެވެމުން ދިޔައީ އަމިއްލަ ނަފްސެވެ. އެންމެ ދެރަވީ ފަހު ވަގުތު ބައްޕަގެ މޫނު ބަލައިލުމުގެ ފުރުސަތު ނުލިބުމުންނެވެ. އޭނާއަށް ވުރެ ނަސީބު ދެރަ މީހަކު ހުންނާނެ ހެއްޔެވެ؟ ހިތުގެ ޝަކުވާތަކާއި ގިލަންވެރިކަމުގެ ކިރުމަތީގައި މައުވާ އެކީ ނިކަމެތިވެގެން ދިޔައެވެ. ރޮއިިރޮއި ދެލޯ ދުޅަވިއެވެ. ކޮންމެ މީހަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް ލިބިފައިވި ވޭން ކުޑައެއް ނުވިއެވެ. އެންމެ ފަހުން މައުވާގެ ޙާލު ވެސް އިތުރަށް ސަކަރާތްވެ، ހަމަ އަކަށް އެޅެން ދުވަސްކޮޅެއް ނެގިއެވެ.
*****
ރާމިޒާއާ ކުރިމަތިލާނެ ހިތްވަރު ނެތުމުގެ ސަބަބުން މައުވާކައިރިއަށް ނުގޮސް ހުރުމަށްފަހު، އަފްނާން އެންމެ ފަހުން އެ ޖަޒުބާތުތަކުގެ މައްޗަށް ކުރި ހޯދާ މައުވާގެ ގާތަށް ދިޔައެވެ. އޭނާ ދިޔައީ ރާމިޒާއާ ކުރިމަތިލާން ޖެހިދާނެކަމަށް ނިންމައިގެން ނަމަވެސް، ނަސީބު އޭނާގެ އަތުގައި ހިފިއެވެ. އެތެރެއަށް ވަތްއިރު އެކަކުވެސް ނެތެވެ. ކުރިއަށް ދެފިޔަވަޅު އެޅުނުތަނާ މައުވާ މޫނު އަނބުރާލިއެވެ. މައުވާ އޮތީ ހޭލާކަން އެނގުމާއެކު އަފްނާންގެ ހިތުގެ ވިންދުތަކަށް އެނގުންވެލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު، އަފްނާންގެ މެއަށް ފިނިވެލިއެވެ. މައުވާގެ ދެލޮލަށް ބަލަހައްޓައިގެން ހުއްޓިފައި ހުރެވުނުއިރު، ހިތްވެސް އިންތިހާ ބާރުމިނުގައި ތެޅެން ފެށިއެވެ. އޭގެ އިރުކޮޅެއްފަހުން މައުވާގެ ދެލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ފެނުމާއެކު އަފްނާންގެ ހިތް ހީވީ ގެނބިގެން ދިޔަހެންނެވެ.
(ނުނިމޭ)