އެވަޓަންގެ ކޯޗުކަމާ ދެވަނަ ފަހަރަށް މޮއޭސް ހަވާލުވެއްޖެ

އެވަޓަންގެ ކޯޗުކަމާ ދެވަނަ ފަހަރަށް މޮއޭސް ހަވާލުވެއްޖެ

އިންގްލިޝް ޕްރިމިއާ ލީގުގެ އެވަޓަންގެ އާ ކޯޗަކަށް ކުރިން އެޓީމަށް ގިނަ އަހަރު ތަކެއް ވަންދެން ކޯޗު ކޮށްދީފައިވާ ޑޭވިޑް މޮއޭސް ހަމަޖައްސައިފިއެވެ.

މައުލޫމާތުލިބޭގޮތުގައި އުމުރުން 61 އަހަރުގެ މޮއޭސް ވަނީ އެވަޓަން އާއެކު ދެ އަހަރާ ބައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެވަޓަންއިން ވަނީ އެޓީމުގެ ކޯޗު ޝޯން ޑައިސް މީގެ އެއް ދުވަސް ކުރިން މަގާމުން ވަކިކޮށްފައެވެ.

މޮއޭސް އެވަޓަންއާ ހަވާލުވިއިރު އެޓީމު މިވަގުތު އުޅެނީ އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލްގެ 16ވަނައިގައެވެ. އަދި އެވަޓަން ރެލިގޭޝަން ޒޯނަށް ނުވެއްޓި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. މިސީޒަންގައި މިހާތަށް ކުޅުނު 19 މެޗުގެ ތެރެއިން މޮޅުވެފައިވަނީ ތިން މެޗުން އެކަންޏެވެ.

އެވަޓަންއާ ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން މޮއޭސް ބުނީ، އޭނާ ވަނީ އެކްލަބްގައި ވަރަށް ކާމިޔާބު އަދި ފާހަގަ ކޮށްލެވޭ 11 އަހަރު ހޭދަކޮށްފައިކަމަށެވެ. އެހެން ކަމުން އޭނާއަށް މި ފުރުސަތު ހުށަހެޅުމާއެކު އިތުރަށް އެންމެ ހިނދުކޮޅަކަށް ވިސްނަން ނުހަދާކަމަށް އޭނަ ބުންޏެވެ. އަދި މިހާރު ދެން އޮތީ ޓީމުން ކުރާ މަސައްކަތުގެ އިތުރުން އެވަޓަންގެ ސަޕޯޓަރުން ޓީމުގެ ފަހަތުގައި ތިބެ މި މުހިންމު ސީޒަން ޕްރިމިއާ ލީގުގެ ޓީމެއްގެ ގޮތުގައި އޮވެ ނިންމާލުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުން ކަމަށެވެ.

އޭނާ ހާމަކުރިގޮތުގައި މިއަންނަ ސީޒަންގައި އެޓީމުން މިހާރު ބޭނުން ކުރަމުންދާ ތާރީހީ ގުޑިސަން ޕާކް ދޫކޮށް ޒަމާނީ އާ ސްޓޭޑިއަމްއަކަށް ޕްރިމިއާ ލީގުގެ ޓީމެއްގެ ގޮތުގައި ތިބެ ބަދަލުވުން ވަރަށް މުހިންމެވެ.

މޮއޭސްވަނީ އެވަޓަންގެ ކޯޗުކަން 2002ވަނަ އަހަރުން 2013 ވަނަ އަހަރާ ދެމެދު ކޮށްފައެވެ. އޭގެ ފަހުން އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ، ފަހުން ރެއާލް ސޮސިއެޑާޑް، ސަންޑަލަންޑް އަދި ވެސްޓް ހޭމް ޔުނައިޓެޑަށް ދެ ފަހަރެއްގެ މަތިން ކޯޗު ކޮށްދީފައިވެއެވެ. ނަމަވެސް މިދިޔަ ސީޒަނަށް ފަހު މިހާތަނަށް އޭނާ ހުރީ އެއްވެސް ޓީމަކާއި ހަވާލުނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު