އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މެދުތެރެއަށް ކުޅޭ ނޯވޭގެ އޮސްކާ ބޮބް އަނިޔާއިން އެނބުރި އައިސް ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
ބޮބްގެ ފަޔަށް އަނިޔާވެފައިވަނީ ޕްރިމިއާ ލީގުގެ ކުޅުން ފެށެއް އެއް ދުވަހަށް ވެފައިވަނިކޮށް އެޓީމުގެ ފަރިތަކުރުންތަކުގެ ތެރޭގައެވެ. އެ އަނިޔާގެ ސަބަބުން މިހާތަނަށް އޭނާ ހުރީ ކުޅުމާއި ދުރުގައެވެ. މިފަހަރުގެ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ސިޓީއިން ބޭއްވި ޕްރީ ސީޒަންގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ ބޮބްއެވެ. އެހެން ކަމުން ސީޒަން ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް އޭނާ ގެއްލިގެން ދިއުން ވެގެންދިޔައީ އެޓީމަށް ލިބިގެންދިޔަ ހީނަރު ކަމަކަށެވެ. އުމުރުން 21 އަހަރުގެ ބޮބް އެންމެ ފަހުން ސިޓީއަށް ކުޅެފައިވަނީ ސީޒަން ފެށުމުގެ ގޮތުން ބޭއްވި ކޮމިއުނިޓީ ޝީލްޑް މެޗުގައެވެ. އެމެޗުގެ 89 މިނެޓް އޭނާ ވަނީ ކުޅެފައެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި ބޮބް މިހާރު ފަރިތަކުރުންތައް ފަށައިފިއެވެ. ޕެޕް ހާމަކުރިގޮތުގައި ބޮބްއަށް އަނިޔާވީ މަސް ގަނޑަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ކަށިގަނޑަށް ކަމުން އެލިބުނު އަނިޔާ އެއްކޮށް ވަނީ ރަނގަޅު ވެފައެވެ. ބޮބް އެނބުރި އައުން އެއީ ޓީމަށް ލިބިގެންދިޔަ އުފާވެރި ކަމެއްގެ ގޮތުގައި ކޯޗު ސިފަކުރި ނަމަވެސް، އޭނާ ދަނޑު މަތިން ފެނިގެންދާނެ ދުވަހަކާ ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މީގެއިތުރުން ރުބެން ޑިއޭޒް ވެސް މިހާރު އަނިޔާއިން ރަނގަޅު ވަމުން އަންނަ ކަމަށާއި އަދި ޖޯން ސްޓޯންސް ވެސް ރަނގަޅު ވަމުން އަންނަ ކަމަށް ކޯޗު ވަނީ ބުނެފައެވެ.
މިކުޅުންތެރިން އަނިޔާއިން ރަނގަޅު ވަމުން އަންނައިރު މިސީޒަންގެ ވަކި ހިސާބަބުން ސިޓީއަށް ކުރިމަތިވި މައްސަލަ ތަކުން އަރައިގަތުމަށްޓަކައި އެޓީމުން އަންނަނީ މިފަހަރުގެ ޓްރާންސްފާ ވިންޑޯގައި އެޓީމަށް ބައެއް ކުޅުންތެރިން ސޮއިކުރެވޭތޯ ބަލަމުންނެވެ. މިގޮތުން ޑިފެންސް ލައިނާއި ފޯވަޑް ލައިނުގެ އިތުރުން މެދުތެރެއަށް ކުޅޭ ބައެއް ކުޅުންތެރިން ހޯދުމާ ގުޅޭގޮތުން ސިޓީން އަންނަނީ އެކި ޓީމުތަކާއި ކުޅުންތެރިންނާއި މަޝްވަރާ ކުރަމުންކަން އިނގިރޭސި މީޑިއާއިން އަންނަނީ ހާމަކުރަމުންނެވެ.